ބީއެމްއެލް އިސްލާމިކް ލައިފްސްޓައިލް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

22 ޑިސެމްބަރ 2020 - 15:42

ބީއެލްއެލް އިސްލާމިކުން ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިންގއަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ލައިފްސްޓައިލް ފައިނޭންސިންގ ފެސިލިޓީއަކީ ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި ޢިޖާރާގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް ލައިފްސްޓައިލްއަށް ގެނައި ބަދަލާއިއެކު އެއްވެސް ރަހުނަކާ ނުލާ 15 އިންސައްތައިގެ ރޭޓުގައި 25000 އިން 300،000 ރުފިޔާއާއި ހަމަޔަށް ލޯނު ދޫކުރާނެއެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސިންގ ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު 12 އިންސައްތައަށް ކުޑަކުރެވިފައިވާ ރޭޓެއްގައި ފައިނޭންސް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. މި ލޯނުތަކަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެކަމަށް އެ ބޭންކުން ބުނެއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0