އަމިއްލަ ހިޔާލު: ސިޔާސީ ޕާޓީތަކުގެ ކުރިމަގާ މެދު ސުވާލެއް!

4 މެއި 2024 - 11:26

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާއި އެކު އޭރު އޮތް އެންމެ ބޮޑު ދެ ފިކުރު ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ވުޖޫދު ވިއެވެ. އެމްޑީޕީ އަކީ އިދިކޮޅު ފަރާތްތަކުގެ ޕާޓީއެވެ. ޑީއާރުޕީއަކީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ޕާޓީއެވެ. ރާއްޖޭގައި ސިޔާސީ ފިކުރު ހުރި ގިނަ ފަރާތްތައް މި ދެ ބަޔަށް ބެހުނެވެ. 

އެހެން ގޮތަކަށް ބުނާ ނަމަ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިންމަން ބޭނުންވާ ފަރާތްތަކަކާއި އެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރި ފަރާތްތަކެވެ. އޭގެ ތެރޭގައި ވެރިކަން ބޭނުން އެތައް ބަޔަކު އެއް އޮޑިއެއްގައި ތިއްބެވެ. ނަތީޖާއަކަށްވީ ޕާޓީތައް ރަނގަޅަށް ހިނގައި ނުގަނެވިގެން އުޅެނިކޮށް ބައިބައިވުމެވެ. އޭގެ ފަހުން އައީ ޕާޓީތަކުގެ މުޅިން އާ ދައުރެކެވެ. ނަމަވެސް މިއިން ކޮންމެ ޕާޓީއެއް ވެސް އުފެދުމުގެ މައިގަނޑު އަސްލަކަށް އޮތީ ވަކި ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމެވެ.

advertisement

ޕާޓީތައް ރަނގަޅަށް ހިނގައި ނުގަނެވިގެން އުޅެނިކޮށް ބައިބައިވެއްޖެ

ޑިމޮކްރަސީގެ ޅަފަތުގައި މައި ދެ ޕާޓީ ބައިބައިވެ، ކުދި އެތައް ޕާޓީތަކެއް އުފެދުނެވެ. އެމްޑީޕީ އަށް ވުރެ ބޮޑަށް ބައިބައިވުމުގެ ދިގު ތާރީއެއް އޮތީ ޑީއާރުޕީގައެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕީޕަލްސް އެލަޔަންސް (ޕީއޭ)އަކީ ޑީއާރުޕީ އަދި ގައުމީ ޕާޓީއަކީ އިސްކޮށް ތިއްބެވި ބޭފުޅުން ވުޖޫދުކުރި ޕާޓީތަކެވެ. 

ޖޭޕީގައި ހުންނެވީ އެމްޑީޕީ އުފެއްދުމުގައި އެހީތެރިވެ ވަޑައިގެންނެވި ނަމަވެސް ފަހުން ޑީއާރުޕީގެ އިސް މަގާމުތަކާއި ރައީސް މައުމޫނުގެ ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމެވެ. އެމްޑީއޭ އުފެއްދެވީ ޑީއާރުޕީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް (ސަން ސިޔާމް) އެވެ. ޕީއޭ އުފަންކުރެއްވީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނެވެ. 

ގައުމީ ޕާޓީގައި ތިއްބެވީ ރައީސް މައުމޫނުގެ ވަޒީރުންކޮޅެކެވެ. އޭގެ ތެރޭގައި ތިއްބެވީ އެޓާނީ ކުރީގެ އެޓާނީ ޖެނެރަލް ހަސަން ސައީދާއި ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ފަދަ ބޭފުޅުންނެވެ. ދީނީ ފިކުރު ފެތުރުމުގެ މަސައްކަތް ކުރަމުން އައި ދީނީ އިލްމުވެރިންކޮޅެއް އުފެއްދީ އަދާލަތު ޕާޓީއެވެ. އަދި އުމަރު ނަސީރު ވެރިކަމަށް ވަޑައިގެންނެވޭތޯ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ގެންގުޅުއްވިއެވެ.

މި ޕާޓީތައް އުފެދުމުގެ މައިގަނޑު ބޭނުމަކަށް އޮތީ ވެރިކަމަށް ކުރިމަތިލުމާއި ވެރިކަމުން ބޮޑު ހިއްސާއެއް ހޯދުމެވެ. ޖޭޕީގެ ފަރާތުން 2008 ވަނަ އަހަރުގެ އިންތިހާބުގައި ގާސިމް ވާދަކުރެއްވިއެވެ. ގައުމީ ޕާޓީން ޑރ. ހަސަން ވާދަކުރެއްވިއެވެ. އޭރު ސިޔާމް އާއި ޔާމީން ހުންނެވީ ރައީސް މައުމޫނާ އެކުގައެވެ. އެ ފަހަރު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާސިމް އާއި ގައުމީ ޕާޓީ އާއި އަދާލަތުން އެރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑެޓް މުހައްމަދު ނަޝީދުގެ ފަހަތަށެވެ. އުމަރު ވެސް ހުންނެވިއެވެ. 

ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމަށް މާގިނަ ދުވަހެއް ނުވެ، މި ބޭބޭފުޅުން ކޯލީޝަނުން ނުކުމެވަޑައިގެން ވެރިކަމާ ދެކޮޅަށް އަޑު އުފުއްލެވިއެވެ. ނަތީޖާއަކަށްވީ ދައުރުގެ މެދުތެރެއިން މި ބޭފުޅުން އިސްކޮށް ތިއްބަވައިގެން ބޭއްވެވި ސިލްސިލާ މުޒާހަރާތަކުގެ ތެރެއަށް ފުލުހުންނާއި ސިފައިން ގުޅި 2011 ވަނަ އަހަރު ވެރިކަން މަދަލުވުމެވެ. 

މަގުސަދު އިއުލާނުނުކޮށް އެކި ޕާޓީތައް ވުޖޫދުވެއްޖެ

އޭގެ ފަހުން މިއަދާ ހަމައަށް ވެސް ތަފާތު އެކި ޕާޓީތައް ވުޖޫދުވެއްޖެއެވެ. އެކި މަގުސަދުތައް އިއުލާނުކުރަމުންނެވެ. އާދައިގެ ކުދި ކުދި ޕާޓީތައް ވުޖޫދުވުމުގެ މައިގަނޑު ސަބަބަކަށް އޮތީ އެއިރެއްގައި އޮންނަ ނުވަތަ ރިޔާސީ އިންތިހާބުތަކުގައި ސަރުކާރުގެ ހިއްސާއެއް ހޯދުމާއި ސަރުކާރުން ޕާޓީތަކަށް ދޭ ފަންޑް ހޯދުމެވެ. އެ ބޭނުމުގައި ވަރަށް އާދައިގެ ކުދި ޕާޓީތައް ވުޖޫދުވިއެވެ. 

ނަމަވެސް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމުގެ ސިޔާސަތު ބަދަލުކޮށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ނޫނީ ފައިސާ ނުދޭ ގޮތަށް ހަމަޖެއްސުމުން މި ކުދި ޕާޓީތައް އޭގެ އަމިއްލަ ޒާތުގައި އުވި ދިޔައީއެވެ. މި ނޫން ތަފާތު އެހެން ސަބަބުތަކާ ހުރެ ބައެއް ބޮޑެތި އެހެން ޕާޓީތައް ވެސް އުވި ދިޔައެވެ. 

ރައީސް ޔާމީންގެ ޕީއޭ އޭގެ ތެރޭގައި ހިމެނެއެވެ. ދެ އަހަރު ނުވަނީސް އެ ޕާޓީ ނެތި ދިޔައީ ރައީސް ޔާމީން ޕާޓީން ވަކިވެވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅި ވަޑައިގަތުމުންނެވެ. އެ ޕާޓީ ވުޖޫދުވީ 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ރަނިންމޭޓަކަށް ހުންނެވި އަހްމަދު ތަސްމީން އަލީ އާއި ރައީސް މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިންނެވެ. 

ރައީސް މައުމޫނާ ނުލައި ޑީއާރުޕީ ދެމެހެއްޓޭތޯ ތަސްމީން މަސައްކަތް ކުރެއްވި ނަމަވެސް ތަސްމީންގެ ސިޔާސީ ކެރިއަރާ އެކު އެ ޕާޓީގެ ނަން ވެސް ފަނޑުވީއެވެ. އޭގެ ފަހުން އެކި ފަރާތްތަކުން އެ ޕާޓީ ދެމެހެއްޓުމަށް މަސައްކަތްކުރިއެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިޔާ އަދި ޑީއާރުޕީގައި އިސް މަގާމުތައް ފުރުއްވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ހިމެނިވަޑައިގަންނަވައެވެ. ނަވެސް އިލެކްޝަނުން ކަނޑައަޅާފައިވާ މެންބަރުންގެ އަދަދު ވެސް ހަމަނުވެ ޕާޓީ އުވި ދިޔައީއެވެ. 

މީގެ އިތުރުން 2008 ގައި ރިޔާސީ އިންތިހާބުގައި ވަރަށް ވާދަވެރި ނަތީޖާއެއް ހޯއްދެވި ޑރ. ހަސަންގެ ސިޔާސީ ކެރިއަރާ އެކު ގައުމީ ޕާޓީގައި ވެސް ކަފުން އެޅުނެވެ. ދެމި އޮތީ މައި ދެ ޕާޓީގެ އިތުރުން ފައިސާވެރިންގެ ޕާޓީތަކެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމް ނެތި ހިނގައިދާނެ ކަމަށް ބަލައި ރައީސް ޔާމީން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ. 

އަދި ރައީސް މައުމޫނަށް ތާއީދުކުރާ މަދު މީސްކޮޅެއް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުފެއްދެވިއެވެ. ފަހުން އުފެއްދި ޕާޓީތަކުގެ ތެރެއިން އެންމެ ހަލުވިކަމާ އެކު ކުރިއެރީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަން ކުރެއްވި އަދި އެ ވެރިކަމުގައި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި

ސިޔާސީ ޕާޓީތައް އުފެދި މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އާންމު ރައްޔިތުންގެ ވިސްނުން ވެސް ވަނީ އެތައް ގޮތަކުން ބަދަލުވެފައެވެ. ސިޔާސީ ހޭލުންތެރިކަން އިތުރުވެ، ޕާޓީތަކާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެއެވެ. ސިޔާސީ ޕާޓީތައް ދެކެ ރައްޔިތުން ފޫހިވެއްޖެއެވެ. 

އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް ރައްޔިތުންގެ ވިސްނުން އޮތީ ދެ ބަޔަކަށް ބެހިފައެވެ. އެއީ ވައާތު ފިޔައިގެ ވިސްނުމަކާއި ކަނާތު ފިޔައިގެ ވިސްނުމެއްގެ މައްޗަށެވެ. ސަރުކާރާ އެއްކޮޅު ވިސްނުމަކާއި ދެކޮޅު ވިސްނުމެކެވެ. ނިމިދިޔަ ބޮޑު ދެ އިންތިހާބުގައި ވެސް އެކަން ވަނީ ސާބިތުވެފައެވެ. 

ރިޔާސީ އިންތިހާބުގައި ވަކިވަކި ޕާޓީތަކުން ކެންޑިޑޭޓުން ނެރުނެވެ. ޖޭޕީން ގާސިމެވެ. އެމްއެންޕީން ނާޒިމެވެ. ސިޔާމަށް ކެރިވަޑައެއް ނުގެންނެވިއެވެ. ރިޔާސީ އިންތިހާބުގައި މި ބޭފުޅުންނަށް ކުރިމަތިވި ލަދުވެތި، ނާކާމިޔާބީއާ އެކު ޕާޓީތަކުގެ ކުރިމަގާ މެދު ވެސް ވަނީ ސުވާލު އުފެދިއެވެ. ދާދި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ކަންވީ އެގޮތަށެވެ. ޖޭޕީ އާއި އެމްއެންޕީ އަށް ލިބުނީ އެ ދެ ޕާޓީގެ ލީޑަރުންގެ ގޮނޑި އެކަންޏެވެ. 

އެމްޑީއޭ އަށް ވެސް ސިޔާމް އާއި އިތުރު ބޭފުޅެއްގެ ގޮނޑި ލިބުނެވެ. އަދާލަތަކަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނެވެ. ރައީސް ޔާމީން އުފެއްދެވި ޕީއެންސީން ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އަދި މަޖިލީހުގެ ވެސް ސުޕަ މެޖޯރިޓީ ހޯއްދެވީއެވެ. ވަރުގަދަކޮށް އޮތް، އެތައް ހާސް މެންބަރުން ތިބި ޕީޕީއެމް ރައީސް ޔާމީންގެ އަތްޕުޅުން ބީވެ، މަޖިލީހުގައި އެ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކު ވެސް ނެތެވެ. ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށުގައި އޮތް މި ދެ ޕާޓީގެ ތެރެއިން މަޖިލީހުގެ ޓިކެޓް ދިނީ ހަމައެކަނި ޕީއެންސީންނެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްތަކެއް ކުރިން އެމްޑީޕީ ދެފަޅިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފަންވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ނުކުމެވަޑައިނުގެންނެވުމަށް ނިންމެވި ހިސާބުން އެ ޕާޓީގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދެން ފަށައިފައެވެ. 

ރައީސް ނަޝީދު ރާއްޖެ ދޫކުރައްވައި ބޭރު ގައުމަކަށް ދިރިއުޅުން ބަދަލުކުރެއްވި އިރު ރައްޔިތުންގެ މަޖިލީހުގައި އެންމެ ގޮނޑިއެއް ވެސް ކާމިޔާބުނުވުމުން ޑިމޮކްރެޓްސްގެ ސިޔާސީ ހަޔާތް ވެސް ނިމުނީ ކަމަށް ވަނީ ބެލެވެން ފަށައިފައެވެ. 

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ހީކުރިވަރާ ގޮތަށް އެމްޑީޕީ އަށް ގޮނޑި ނުލިބުނަސް އިދިކޮޅު މައި ފިކުރެއްގެ ގޮތުގައި އަދިވެސް އޮންނާނީ އެ ޕާޓީ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މި ފަސް އަހަރަކީ ރައީސް ޑރ. މުއިއްޒު އާއި ރައީސް ޔާމީންގެ ކުރިމަތިލުމުގެ އަހަރެއް ކަމަށް ގިނަ ބަޔަކު އަންދާޒާކުރެއެވެ. 

އެހެން ކަމުން ރައީސް ޔާމީން އަލަށް އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އާއި ރައީސް މުއިއްޒުގެ ޕީއެންސީގެ ކޯޅުމުގެ ތެރެއިން ޕީޕީއެމް އެއްކޮށް ނެތި އެމްޑީޕީގެ އަޑު ވެސް މަޑުވުމުގެ ފުރުސަތު ބޮޑެވެ. ޖޭޕީ އާއި އެމްއެންޕީ އަދި ސިޔާމްގެ އެމްޑީއޭ ވެސް ސަރުކާރުގެ ތެރޭގައި ތިބުމުން އެ ޕާޓީތަކުގެ މާ ބޮޑު ނުފޫޒެއް ސިޔާސީ މައިދާނުގައި ފެންނާނެ ކަމަކަށް ނުބެލެވެއެވެ. 

މި ކަންކަމަށް ބަލާއިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ކުރިމަގު ފެންނަނީ ބަނަކޮށެވެ. ހާއްސަކޮށް އަދާލަތު ޕާޓީ ފަދަ ސިޔާސީ ބުރަދަނެއް ނެތް ޕާޓީތަކާއި ކުދި ޕާޓީތައް އޭގެ ޒާތުގައި ފަނޑުވެ، ހިނގައިދާނެ ކަމަށް އަންދާޒާކުރެވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0