ބޯހިޔާވަހިކަން: ވަކި ތަނަކުން ވަކި ބަޔަކަށް ހާއްސަވާކަށް ނުޖެހޭ!

5 ޑިސެމްބަރ 2020 - 9:36

ބޯހިޔާވަހިކަމަކީ ވަކި މީހަކަށް އޮތް ހައްގެއް ނޫނެވެ. އެއީ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. ވަކިތަނަކަށް ނިސްބަތްވީތީ ނުވަތަ ވަކި ތަނަކަށް ނިސްބަތް ނުވާތީ މަހްރޫމް ވާންޖެހޭ ކަމެއް ވެސް ނޫނެވެ. އެ މީހެއްގެ ޒަރޫރަތާ އެއްގޮތަށް ނުވަތަ ހާލަތާ އެއްގޮތަށް ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަން ހައްގެވެ. މާލޭ މީހަކަށް ވީތީ ރަށަކުން ބިން ހޯދަން ޝަރުތު ހަމަނުވާންވީ ސަބަބެއް ނެތެވެ. ނުވަތަ މާލެ ނޫން ރަށެއްގެ މީހަކަށް މާލެއިން ބޯހިޔާވަހިކަން ހައްގު ނުވާންވީ ސަބަބެއް ނެތެވެ. އެ ކަމަށް ވަކާލާތުކުރާ މީހުން ދެ ބަޔަކަށް ބެހިގެން އުޅޭ މައިގަނޑު ސަބަބަކީ ބޭނުންވާ މިންވަރަށް ބިމާއި ބޯހިޔާވަހިކަން ނެތުމެވެ. ހައްލުކުރަންޖެހޭ މައްސަލައަކީ އެއީއެވެ.

ގައުމު ތަރައްގީކުރަނީ ޓެކްސް ނަގައިގެންނެވެ. އެއީ އެންމެ ވެސް ހިއްސާވާ ކަމެކެވެ. ދައުލަތުގެ އާމްދަނީގައި މާލޭ މީހެކޭ ރަށެއްގެ މީހެއްކޭ ހިއްސާ ވަނީ އެއް މިންވަރަކަށެވެ. ތަފާތު ވަނީ ސިޔާސަތުތަކެވެ. އެ ފައިސާ ހޭދަކުރާ ގޮތެވެ. ވަކި ތަނެއް ވަކި ގޮތަކަށް ތަރައްގީކުރުމަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތެވެ. ނަމަވެސް އަސާސީ ހައްގެއްގެ ގޮތުގައި އޮތް ބޯހިޔާވަހިކަން ދިނުމުގައި ވަކި މީހަކު ވަކި ތަނަކަށް ނިސްބަތްވުމުން ތަފާތުކުރަންވީ ސަބަބެއް ނުވިސްނެވެ. ތަފާތެއް ކުރާ ނަމަ ކުރަންޖެހެނީ އެ މީހާގެ ހާލަތަށެވެ. ޝަރުތަކަށް ވާންޖެހޭނީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެ މީހަކަށް ބޯހިޔާވަހިކަމެއް ހަމަޖެހިފައިވާ ގޮތުގެ މައްޗަށެވެ.

advertisement

ޅ. ނައިފަރުން ގޯތި ދޫކުރާ އިރު އެ މީހަކީ އެ ރަށަށް ނިސްބަތްވާ މީހަކަށް ވުން އެއީ ޝަރުތަކަށް ވެގެން ނުވާނެއެވެ. ފަހަރުގައި އިތުރު ޕޮއިންޓެއް ދޭ ނަމަ އެއީ އަދި އެހެން ކަމެކެވެ. ދައުލަތުގެ ބިމަށް ކުރިމަތިލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަން ވާނެއެވެ. ހަމަ އެގޮތަށް މާލޭން ދޫކުރާ ބިން ހަމައެކަނި މާލޭ ރައްޔިތުންނަށް ވެސް ހާއްސަވާންޖެހޭ ސަބަބެއް ނެތެވެ. މާލެ ވެސް ތަރައްގީކުރަނީ ރާއްޖޭގެ ހުރިހާ ރަައްޔިތުން ވެސް ހިއްސާވާ ދައުލަތުގެ އާމްދަނީން ހޭދަކޮށްގެންނެވެ. މާލެ މީހުންނަށް އެޑްވާންޓޭޖްތަކެއް އޮތުން އެއީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެހެން ރަށެއްގެ މީހަކަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލޭ ގޮތަށް ޝަރުތުތައް ކަނޑައެޅުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ.

މިއީ ގާނޫނުގައި ވެސް ލިޔަންޖެހޭ ވާހަކައެކެވެ. ބޯހިޔާވަހިކަމުގެ ޝަރުތަކީ އެ ތަނަކަށް އެ މީހަކު ނިސްބަތްވުން ކަމުގައި ކަނޑަނޭޅޭނެ ކަމަށް ގާނޫނުގައި ލިޔަން އެބަޖެހެއެވެ. ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ލިބެންޖެހެއެއެވެ. ބޯހިޔާވަހިކަމުގެ ގާނޫނެއް ވުޖޫދުވާ އިރު ވަރަށް ތަފްސީލްކޮށް އެ ވާހަކަތައް ލިޔަން އެބަޖެހެއެވެ. އިސްކަން ދޭންޖެހޭ ތަރުތީބެއް ވެސް އެ ގާނޫނުގައި ލިޔެވެން އެބަޖެހެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލާގައި އަޑު އުފުލުމަށް ތަފާތު ޖަމިއްޔާތައް ހަދައިގެން ހަރަކާތްތެރިވާ މައިގަނޑު ސަބަބަކީ އެ ހައްގުން ބަޔަކު މަހްރޫމްވެފައި ތިބުމެވެ. ނުވަތަ ބޭއިންސާފުން ބައެއްގެ ހައްގުން ނިގުޅައިގެންފައިވުމެވެ. މީގެ ކުރީގެ ސަރުކާރުތަކުން ފްލެޓްތައް ބެހުމުގައި ފާޅުގައި ބައެއްގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށްފައި ވެއެވެ. މިހާރު ދޫކުރުމަށް ހަމަޖައްސާފައިވާ ހިޔާ ފްލެޓްތައް ކަނޑައެޅުމުގައި ވެސް އަނެއްކާ ވެސް ވަނީ އެ ތުހުމަތުތައް ފެންމަތިވެފައެވެ. އެކަން އެހެން ވިޔަނުދިނުމަށް އަޑު އުފުލުމަށް ދާދި ފަހުން ޖަމިއްޔާ ވެސް ރަޖިސްޓްރީކޮށްފައި ވެއެވެ. އޭގެ އިތުރުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް އަޑު އުފުލާ ބަޔަކު ވެސް އެބަ އުޅެއެވެ. ނަމަވެސް މިއިން ކޮންމެ ގްރޫޕަކުން ވެސް މާލެ އާއި “ރާއްޖެތެރެ” ތަފާތުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. މި އަޑުއުފުލުންތަކުން ފާޅުވާން އޮތީ ނަސްލީ ތަފާތުކުރުމެވެ. ވަކި ތަނަކަށް ނިސްބަތް ވީތީ ހައްގުތައް މަތިވެރިވެރިވެގެން އުޅޭ ކަހަލައެވެ.

ހައްގު ބިނާ ވަނީ އެ މީހާގެ ހާލަތަށެވެ. ބޯހިޔާވަހިކަމުގެ ހައްގަކީ އެންމެންގެ ވެސް ހައްގެކެވެ. ދިމާވެގެން އުޅޭ މައްސަލައަކީ އެކަށީގެންވާ ވަރަށް އެ ފުރުސަތު ސަރުކާރުތަކަށް ފަހިކޮށްދެވިފައި ނުވުމެވެ. ބޯހިޔާވަހިކަން ބޭނުން އެންމެންނަށް އެ ފުރުސަތު ލިބޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވެފައި ނުވުމެވެ. ގާނޫނު ހަދަންވީ އެކަމަށެވެ. ބޯހިޔާވަހިކަން ކަށަވަރުކުރުމަށެވެ. ވަކި ތަނަކަށް ނިސްބަތްވީތީ އެ ހައްގުން މަހްރޫމްވާ ގޮތަށް ސިޔާސަތު ބައްޓަންކުރާ ނަމަ މި ޝކުވާތަކަށް ދުވަހަކު ވެސް ނިމުމެއް ނާންނާނެއެވެ. މާލޭ މީހަކަށް ނުވީތީ މާލެއިން ބޯހިޔާވަހިކަން ނުލިބިފައި މާލޭ މީހަކަށް ވީތީ ރަށަކުން ބޯހިޔާވަހިކަމަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަ ކޮންމެ ޝަރުތަކީ ނަސްލީ ތަފާތުކުރުމެކެވެ. އެއީ ގާނޫނަކުން ވިޔަސް އުވާލަންޖެހޭ ކަމެކެވެ. ހުއްޓުވާންޖެހޭ ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0