ނޮވެމްބަރ މަހު މީރާއަށް ލިބުނު އާމްދަނީ %59 ދަށްވެއްޖެ
10 ޑިސެމްބަރ 2020 - 16:46
މިއަހަރުގެ ނޮވެމްބަރ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް ލިބުނު އާމްދަނީ %59.9 ދަށްވެއްޖެއެވެ. މީރާއަށް ނޮވެމްބަރ މަހު ލިބިފައިވާ އާމްދަނީއަކީ 461 މިލިއަން ރުފިޔާއެވެ. މިދިޔަ މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގައި 11.26 އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށް އެ އިދާރާއިން ބުނެއެވެ.
މިދިޔަ މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ އާމްދަނީގެ %66.9 ނުވަތަ 308 މިލިއަން ރުފިޔާއެވެ. 2 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 42 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 19 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި 16.49 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 63.13 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރ މަހު މީރާއަށް ބަލައިގަތް އާމްދަނީ 59 އިންސައްތަ ދަށްވި މައިގަނޑު ސަބަބެއްކަމަށް އެ އިދާރާއިން ބުނީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މަދުވެ ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް ދަށްވުމެވެ. މީގެ ސަބަބުން ފަތުރުވެރިކަމުން ދައުލަތައް ލިބުނު އަމްދަނީ ވަނީ ބޮޑުތަނުން މިއަހަރު ދަށްވެފައެވެ. މިގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. އަދި މިއަހަރުގެ ނޮވެމްބަރ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީވެސް ދައުލަތައް ލިބިފައި ނުވުމަކީ އާމްދަނީ ދަށްވި ސަބަބެއްކަމަށް މީރާއިން ބުނެއެވެ.