ޝިޕިން އެޖެންސީއާބެހޭ ޤަވާއިދު އިސްލާހުކުރުމަށްފަހު އެ ޤަވާއިދަށް އަމަލުކުރަން ފަށައިފި

29 ނޮވެމްބަރ 2020 - 12:41

މި ޤަވާއިދު ގެޒެޓުގައި ޝާޢިއުކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުވެސް ޝިޕިން އޭޖޭންސީއާ ބެހޭ ޤަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓް ކޮށްފައިވެއެވެ. ނަމަވެސް އެ ޤަވާއިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމުން އެ މިނިސްޓްރީން ވަނީ އެ ގަވާއިދު އިސްލާހުކުރުމަށްޓަކައި އެފަހަރު އާންމުކުރި ޤަވާއިދު އުވާލާފައެވެ.

އިސްލާހުކުރުމަށްފަހު ގެޒެޓްކޮށްފައިވާ ޝިޕިން އޭޖެންސީއާ ބެހޭ ޤަވާއިދުގައި ބުނެފައިވަނީ މި ވިޔަފާރި ކުރަން ލައިސަންސް ދޭނީ 100 އިންސައްތަ ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނިތަކާއި ޕާޓްނާޝިޕް ތަކަށް ކަމަށެވެ. އައު ޤަވާއިދުގައި ނެގޭނެ ފީތަކާއި ފީ ނެގޭނެ މިންވަރު ވެސް ވަނީ ކަނޑައަޅާފައެވެ.

ޤަވާއިދުގައިވާގޮތުން ފުލް ކޮންޓެއިނަރެއް ނުވަތަ އެއަށްވުރެ ގިނަ ސީބީއެމް ހިމެނޭ ބީއެލްއަކަށް ނަގަނީ 771 ރުފިޔާ ނުވަތަ 50 ޑޮލަރު ކަމަށެވެ. އަދި ފުލް ކޮންޓެއިނަރަކަށްވުރެ މަދުން ސީބީއެމް ހިމެނޭ ބީއެލްއަކަށް ނަގާނީ 385.50 ރުފިޔާ ނުވަތަ 25 ޑޮލަރުކަމަށެވެ.

advertisement

ލައިސަންސް ފީގެ ގޮތުގައި އަހަރަކަށް 100 ރުފިޔާގެ މަގުން، 500 ރުފިޔާ ނެގުމަށްވެސް ވަނީ ކަނޑައަޅާފައެވެ. މި ޤަވާއިދާ ޚިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރަށް 1000 ރުފިޔާ އަދި ދެވަނަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

މި ޤަވާއިދުގައިވާ ގޮތުން ޤަވާއިދަށް އަމަލުކުރަން ފެށުމާއެކު، އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި މުދާ ގެންނަ ކޮންސައިނީ އާއި އެއްބަސްވެފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0