ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލައި ރިކަވަރީ އަށް ވިސްނާކަށް ނުވޭތޯ!
16 ޑިސެމްބަރ 2020 - 10:04
މިއީ ފަހަރުގައި ބައެއް މީހުންނަށް ހަޖަމްކުރަން އުނދަގޫ ވާހަކައަކަށް ވެދާނެއެވެ. ނުވަތަ ސިއްހީ މާހިރުން ނޫނީ ދައްކައިގެން ނުވާނެ ވާހަކައެއް ކަމަށް ގަބޫލުކުރެވިދާނެއެވެ. ނަމަވެސް މިއީ އާންމު މީހާއާ ގުޅިފައިވާ މައްސަލައެވެ. މި ކަމާ ބެހޭ ގޮތުން އާންމު މީހާ ވާހަކަ ދައްކާނީ އޭނާ އަށް ހުރި ދަތިތަކުގެ ސަބަބުންނެވެ. ނުވަތަ އާންމު މީހާގެ އާމްދަނީ އަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުގެ ސަބަބުންނެވެ. އާންމު މީހާގެ ސުވާލަކީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި ނުވަތަ އެކަމަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތަށް ކުރާ ހޭދަ ކުޑަކޮށްފައި އެކަމުން އަރައިގަތުމަށް ކުރަންޖެހޭ ހޭދަ އިތުރުކުރަންޖެހޭ ވަގުތު ނުޖެހޭތޯއެވެ.؟
ފާއިތުވި ދުވަސްތަކުގައި މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު އޮތް ގޮތް ބަލަމާ ހިނގާށެވެ. ހުކުރު ދުވަހު 2،358 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ކަމަށް ދެއްކީ 18 ސާމްޕަލެވެ. އެއީ 0.7 ޕަސެންޓެވެ. ހޮނިހިރު ދުވަހު 1،966 ސާމްޕަލްގެ ތެރެއިން 22 އެވެ. އެއީ 1.1 ޕަސެންޓެވެ. ޖެހިގެން އައި ދުވަހު 2،035 ސާމްޕަލްގެ ނަތީޖާ އިއުލާންކުރި އިރު ޕޮޒިޓިވް ކަަމަށް ދެއްކީ އެންމެ 20 މީހުންނެވެ. އެއީ 0.98 ޕަސެންޓެވެ. ހޯމަ ދުވަހު 1،854 ސާމްޕަލެއްގެ ނަތީޖާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ އިރު ޕޮޒިޓިވް ކަމަށް ދައްކަނީ އެންމެ 11 މީހެކެވެ. އެއީ 0.59 ޕަސެންޓެވެ. ކޮވިޑްގެ ބިރު ނެތީއަކީ ނޫނެވެ. ނަމަވެސް މިއީ އުފާވެރި އަދަދުތަކެކެވެ.
އާންމު މީހާގެ ކަންބޮޑުވުން ވެސް އޮތީ މި އަދަދުތަކާ ގުޅިފައެވެ. އާންމުންގެ މީހަކު އޭނާގެ ހިޔާލު ފާޅުކުރިއެވެ. “ކީއްވެގެންތޯ ދުވާލަކު 2،000 ސާމްޕަލް ނަގަނީ. މީހުން އިތުރުކޮށް ދުވާލަކު 5،000 ސާމްޕަލް ނޫނީ 10،000 ސާމްޕަލް ނަގަންވީ ނޫންތޯ. އޭރުން ގިނަ މީހުން ޕޮޒިޓިވް ކަމަށް ދައްކާނެ. ކޮވިޑް ނޫން އެހެން ބަޔަކަށް އެގޮތަށް ސާމްޕަލް ނެގިޔަސް އެ ނިސްބަތުން ޕޮޒިޓިވް ކަމަށް ދައްކާނެ ނޫންތޯ.”
އާންމު މީހާގެ ސުވާލަކީ ރެންޑަމްކޮށް ނަގާ ސާމްޕަލްތަކުން ޕޮޒިޓިވް ކަަމަށް ދައްކާ އަދަދު އެހާ މަދު އިރު މަގުމަތިން މީހާ ހުއްޓުވައި ސާމްޕަލް ނެގުމުގެ ބޭނުމެކެވެ. އޭނާގެ ސުވާލަކީ ދެނެ ނުގަނެވި އޮތީ ކޮން ކަމެއްތޯއެވެ؟
“މާލޭގައި ސްޕްރެޑް އުޅޭކަން އެބަ އެނގޭ. އަދި އެކަން ވަނީ ކިހިނެއްކަން ވެސް އެބަ އެނގޭ. ދެން އެތައް ބަޔަކަށް އެލަވަންސްދީ މަގުތަކަށް ނެރެގެން މީހުން ހުއްޓުވައި މަޖުބޫރުކޮށްގެން ކޮށް ސަކަރާތެއްތޯ މި ޖަހަނީ،” އާންމުންގެ މީހަކު ހިޔާލު ފާޅުކުރިއެވެ،
އޭނާ ބުނީ ރެންޑަމް ސާމްޕަލް ނެގުމަށް ހަރަދުތަކެއް ކުރުމުގެ ބަދަލުގައި ބަލިވެގެން ކްލިނިކްތަކަށް ދާ މީހުން އެކަނި ޓެސްޓްކުރުމުން ނުފެދޭ ސަބަބުން އޭނާ އަށް ނުސްވިނޭ ކަމަށެވެ. އެތައް ބަޔަކަށް އެލަވަންސްދީގެން އެތައް ދުވަހަކަށް މިކަން ކުރާ ނަމަ ދުވަހަކު ވެސް މިކަމަށް ނިމުމެއް ނާންނާނެ ކަމަށް ވެސް އޭނާ ދެކެއެވެ.
“ހީވަނީ ކޮވިޑްއަކީ އެއްބަޔަކަށް ބޮޑޫ ނިއުމަތެކޭ. ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަން ނުކުރަނީކީ ނޫން. ނަމަވެސް މިއީ ދެން ހުއްޓުމެއް ވެސް އަންނަންޖެހޭ ކަމެއް ނޫންތޯ. އެތައް ބަޔަކަށް އެލަވަންސްތައް ދީގެން މިކަން ކުރުމުގެ ބޭނުމެއް މިހާރަކު ނެތް. ބަލިވީމާ މީހުން ދާނެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް. އެތަންތަނުން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސީމާ އެކަން އެ ނިމުނީނޫންތޯ. ބޭކާރު ހަރަދުތަކެއް،” ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިން އެޅި ފިޔަވަޅުތައް ކިތަންމެހާ ވެސް ކާމިޔާބެވެ. ނަމަވެސް ދިވެހިން އެކަމަށް ދައްކަންޖެހުނު އަގު ވެސް ބޮޑެވެ. އިގްތިސާދީ ގޮތުން އެތައް ދަތިތަކެއް ކުރިމަތިވެއްޖެއެވެ. އެތައް ބިލިއަން ރުފިޔާއެއް އެކަމަށް މިހާރު ވެސް ހޭދަވެއްޖެއެވެ. ނަމަވެސް މިހާރު މިއީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މަސައްކަތްކުރަންވީ ވަގުތެވެ. މިހާރު ވިސްނުން ބަހައްޓަންވީ އެކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށެވެ. ބަޔަކު ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ޓެސްޓްކޮށް ޕޮޒިޓިވް މީހުންގެ އަދަދު ގިނަވޭތޯ ސިއްހީ މާހިރުން އުޅޭހެން ހީވާ ފަހަރު ވެސް އެބަ އާދެއެވެ. އެ ފަރާތްތަކަށް ލިބިފައިވާ ބާރެއް ނުވަތަ ލިބެމުންދާ މާލީ އަދި އެ ނޫން ވެސް ފައިދާތަކެއް ގެއްލިގެން ހިނގައިދާނެތީ އުޅޭހެން ވެސް ހީވެއެވެ.
ސާމްޕަލް ނެގުމުގައި އެކަންޏެއް ނޫނެވެ. ކަރަންޓީންގެ އުސޫލްތަކާ މެދު ވެސް އެތައް ބައެއްގެ ހިތްހަމްނުޖެހުން އެބަ އޮތެވެ. ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އެއް ޕަސެންޓުން މައްޗަށް ނުދާތާ އިރު ހޯމް ކަރަންޓީނާއި ދަތުރުތަކަށް ފަހު ކަރަންޓީން ވުމަށް އޮތް އުސޫލް ބަދަލުނުކުރަންވީ ކީއްވެބާއެވެ؟ އެހެން ގިނަ ގައުމުތަކުން ވެސް މިހާރު އަމަލުކުރަމުން އަންނަ ގޮތަށް ޕީސީއާރު ޓެސްޓްގެ ނަތީޖާއާ އެކު ކަރަންޓީން ނުވަ ރަށްރަށަށް ދަތުރު ނުކުރެވެންވީ ސަބަބެއް ނުވިސްނެއެވެ.