10 އެއް ޑިސެމްބަރ: ހިއުމަން ރައިޓްސް ދުވަސް

10 ޑިސެމްބަރ 2020 - 17:09

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ 10 ވަނަ ދުވަސް ފާހަގަ ކުރެވިގެންދަނީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރެވޭ “ހިއުމަން ރައިޓްސް” ދުވަހުގެ ގޮތުގައެވެ. ޔުނިވާރސަލް ޑިކްލަރޭޝަން  އޮފް ހިއުމަން ރައިޓްސް ގައި ވާގޮތުން އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަކީ ވަކި މީހެއްގެ ކުލައަކަށް، ދީނަކަށް، ޖިންސަކަށް، ވަހަކަ ދައްކާ ބަހުރުވައަކަށް، ސިޔާސި ފިކުރަކަށް، ލިބިފައިވާ މުދަލަކަށް، މުޖުތަމަޢުގައި ލިބިފައިވާ ދަރަޖައަކަށް ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުމަކަށް ބެލުމެއްނެތި ހުރިހާ އެންމެންނަށް އެއް ހަމައެއްގައި އިންސާނީ ހައްޤުތައް ލިބުމެވެ. ޔުނިވާރސަލް ޑިކްލަރޭޝަން  އޮފް ހިއުމަން ރައިޓްސްގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު ވިސްނާލަން ޖެހެނީ 50 އަށް ވުރެ ގިނަ ބަހަށް ތަރުޖަމާކުރެވި ބޭނުންކުރެވެމުންދާ މި ޑޮކިއުމެންޓާ އެއްގޮތަށް ކަންހިނގަމުން ދޭތޯއެވެ.

ޙައްޤުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން އަބަދުވެސް އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކީ އެންމެން އެކުގައި އިޙްތިރާމާއި އެކުވެރިކަމާއެކު އަބުރުވެރި ދިރުއުޅުމެއް އުޅުމުގެ ޙައްޤު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަން ކަށަވަރުކުރުމެވެ.  މިއީ ހަމަގައިމުވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން މުޅިންހެން ނެތެމުންދާ ސިފައެކެވެ. އެއްވެސް ބެލުމެއްނެތި އެކަކު އަނެކެއްގެ އަބުރު ކަތިލަމުން މިދަނީ ފާޅުކަން ބޮޑު ގޮތެއްގައި ބޮޑުވަމުން އަންނަ ޖީލުތައް އެ މާޙައުލެއްގައި އެންމެ ގިނަ ވަގުތު ހޭދަކުރަމުންދާ ސޯޝަލް މީޑިއާ ގައެވެ. ހަމައެހެންމެ ގޭގެ ސިޓިންރޫމްގައި ހުންނަ ޓީވީއިންވެސް ފެނިގެންދަނީ ހަމަ މިމަންޒަރުތަކާއި އަޑުތަކެވެ. އެހެންކަމުން ބޮޑުވަމުން އަންނަ ޖީލުތަކަށް މިއަދު ހީވެފައި އޮންނަނީ އެއީ އެކަން އޮންނަންޖެހޭ ގޮތްކަމަށެވެ. ކަންކަމާ މެދު އަޑުއުފުލުން، ނުވަތަ ތިމާގެ ޚިޔާލު ފާޅުކުރުން އެންމެ ރަނގަޅެވެ. އެހެނަސް ދަސްކުރަންޖެހެނީ އިޙުތިރާމާއި އެކު ޚިޔާލު ފާޅުކުރުމާއި ޚިޔާލު ބަލައިގަތުމުގެ އާދައެވެ. އެހެނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ތިމާގެ ހައްޤަކަށް ވީފަދައިން އެކަން ރައްދުވާ ފަރާތުގެ ހަޢްޤުތައްވެސް އޭގައި އެކުލެވިގެންވާ ކަމަކަށް ވާތީއެވެ.  

advertisement

އިންސާނީ ހައްޤުތަކުގެ ވާހަކަ ދައްކާއިރު މިއަދު އަޅުގަނޑުމެންގެ ޅަދަރިން އުޅެންޖެހިފައިވާ ހާލާމެދު މިވަނީ ކަރުނައަޅާ ރޯންޖެހިފައެވެ. ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި ތަޅުލައިގެން ފޮރުވައިގެން ދަރިން ގެންގުޅެން ޖެހުމުން އިންސާނީ ޙައްޤުތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކޭނީ ކޮން އުޞޫލަކުންތޯއެވެ. އަޅުގަނޑުމެން ބޮޑުވެގެން އައިރު ކުޑައިރުގެ ޙަޔާތް ވޭތުކުރި ގޮތް އަޅުގަނޑުމެންގެ ދަރިންނަށް ކިޔައިދޭންޖެހިފައި މިވަނީ ވާހަކަ ފޮތަކުން ވާހަކައެއް ކިޔައިދޭ ގޮތަށް ކަމަށް ވުމީ ހިތާމަހުރި ކަމެކެވެ. އޭރުގެ ދިރިއުޅުން ރާއްޖޭގެ ބައެއް ހިސާބުތަކުން ފެނިގެން ނުދިޔުމުގެ އަޞްލަކީ އެ ހިސާބުތަކުގެ ޙާލަތު ތަން ނުދޭތީ ކަމަށް ވެދާނެއެވެ. އެހެނަސް އެފަދަ ޙާލަތެއް އޮވެމެ ގިނަ ރަށްރަށުގައި އެފަދަ ދިރިއުޅުމަކަށް ފުރުޞަތު ނުލިބިފައިވަނީ އެހެނިހެން ބިރުވެރިކަމުގެ ސަބަބުންކަން ކަށަވަރެވެ. ދަރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މިވަނީ ނުކުޅެދިފައެވެ. އެންމެ ގާތް މީހާއަށް ވެސް އެކަމުގައި އިތުބާރު ނުކުރެވޭ ޙާލަތަށް މިވަނީ ގޮސްފައެވެ. ކުދިންނަށް ކުރާ ޖިސްމާނީ އަދި ނަފުސާނީ އަނިޔާގެ ވާހަކަ އަކީ ބޭރު ޤައުމުތަކުގައި ހިނގާ ކަންކަމުގެ ގޮތުގައި ނޫސްތަކާއި ޚަބަރުތަކުން އަޑުއިވުނު ޒަމާން ފަސްދީ ހިނގައްޖެއެވެ. މިއަދު ވަށައިގެންވާ މާޙައުލު ގުގުމާފައިވަނީ ޚުދު އަޅުގަނޑުމެންގެ އަތްތަކުން ހިންގާ މިފަދަ ވިޔާނުދާ ޢަމަލުތަކުގެ ވާހަކަތަކުންނެވެ. ކުދިންގެ މުޅިދުވަސް ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރަން މަޖުބޫރުވެފައިވާއިރު އަޅުގަނޑުމެންނަށް އެކުދިންގެ ހައްޤުތައް ކަށަވަރުކުރޭވޭނެ ގޮތާމެދު މިވަނީ ސުވާލު އުފެދިފައެވެ. ކުޑަކުދިންނަށް މިނިވަންކަމާއެކު އެއްވެސް ނުރައްކަލެއްނެތި އެކުދިންގެ ޅަޢުމުރުގެ ޙަޔާތް އެފާވެރިކަމާއި ލޯތްބާއެކު ހޭދަކުރުމުގެ ހަޢްޤު މިއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ޔަޤީންކުރަންވީ އެއްކަމެވެ.

ކުޑަކުދިންނަށް އެކުދިންގެ ޅައުމުރުގައި ހައްޤުތައް ކަށަވަރުކޮށް ނުދެވޭކަމުގެ އިޙްސާސް ކުރެވޭއިރު އެއާ އެއްވަރަށް ވިސްނާލަންޖެހެނީ މިމުޖުތަމަޢުގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެވެނީ ކިހާވަރަކަށްތޯއެވެ. މިއަދު ޢުމުރުން ދުވަސްވީ ޖީލު އެމީހުންގެ ދިހަ ކުދިން 12 ކުދިން ތިބެމެ މުސްކުޅި ޢުމުރުގައި އެކަނިވެރިކަމާއެކު ހޭދަކުރަން ޖެހިފައިވުމީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭކަމެކެވެ. މިޙާލަތުގައި އަޅުގަނޑުމެންނަށް ދެއްކޭނީ ކޮން ޙަޢްޤެއްގެ ވާހަކަތޯއެވެ. ދަރިން ތިބެ މިފަދަ ޙާލެއްގައި ޢުމުރުން ދުވަސްވީ ޖީލުތައް އުޅެމުންދާއިރު އަދުގެ ޒުވާނުން ދެކުދިން ތިންކުދިންނާއެކު މާދަމާ އެޅެންޖެހޭނެ ޙާލަތާ މެދުވެސް ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ. އެހެންކަމުން މިއަދު ދައްކަން އެންމެ އައުލާކަން ބޮޑު އެއް ވާހަކައަކީ ޢުމުރުން ދުވަސްވީ މީހުންނަށް މިނިވަންކަމާއެކު އެމީހުންގެ ޢާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހަޢްޤު ކަށަވަރުކޮށް ދިނުމުގެ ވާހަކައެވެ.

ހިތާމަޔާއެކު މިއަދުވެސް އަޅުގަނޑުމެން ޤަބޫލު ކުރަންޖެހެނީ އަޅުގަނޑުމެން ކިތަންމެ ވަރަކަށް ހައްޤުގެ ވާހަކަ ދެއްކި ކަމުގައި ވިޔަސް ވަކި ޖިންސަކަށް ނިސްބަތް ވީތީ ކުރެވޭ ތަފާތު ކުރުންތައް ވެސް ނިހާޔަތް ބޮޑަށް މި މުޖުތަމަޢު ތެރޭގައި އޮތްކަމެވެ. އަންހެނަކަށް ވީތީ ވަކިކަމެއް ނުކުރެވޭނެކަމަށް ޤަބޫލުކުރާ ފަރާތްތައް ގިނައެވެ. އަންހެނަކަށްވީތީ ކުރެވޭ ގޯނާއާއި ފުރައްސާރައަކީ ވެސް އަޅުގަނޑުމެންނަށް މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު އިވެމުންދާ އަޑުތަކެވެ. އެހެންކަމުން ޙައްޤުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން އަދުގެ ޖީލުތަކަށް ވިސްނައިދޭން ޖެހިފައިވަނީ މީހަކު ކަމަކަށް ޤާބިލުވަނީ އެމީހަކީ ވަކި ޖިންސެއްގެ މީހަކަށް ވުމުން ނޫންކަމެވެ. އެއީ އެމީހަކަށް ލިބިފައި ހުރި ހުނަރާއި ޢިލްމުގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން މުޖުތަމަޢުގެ އެންމެންނަށް ޤަބޫލުކުރެވުން އެއީ އަޅުގަނޑުމެންނަށް ހައްޤު ކަށަވަރު ކޮށްދެވުނީ ކަމުގައި ބެލިދާނެއެވެ.

ދެންއޮތީ ވިސްނުމާއި ފިކުރުގެ ސަބަބުން ގެއްލިގެންދާ ޙައްޤުތަކުގެ ވާހަކަ އެވެ. އަޅުގަނޑުމެން އަޑަށް ބާރުލާފައި ދައްކާ އެއް ވާހަކައަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ވިސްނުމާއި ފިކުރު، މިނިވަންކަމާއެކު ފާޅުކުރުމުގެ ޙައްޤު އޮތް ވާހަކައެވެ. ތެދެއްމެއެވެ. ދުލާއި ގަލަމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ މިނިވަންކަމެއް ކަމުން އެމީހެއްގެ ކުޅަދާނަކަން ހުރިވަރަކަށް ޚިޔާލު ފާޅުކުރަންވީއެވެ. އެހެނަސް ޚިޔާލު ފާޅުކުރުމަށްފަހު ދެން އެމީހަކާ ދޭތެރޭ ކަންތައް ވާނެ ގޮތަކަށް ވިސްނުމެއް ނެތްނަމަ އެގޮތަށް އެކަން ކުރަންވީއެވެ. މީހަކު ޤަބޫލުކުރާ ފިކުރެއްގެ ސަބަބުން، ވަކިން ޚާއްޞަކޮށް ސިޔާސި ފިކުރުގެ ސަބަބުން ހަމަހަމަ އުޞޫލަކުން ކަށަވަރުވާންޖޭހޭ ޒަރޫރީ ކަންކަން، ހަމަހަމަކަން ގެއްލިފައިވާ ގޮތެއްގެ މަތިން އެކި މީހުނަށް ވަމުންދާތަން ފެންނަހިނދު ޙައްޤުގެ ވާހަކަ ދައްކަން ލަދުގަންނަންޖެހެއެވެ. ހަމަ މިބީދައިން ވަކި މީހަކަށް ޙައްޤު ވަޒީފާ، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވީތީ ގެއްލިގެންދާ މަންޒަރު ތަކުރާރުކޮށް އަޅުގަނޑުމެންގެ ކުރިމަތިން ފެންނަމުންދާއިރު ޙައްޤުގެ ވާހަކަ ދައްކާނީ ކިހިނަކުންބާވައެވެ. އެހެންކަމުން ވަކި ޖިންސަކަށް، ވިސްނުމަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި ހަމަހަމަ ކަމާއެކު ވަޒީފާއާއި އެހެނިހެން ޒަރޫރީ ބޭނުންތައް ހަމަހަމަ ގޮތެއްގައި ލިބުމުގެ ހައްޤު ކަށަވަރުވަންދެން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް އިންތިހާއަށް ގިނައެވެ. އެފަދަ ދުވަހެއް އަޅުގަނޑުމެންގެ ޖީލުތަކަށް ފެނިގެން ނުދިޔަ ނަމަވެސް އަންނަން އޮތް ޖީލުތަކަށް ކަށަވަރުކޮށްދިނުން އެއީ ފަރުދީ ގޮތުން އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއް ކަން ކަށަވަރެވެ.

އިންސާނީ ޙައްޤުތަކުގެ ޙާލަތަށް ބަލާއިރު، މިބީދައިން ކަންކަން ހުރިކަމުގައިވިޔަސް މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން އުޅުނު ޙާލަތަށް މިއަދު އައިސްފައިވާ ކުރިއެރުންތަކަކީ ވެސް ޝުކުރުވެރިވުން ޙައްޤު ހިސާބެކެވެ. އެހެނަސް ޤަބޫލުކުރަންޖޭހޭ ހަޤީގަތަކީ އިންސާނީ ހައްޤުތައް ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސްކަތްތައް ނުހަނު ގިނަ ކަމެވެ. އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ކުރުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެހެންކަމުން ޙައްޤުގެ ދުވަހެއް ފާހަގަ ކުރަމުން ދާއިރު އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވީ އެންމެން އެކީ ގުޅިގެން އެއް ޢަޒުމެއްގައި ތެދުވެ، މިހުރިހާ ޙައްޤަކީވެސް މުޖުތަމަޢުގައި ކަށަވަރު ކުރެވިފައިވާ ހައްޤުތަކެއްކަން ޔަޤީން ކުރުމަށް މަސައްކަތްކުރުމެވެ.

ލިޔުނުފަރާތުގެ މައުލޫމާތު: ޑރ. އާސިޔަތު މުހައްމަދު ދީދީ, ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް

ރިއެކްޝަންސް
0
0
0
0
0
0
0