ހިޔާ ފްލެޓްތަކުގެ ތިރީބައި ކުއްޔަށް ދޭން ހުޅުވާލައިފި
20 ޑިސެމްބަރ 2020 - 11:32
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަލުގެ ތިރީ ބައި ކުއްޔަށް ދޭން ހުޅުވާލައިފިއެވެ.
ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮމާޝަލް އޭރިޔާގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަށް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ މުހިންމު ފަސް ހިދުމަތެއް ދިނުމަށް އަމާޒުކޮށްގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކްލިނިކާއި ފާމަސީގެ ހިދުމަތާއި ސުޕަމާޓާއި ކާބޯތަކެތި ވިއްކާ ކުދި ފިހާރަތަކާއި ކެފެޓީރިއާ އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކްލިނިކް ހިންގުމަށް 2،196 އަކަފޫޓުގެ ޖާގައެއް ކުއްޔަށް ދިނުމަށް ހަމަޖައްސާފައިވާ އިރު ފާމަސީ އަށް 542 އަކަފޫޓުގެ ޖާގައެއް ކަނޑައަޅާފައި ވެއެވެ. މި ތަންތަން ކުއްޔަން ހިފަން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 21 ގެ ކުރިން ބީލަން ހުށަހަޅަން ޖެހެއެވެ.
މީގެ އިތުރުން ސުޕަމާޓް ހިންގުމަށް 3،000 އަކަފޫޓުގެ ޖާގައެއް ދޫކުރުމަށް ހަމަޖައްސާފައިވާ އިރު ކާބޯތަކެތި ވިއްކާ ކުދި ފިހާރަތަކަށް 1،000 އަކަފޫޓު ހަމަޖައްސާފައި ވެއެވެ.
ކެފެޓޭރިއާ ހިންގުމަށް ދޫކުރުމަށް ހަމަޖައްސާފައި ވަނީ 926 އަކަފޫޓުގެ ޖާގައަކާއި 1085 ފޫޓުގެ ޖާގައެކެވެ. މި ތަންތަނަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހެވެ.
ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ 16 ފްލެޓުން 7،000 ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް މި ސަރުކާރުން ވަނީ އެ ޓަވަރުތަކުގެ ތިރީބައި ތަފާތު އެކި ހިދުމަތްތަކަށް ހާއްސަކޮށްފައެވެ. އެހެންކަމުން ފްލެޓްގެ އަދަދު ކުރިއަށް ވުރެ މިހާރު މަދުވާނެއެވެ.
ހިޔާ ފްލެޓްތަކަށް ކުރިމަތުލީ ލިސްޓްތައް ތަރުތީބުކޮށް ވަގުތީ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ. އަދި މި މަސް ނިމުމުގެ ކުރިން ފްލެޓްތައް ލިބޭ ފައިނަލް ލިސްޓް އާންމުކުރުމަށް ފްލެޓް ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން އެ ތަންތަނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ކަންކަން ހަމަޖެއްސުމަށް ހިންގަމުން އަންނަ މަޝްރޫއު މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައިގައި ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ކުރިން ބުނެފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފްލެޓްތަކުގެ ހައްގުވެރިންނަށް އެ ތަންތަން ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ. ނަމަވެސް ތަށިމުށި ޖެހުމާއި ބައެއް ދޮރުތައް ހަރުކުރުމަކީ ފްލެޓް ލިބޭ ފަރާތްތަކުން ކުރަންޖެހޭ ކަމަކަށްވާތީ އެ ކަމަށް ވަގުތު ދޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.