ކޯވިޑް19 ވެކްސިން ރާއްޖެއަށް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

26 ޑިސެމްބަރ 2020 - 13:05

ރާއްޖެއަށް ކޯވިޑް-19ގެ ވެކްސިން ހޯދުމާގުޅޭގޮތުން ޑަބްލިއު.އެޗް.އޯއާ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯގެ ރާއްޖޭގެ އޮފީސް މެދުވެރިކުރައްވައި، ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލާ، އެ ޖަމިއްޔާއިން ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައިވާ އޮފީހުގެ ރީޖަނަލް ޑިރެކްޓަރާ ކުރެއްވި މަޝްވަރާތަކުގައެވެ.

ޑަބްލިއު.އެޗް.އޯއިން އަންނަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފަންނީގޮތުންނާއި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ޕީ.ޕީ.އީ އިކުއިޕްމަންޓް ހަދިޔާކުރުމާއި، ބަލީގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގައި އެ ޖަމިއްޔާއިން ވަނީ ބޮޑު އެހީތެރިކަމެއްދީފައެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް ކޯވިޑް-19 ގެ ވެކްސިން ފުރަތަމަ ޝިޕްމަންޓް ލިބި، ވެކްސިން ޖަހަން ފަށާނެކަން މިހާރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. އެގޮތުން ވެކްސިންގެ %3 ޚާއްޞަކޮށްފައިވާނީ ކޯވިޑް-19އިގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ވެކްސިން ހިލޭ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0