މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ %33 ދަށް
13 ޑިސެމްބަރ 2020 - 13:47
މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 33 އިންސައްތަ
ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ
ނޮވެމްބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 303 މިލިއަން
ރުފިޔާއެވެ. މި އަހަރުގެ ނޮވެމްބަރމަހު މި ޢަދަދުވަނީ 204 މިލިއަން ރުފިޔާއަށް
ދަށަށް ގޮސްފައެވެ.
އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއީ 33 އިންސައްތައިގެ ދަށްވުމެކެވެ.
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވިއިރު މިދިޔަމަހު
އިމްޕޯޓް އަދި އެކްސްޕޯޓްވެސް ވަނީ ދަށްވެފައެވެ. މިއަހަރުގެ ނޮވެމްބަރުމަހު
ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރު
މިއަދަދު އުޅެނީ 4.3 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ 52 އިންސައްތައިގެ
ދަށްވުމެއްކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދާވެސް ވަނީ 46
އިންސައްތަ ދަށްވެފައެވެ. ކަސްޓްމަސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ
އަހަރުގެ ނޮވެމްބަރމަހު ދިވެހިރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް
ކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރުމަހު މި ޢަދަދުވަނީ 2.1 ބިލިއަން ރުފިޔާގެ
މުދަލެވެ.
ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ
ގައުމުތަކަކީ ޗައިނާ، ސިންގަޕޯރ އަދި އިންޑިއާއެވެ. ރާއްޖެއިން އެންމެ ގިނައިން
މުދާ ބޭރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ފަރަންސޭސިވިލާތް، ތައިލޭންޑް
އަދި އިޓަލީވިލާތެވެ.