ރިޕޯޓް: މަސްވެރިކަމުން ދައުލަތަށް ބިލިއަނުން ގެއްލުން، މިފްކޯ ޕްރައިވެޓައިޒް ކުރަންޖެހޭ

13 ޖޫން 2024 - 14:18

އީދު އޮތީ ބޯމަތިވެފައެވެ. ދަރިންނަށް އީދު ހެދުމެއް ގަނެލެވޭ ވަރު ވެސް ނުވެއެވެ. ކައިބޮއި އުޅެނީ ކަންމަތީ ފިހާރައިން ފޮތުގައި ޖަހައިގެންނެވެ. ޒަރޫރީ ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ކޮންމެ ވެސް ތިމާގެ މީހެއް ނޫނީ ގާތް މީހެއްގެ އަތުން ދަރަންޏަށް ނަގަނީއެވެ. ދުވަސްތަކަކަށް ފަހު އަތަށް ފައިސާ ފޮއްޗެއް އެރިޔަސް ފުރަތަމަ ދައްކަންޖެހެނީ ކުރިން ނެގި ދަރަނިތަކެވެ. ދެން އަނެއްކާ ވެސް ދުވަސްތަކެއް ވަންދެން އުޅެންޖެހެނީ ދަރަނީގައެވެ. މިއީ ރާއްޖޭގެ މަސްވެރިންގެ ހާލަތެވެ.

މިފްކޯ އަބަދު ވެސް އޮންނަނީ ދަރަނީގައި

މަސްވެރިންނަށް މި ނޫން ދުވަހެއް ނާދެއެވެ. މައިގަނޑު ސަބަބަކަށްވެފައި އޮތީ މަސްވެރިކަމުގެ ބޮޑު އިންސައްތައެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތުމެވެ. އަދި ސަރުކާރުގެ ސަބްސިޑީ އަށް ބަރޯސާ ވާންޖެހުމެވެ. ސަރުކާރުގެ މަސްކުންފުނި މިފްކޯ އަބަދު ވެސް އޮންނަނީ ދަރަނީގައެވެ. އެންމެ ކުޑަ މިނުން މަސްވެރިން ކިރާ މަސްކޮޅަށް ވެސް ފައިސާ ނުދެވެއެވެ. 

advertisement

އެކަން ވެސް ކުރަން ގިނަ ފަހަރު ޖެހެނީ ސަރުކާރުގެ ސަބްސިޑީއަކުން ނޫނީ ކޮންމެ ވެސް ދިމާއަކުން ލޯނެއް ހޯދައިގެންނެވެ. ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ދައްކަންޖެހޭ ބިލްތައް ބޮޑުވެ. މެޝިނަރީތައް ބާވެ، އަދި ގަވާއިދުން މެއިންޓެނަންސް ނުކުރެވޭތީ އެ ކަމަށް ދާ ހަރަދު އިންތިހާ އަށް ބޮޑެވެ. ސިޔާސީ ބޭނުމަށް މުވައްޒަފުން ވެއްދުމުގެ ސަބަބުން އޯވާހެޑް ވެސް އެހާ ބޮޑެވެ. މަސް ގަންނަނީ މާކެޓް ރޭޓަށް ވުރެ ބޮޑުކޮށެވެ. މިހެން ގޮސް ކުންފުންޏެއް ބަންގްރޫޓްވާން ހުރި ހުރިހާ ސަބަބުތަކެއް މިފްކޯގައި އެބަ ހުއްޓެވެ.

މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބެނީ މަދު ފަހަރަކުއެވެ. އަބަދު ވެސް މިފްކޯ އޮންނަނީ އޮޑިފަހަރަށް ދަރާފައެވެ. މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބަށް އައި އިރު ވެސް މަސްވެރިން ތިބީ ބިލްތައް ހިފައިގެންނެވެ. އެ އިންތިހާބަށް ކޮންމެވެސް ވަރެއް ދިނެވެ. އަނެއްކާ ވެސް ދިޔައީ ޕެންޑިންއަށެވެ. މި އަހަރު އޮތް މަޖިލިސް އިންތިހާބު އައި އިރު މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު އިންތިހާއަށް އޮތީ އިތުރުވެފައެވެ. 

މަސްވެރިންނަށް އެއްޗެއް ލިބޭ ވަރުވީ އެތައް ތަނަކަށް ދުވެ އެތައް މުޒާހަރާއެއްކޮށް މީޑިއާގައި އެ ވާހަކަ އެތައް ގޮތަކަށް ދައްކައިގެންނެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮންމެ ވެސް ދިމާއަކުން ފައިސާ ހޯދައި ބިލްތަކަށް ފައިސާ ދެއްކިއެވެ. ސަރުކާރުން އޭރު ބުނެފައި ވަނީ މަސްވެރިން ކިރުވާ މަހަށް 72 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ބަހަބަރެވެ. މިހާރު އަނެއްކާ ވެސް އެ ތީބީ މުޒާހަރާގައެވެ. އޭގެ ފަހުން ކިރުވި މަހަކަށް ފައިސާއެއް ނުލިބެއެވެ. 

މަސްވެރިންގެ ރުޅި މަޑުކުރަން ސަރުކާރުން ތަފާތު ވާހަކަތައް ދަނީ ދައްކަމުން

ފައިސާ ނުދެވުނަސް މަސްވެރިންގެ ރުޅި މަޑުކުރަން ސަރުކާރުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ. މި ހަފުތާގައި މުޒަހަރާ އަށް ނުކުތުމުން މިހާރު ވަނީ ޑީސަލް ވިއްކަ އަގު ހެޔޮކޮށްފައެވެ. އެހެން ނަމަވެސް މިއީ މަސްވެރިންނަށް އޮތް އެހާ ބޮޑު ހިތްހަމަޖެހުމެއް ނޫނެވެ. އެ މީހުންނަށް ހިތްހަމަޖެހުން އޮތި އީދު އަންނަންވާ އިރަށް އަތަށް ފައިސާ ފޮއްޗެއް އަރައިގެންނެވެ. އެ މަގެއް މިފްކޯއަކަށް އަދި ނުހޯދެއެވެ. 

އަނެއްކޮޅުން ދައުލަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ބޭރުގެ ފަރާތްތަކަށް ލޭން އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދިނުމާ މެދު ސަރުކާރުން ވަނީ މަޝްވަރާ ފަށާފައެވެ. މިއީ ރާއްޖޭގައި މިހާރު ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ދެކޮޅު ކަމެކެވެ. މަސްވެރިންގެ ރުޅި އިތުރަށް ގަދަވާން މެދުވެރިވި ސަބަބެކެވެ.

މީގެ އިތުރުން މިދިޔަ ވެރިކަމުގެ ތެރޭގައި މަސް ގަންނަ އަގު ކިލޯއެއް 25ރ. އަށް ޖައްސާލުމާ އެކު މި ދާއިރާގައި ތިބި އަމިއްލަ މަދު ކުންފުނިތަކެއް ވެސް ކަރުތާ ފެނަށް ގެނބިގެން ދިޔައެވެ. އެންމެ ވަރުގަދަ އަށް މަސްވެރިކަމަށް އިންވެސްޓްކޮށްގެން އޮތް އެންސިސް ކުންފުނިން އޮޕަރޭޝަންތައް ހުއްޓަލިއެވެ. އެ އަގުގައި މަސް ގަނެވެން ނެތުމުންނެވެ.

އަނެއްކޮޅުން މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯއަކަށް ވެސް ކިރޭކަށް ނެތެވެ. ހާއްސަކޮށް ބޮޑު ކަންނެލި ގަނެވެން ނެތް ކަމަށް މިފްކޯ ވަނީ އިއުލާނުކޮށްފައެވެ. މި އަހަރުގެ ތެރެގައި ވެސް އެކަން ކުރެވެން ނެތް ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެފައި ވެއެވެ. 

މަސްވެރިން ބުނާ ގޮތުން އެ މީހުން ބާނާ މަހަށް ކޮންމެހެން ބޮޑު އަގެއް ބޭނުމެއް ނޫނެވެ. ހަރަދުތައް ސަލާމަތްކޮށްފައި ފައިދާއެއްވާ ވިޔަފާރިއެއްގެ ގޮތުގައި ކުރެވޭނެ ވަރުގެ އަގެއް ދިނުމުން ހުރިހާ ކަމެއް ވެސް ހަމަޖެހޭނެއެވެ. ކިލޯއެއް 25ރ. އިން 20ރ. އަށް ބަދަލުކުރުމަކުން މާ ބޮޑު ޝަކުވާއެއް ވެސް ނެތެވެ. ނަމަވެސް ޝަކުވާ އޮތީ އެ އަގު ވެސް ނުދެވޭތީއެވެ.

“ވިއްސެއް ނޫން 15ރ. ވިޔަސް ދޭ ނަމަތާ. މިއުޅެނީ ތިން ހަތަރު މަސް ވާއިރު އެންމެ ފައިސާ ފޮއްޗެއް ވެސް ނުދީގެން. ބޮޑު އަގު ނުލިބުމަށް ވުރެ ކުޑަ އަގު ގަވާއިދުން ލިބޭ ނަމަ ވެސް ރަނގަޅު،” މަސްވެރިއަކު ބުންޏެވެ.

މަސްވެރިކަމުގެ ކޮންޓްރޯލް ސަރުކާރުން ދޫކޮށްލައިގެން ނޫނީ މި ކަމުން އަރައިގަނެވޭކަށް ނެތް

މަސްވެރިންގެ ޝަކުވާތަކަށް އޮތް ހައްލު ގިނަ ބަޔަކަށް އެނގެއެވެ. މަސްވެރިން ބާނާހަ މަހެއް ސަރުކާރުން ގަންނަންޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށް ނުވިސްނެއެވެ. އެ އުސޫލުން ބަލާ ނަމަ ދަނޑުވެރިން ހައްދާ ހުރިހަ ބާވަތްތަކެއް ސަރުކާރު ކުންފުނިން ގަންނަން ވެސް ޖެހޭނެއެވެ. އެހެން އުފެއްދުންތަކާ މެދު ވެސް އަމަލުކުރަންޖެހޭނީ އެ އުސޫލުންނެވެ.

“މިއީ ޕްލޭންޑް އިކޮނޮމީއެއް އޮތް ކޮމިއުނިސްޓް ގައުމެއް ނޫން. ސަރުކާރުން ހުރިހާ ކަމެއްގެ ޒިންމާ ނަގައި މާކެޓް ކޮންޓްރޯލްކޮށް އަގު ކަނޑައެޅުމުން ނުކުންނާނެ ނަތީޖާ މި ފެންނަނީ،” މަސްވެރިކަމުގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މަސްވެރިކަމަށް އަދި މިފްކޯ އަށް އޮތް ހައްލަކީ ވެސް ޕްރައިވަޓައިޒްކުރުމެވެ. ޓުއަރިޒަމާއި ދަނޑުވެރިކަން ފަދައިން މަސްވެރިކަމުގެ ކޮންޓްރޯލް ވެސް ސަރުކާރުން ދޫކޮށްލައިގެން ނޫނީ މި ކަމުން އަރައިގަނެވޭކަށް ނެތެވެ. މީގެ ކުރިން މިފްކޯ އިން ވަނީ ފްލޯޓިން ރައިޒް މެކޭނިޒަމެއްގެ ދަށުން މާކެޓް ރޭޓުގައި މަސް ގަންނަން ފަށާފައެވެ. 

ނަމަވެސް 2020 ވަނަ އަހަރު މިފްކޯ އިން ނިންމި ނިންމުން ބަދަލުކުރަންޖެހުނީ ސިޔާސީ ސަބަބުތަކަށްޓަކައެވެ. އެހެން ނަމަވެސް މާކެޓް ރޭޓަށް މަސް ގަނެގެން ނޫނީ މިފްކޯ ކޮޅަށް ޖެހޭނެ ގޮތެއް ނެތެވެ. ދައުލަތަށް ބިލިއަނުން ގެއްލުންވާގޮތަށް މަސްވެރިކަންކުރާއިރު، ރައްޔިތުންނަށް މަހުގެ އަގުން ރުފިޔާއެއްވެސް ދަށްނުވެ މަސްގަންނަންޖެހޭ ޖެހުން މިއީ ބޮޑު އަރަތެކެވެ. ދައުލަތަށާއި މަސްވެރިކަމަށްވެސް އޮތް އެންމެ ރަނގަޅުގޮތަކީ މަސްވެރިކަމުން ސަރުކާރުން އަތް ދޫކޮށްލުމެވެ.

ރިއެކްޝަންސް
2
1
0
0
0
0
1