ތާރީހުގެ ތެރެއިން: 1979 ގައި ރާއްޖެއާއި ބެހޭގޮތުން ހެދި ޓީވީ އެޕިސޯޑެއް
25 މެއި 2024 - 10:54
ލިޔުނީ: ޙަސަން މޫސާ
އެމެރިކާގެ ޓީވީ ޗެނަލް ސީބީއެސްއިން 11 ފެބްރުއަރީ 1979 ވީ އާދީއްތަ ދުވަހުގެ ރޭ ނިއު ޔޯކް ގަޑިން 7 ޖަހާއިރު ގެނެސްދިން “60 މިނިޓްސް” އެޕިސޯޑް ފެށުނީ ދިވެހިރާއްޖޭގެ މަންޒަރަކުންނެވެ. އެ ޕްރޮގްރާމުގެ ދުވަސްވީ ކޮރެސްޕޮންޑެންޓް މޯރލީ ސޭފަރ ވާހަކަދައްކަން ފަށާއިރު ފަހަތަށް އަރުވާފައިވަނީ ރާއްޖޭގެ ރަށެއްގެ ހޭޅިފަށާއި، އަތިރިމަތީގައި އެހެލާފައި ހުރި އޮޑިތަކެއް ދައްކުވައިދޭ ފޮޓޯއެކެވެ.
“ދޭތެރެ ދޭތެރެއިން މި ޕްރޮގްރާމުގައި ވަރަށް އާދަޔާ ޚިލާފު ވާހަކަތައް ގެނެސްދޭކަން ބެލުންތެރިންނަށް ހަނދާންކޮށްދޭކަށް ނުޖެހޭނެއެވެ. ވަރަށް ތަފާތު ވާހަކަތަކާއި ދިމާވޭ..”
ކެނެޑާއަށް އުފަން މޯރލީ ދެން ކިޔައިދޭން ފެށީ އޭނާގެ ޓީމު އޭގެ ދެތިން މަސްކުރިން ސިންގަޕޫރަށް ކުރި ދަތުރަކަށް ފަހު ދިވެހިރާއްޖެ “ފެނުން” ގޮތުގެ ވާހަކައެވެ.
“ދުނިޔޭގެ އެސަރަހައްދުގައި އަހަރެމެން ދުވަހަކުސް ނުދާ ތަނެއް އޮވޭ. އެއީ އަހަރެމެން ދަންނަ އެކަކުވެސް ދިޔަ ތަނެއް ނޫން. އަހަރެމެން އެތަން ހޯދަން ދިޔައިރު އެތަން ފެންނާނެކަމެއްވެސް އަހަރެމެނަކަށް ޔަގީނެއް ނޫން”
މޯރލީ ކިޔައިދޭ ގޮތުގައި ރާއްޖެ ފެނުނަސް ރާއްޖެއިން އެމީހުންގެ ބެލުންތެރިންނަށް ކިޔައިދޭ ވަރުގެ ވާހަކައެއް ލިބޭނެ ކަމާއި މެދުވެސް އެމީހުންނަށް ޝައްކެވެ.
ނަމަވެސް، ރިޕޯޓް ފަށާއިރު ފެންނަނީ ރާއްޖެ އައުމަށްފަހު އެމީހުން ވީޑިއޯ ނަގާފައިވާ މަންޒަރުތަކެވެ.
“އިންޑިޔާ ކަނޑުގައި ފައްޗަކަށް އެތުރިފައިވާ އަތޮޅުތަކެއްގެ މައްޗަށް އުފެދިފައިވާ މި ރާއްޖެއަކީ މީހުން އުޅޭ ހިސާބުތަކާއި ވަރަށް ދުރުގައިވާ ގައުމެއް ނަމަވެސް މިއީ ބަޔާންކޮށްދެވޭ ވަރަށް ވުރެ ރީތި ތަނެކެވެ. މިގައުމު އޮންނަނީ އިންޑިޔާގެ ދެކުނަށްވާގޮގޮތަށް، (އިންޑިޔާގެ) ވާތްފަރާތުގައެވެ.”
އަމިއްލަ ބަހެއް ގެންގުޅޭ ރާއްޖޭގެ 130,000 އާބާދީ ފެތުރިފައިވަނީ އިންޑިޔާ ކަނޑުގެ 500 މޭލު ތެރޭގައި އެކިރަށްތަކުގައި ކަމަށް މޯރލީ ސިފަކޮށްދެއެވެ.
މޯރލީގެ ބަސްމަގާއި ވާހަކައިގެ ރާގަކީ މިހާރުވެސް ރާއްޖޭގެ ވާހަކަ ކިޔައިދޭ ހުޅަނގުގެ ގިނަ މީހުންނާއި ދާދި އެއްގޮތް ރާގެކެވެ. ހަމައެކަނި ތަފާތަކީ ރާއްޖެއަކީ ފަތުރުވެރިކަމަށް ދުނިޔެ މަޝްހޫރު ތަނެއް ކަމަށް އޭރު ސިފަނުކޮށްދޭ ކަމެވެ.
އޭނާ ކިޔައިދޭ ގޮތުން ދިވެހިރާއްޖެއިން ދުނިޔެއަށް ދީފައިވާ ހަމައެކަނި އެއްޗަކީ، ކައިރި ކައިރީގައި ގުޅިފައިވާ ރަށްތަކަށް ނިސްބަތްކޮށް ދިވެހިން ކިޔާ ނަން “އަތޮޅު” އިނގިރޭސިބަހުން ބުނެދިނުމަށް އުފައްދާފައިވާ ބަސް “އެޓޯލް” އެވެ.
ރިޕޯޓަށް ދީފައިވާ ނަން “އިޓްސް އަ ލޯންގް ވޭ ޓު ފުރުޑޫ” މިއީ ބ. އަތޮޅު ފުޅަދޫ އަށް ދިޔުމަށް އެމީހުން ކުރި ދަތުރަކަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. ރިޕޯޓުގައި ބައެއް ދިވެހިބަސް ކިޔާއިރު ހުޅަނގުގެ ގައުމުތަކުގެ މީހުން މިހާރުވެސް ދިވެހިބަހުގެ އަޑުތައް ލައްވަން އުޅޭ ވައްތަރު ހަނދާންވެއެވެ.
ރާއްޖެއާއި ބެހޭގޮތުން އެނގުން މުހިންމުކަމަށް މޯރލީ ދެން ފާހަގަކުރާ ކަމަކީ ދިވެހިރާއްޖެއަކީ ވަރީގެ ނިސްބަތް އެންމެ މަތީ ގައުމުކަމެވެ. 1979 ވަނަ އަހަރުގައިވެސް މި “ރިކޯޑު” އޮތީ ރާއްޖޭގައި ކަން މިކަމުން ސާފުވެއެވެ.
ވަރި ގިނަވަނީ ކީއްވެގެންކަމެއް ނޭނގޭ ކަމަށާއި ނަމަވެސް އެމީހުންނާއި ދިމާވި ހުރިހާ ދިވެހި އަންހެނުންނާއި ފިރިހެނުންގެ ރަނގަޅުކަމާއި ހިތްހެޔޮކަމުން މިއީ ހައިރާންވި ކަމެއް ކަމަށް އޭނާ ބުނެއެވެ.
މޯރލީ މާލޭގައި – ވެރިންނާއި ބައްދަލުވާ ގޮތެއް ނުވި
މާލެ އެރުމަށްފަހު މޯރލީ ދާ ތަންތަނާއި ނަގާފައިވާ ބައެއް ވީޑިއޯތަކުން އޭރު މާލެތެރެ އޮންނަ ގޮތް ސިފަވެއެވެ. މާލޭގެ ފަޅުތެރެ ފުރާލާފައިވަނީ ރިޔަލު އެޅި އޮޑިދޯނިފަހަރުންނެވެ. އެކި އެކި މަސައްކަތްތަކުގައި އަވަދިނެތި އުޅޭ ދިވެހިން ދައްކައެވެ. ސަރުކާރުގެ އޮފީސްތަކާއި އެމްބަސީތަކުގެ މަންޒަރުތައްވެސް ރިޕޯޓުގައި ހިމަނައިފައިވެއެވެ.
މޯރލީ ކިޔައިދޭ ގޮތުން އޭރު ރާއްޖޭގައި ހުންނަނީ އެންމެ 3 ގައުމެއްގެ އެމްބަސީއެވެ. އެއީ އިންޑިޔާ، ޕާކިސްތާން އަދި ލީބިޔާއެވެ.
“އާންމުކޮށް ސިކްސްޓީ މިނުޓްސް ޤައުމަކާއި ބެހޭގޮތުން އެޕިސޯޑެއް ހަދާނަމަ، އަހަރެމެން އެ ގައުމެއްގެ އިސްވެރިންނާއި ވާހަކަދެއްކޭތޯ ބަލަމެވެ. އެހެންވެ، އަހަރެމެން ރައީސް ނާސިރާއި ބައްދަލުކުރުމަށް އެދުނީމެވެ.”
ދެން ފެންނަނީ އޭރު ރާއްޖޭގެ ވެރިކަމުން ފައިބަން ތައްޔާރުވެފައިވާ ރައީސް އިބްރާހިމް ނާސިރާއި ބައްދަލުކުރުމަށް އެދި، މުލީއާގޭ ބޭރުގައި މުންނާރު ބުޑުގައި، އަވީގައި މޯރލީ އިށީނދެ އިންނަ މަންޒަރެވެ.
“އިރުކޮޅަކު މަޑުކުރުމަށްފަހު އަހަރެމެންނަށް ސާފުވީ ކަމަކީ، ރައީސް ނާސިރު އަހަރެމެންނާއި ބައްދަލުކުރުމުގެ އެއްވެސް ޝައުޤެއްނެތްކަމެވެ. އާދެ، ރައީސުން ނޫސްވެރިންނާއި ވާހަކަދައްކަން ޖެހޭނެ ކަމަށް ދިވެހިން ނުވަތަ އިނގިރޭސިންވެސް ލިޔެފައިވަނީ ކޮންތާކު ހެއްޔެވެ
“އެހެން ނޫނަސް މިތާ މާލޭގެ އެއްވެސް މީހަކަށް ސީބީއެސް ނުވަތަ ސިކްސްޓީ މިނިޓްސް އެއީ ކޯއްޗެއްކަންވެސް ނޭނގެއެވެ. އަދި އަޅާވެސް ނުލައެވެ” އަމިއްލަ ނަފްސަށް ޖޯކު ޖަހާ ރާގަކަށް މޯރލީ ބުނެލައެވެ.
މޯރލީ ސިފަކޮށްދިން ގޮތުން މާލޭގައި ސަރުކާރުގެ އިދާރާތައް ގިނަކަމުން ވޮޝިންޓަން އާއި އެއްގޮތްވާން ވަނީ ފަށާފައެވެ. އޭރު ހުންނަ ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ނަންބޯޑުތައް މި ރިޕޯޓުގައި ދައްކައެވެ.
މާލޭގެ މަންޒަރުތަކުގެ ތެރޭގައި މާރުކޭޓުގައި މަސްވިއްކާ މަންޒަރުތަކާއި، އެކިކަންކަމު މަސްއޫލުވެގެން އުޅޭ ދިވެހިންގެ މަންޒަރު ދައްކައެވެ.
“ރާއްޖޭގެ ދެން ވެރިޔަކަށް ވާން ހަމަޖެހިފައިވާ ޓްރާންސްޕޯޓް މިނިސްޓަރ މައުމޫން އަބްދުލް ގައްޔޫމްގެ އިންޓަވިޔުއެއްގެ ބަދަލުގައި ދިވެހި އޮޑިވެރިންތަކެއް އެމީހުންގެ ދުވަސްވީ ގޮވެލި ގޮވަމުން އޮޑި އެހެލަން އުޅޭ މަންޒަރު ތިޔަ ފެންނަނީ މައުމޫންވެސް އަހަރެމެންނާއި ބައްދަލުކުރަން ދެކޮޅު ހެދީމައެވެ.” މޯރލީ ކިޔައިދެއެވެ.
ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތު ތެދުކަމަށް ވާނަމަ، އިބްރާހިމް ނާސިރު ވެރިކަމުން ފައިބަން ނިންމަވާފައި، ދެން ވެރިޔަކަށް ވާނޭ މީހެއް ނިންމުމަށް ރައްޔިތުންގެ ވޯޓަކަށް ގޮވާލިއެވެ. ނަމަވެސް ވޯޓު ކަރުދާހުގައި ނަން ހިމެނުމުގެ ހުއްދަ ދެއްވާފައިވަނީ ހަމައެކަނި މައުމޫން އަބުދުލް ގައްޔޫމަށެވެ.
މައުމޫނާއި ބައްދަލުނުވެގެން މިނިސްޓްރީ ބޭރު މަގުމަތީގައި މޯރލީ ހުރިއިރު ފެންނަނީ އިނގިރޭސި ބަހުން ލިޔެފައިވާ ނޫހެއް ކިޔާ ތަނެވެ. އެއީ އޭރު ރާއްޖޭގައި ލިޔެ ޗާޕުކުރާ ހަމައެކަނި އިނގިރޭސި ނޫސް ކަމަށްވާ “މޫންލައިޓް” އެވެ.
ދައުލަތުގެ އިސްވެރިޔަކާއި ބައްދަލުވާގޮތް ނުވެގެން، މާޔޫސްވެގެން މާލެތެރޭގައި އުޅެނިކޮށް ދެން އޭނާއަށް އަޑު އިވެނީ ރޭޑިއޯއިން އެމެރިކާގެ ނަސާރާ އިވެންޖެލިސްޓެއްގެ ޕްރޮގްރާމެކެވެ. މިކަމާއި މީނާ ހައިރާންވީ މިހާ ދުރު ގައުމެއްގައި އޭނާ ގައުމުގެ އަޑުތައް އިވެން ފެށުމުންނެވެ.
މޯރލީ ލަފާކުރާގޮތުގައި ރައީސް ނާސިރު ވަނީ ރާއްޖޭގެ އެއާވޭވްސް އެމެރިކާގެ އިވާންޖެލިސްޓުންނަށް ވިއްކާފައެވެ. ސަބަބަކީ އެވެންޖެލިސްޓުން އެމީހުންގެ ވާހަކަ ދެކުނު އިންޑިޔާއަށް ފޯރުކޮށްދޭން ނުހަނު ބޭނުންވާތީ ކަމަށްވެއެވެ.
ނަމަވެސް ސައްތައިން ސައްތަ މުސްލިމު ރާއްޖޭގެ މީހުންނަށް، ރޭޑިއޯ ޕްރޮގްރާމުގައި އެދައްކާ ވާހަކަތައް ރޭކާވެސް ނުލާކަމަށާއި އެއްވެސް މީހަކު އެކަން މާކަ ބޮޑުކަމަކަށް ނުހަދާ ކަމަށް އޭނާ ބުނެއެވެ. އަދި ރާއްޖެ އިސްލާމްވުމަށް ފަހު އެންމެންވެސް އުޅެނީ އިސްލާމްދީނަށް ކަމަށްވުމުން މިތަނަށް ފައްޅިއެއް ބޭނުން ވެގެން މީހަކު ނޫޅޭކަމަށް އޭނާ ކިޔައިދެއެވެ.
ދިވެހީން ސިފަކޮށްދެނީ ސުލްހަވެރި ބައެއްގޮތުގައި
އެޕިސޯޑު ފަށަމުން ދިން ތައާރަފުގައި ދިވެހިރާއްޖެ ސިފަކޮށްދިން ގޮތުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ހަނގުރާމަތަކުގައި ވަކިކޮޅެއް ނުނަގާ “ނަން އެލައިންޑް” ގައުމެކެވެ. މޯރލީ ސިފަކޮށްދިން ގޮތުން އާންމު ދިރިއުޅުމުގައިވެސް ދިވެހިންނަކީ އަނިޔާ ކުރުމާއި ދުރު، ސުލްހަވެރި ބަޔެކެވެ.
“ދިވެހިންނަކީ ވަރަށް މަޑުމައިތިރި ބައެއް. މާރާމާރީއެއްގެ ވާހަކަ އެއްވެސް ވަރަކަށް ނީވޭ. އެއް ދިވެއްސެއް އަނެއް ދިވެއްސަކާއި ވަރަށް އަނިޔާ ނުކުރޭ. “
“ނަމަވެސް، މިދިޔަ އަހަރު މާލެ އައި ޖަރުމަނުގެ ފަތުރުވެރިޔަކު އޭނާގެ ލޯބިވެރިޔާ ގަޔަށް ވަޅިޖަހައި މަރާލި. އަހަރެމެންނަށް މައުލޫމާތު ލިބުން ގޮތުގައި، މިއީ ކުށް އެހާ މަދު ގައުމަކަށް ވުމުން، މިތާގައި މަރުގެ ހުކުމެއް ނޯވޭ. އޭނާ ލާނެ ޖަލެއްވެސް މިތާގައި ނެތް.”
“ނަމަވެސް މިކަމަށް ވަރަށް ދިވެހިވަންތަ ހައްލެއް ހޯދި. އެއީ ރައީސް ނާސިރުގެ ސިޔާސީ ވާދަވެރިންނާއި ދެކޮޅަށް އެތައް އަހަރުތަކެއް ވަންދެން ބޭނުންކުރަން ދިޔަ އަދަބެއް – އަރުވާލުން”
ރިޕޯޓުގެ ބާކީ އޮތް ބައިގައި މޯރލީ މަސައްކަތް ކުރަނީ އެ ޖަރުމަނު ފަތުރުވެރިޔާ އާއި ބައްދަލުކުރުމަށް އޭނާ އަރުވާލާފައިވާ ބ. ފުޅަދޫ އަށް ދިޔުމަށެވެ. ގަބޫލުކުރެވޭ ގޮތުގައި ރިޕޯޓަށް ދީފައިވާ ނަން “އިޓްސް އަ ލޯންގް ވޭ ޓު ފުރުޑޫ” އަކީ އެމީހުން ފުޅަދޫ ކިޔަން ނޭނގިގެން ކިޔިފައިވާ އެއްޗެކެވެ.
ވަރަށް މަސައްކަތުން އޭނާގެ ޓީމަށް ފުޅަދޫއަށް ގެންގޮސްދޭނެ އޮޑިއެއް ވެއްޖެއެވެ. “ދަންޑެހެލު” ކިޔާ މި ބޮޑު ނަވަކީ ސިލޯނަށް ހިކިމަސް ގެންދަން މަސައްކަތްކުރާ ފަސްރިޔަލުގެ ބޮޑު ނަވެކެވެ.
ދެން ފެންނަނީ މޯރލީ ނަވުގެ ދިރުނބާކޮޅުގައި އިނދެގެން މަޖާ ރާގަކަށް އޭނާއަށް ޖެހިފައިވާ ހާލު ކިޔައިދޭ މަންޒަރެވެ.
“އަހަރެމެން މިދަނީ މާލެއިން “ފުރުޑޫ” އަށް! ރެޔާއި މިއަދުގެ ބޮޑުބައިގައިވެސް އަހަރެމެން މިއުޅުނީ ކަނޑުމަތީގައި އެކަމު އަދިވެސް ހިކިފަސްތަނެއް ފެންނަ ވަރެއް ނުވޭ.”
ދިވެހިން ގަޑި ކިޔާ ގޮތާއި ވަގުތަށް ސަމާލުނުވާ މިންވަރަކީ، އަދިއަދަށް ދަންދެންވެސް ރާއްޖެ އަންނަ ހުޅަނގުގެ މީހުންނަށް ފަހުމު ކުރަން ދަތިކަމެކެވެ. އެހެންކަމުން، މިކަން މޯރލީއަށް ފުރަތަމަ ރޭކާލި ގޮތް ކިޔައިދޭ ގޮތުން ކުޑަކޮށް ހިނިއާދެއެވެ.
“ދިވެހިން ގަޑިއާއި ދުރުމިން ލަފާކުރާ ގޮތް ކުޑަކޮށް ރަނގަޅު ކޮށްލަން އެބަޖެހޭ. އަހަރެމެން ކައިރީ ބުނީ މި ދަތުރަށް ނަގާނީ ހަ ގަޑިއިރު ކަމަށް. އަހަރެމެން މިހާރު މިދަނީ ދަތުރުގެ ތިންވަނަ ދުވަސް ފެށުމާ ގާތްވަމުން”
އެންމެ ފަހުން ފުޅަދޫއަށް ދެވުމުން އެރަށަށް ފައިބާއިރު ރަށުގެ ރައްޔިތުން ހަބަރު ބަލަން އެއްވެ ތިބޭތަން ފެނެއެވެ. މޯރލީ ހޯދަން ދިޔަ ޖަރުމަނު ފަތުރުވެރިޔާ ޔޯކިން ބްލަމް އާއި މާ ލަސްތަކެއް ނުވެ ދިމާވެއެވެ.
އޭނާ އެރަށަށް އަރުވާލިތާ އޭރު ދެއަހަރު ވަނީއެވެ. ދިވެހި ބަސް ދަސްކޮށްފިއެވެ. މިހާރު އޭނާ އުޅެނީ އެރަށު އަންހެންކުއްޖަކާއި އިނދެގެންނެވެ.
ބްލަމް ކިޔައިދޭ ގޮތުގައި އެރަށަށް އަރުވާލުމުން އޭނާގެ ދިރިއުޅުމާމެދު މާ ހިތްހަމަޖެހެއެވެ. މިނިވަން ވިޔަސް ދެން އެނބުރި ޖަރުމަނަށް ބަދަލުވާން އޭނާ ބޭނުންނުވާ ކަމަށާއި ދިވެހި ބަހުން ވާހަކަދައްކާތާ ގިނަދުވަސް ވެފައި ވުމުން އިނގިރޭސިން ވާހަކަދައްކަންވެސް އުނދަގޫ ކަމަށް އޭނާ ބުނެއެވެ. އަދި މިހާރު ގަޑިއާއި ތާރީހުވެސް އޭނާއަށް ޔަގީންނުވާކަމަށް ބުނެއެވެ.
ރާއްޖެ ހުޅުވެނީ – އަންނަން ބޭނުން މީހުން ގިނަ
ފުޅަދޫގައި ބްލަމް އުޅޭ މަންޒަރުތަކަށް ފަހު، ދެން މޯރލީ ކިޔައިދެނީ ރާއްޖޭގައި ފެށިގެން ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ވާހަކައެވެ. އޭރު އަންނަނީ ވަރަށް މަދު ފަތުރުވެރިން ނަމަވެސް އެ އަދަދު ގިނަވާނެކަން ޔަގީންކަމަށް މޯރލީ ކިޔައިދެއެވެ. ޖެހިގެން އަންނަ 1980 ވަނަ އަހަރު ފަތުރުވެރިންގެ އަދަދު 40,000 އަށް އަރާނެ ކަމަށް ލަފާކުރެއެވެ.
އޭނާ ކިޔައިދޭ ގޮތުގައި ފަތުރުވެރިން ދަނީ ދިވެހިން އުޅޭ ރަށްރަށަކަށް ނޫނެވެ. އެވެރިން ދަނީ ރައީސް ނާސިރު ނުވަތަ ރައީސް މައުމޫން ނުވަތަ އެވެރިންގެ ގާތް މީހުން މާލެ ކައިރީ ހިންގާ ރިސޯޓުތަކަށެވެ.
“ފަތުރުވެރިން ރާއްޖެ އަންނަނީ އިރުގެ އަވީގައި ޓޭންކުރަން ތިބެން ނުވަތަ ކަނޑު އަޑީގެ މަންޒަރުތަކާއި ނުރައްކާތައް ބަލާލަން. އެކަމަކު އެމީހުން މި މަޑުމައިތިރި، އާދަޔާހިލާފު މުޖުތަމައު އަކަށް މާބޮޑު ސަމާލުކަމެއް ނުދޭ. އަދި ދިވެހިން ފަތުރުވެރިންނަށް މާކަބޮޑު އަޅާލުމެއް ނުބަހައްޓާ.” މޯރލީ ކިޔައިދިނެވެ.
އެކަމަކު އޭރު ރާއްޖެ އަންނަން ބޭނުންވެގެން އުޅެނީ ހަމައެކަނި ފަތުރުވެރިންނެއް ނޫނެވެ.
މޯރލީ ކިޔައިދޭ ގޮތުގައި އައްޑު އަތޮޅު ގަމުގައި އިނގިރޭސިން އެޅުމަށްފަހު ދޫކޮށްލާފައިވާ އެއާބޭސް ބޭނުންވެގެން ރަޝިޔާއިން ވަނީ ރާއްޖެ ސަރުކާރަށް އަހަރަކު 1 މިލިއަން ޑޮލަރު ދޭން ހުށައަޅާފައެވެ. އެދުވަސްވަރަކީ ފިނި ހަނގުރާމައިގެ މެދުތެރެ ކަމަށްވުމުން ރަޝިޔާއިން ބޭނުންވަނީ ރާއްޖޭގެ ދެކުނުގައިވާ ޑިއޭގޯ ގާސިއާގައިވާ އެމެރިކާގެ އެއާބޭސް އަށް ފާރަލުމަށެވެ.
ނަމަވެސް، އެހެން ގައުމުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކު ތެރެއަށް ވަންނަން ބޭނުންވާ ރާއްޖެއިން ވަނީ ރަޝިޔާގެ އެ ހުށައެޅުމަށް އިންކާރުކޮށްފައެވެ.
މިލިޔުމަށް މައުލޫމާތު ހޯދާފައިވަނީ ސީބީއެސްގެ 60 މިނުޓްސް އެޕިސޯޑް “އިޓްސް އަ ލޯންގ ވޭ ޓު ފުރުޑޫ” އިންނެވެ.