ޑޭކެއާ ސެންޓަރުތައް ހުޅުވާލުމުގެ ހުއްދަ މިމަހުގެ 30 ގައި ދެނީ
28 ނޮވެމްބަރ 2020 - 15:09
މިމަހުގެ 30 އިން ފެށިގެން ޑޭކެއާ ސެންޓަރުތައް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދީފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ހެލްތު
އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި
ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ،
ޑޭކެއަރ ސެންޓަރުތަކަކީ ވަރަށް ތުއްތު ކުދިންވެސް އަންނަ ތަނަކަށްވުމުން
އެތަންތަނުގެ ރައްކާތެރިކަމަށްޓަކާއި ޚާއްސަ ގައިޑްލައިންތަކެއް
ހެދިފައިވާކަމަށެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީން އެކުލަވާލާފައިވާ
ގައިޑްލައިނަށް އިތުރު ކުރަންޖެހޭ އަދި ރަނގަޅުކުރަންޖެހޭ ކަންކަން އެޑްވައިޒަރީ
ގުރޫޕުން ހިއްސާކޮށް މިހާރު ގައިޑްލައިން ރިވައިޒްކޮށް ނިމިފައިވާކަމަށެވެ.
މިތަންތަން
ހުޅުވުމުގެ ހުއްދަ މިނިސްޓްރީ އޮފް ޖެންޑަރގެ ދަށުން ދެމުންގެންދާނީވެސް
އެތަންތަން ހުންނަންޖެހޭކަމަށް ގައިޑްލައިންގައި ހިމަނާފައިވާ ގޮތަށް
އިންތިޒާމުތައް ހަމަޖައްސާފައިވާނަމަ އެކަނިކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ޑޭކެއާތައް ހިންގުމުގެ ހުއްދަ ދިން ނަމަވެސް ހިދުމަތްދޭ ތަންތަން އެޗްޕީއޭ އާއި މިނިސްޓްރީ ގުޅިގެން އިންސްޕެކްޓްކޮށް ބަލަހައްޓާނެ ކަމަށެވެ.
އެސްއޯޕީގައި ބުނެފައި ވަނީ ޑޭކެއާ ސެންޓަރުގެ ހިދުމަތްދޭ އިމާރާތަށް ވަންނަ ދޮރު، ސިޑި އަދި ލިފްޓު ހުންނަ އިމާރާތެއްނަމަ ލިފްޓު ސާފުކޮށް ކޮންމެ ޝިފްޓެއް ފެށުމުގެ ކުރިން ތަން ޑިސްއިންފެކްޓް ކުރުމާއެކު ދޮރުކައިރީގައި އަތް ސެނިޓައިޒްކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ ކަމަށެވެ.
މޭޒު، ގޮނޑި ދޮރުގެ ތަޅު ފަދަ ގިނައިން އަތްލާ ތަންތަނާއި ފާހާނާ އަދި އެނޫންވެސް ހިފާ ގެންގުޅޭ ތަކެތި ކޮންމެ ދެ ގަޑިއިރަކުން ސާފުކޮށް ބަލަހައްޓަން ޖެހޭނެއެވެ. ކުދިން ކުޅޭ ސާމާނު، ކޮންމެ ގްރޫޕަކުން ބޭނުންކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް ދޮވެ ހިއްކަންވާނެ ކަމަށާއި އަދި ސޮފްޓް ޓޯއީސް ބޭނުންކޮށްގެންނުވާނެ ކަމަށް އުސޫލުގައިވެއެވެ.
އެސްއޯޕީގައި ބުނެފައި ވަނީ ކޮންމެ ގްރޫޕެއްގައި ގިނަވެގެން ތިބެންވާނީ ތިނެއް ނުވަތަ ހަތަރު ކުދިން ކަމަށެވެ. އަދި ކޮންމެ ގްރޫޕަކަށް އެއް ޗައިލްޑް ކެއާ އެޓެންޑަންޓް ނުވަތަ އެހީތެރިޔަކު ކަނޑައަޅަންވާނެ ކަމަށެވެ.
ހަމައެއާއެކު ކުދިން ބަލަހައްޓާ ފަރާތްތައް އަންނަން ވަކި ގަޑިތަކެއް ނުވަތަ ޑިއުޓީ ގަޑިތަކެއް ކަނޑައަޅާފައި ބެހެއްޓުމާއި ކުދިން ބަލަހައްޓާ ފަރާތްތައް އެއްފަރާތް އަނެއް ފަރާތަށް ބައްދަލުނުވާ ގޮތަށް ޑިއުޓީ ގަޑިތައް ހަމަޖައްސަން ޖެހޭނެއެވެ.
ކުދިން ބަލަހައްޓާ މުވައްޒަފުން ހުރިހާ ވަގުތެއްގައިވެސް އަޅަންވާނީ ސާޖިކަލް މާސްކްއެވެ. އަދި އެހެން މުވައްޒަފުންނަށް ފޮތި މާސްކް އެޅިދާނެ ކަމަށް އެސްއޯޕީގައި ބުނެފައިވެއެވެ.