އަމިއްލަ ހިޔާލު: ދިވެހިން ބަރުހެލިވެ ދައުލަތަށް އޮތް ބޮޑު ބުރަޔަކަށް

30 އެޕްރީލް 2024 - 14:46

ދިރިއުޅުމުގެ ވައްޓަފާޅި އަށް އައި ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ހަށިގަނޑަށް ވެސް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިރާސާތަކުން ދައްކާ ގޮތުން ހުންނަންޖެހޭ ބަރުދަނަށް ވުރެ ބަރު މީހުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ހާއްސަކޮށް ސިއްހަތަށް ނުރައްކާ މިންވަރަކަށް ފަލަވެފައިވާ  ދިވެހިންގެ އަދަދު ގިނަ ކަމަށް މީގެ ކުރިން ހެދި ދިރާސާއަކުން ވެސް ދައްކައެވެ. 

އާދަތަކަށް އައި ބަދަލުތަކާ އެކު ގައިންގަޔަށް ނާރާ އެހެން ނަމަވެސް ފުރާނަ އަށް ނުރައްކާ އެތައް ބައްޔެއް ވަނީ އިތުރުވެފައެވެ. ނަތީޖާއަކަށް ވެފައި ވަނީ މިފަދަ ބަލިތަކަށް ފަރުވާކުރުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ އިންތިހާ އަށް ބޮޑުވުމެވެ. 

advertisement

ރާއްޖޭގައި އޮތީ ތަފާތުކުރުމެއް ނެތި ހިލޭ ސިއްހީ ފާރުވާ ލިބޭނެ ނިޒާމެއް

ރާއްޖޭގައި އޮތީ ތަފާތުކުރުމެއް ނެތި އެންމެންނަށް ހިލޭ ސިއްހީ ފާރުވާ ލިބޭނެ ނިޒާމެކެވެ. އެކަމަށްޓަކައި ދައުލަތުން ބޮޑު ހޭދައެއް ކުރެއެވެ. އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ބިލިއަނުން ހަރަދު ކުރެއެވެ. އޭގެ އިތުރުން ބައެއް ހާއްސަ މަގާމުތަކަށް ނުވަތަ ވަޒީފާތަކަށް ހާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖްތަކަށް ވެސް ދައުލަތުން ބޮޑު ހޭދައެއް ކުރެއެވެ. 

އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި އެމީހުންގެ އާއިލާތަކުގެ ސިއްހީ އިންޝުއަރެންސަށް ކުރާ ހޭދަ އާއި ދައުލަތުގެ އިސް މަގާމުތަކަށް ހާއްސަ ހެލްތު އިންޝުއަރެންސަށް ކުރާ ހޭދަ އެތައް މިލިއަނަކަށް އަރައެވެ. 

ދުޅަހެޔޮ ސިއްހަތަކާ ދުރު އާދަކާދަތައް ދިވެހިންގެ މެދުގައި ވަނީ އާންމުވެ އަށަގެންފައެވެ. ދިރިއުޅުމަށް ކުރާ މަސައްކަތުގެ ތެރޭގައި ގިނަ ބަޔަކަށް ކަމުދަނީ ގޮނޑީގައި އިނދެ ކުރާ މަސައްކަތްތަކެވެ. ހަށިގަނޑަށް ކަޝްރަތު ލިބޭ ދަނޑުވެރިކަމާއި މަސްވެރިކަމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކާ ދިވެހިން ދުރުވެއްޖެއެވެ. އެކަންކަމުގައި ގިނައިން އުޅެނީ ބިދޭސީންނެވެ. އެހެންކަމުން މަސައްކަތުގެ މާހައުލުގެ ތެރެއިން ވެސް ދިވެހިންނަށް ލިބޭ ކަޝްރަތުގެ މިންވަރު ކުރިއާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. 

މަސައްކަތުގެ މާހައުލުން ކަޝްރަތު ނުލިބޭ އިރު ހުސްކޮށް ލިބޭ ގިނަ ވަގުތު ވެސް ތިބެނީ އިށީނދެއެވެ. ކޮފީގައި ރައްޓެހިންނާ އެކު އެތައް އިރެއް އެއް ގޮނޑިއެއްގައި ހޭދަކުރާ އެތައް ބަޔަކު އެބަ އުޅެއެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑަށް ބޭނުންވާ ހަރަކާތް ނުލިބި ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވުމެވެ. އާހިރުގައި ކޮންމެ ވެސް ބޮޑު ބައްޔަކަށް ފަރުވާ ކުރަންޖެހެއެވެ. 

ދިވެހިންގެ ވައްޓަފާޅި ވެސް ވަނީ ބަދަލުވެފައި

މީގެ އިތުރުން ހިނގާބިނގާވެ އުޅުން ވެސް ވަނީ މަދުވެފައެވެ. ޖެހިގެން ހުރި ފިހާރައަށް ދާން ވެސް އަރަނީ ސައިކަލަށެވެ. ހިނގާފައި އުޅޭ މީހުން މަދެވެ. ސައިކަލާއި ވެހިކަލްތަކުގައި ދަތުރުކުރަމީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއްވެސް ވަރަކަށް ހިނގާފައި ނޫޅޭ ނަމަ ކުރިމަތިވާނެ އެތައް މައްސަލަތަކެއް ހުރެއެވެ. އޭގެ އިތުރުން އެފަދަ އުޅަނދުފަހަރުން އަރާ ދުމުގެ ސަބަބުން ވެސް ކުރިމަތިވާ ސިއްހީ އެތައް މައްސަލަތަކެއް ހުންނަ ކަމަށް ތަޖުރިބާކާރުން އިންޒާރު ދީފައި ވެއެވެ. 

ކެއުމުގެ ވައްޓަފާޅި ވެސް ވަނީ ބަދަލުވެފައެވެ. ގިނަ ޒުވާނުން ދުވާލެއްގެ މައްޗަށް ކައި އުޅެނީ ދެ އިރެވެ. އެއީ ހެނދު ހޭލައިގެންނާއި ރޭގަނޑު ދަންވުމުންނެވެ. މެދު ތެރެއިން “ޖަންކް ފުޑް” ކެއުން ގިނަ އިރު އަނގައިން އަބަދު ވެސް ރަހަ ނުކެނޑޭ ވަރަށް ކޮފީ ބޮއެވެ. އެއާ އެކު ދުންފަތުގެ އިސްތިއުމާލުކުރެއެވެ. އަދި އެތައް ބަޔަކު “ވޭޕް” ކުރެއެވެ. މިއީ ވެސް ދުޅަހެޔޮ ސިއްހަތަކަށް ހުރި ނުރައްކާތަކެވެ. 

ޕްރޮޓީން އާއި މިނިރަލްސް އަކީ ދިވެހިންގެ ގިނަ ބަޔަކު ދަންނަ އެއްޗެއްހެންވެސް ހީނުވެއެވެ. ކުޑައިރުއްސުރެ ކެއުމުގެ ތަރުބިއްޔަތުން ނުލިބި ހަކުރުތަކާ ޖަންކާއެކު ބޮޑުވުމުގެ ނަތީޖާއަކީ ބަލިބޮޑު ބުރަހެލި ޖީލެއް މިއަދު ފެންނާން އޮތުމެވެ.

މިހުރިހާ ކަމެއްގެ ނަތީޖާއަކަށް ވަނީ ހަށިގަނޑު ފަލަވެ ހިތުގެ މައްސަލަތަކާއި އެ ނޫން ވެސް ގައިގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަކަށް ވުމެވެ. އެފަދަ ބަލިތަކަށް ފަރުވާ ހޯދަން ޖެހުމެވެ. ކުއްލި މަރުތަކާއި ހިތުގެ މައްސަލަތަކާއި ކެންސަރާއި މި ނޫން ވެސް ބޮޑެތި އެތައް ބަލިތަކެއް ދިވެހިންގެ އެތައް ބަޔަކު ދަނީ ތަހައްމަލުކުރަމުންނެވެ. މިއިން ކޮންމެ ކަމަކީ ވެސް އެތައް ހަރަދެއް ހިނގާ ކަމެކެވެ. 

އަމިއްލަ ޖީބުން ކުރާ ހޭދައަށް ވުރެ މި ކަންކަމަށް ދައުލަތުން ކުރަންޖެހޭ ހޭދަ ބޮޑެވެ. ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ ބަދަލުތަކުން ހަށިގަނޑު ފަލަވުމުން ބުރަވަނީ ހަމައެކަނި އެ މީހަކަށް ނޫނެވެ. ސިއްހަތަށް ބަލައިގެން ސާފު ސީދާ ދިރިއުޅުމެއް އުޅޭ ޓެކްސް ދައްކާ ރައްޔިތުންނަށްވެސް ނޮހޮރުއްޕާނަކަށެވެ. ކިތަންމެ ނުރުހުނަސް މިވާހަކަ ދައްކަންޖެހެއެވެ. 

ގިނަ އަދަދެއްގެ ދިވެހިން ސިއްހަތަށް ނުރައްކާ މިންވަރަކަށް ފަލަވުމުގެ ބޮޑު ބުރަ ދައުލަތުން އުފުލަމުންދާ ދިއުން ނިމުމަކަށް ގެންނައުމަށް ޤައުމީ މަސައްކަތްތަކެއް މިއަދު މިވަނީ ކުރަންޖެހިފައެވެ

ރިއެކްޝަންސް
0
1
0
2
0
1
1