ނުދައްކާ ވާހަކަ: ދުވަހަކު ޔުނިވާސިޓީއަކަށް ނުގޮސް ނަގާ ޑިގްރީތައް!

26 މެއި 2024 - 14:25

އެކުގައި އުޅުނު ރައްޓެސެކެވެ. ކޮންމެ ދުވަހަކުހެން ދިމާވެއެވެ. ސޯޝަލް މީޑިއާ އިން ކުއްލިއަކަށް ފެނުނީ މާސްޓާސް ހާސިލްކޮށްގެން ނަގާފައި އިން ފޮޓޯއެކެވެ. ހަމަ ގައިމު ވެސް ދުވަހަކު ވެސް އޭނާ ކޮލެޖަކަށް ނުވަތަ ޔުނިވާސިޓީއަކަށް ނުދެއެވެ. އޮންލައިންކޮށް ކްލާސްތަކެއް ނުނަގާ ކަމެއް ނޭނގެއެވެ. އޮފީސް ނިންމާފައި ހަވީރާއި ރޭގަނޑު ވެސް ގިނައިން ފެންނަނީ ކޮފީގައި އިންދައެވެ.

ކޮވިޑްގެ ހާލަތު ފިލައިގެން ދިޔަ ނަމަވެސް އޮންލައިންކޮށް ތައުލީމު އުނގެނުން ވަނީ ފުޅާވެ އާންމުވެފައި

ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ތައުލީމު އުނގެނުމަށް ހުރި ފުރުސަތުތައް އިންތިހާ އަށް ގިނަ އެވެ. އުނގަންނައިދޭ ތަންތަން ވެސް ގިނައެވެ. އެހެންކަމުން ފާހެއް ނެގުމަކީ މި ޒަމާނުގައި މާ ބޮޑު ކަމެއް ނޫނެވެ. އެކަމަށްޓަކައި ކޮންމެހެން ކޮލެޖެއް ނޫނީ ޔުނިވާސިޓީއަކަށް ދާކަށް ވެސް ނުޖެހެއެވެ. އެހެންވެ މިހާރު ގިނަ މީހުންނަކީ ޑިޕްލޮމާއެއް ނުވަތަ ޑިގްރީއެއް އޮންނަ މީހެކެވެ. 

advertisement

މާސްޓާސް އޮތް މީހުން އަދި މާ ގިނަ އެވެ. މީގެ ކުރިން ޕީއެޗްޑީއަކީ މާ އުނދަގުލުން ހާސިލްކުރެވޭ ފާހެއް ކަމަށް ބެލުވުނަސް އެ ދުވަސް ވެސް މާޒީ ވެއްޖެއެވެ. އެއާ އެކުއެކީގައި މި ފާސްތަކުގެ ބުރަދަން ވެސް ކުޑަވެ، ފާސްތަކާ މެދު ޝައްކުކުގެ ނަޒަރުން ބަލާ މީހުން ގިނައެވެ.

އޮންލައިން މެދުވެރިކޮށް ކިޔަވައިދިނުމާއި ޒަމާނީ ނިޒާމުގެ ތެރެއިން ކޮލެޖް ނުވަތަ ޔުނިވާސިޓީ އަށް މީހާ ހާޒިރު ނުވިޔަސް އުނގެނޭނެ ގޮތްތައް މިހާރު ވަނީ އީޖާދުކޮށްފައެވެ. ހާއްސަކޮށް ކޮވިޑްގެ ހާލަތުގައި އެތައް ބަޔަކު ގެތަކުގައި ނުވަތަ ތަންތަނުގައި ތާށިވެފައި ތިބެންޖެހުމާ އެކު މި ޓެކްނޮލޮޖީ އަށް ވަނީ އިންގިލާބީ ބަދަލެއް އައިސްފައެވެ. އެހެންކަމުން ކޮވިޑްގެ ހާލަތު ފިލައިގެން ދިޔަ ނަމަވެސް އޮންލައިން މެދުވެރިކޮށް ތައުލީމު އުނގަންނައިދިނުން ވަނީ ވަރަށް ބޮޑަށް ފުޅާވެ އާންމުވެފައެވެ.

ބައެއް ފަރާތްތަކުން އަދިވެސް ގަބޫލުކުރާ ގޮތުގައި އެކަށީގެންވާ ތައުލީމެއް ހާސިލްކުރެވޭނީ އެ ދާއިރާއަކުން އެކަށީގެންވާ ތައުލީމުގެ އިތުރުން “ފިޒިކަލް” ތަޖުރިބާ ވެސް ހާސިލްކުރެވިގެންނެވެ. އެ ގޮތުން ޔުނިވާސިޓީއަކަށް ހާޒިރުވެ ލެކްޗަރާއިންނާއި ޕްރޮފެސަރުންގެ އެހީ ލިބިގެން ނޫނީ ޕީއެޗްޑީއެއް ހާސިލްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރާ މީހުން ގިނައެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް ނުކޮށް ވެސް ޕީއެޗްޑީ ސެޓްފިކެޓް ހާސިލްކުރާ މީހުން މިހާރު އަންނަނީ އިތުރުވަމުންނެވެ.

ކަމެއް ނުކޮށް ވެސް ޕީއެޗްޑީ ސެޓްފިކެޓް ހާސިލްކުރާ މީހުން މިހާރު އަންނަނީ އިތުރުވަމުން

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރަކު ވިދާޅުވީ ސެޓްފިކެޓްތަކުގެ ތެރެއިން އެންމެ ފަސޭހައިން މިހާރު ހާސިލްކުރެވެނީ މާސްޓާސް ޑީގްރީ ކަމަށެވެ. އެއީ ގްރެޖުއޭޓް ނުވި ނަމަވެސް އެ ދާއިރާއެއްގައި ހުންނަ ތަޖުރިބާއަށް ބަލާފައި މާސްޓާސް އަށް ކޮލިފައިކުރުމަށް ގެންގުޅޭ މިންގަނޑުގެ ސަބަބުންނެވެ. އެހެން ކަމުން ޑިގްރީ ނުހަދައި މާސްޓާސް އަށް ކިޔަވާ ދަރިވަރުން ގިނަކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި މިފަދަ ގިނަ ޕްރޮގްރާމްތަކަކީ ޔުނިވާސިޓީއަކަށް ހާޒިރުވުމެއް ނެތި އޮންލައިން ކްލާސްތަކުން ފުރިހަމަ ކުރާ ޕްރޮގްރާމްތައް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

“މިސާލަކަށް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ވަރަށް ގިނަ ކޯސްތައް އެބަހުރޭ ޑިގްރީ ސްކިޕްކޮށްފައި ހަޔާ ޑިޕްލޮމާއަކާ އެކީގައި ތަޖުރިބާ އަށް ބަލާފައި މާސްޓާސް ފުރިހަމަކުރެވޭ. އެހެންކަމުން ގިނަ ބަޔަކު އެބަ އެ ގޮތަށް ވެސް މާސްޓާސް އެބަ ހާސިލްކުރޭ. އެކަމުގައި ގޯހެއް އޮތީކީ ނޫން. ނަމަވެސް ގިނަ ފަހަރަށް މި ޕްރޮގްރާމްތައް މި ހަދަނީ އޮންލައިން ކްލާސްތަކަށް އެޓެންޑް ވެގެން. އޭގެ ސަބަބުން ހަގީގަތުގައި ދޭންޖެހޭ ސަމާލުކަން ނުދެވި ފެންވަރު އެބަ ދަށްވޭ،” ކުރިން ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވިއެވެ.

އޭނާގެ ނަޒަރުގައި މާސްޓާސްއާ ހަމައަށް ދާއިރު ކޮލެޖް ނުވަތަ ޔުނިވާސިޓީއަކުން ކޮންމެވެސް މިންވަރެއްގެ ތައުލީމެއް ހާސިލްކޮށްފައި ހުރުން މުހިންމެވެ. އަދި އޮންލައިން ކްލާސްތަކުން އެކަނި ދަސްވާ އެއްޗަކުން ސެޓްފިކެޓް ލިބޭ ނަމަ ކޮންމެ މީހަކަށް ވެސް އެ ސެޓްފިކެޓް ހާސިލްކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ސެޓްފިކެޓްގެ “ވެލިއު” ދަށްވާނެ ކަމަށް އޭނާ ދެކެއެވެ.

މީގެ އިތުރުން އޮންލައިންކޮށް ކިޔަވާ އިރު އެކުވެރިން ގާތް މީހުން ލައްވާ ފިލާވަޅުތަކާއި އެސައިންމެންޓްތައް ހެދުން ވެސް ވަނީ އާންމު ވެފައެވެ. ފައިސާ ދީގެން އެސައިންމަންޓް ހަދާ މައްސަލަ ވެސް އިންތިހާ އަށް އެބަ އޮތެވެ. މި ގޮތަށް ކަންކަން ވުމުގައި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ މައްސަލަ ވެސް ފާހަގަކުރެވެއެވެ. 

ހާއްސަކޮށް ތައުލީމު އުނގަންނައިދިނުމުގައި މާލީ މަންފާ އަށް އިސްކަންދިނުމުގެ ސަބަބުން ފައިސާ ދީގެން އެސައިންމަންޓްތައް ހެދުމަށް މިފަދަ އިދާރާތަކުގެ ލެކްޗަރާއިންނާއި އުނގަންނައިދޭ ފަރާތްތަކުން މަގުފަހިކުރުވާކަން ވެސް ފާހަގަކުވެއެވެ.

މީގެ ކުރިން ވިސްނިފައި އޮތް ގޮތުން ޕީއެޗްޑީއެއް ހާސިލްކުރެވެނީ ރެއާ ދުވާލު ބުރަ މަސައްކަތްކޮށް ތިން ހަތަރު އަހަރު ދުވަހު ކިޔަވައި އެތައް ދިރާސާތަކެއްކޮށް، އެތައް ޕްރޮފެސަރުންނާއި ލެކްޗަރާއިންގެ އެހީގައެވެ. އެހެން ނަމަވެސް ޔުނިވާސިޓީ ތައުލީމު ހާސިލްކުރުމެއް، ދުވަހަކު ޔުނިވާސިޓީއަކަށް ނު ގޮސް ވެސް ޕީއެޗްޑީ ހާސިލްކުރާ ތަން ވެސް އެބަ ފެނެއެވެ. ނަމުގެ ކުރިއަށް “ޑރ.” ޖަހައިގެން އުޅޭ މީހުން ވަރަށް ގިނަ ވެއްޖެއެވެ. 

ރިއެކްޝަންސް
0
0
2
4
0
1
1