ދިވެހި އުފެއްދުންތެރިންނަށް ޙާއްސަކޮށްގެން ބީސީސީއިން މާލޭގައި ފިހާރައެއް ހުޅުވަނީ
15 ޑިސެމްބަރ 2020 - 13:50
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ “އޮތެންޓިކް
މޯލްޑިވްސް”ގެ ފިހާރައެއް މާލޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.
މ.ކަނީރުވިލާގައި ބީސީސީން ހުޅުވަން ތައްޔާރުވާ މި ފިހާރައިގައި ތަކެތި ވިއްކަން
ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މާލޭގައި ހުޅުވި މި ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ޝައުގުވެރިވާ
ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބީސީސީއިން ވަނީ
ހުޅުވާލާފައެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކަމަށް
އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިޔުންތައް info@bcc.mv އަށް
މެއިލް ކުރުމަށް ބީސީސީން ވަނީ އެދިފައެވެ.
ބީސީސީއިން ދަނީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް
އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ
ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި
ހަމައެހެންމެ މިފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު
ކޮށްދިނުމަކީވެސް ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރާ މި މަސައްކަތުގެ އަމާޒެކެވެ.
މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި ބީސީސީން ވަނީ ދިވެހި އުފެއްދުންތަކަށް
ހާއްސަކޮށްގެން ހުޅުމާލޭގެ ސެންޓްރޯ މޯލްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ
ނަމުގައި ފިހާރައެއް ހުޅުވާފައެވެ. ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް
އެއާރޕޯޓްގައިވެސް ބީސީސީ އޯތެންޓިކް މޯލްޑިވްސްގެ ދިވެހި އުފެއްދުންތަކަށް ހާއްސަ
ފިހާރައެއް ވަނީ ހުޅުވާފައެވެ.