ރިޕޯޓް: ރިޓަޔަމަންޓް އެލަވަންސް ތަކާއެކު ކުރީގެ ރައީސުންނާއި މެންބަރުންނާއި ފަނޑިޔާރުން ދައުލަތަށް ބުރަޔަކަށް
29 އެޕްރީލް 2024 - 15:00
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމިއްލަ އަށް ހެދި އެ މެންބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނު ބުނާ ގޮތުން މަޖިލީހުގައި އެއް ދައުރު ހަމަކޮށްފި ކޮންމެ މެންބަރަކަށް 55 އަހަރުވުމުން އެލަވަންސްގެ ގޮތުގައި މުސާރައިގެ 30 ޕަސެންޓް ދޭންޖެހެއެވެ. މިހާރު މުސާރަ ހުރި ވަރުން އެއީ ކޮންމެ މަހަކު 18،000ރ. އެވެ. ދެ ދައުރު ފުރިހަމަކޮށްފި ނަމަ 45 ޕަސެންޓް (27،000ރ.) އެވެ.
އާ ގާނޫނު އަސާސީގެ ދަށުން މެންބަރުކަން ކުރެއްވި ކޮންމެ މެންބަރަކަށް މި އެލަވަންސްތަކުގެ އިތުރުން އޮފިޝަލް ޕާސްޕޯޓާއި މެޑިކަލް އިންޝުއަރެންސް ޕެކޭޖެއް ވެސް ލިބެއެވެ. ކޮންމެ ފަސް އަހަރަކުން މި އިނާޔަތްތައް ދޭންޖެހޭ މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހަމައެއާ އެކު ދައުލަތަށް ޖެހޭ މާލީ ބުރަ ދަނީ ބޮޑުވަމުންނެވެ.
މިއީ ދައުލަތަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ކުޅަދާނަ ކަމެއްތަ؟
އާ މަޖިލީހަށް މިހާރު ވަނީ މެންބަރުން ހޮވާފައެވެ. މިހާރުގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށްވާ އިރު އޭގެ ތެރެއިން ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ހޮވިފައި ވަނީ 11 މެންބަރުންނެވެ. މާނައަކީ 76 މެންބަރުން މަޖިލީހުން މި ވަގުތަށް ރިޓަޔަކުރާނެ ކަމެވެ. އެހެން ކަމުން ރިޓަޔަމަންޓް އެލަވަންސްތައް ދޭންޖެހޭ މީހުންގެ ލިސްޓަށް އަނެއްކާ ވެސް 76 މެންބަރުން އިތުރުވީއެވެ.
މިހާރު ވެސް އެ ލިސްޓް ވަރަށް ދިގެވެ. މި ފަހަރު މަޖިލީހަށް 93 މެންބަރުން ހޮވާފައި ވެއެވެ. އެހެން ކަމުން މީގެ ފަސް އަހަރު ފަހުން އަނެއްކާ ވެސް މި ލިސްޓް ދިގުވެގެންދާނެއެވެ. ސުވާލަކީ މިއީ ދައުލަތަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ކުޅަދާނަ ކަމެއް ހެއްޔެވެ؟
މެންބަރުކަން ކޮށްފައިވާ ފަރާތްތަކުގެ އެލަވަންސްތަކާ ބެހޭ ގޮތުން މީގެ ކުރިން ވެސް އެތައް ބަޔަކު އައީ ޝަކުވާކުރަމުންނެވެ. އާ މަޖިލީހާ އެކު މި ވާހަކައިގެ އަޑު އަނެއްކާ ވެސް މި ވަނީ ގަދަވެފައެވެ. އަދި މި އެލަވަންސްތައް ކަނޑާލުމަށް ނުވަތަ ހަމަޖެހޭ އުސޫލަކަށް ފެއްތުމަށް އާ މެންބަރުންގެ ކިބައިން އެތައް ބަޔަކު އަންނަނީ އެދެމުންނެވެ. ސުވާލަކީ އެކަން ކުރަން ކެރިދާނެބާއެވެ؟
އާންމުންގެ ޝަކުވާތަކަށް ބައެއް މެންބަރުން މިހާރު ވެސް އިޖާބަ ދީފައި ވެއެވެ. އަދި އެކަމަށް ވަކާލާތުކުރާނެ ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް މަޖިލީހުން މިފަދަ ކަމެއް މި ވަގުތަށް ކުރެވޭނީ ސަރުކާރުން ބޭނުން ވެއްޖެ ހާލަތެއްގައެވެ. މެޖޯރިޓީ އޮތީ ސަރުކާރުގެއެވެ.
ސުވާލަކީ ރައްޔިތުން ރުއްސަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރަށް މިކަން ކުރަން ކެރިދާނެ ހެއްޔެވެ؟
ދާދި ފަހުން މަޖިލީހުގެ މެންބަރުންގެ މުސާރަތައް ބޮޑުކުރުމަށް ކުރި މަސައްކަތް ވެސް ހުއްޓިފައި ވަނީ އާންމުންގެ ގިނަ ބަޔަކު ތަފާތު އެކި ފޯރަމްތަކުގައި އެކަމާ ދެކޮޅަށް އަޑު އުފުލައިގެންނެވެ. ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މެންބަރުންގެ މުސާރަތައް ބޮޑުކުރުމަށް ދާދި ފަހުން މަޖިލީހަށް ހުށަހެޅިއެވެ.
މެންބަރުންނާއި ރައީސް އަދި ނައިބު ރައީސްގެ މުސާރަ ބޮޑުކުރުމާ ގިނަ ބަޔަކު ދެކޮޅު
މިއާ އެކު މެންބަރުންނާއި ރައީސް އަދި ނައިބު ރައީސްގެ މުސާރަ ބޮޑުކުރުމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލިއެވެ. އެހެން ދާއިރާތަކުގެ މުސާރަތަކާ މެދު ވެސް އާންމުންގެ ޝަކުވާ އޮތެވެ. އެހެން ނަމަވެސް މަޖިލީހުން ރިޕޯޓް ފާސްކުރި އިރު މުސާރަ ބޮޑުކުރާ ލިސްޓުން ރައީސް އާއި ނައިބު ރައީސް އަދި މަޖިލީހުގެ މެންބަރުން އުނިކޮށް އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކުރިއެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ ފަރާތްތަކަށް ނުވަތަ އެ އަށް ވުރެ ގިނަ ދައުރު ފުރިހަމަކުރާ ފަރާތްކަށް އެލަވަންސް ދޭ ނަމަ އެކަން ކުރަންޖެހޭނީ އެހެން މަގާމުތަކަށް ވެސް ރިޓަޔަމަންޓް ދޭ އުސޫލުންނެވެ. އެކި ފަންތީގެ މަގާމުތައް އަދާކުރާ ފަރާތްތަކަށް އެކި ވަރުގެ ރިޓަޔަމަންޓް އެލަވަންސްތައް ބޭރުގެ އެހެން ގައުމުތަކުގައި ވެސް ކަނޑައަޅާފައި ހުރެއެވެ.
އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންރާއި ސިޔާސީ މަގާމުތަކާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީގެ އިސް މަގާމުތައް ފުރާފައިވާ ފަރާތްތައް ހިމެނެއެވެ. ނަމަވެސް މި އިނާޔަތްތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެންޖެހެއެވެ. އަދި މިފަދަ ރިޓަޔަމަންޓް އެލަވަންސް ކަނޑައެޅުމުގައި ހިދުމަތްކޮށްފައިވާ ދާއިރާ އާއި މުއްދަތަށް ބެލިދާނެއެވެ.
އާންމު މީހަކަށް 65 އަހަރު ވުމުން އިނާޔަތުގެ ގޮތުގައި މިހާރު ލިބެނީ 5،000ރ.އެވެ. ދިގު މުއްދަތަކަށް ހިދުމަތްކޮށް، ރިޓަޔަމަންޓް ޕެންޝަން ލިބޭ ނަމަ އެ އެލަވަންސް އަށް މި އަދަދު އިތުރެއް ވެސް ނުވެއެވެ. އަދި މި ފައިސާއަކީ އެ މީހަކު އުމުރު ދުވަހު އެއްކުރާ ޕެންޝަންގެ ތެރެއިން ދޭ އިނާޔަތަކަށްވާއިރު ވަކި ބަޔަކަށް ބޮޑު އަދަދެއްގެ އިނާޔަތެއް ދިނުމަކީ ހަމަޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ މީހުން ވެސް ގިނައެވެ.
ހިދުމަތާ އެކަށީގެންވާ ވަރުގެ އިނާޔަތެއް ރިޓަޔަކުރާ ފަރާތްތަކަށް ދިނުމަކީ މައްސަލައެއް ނޫން
މެންބަރުންގެ އެލަވަންސްތައް ކަނޑާލުމަށް ގޮވާލުމުގެ ތެރެއިން ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތަކާއި ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތައް މުރާޖައާކުރުމަށް ވެސް އެއްބަޔަކު ދަނީ ގޮވާލަމުންނެވެ. މެންބަރުކަން ކޮށްފައިވާ ފަރާތްތަކާއި ރައީސްކަން ކޮށްފައިވާ ފަރާތްތައް ނަގާފައި ދެން އެން ބޮޑު ރިޓަޔަމަންޓް އެލަވަންސެއް ލިބެނީ ފަނޑިޔާރުންނަށެވެ. މި އެލަވަންސް ކަނޑައެޅި ފަހުން ރިޓަޔަކުރާ ފަނޑިޔާރުންގެ އަދަދު އިތުރު ވެސް ވެފައި ވެއެވެ.
ގައުމަށް ކޮށްދޭ ހިދުމަތުގެ އަގު ވަޒަންކޮށް ހިދުމަތާ އެކަށީގެންވާ ވަރުގެ އިނާޔަތެއް ރިޓަޔަކުރާ ފަރާތްތަކަށް ދިނުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ފަނޑިޔާރުންނާއި މަޖިލީހުގެ މެންބަރުންނަށް މިހާރު ދޭ އިނާޔަތަކީ ގައުމުގެ އިގްތިސާދާ ނުބައްދަލު އިނާޔަތެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އަދި މިއީ އާންމު މީހެއްގެ މުސާރައާ އަޅާބަލާއިރު ވެސް ބޮޑު އަދަދަކަށްވާ އިރު ރިޓަޔަމަންޓްގައި ތިބޭ ފަރާތްތަކުގެ މުސާރަ މިހާރު ވެސް މަސައްކަތުގައި ދެމި ތިބި އެތައް ބައެއްގެ އެވްރެޖް މުސާރަ އަށް ވުރެ ބޮޑުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ސޯޝަލް މީޑިއާގައި މީހުން ހިޔާލު ފާޅުކޮށްފައި ވެއެވެ.
އަނެއް ބަޔަކު ދެކޭ ގޮތުން އަދާކުރާ ވަޒީފާގެ ގޮތުން އިނާޔަތްތައް ތަފާތުކުރުމަކީ ވެސް ވަރަށް ބޮޑު ބޭއިންސާފެކެވެ. އެ ގޮތުން ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުންނަށް ލިބޭ އިނާޔަތްތަކާއި ރިޓަޔަކުރުމުން ވެސް ލިބޭ ހާއްސަ އިނާޔަތްތަކަކީ އެހެން ދާއިރާތަކުގައި ގިނަ މުއްދަތެއް ހޭދަކޮށްފައިވާ ފަރާތްތަކާ މެދު ވެވޭ ބޭއިންސާފެކެވެ. ވަކި ވަޒީފާއެއް އަދާކުރާތީ ބޯހިޔާވަހިކަމުގެ ފުރުސަތު ބޮޑުވުމާއި ސިއްހީ ފަރުވާ ނުވަތަ ހެލްތު އިންޝުއަރެންސް ތަފާތުވުމާ މެދު ވެސް މި ޝަކުވާ އެބަ އޮތެވެ.
މީގެ އިތުރުން ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތަކާ މެދު ވެސް އާންމުންގެ ޝަކުވާ ބޮޑެވެ. ކުރީގެ ރައީސުންނަށް މިހާރު ވެސް ބޮޑު ހޭދައެއް ދައުލަތުގެ ބަޖެޓުން ކުރެއެވެ. މުސާރައިގެ އިތުރުން އޮފީސް ހިންގުމުގެ ހަރަދު ވެސް ދައުލަތުން ދެއެވެ. ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތްތަކާއި ހިމާޔަތް ދިނުމަކީ ކުރަންޖެހޭ ކަމެކެވެ.
އެހެން ނަމަވެސް އެކަން އެއީ އިގްތިސާދަށް އޮތް ބުރައަކަށް ނުވަތަ ނާއިންސާފަކަށް ވެގެން ނުވާނެއެވެ. އެހެން ނަމަވެސް ކުރީގެ ރައީސުންގެ އޮފީހުން ކުރާ ކަމެއް އަދި އެކަމާ ބެހޭ އޮޑިޓް ރިޕޯޓެއް އާންމުކޮށްފައެއް ނުވެ. އަނެއްކޮޅުން މި ކަމުގައި ވެސް ހަމަހަމަ ކަމެއް ނެތެވެ. ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ބޮޑު އިނާޔަތެއް ދޭ އިރު ނައިބުންނަށް ލޯލާރި ވެސް ނުދެއެވެ.
ގިނަބަޔަކު ދެކޭގޮތުގައި ރިޓަޔަމަންޓް އެލަވަންސް ތަކާއެކު ކުރީގެ ރައީސުންނާއި, މެންބަރުންނާއި, ފަނޑިޔާރުނާއި ފުލުހުންނާއި ސިފައިންދަނީ ދައުލަތް ލޫޓްވަމުންނެވެ. ރިޓަޔަމަންޓް އެލަވަންސް ލިބޭފަރާތްތަކަށް ގެދޮރާ މެޑިކަލްއާއި އެނޫންވެސް އިތުރު އިނާޔަތްތަކަކާއެކު ދެވަނަ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތުވެސް މިފަރާތްތަކަށް އޮވެއެވެ.
މިއީ ރާއްޖޭގެ އިޖްތިމާއި އަދުލުގެ ނިޒާމަށް އޮތް ލަދުވެތިކަމެކެވެ. ޤައުމަށް ހިދުމަތެއްކޮށްލުމަކީ ޤައުމުގެ މުއްސަނދިކަން ލޫޓުވާލަން ލިބޭ ލައިސަންސް އެއް ނޫނެވެ. މިއީ ބަދަލުކުރަންޖެހޭ ލަދުވެތި, އަބުއި ހުތުރު އުސޫލުތަކެކެވެ.