ނުދައްކާ ވާހަކަ: ކޮންމެ ކަމެއްގައި މެންބަރު އަރިހަށް!

30 މެއި 2024 - 14:19

ދަރިފުޅު ގޮވައިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާންޖެހުނީ އެވެ. އެންމެ ފުރަތަމަ ވެސް ބަލަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާ ތަމްސީލްކުރާ މެންބަރާ ގުޅޭނެ ގޮތެކެވެ. ހާއްސަކޮށް ތާއީދުކުރާ ޕާޓީ އަށް ނިސްބަތްވާ މެންބަރެއްގެ ނަމަ އެ ނޫން ގޮތެއް ނެތް ކަމަށް ވިސްނެއެވެ. ގުޅޭނެ ގޮތެއް ނެތް ނަމަ ދަންނަހާ މީހެއް ކައިރިން އަހައިގެން ވެސް މެންބަރު މެދުވެރި ކުރުވަންޖެހެއެވެ. އެ ނޫން ގޮތަށް ދައުލަތުން އެހީއެއް ނުލިބޭނެއޭ ޔަގީންވެފައި އޮންނަލެއް ބޮޑީއެވެ.

ސަރުކާރުތަކުން މުޅި ނިޒާމު ބައްޓަންކޮށްފައި އޮތް ގޮތް

ކޮންމެ ކަމެއްގައި ދާއިރާގެ މެންބަރަށް އާދޭސް ދަންނަވަންޖެހޭ ކަމަށް މީހުންނަށް ވިސްނިފައި އޮތީ ޒަމާންތަކެއް ވަންދެން އެ ނިޒާމު ބައްޓަންކޮށްފައި އޮތީމައެވެ. މިއީ ގަސްތަކާ ނުލައި ނަމަވެސް ސަރުކާރުތަކުން މުޅި ނިޒާމު ބައްޓަންކޮށްފައި އޮތް ގޮތެވެ. މީގެ ކުރިން ފޮތް ފަންސޫރާއި ސްކޫލަށް ބޭނުންވާ ސާމާނު ހޯދުމަށް ވެސް މި ނޫން މަގެއް ނޯވެއެވެ. 

advertisement

ކޯސް ފީ ދެއްކުމާއި ބޭސް ސިޓީ އަށް ސަރުކާރުގައި ސަލާންޖެހުމަށް މެދުވެރިއެއްގެ ރޯލު އަދާކުރަނީ ދާއިރާގެ މެންބަރެވެ. ފޮތް ފަންސޫރާއި ބޭސް ސިޓީ އާއި ކޯސް ފީ ހިލޭ ލިބޭ ނިޒާމެއް ގާއިމުކުރެވިއްޖެ އެވެ. އެހެން ނަމަވެސް އަދިވެސް ދާއިރާގެ މެންބަރަށް އާދޭސްކުރަން ނުޖެހޭ ގޮތަށް ނިޒާމު ބައްޓަން ކުރެވިފައެއް ނުވެއެވެ. ނުވަތަ މީހުންނަށް އެކަން ވިސްނިފައިވާ ގޮތް ބަދަލުކުރެވިފައެއް ނުވެއެވެ.

“އާސަންދަ، އެންސްޕާ، ސްޓުޑެންޓް ލޯނު، ވިޔަފާރި ލޯނު، ބިދޭސީ ކޯޓާ، ދަރުމަވަންތަ ޕްރައިވެޓް ކޮޓަރި އަދި މި ނޫންވެސް ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީ ކޮންމެ ރައްޔިތަކަށް ވެސް އުސޫލުގެ ތެރެއިން އިންސާފުވެރިކަމާއި އެކު ލިބެންޖެހޭ ހިދުމަތްތައް. މަޖިލީސް އިންތިހާބަށް ކުރިމަތިލީ ދުވަހުން ފެށިގެން އެންމެ ގިނަ ރައްޔިތުން އަޅުގަނޑަށް ގުޅަނީ މިފަދަ ކަންކަމުގައި. އެހެން އެކަން ވާންޖެހެނީ ނިޒާމުގެ ތެރެއިން ހިދުމަތް ލިބުމުގައި ލަސްކަމާއި, ދަތިކަން އުޅޭތީ،” މި ހަފުތާގައި އަލަށް ހުވައިކުރެއްވި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.

ކެމްޕެއިންގެ ދުވަސްވަރު ވެސް އަދި މިދިޔަ ސަރުކާރުގައި އިދިކޮޅުގައި ހުންނަވައި ވެސް އަޒާން ވަކާލާތު ކުރެއްވީ މި ކަމަށެވެ. މިއަދު ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރައްވައި ހުވާކުރައްވައި ވިހި ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ވެވަޑައިގެން ފުރަތަމަ ފާޅުކުރެއްވި ޝުއޫރަކީ ވެސް މިއީއެވެ.

“ދާއިރާގެ މެމްބަރަށް ގުޅައިގެން ނޫނީ ނުފޫޒުގަދަ އެހެން މީހަކަށް ގުޅައިގެން މި ކަންކަން ކުރަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ. 20 ވަނަ މަޖިލީހުގައި އަޅުގަނޑު މިކަންކަމަށް ހައްލެއް ގެންނަން މަސައްކަތް ކުރާނަން،” ނިމިދިޔަ ސަރުކާރު ޖަވާބުދާރީކުރެއްވުމުގައި ނޫސްވެރިއެއްގެ ގޮތުގައި މުހިންމު ދައުރެއް ވެސް އަދާކުރެއްވި އަޒާން ވިދާޅުވިއެވެ.

އުސޫލްތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްދާނީ އޭގެ ބޭރުން ކަންކަން ކުރުމަށް އޮތް ދޮރު ބަންދު ވެގެން

ދާއިރާގެ މެންބަރަކީ ސަރުކާރަށް އާދޭސް ކުރުމަށް މެދުވެރިކުރާ ފަރާތަކަށް ވާންޖެހެނީ ސިސްޓަމް ބައްޓަންކޮށްފައި އޮތް ގޮތުންނެވެ. ކުދި ކުދި ކަންކަމުގައި އެ ނޫން ގޮތަކަށް ކަންކުރުމަށް އޮންނަ މަގު އުނދަގުލީއެވެ. ސަރުކާރުގައި ކަމަކަށް އެދުނީމައި ވަކި މީހަކު މެދުވެރި ނުކޮށް ވެސް އޮންނަ އުސޫލުން ކަނޑައަޅާފައި އޮންނަ މުއްދަތެއްގައި އެކަން ވާ ނަމަ މެންބަރުގެ އަރިހުގައި އާދޭސްކުރާކަން ނުޖެހޭނެއެވެ. އެހެން ނަމަވެސް ނިޒާމު އޮތީ އެ ގޮތަކަށް ނޫނެވެ. އާސަންދަ އާއި އެންސްޕާ އިން އެހީ ހޯދަން މެންބަރު މެދުވެރިކޮށްފި ނަމަ ލިބޭލެއް ފަސޭހައެވެ. އަދި ލިބޭ މިންވަރު ވެސް ތަފާތުވެއެވެ.

ސްޓޫޓެންޑް ލޯނުގެ ޝަރުތު ހަމަވިޔަސް މެންބަރާ ގުޅުމުން ޔަގީންކަން ބޮޑުވެއެވެ. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ލޯނު ދޭނެ ކަމަށް ސަރުކާރުން އިއުލާނު ކުރިޔަސް މެންބަރަށް ގުޅައިނުލައި ހަމަ ހިތަހަމަ ނުޖެހެނީއެވެ. ނުލިބިދާނެ ކަމުގެ ޝައްކު ބޮޑީއެވެ. ނުވަތަ މެންބަރު މެދުވެރިވެއްޖެ ނަމަ ޔަގީނުން ވެސް އެކަން ހަމަޖެހޭނެ ކަމަށް ހީވަނީއެވެ. މާޒީގައި ކަން ހިނގާފައި ހުރީ ވެސް އެފަދަ ގޮތަކަށެވެ. 

އެހެން ނަމަވެސް ސްޓޫޑެންޓް ލޯނަކީ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ލިބޭނެ އެއްޗެއް ކަމަށް ސަރުކާރުން އެ ވަނީ އިއުލާނުކޮށްފައެވެ. އެ ކަމުގައި ދާއިރާގެ މެންބަރު ނޫނީ ސަރުކާރުގެ އިސް ބޭފުޅަކު ނުވަތަ ޕާޓީގެ ނުފޫޒު ގަދަ މީހަކު މެދުވެރިކުރާކަށް ވެސް ނުޖެހެއެވެ.

އަޒާންގެ ވާހަކަ ބަރާބަރެވެ. އެހެން ނަމަވެސް އެކަން ރަނގަޅު ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނެ ފަދަ މަގާމެއްގައި މި ވަގުތު ހުންނެވީ ވެސް އެ ބޭފުޅާއެވެ. މަޖިލީހުގައި ހުންނެވީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.

އެހެން ކަމުން އެކަމަށް ވަކާލާތުކުރެއްވުމުގެ އިތުރުން ސަރުކާރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގާނޫނީ ގޮތުން ގެނައުމުގެ ބާރު އޮތީ ވެސް އެ ބޭފުޅުންގެ އަތުގައެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް މެންބަރު ނުވަތަ ސަރުކާރުގެ އިސް ބޭފުޅުން މެދުވެރި ނުކޮށް ވެސް ކަނޑައެޅޭ އުސޫލާ އެއްގޮތަށް އޮންނަ މުއްދަތެއްގައި އެކަން ހަމަޖެހޭނެ ގޮތަށް ނިޒާމު ބައްޓަންކުރަންވީއެވެ. 

އެހެން ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ އުސޫލްތަކާއި ގަވާއިދުތައް ކަނޑައެޅި ނަމަވެސް އެކަން އެ ގޮތަށް ކުރިއަށްދާނީ އޭގެ ބޭރުން ކަންކަން ކުރުމަށް އޮތް ދޮރު ބަންދު ވެގެންނެވެ. އުސޫލްތަކާއި ގަވާއިދުތައް އޮތް ނަމަވެސް އޭގެ ބޭރުން މެންބަރަށް ނޫނީ ސަރުކާރުގެ އިސް ބޭފުޅަކަށް އެކަން ކުރެވޭނެ މަގު އޮތް ނަމަ މި ޝަކުވާ އަށް ދުވަހަކު ވެސް ހައްލެއް ނޯންނާނެއެވެ. 

އަދި މިއި ހަމަ އެކަނި އަޒާން އަށް ވެސް ކުރެއްވޭނެ ކަމެއް ނޫނެވެ. މިފަދަ ކަންކަމުގައި ރައްޔިތު މީހާ އެދޭ ނަމަ އެކަން އޮންނަ ގޮތް ސާފުކޮށްދިނުމަށް ފަހު ނޫނެކޭ ވިދާޅުވެވެންޖެހޭނެއެވެ. އެ ނޫން ގޮތަކަށް މި ކަމަށް ހައްލެއް ނެތެވެ. ނަމަވެސް ސުވާލަކީ މި އިހްލާސްތެރިކަން މެންބަރުންގެ ކިބައިގައި އެބަ ހުރި ހެއްޔެވެ؟

ރިއެކްޝަންސް
0
2
0
0
0
0
0