ނޮވެމްބަރ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު %66 އިތުރު

5 ޑިސެމްބަރ 2020 - 15:01

މިދިޔަމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު %66 އިންސައްތަ އިތުރުވެފައިވާކަމަށް އިމިޤްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިޤްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރ މަހުގެ ތެރޭގައި ރާއްޖެއަށް 35،759 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީމަހާއި އަޅާބަލާއިރު %66 އިތުރު އަދަދެކެވެ.

advertisement

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މަހަކުން މަހަކަށް ބަލާއިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ސެޕްޓެމްބަރ މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 218 ފަތުރުވެރިން އަންނައިރު އޮކްޓޯބަރ މަހު މިއަދަދު އުޅެނީ 694 ގައެވެ. އަދި ނޮވެމްބަރ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 1192 ފަތުރުވެރިން އައިސްފައިވާކަމަށް އިމިޤްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޮކްޓޯބަރ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 8581 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ ޖުމްލަ 7610 ފަތުރުވެރިންނެވެ. 2093 ފަތުރުވެރިންނާއިއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެމެރިކާއިންނެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައިސްފައިވަނީ އެމަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 2299 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ މަދުން ފަތުރުވެރިން އައި ދުވަހުވެސް 569 ފަތުރުވެރިން އައިސްފައިވާކަމަށް އިމިޤްރޭޝަންގެ ތަފާސްހިސާބުތައް ދައްކައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0