ވެސްޓްޕާކް ސަރައްހަދުގައި ތަރައްގީކުރި ޕާކާއި ބަސް ހުއްޓި ހުޅުވައިފި

21 ޑިސެމްބަރ 2020 - 18:10

ވެސްޓްޕާކް ސަރަޙައްދުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ތަރައްޤީކުރި ބަސް ހުއްޓި އަދި ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން ތަރައްޤީކުރި ޕާކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުވައިދެއްވައިފިއެވެ.

މި ރަސް މިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ބަސް ހުއްޓިއަކީ ވެސް މާލޭގައި އާބާދީ ތޮއްޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމުގައެވެ. އަދި މާލެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް މާލެއަކީ ހިތް ފަސޭހަތަނަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

advertisement

މީގެ އިތުރުން ޓްރެފިކްގެ މައްސަލަތައް ޙައްލުކުރުމުގައި، ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ ހަދާ ފަރާތްތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކުން ވެސް މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑުކަން ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ތަޢާރަފުކުރި ބަސް ހުއްޓި މެދުވެރިކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވީހާ ވެސް ގިނަ ރައްޔިތުން ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް ބޭނުންކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ވެސްޓް ޕާކް ރެސްޓޯރެންޓް ހުރި ބިމުގައި މިދިޔަ ސަރުކާރުން ވަނީ ކެމްޕެއިން ޖަގައެއް ހަދާފައެވެ. އަދި ހުޅަނގުފަރާތުގައި މޫދަށް އެރޭނެ ސަރަހައްދެއް ތަރައްގީކުރި އިރު އެ ސަރަހައްދު ބޭރުން ބޮޑުތަކުރުފާނު މަގުގެ ބައެއް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ވެސްޓްޕާކް ސަރަހައްދު ހުޅުވާލައި އެ ތަނުގައި ޕާކެއް ތަރައްގީކޮށް ބޮޑުތަކުރުފާނު މަގުން ދަތުރުކުރެވޭ ގޮތަށް މަގު ހުޅުވާލާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0