ރިޕޯޓް: ތަރައްގީގެ ނަމުގައި ނަގާ ލޯނުތަކުން ބޭރުގައުމުތަކުގެ ފައިބުޑުގައި ދޫލާންޖެހިފައި

18 މެއި 2024 - 14:25

ރާއްޖެއަކީ ލިބޭ އާމްދަނީ އަށް ވުރެ އަބަދު ވެސް އިތުރަށް ހަރަދުކުރާ ބޮޑު ޑެފިސިޓް ބަޖެޓެއް އޮތް ގައުމެކެވެ. އާބާދީގެ ނިސްބަތުން ވެސް ހަރަދު ބޮޑު ގައުމެކެވެ. އެހެންކަމުން ލިބޭ އާމްދަނީގެ ބޮޑު ބައި ހޭދަވަނީ ވެސް ރިކަރަންޓަށެވެ. ނުވަތަ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށެވެ. 

އެހެންކަމުން ތަރައްގީގެ މަޝްރޫއުތައް އަބަދު ވެސް ބައްޓަންކޮށްފައި އޮންނަނީ ކޮންމެ ވެސް އެހެން ގޮތަކުން ހަމަޖެއްސުމަށެވެ. ބޮޑެތި ލޯނުތައް ނަގައިގެންނެވެ. އެހެން ކަމުން އަހަރުން އަހަރަށް ދަރަނި ބޮޑުވެ މިހާރު ވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ވެސް ބުރޫ އަރާ ހިސާބަށް ކަންކަން ދިއުމުގެ ބިރު ބޮޑުވެފައެވެ.

advertisement

ތަފާސް ހިސާބުތަކާއި ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު ރާއްޖޭގެ ތަރައްގީއާ ބެހޭ ރެޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 122.9 ޕަސެންޓްގައި ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 15 ވަރަކަށް ޕަސެންޓްގެ އިތުރުވުމެކެވެ. 

އެހާ ބޮޑަށް ދަރަނި އިތުރުވާން މެދުވެރި މައިގަނޑު ސަބަބަކީ ކޮބާ؟ 

މިދިޔަ އަހަރު އެހާ ބޮޑަށް ދަރަނި އިތުރުވާން މެދުވެރި މައިގަނޑު ސަބަބަކީ ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކެވެ. މިދިޔަ އަހަރަކީ ރިޔާސީ އިންތިހާބު އޮތް އަހަރު ކަމުން ތަރައްގީގެ މަޝްރޫއުތައް ވެސް ބޮޑުތަނުން އިތުރުވެގެން ދިޔައެވެ. މި އަހަރަށް ލަފާކޮށް ފާށްކޮށްފައި ވަނީ ވެސް 15 ބިލިއަން ރުފިޔާ އިން ދަރަނި ވާނެ ކަމަށް ލަފާކޮށްފައިވާ ބަޖެޓެކެވެ. އެހެންކަމުން މި އަހަރު ނިމޭ އިރު ވެސް ދަރަންޏަށް އިތުރުވާނެއެވެ.

ހަމައެކަނި ބޭރުގެ ދަރަންޏެއް ނޫނެވެ. އެތެރޭގެ ދަރަނި ވެސް ވަކި ކުޑައެއް ނޫނެވެ. ކޮވިޑާ ގުޅިގެންނާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ބޮޑެތި ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ބޭރުގެ މާލީ ބާޒާރުތަކުގެ މުށް ވަނީ ބާރުވެފައެވެ. އެހެންކަމުން ފައިސާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. 

ނަތީޖާއަކަށް ވަނީ ބަޖެޓް ފޫބެއްދުމަށް ރާއްޖޭގެ މާކެޓްގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ދަރަންޏަށް ނެގުމެވެ. މި އަދަދު އިތުރުވާ ނިސްބަތް ވެސް އެހެން ކަމުން މައްޗެވެ. އަހަރުން އަހަރަށް އެ ދަރަނީގެ އަގު 10.1 ޕަސެންޓް އިތުރުވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. ބޭރުން ނަގާ ދަރަނީގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވެފައި ވަނީ 3.3 ޕަސެންޓްގައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ވެސް ދައުލަތުގެ ދަރަނި ވަރަށް ބޮޑެވެ. އަދި އެ ވެރިކަމުގެ ތެރޭގައި ދައްކަންޖެހިފައި އޮތް ދަރަނި ބޮޑު އިރު ކޮވިޑްގެ ސަބަބުން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ނަތީޖާއަކަށްވީ ދަރަނި ދެއްކުމަށް ވެސް އިތުރު ދަރަނި ނަގަންޖެހުމެވެ. އެކަމަށްޓަކައި ވަގުތީ ހައްލުތަކެއް ކުރީ ސަރުކާރުން ހޯދިއެވެ.

ހުސް ވަގުތީ ހައްލު

ވޯލްޑް ބޭންކުން ބުނީ މިހާރު އެންމެ ބޮޑު އިންޓަރެސްޓެއް އަދާކުރަންޖެހިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނެގި ސަނީ ސައިޑް ބޮންޑް އަދާކުރަން ވިއްކި 500 މިލިއަން ޑޮލަރަކުގެ ސްކޫކަށް ކަމަށެވެ. މިއީ ފަސް އަހަރު ދައްކާ ގޮތަށް ވިއްކި ސްކޫކެކެވެ. އޭގެ ފަހުން ވެސް 100 މިލިއަން ޑޮލަރުގެ ސްކޫކެއް ވިއްކިއެވެ. އެހެން ނަމަވެސް މިއީ ވެސް ހުސް ވަގުތީ ހައްލުތަކެވެ.

މި ދަރަނިތަކުގެ ބުރަ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ސަރުކާރަށް ބޮޑުވާނެއެވެ. އެ ގޮތުން 2026 ވަނަ އަހަރަކީ މި ދަރަނިތައް އަދާކުރަންޖެހޭ އަހަރެވެ. ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުން ނަމަ މި އަހަރާއި އަންނަ އަހަރު ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަދަދު 512 މިލިއަން ޑޮލަރު (7.8 ބިލިއަން ރުފިޔާ) އަށް އަރާނެއެވެ. އަދި 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރު (16.4 ބިލިއަން ރުފިޔާ) އަށް އަރާނެއެވެ.

ކޮންމެ ސަރުކާރެއް ވެސް އަންނަނީ ދެން ކުރިމަތީގައި އޮތް ދައުރަށް ވެސް ފައި ނަގައިގެންނެވެ. އެހެން ކަމުން އެއް ސަރުކާރަކަށް ވުރެ އަނެއް ސަރުކާރަކުން ހިންގަން ބޭނުންވަ ތަރައްގީގެ މަޝްރޫއުތައް ގިނަވެފައި ބިޔަ ބޮޑުވެއެވެ. އެ ދަތުރުގައި ދަރަންޏަށް ވިސްނާ ވެރިންނެއް ނެތެވެ. އެހެންކަމުން ތަރައްގީގެ ކޮންމެ މަޝްރޫއަކާ އެކު ދަރަނީގެ އަދަދުގެ ފަހަތަށް އަދަދެއް ނުވަތަ އަދަދުތަކެއް އިތުރުވެއެވެ. ވެރިކަން ދަމަހައްޓަން އިގްތިސާދާ ނުބައްދަލު މަޝްރޫއުތައް ވެސް ހިންގަންޖެހެއެވެ. އެ މަޝްރޫއުތައް ހިންގަން ދަރަނި ވެސް ނަގަންޖެހެއެވެ. އެހެންކަމުން މިއީ ނިމުމެއް އޮތް ކަމެއް ވެސް ނޫނެވެ.

ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ ދަރަންޏާ މެދު ހުރި ކަންބޮޑުވުންތައް ހާމަކޮށްފައެވެ. މާލީ އިސްލާހުތަކާ ނުލައި ދަރަނި އަދާކުރަން އަދި އިގްތިސާދީ ކުރިއެރުން ދަމަހައްޓަން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެ އަށް ކުރިމަތިވާނެތީ މާލީ އިސްލާޖީ އެޖެންޑާ ތަންފީޒުކުރަން ވޯލްޑް ބޭންކުން ވަނީ ގޮވާލާފައެވެ. ކުދި ކުދި ރަށްތަކުގައި މަގުތަކުގައި ތާރުއަޅައި ބިޔަ ބޮޑެތި ބަނދަރު ހަދައި، ބޭކާރު ހަރަދުތަށްކޮށްފައި ދަރަނި ނެގުމަށް ބޭރުގައުމުތަކުގައި އާދޭސް ކުރުމުގެ ލަދުވެތި ސަޤާފާތް ދޫކޮށްލަން އެބަޖެހެއެވެ.

މި ޒަމާނުގެ ހަގީގީ އަޅުވެތިކަމަކީ ދަރަނީގެ އަޅުވެތިކަން

ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ސަރުކާރުން ނުނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެފައިވީ ނަމަވެސް މަންޒަރު ފެންނަނީ ދިމާ އިދިކޮޅަށެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ރިކަރަންޓް ހަރަދު އިންތިހާ އަށް ބޮޑުވާނެއެވެ. 

ނަތީޖާއަކަށް ވާނީ މިހާރު ވެސް ދަރަނިތައް ދެއްކުމަށް ނަގަންޖެހިފައިވާ ދަރަންޏަށް އަދަދުތައް އިތުރުވެމެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން މިހާރުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ 550 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ހޯދާނީ ބޮންޑް ވިއްކައިގެންނެވެ. މިސަރުކާރުން ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލާފައެވެ. ވުމާއެކު ބާކީ އޮތް 500 މިލިއަން ޑޮލަރު ހޯދުމަށް ވެސް އޮތީ ހަމަ ދަރަނީގެ ވިސްނުމެވެ.

ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް ހަރަދުކުރަންޖެހުމުން ނަތީޖާއަކަށް ވަނީ ބޭރުގެ ކޮންމެ ވެސް ބައެއްގެ އުނގަށް ވެއްޓެއް މަޖުބޫރުވުމެވެ. ދަރަނި ދޭ ބަޔަކު ހިތްރުއްސުމަށް މަސައްކަތް ކުރަންޖެހުމެވެ. އެކަމަށްޓަކައި ގައުމުގެ މިނިވަންކަމާއި ސިޔާސަދަތު ގުރުބާން ކުރުމަކީ އެއްވެސް ސަރުކާރަކުން ވެސް އަދި އާންމު އެއްވެސް ރައްޔިތަކު ވެސް ބޭނުންވާނެ ކަމެއް ނޫނެވެ. 

އެހެން ނަމަވެސް އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން އޮތް ހަގީގަތަކީ މި ޒަމާނުގެ ހަގީގީ އަޅުވެތިކަމަކީ ދަރަނީގެ އަޅުވެތިކަމެވެ. ޒަމާނީ އަޅުވެތިކުރުންތައް ބޮޑަށް ބިނާވެފައި ވަނީ ބެރުގެ ސިފައިން އަރައި ގައުމު ހިފުމަކަށް ނޫނެވެ. ނަމަވެސް ދަރަނި ބޮޑު ގައުމުތަކުގެ އަމިއްލަ ވަންތަކަށް ކުޑަވެ ދަރަނި ދޭ ގައުމުތަކުގެ އިޝާރާތަށް ނެށުން ނޫން ގޮތެއް ނޯވެއެވެ. 

މިއީ ރާއްޖޭގެ މާޒީގެ ފަތްފުށްތަކުން ވެސް އަދި މި ޒަމާނުގެ އެކި ހާލަތްތަކުން ވެސް ފެންނަން އޮތް ހަގީގަތެވެ. މިއަދުގެ ހަޤީޤަތަކީ، ދަރަނީގެ ސަބަބުން ދިވެހިރާއްޖެ އޮތީ ބޮޑެތި ޤައުމަތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި ފައިބުޑަށް ދޫނެރި ލަދުވެތި ހާލަތެއްގައެވެ

ރިއެކްޝަންސް
0
2
0
0
0
0
0