ތާރީޚުގެ ތެރެއިން – ބޮޑުމައުލޫދު ކިޔުން

23 ޖޫން 2024 - 15:33

ލިޔުނީ: ޙަސަން މޫސާ

ބޮޑުމައުލޫދަކީ ޒަމާނުއްސުރެ ރާއްޖޭގެ އެކިރަށްރަށުގައި ވަރަށް ފޯރިޔާއެކު ކުރަމުންދިޔަ ކަމެކެވެ. މިކަމަކީ މިހާރު މުޅިންހެން އުވިގޮސްފައިވީ ކަމެއް ކަމަށްވީ ނަމަވެސް ބައެއް ރަށްރަށުގައި މިކަން ކުރަމުން ދިޔަގޮތް ކޮންމެވެސް ވަރަކަށް ވަނީ ލިޔެ, އަރުޝީފު ކުރެވިފައެވެ. މިލިޔުންތަކުން އެނގޭކަމަކީ، އެކި ރަށްރަށުގައި މައުލޫދު ކިޔުމުގެ ކަންކަން އެތުރިފައިވާ ގޮތްތަކުގައި ތަފާތުތަކެއް ހުރިނަމަވެސް ޖުމުލަގޮތެއްގައި ބޮޑުމާލޫދަކީ އެއްގޮތް ސިފަތަކެއް އެކުލެވިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްރަށުގައި ރައްޔިތުން ކުރަމުން އައި ކަމެއްކަމެވެ. މިގޮތުން, ހއ. އުތީމާއި ލ.މާވަށުގައި މިކަން ކުރި ގޮތަށް އަވަސް ކަޅިއެއް އެއްލަމާތޯއެވެ.

“އިޖުތިމާއީ އީދެއް”

އެކަން ދެކެފައި ތިބި މީހުން ސިފަކުރާ ގޮތުގައި، ބޮޑުމާލޫދަކީ ރަށުގެ އެކި އަވަށް އަވަށާއި ކައިރި ރަށްރަށުގެ މީހުންވެސް ޝާމިލްވާގޮތަށް އަހަރަކު އެއްފަހަރު މުޅިރަށަށް ގެނުވާ “އިޖުތިމާއީ އީދެއް” ފަދަ ޙާއްސަ ކަމެކެވެ. ނަމުންނާއި ކަމުންވެސް މިއީ މައުލޫދު ކިޔުން ކަމަށް ވީނަމަވެސް، މުޅި ރަށް މިކަމަށް ތައްޔާރުވާގޮތުންނާއި އެންމެން މިކަމުގައި ބައިވެރިވާ ގޮތުން މިއީ ހަމައެކަނި މައުލޫދު ކިޔުން ނޫންކަން އެނގެއެވެ. އެކި ބައިބަޔަށް އަދި ދުވަސްދުވަހަށް ދެމިގެންދާ ކެއުންތަކުންނާއި ރަށްވެހިންނާއި ބީރަށްޓެހިން މެދުގައި އުފެދޭ ގުޅުންތަކުގެ ސަބަބުން މިއީ އޭގެ ޒާތުގައި އިޖުތިމާއީ ސިފަތަކެއް އެކުލެވިގެންވާ މުނާސަބަތެކެވެ.

ހއ. އުތީމުގައި ބޮޑުމައުލޫދުގެ ތައްޔާރީތަކަށް އެހީވުމަށް ކައިރި ރަށްރަށުގެ ރަހުމަތްތެރިން އަންނަ ކަމަށްވެއެވެ. އާންމުކޮށް ފެނި ދެނި ނުވާ ރަހުމަތްތެރިންނާއި އެކު އެއްތަނެއްގައި ދުވަސްތަކެއް ވަންދެން އުޅެވޭގޮތް މެދުވެރިވުމުން ރަށްރަށުގެ މީހުންގެ މެދުގައި ވަރަށް އަޚުވަންތަ ގާތްކަމެއް އުފެދެއެވެ.

ލ. މާވަށުގައި ބޮޑު މައުލޫދު ބާއްވަނީ ދެ އަވަށް ވަކީންނެވެ. އެއް އަހަރު ތުނޑި އަވަށުން ބާއްވާނަމަ އަނެއް އަހަރު ބޮޑޭލު އަވަށުންނެވެ. މާލޫދަށް ދައުވަތު ދެނީ އަނެއް އަވަށުގެ ފިރިހެނުންނަށެވެ.

އުތީމުގައި ބާއްވާ މައުލޫދަށް ކައިރި ރަށްރަށު މީހުނަށް ދައުވަތު ދިނުމާއި ދައުވަތު ގަބޫލުކުރުން އަދި މާލޫދަށް އެރަށު މީހުން އައުމަކީވެސް ވަރަށް ޙާއްސަ މުނާސަބު ގޮތްތަކެއްގެ މަތީން ތަރުތީބު ކުރެވިފައިވާ ކަމެކެވެ. އުތީމުން އެހެން ރަށްރަށު މީހުންނަށް ދައުވަތު ދެނީ ބިލެތްފޮނުވައިގެން ކަމަށްވެއެވެ. މިކަން ކުރުމަށް، ރަށުން މޮޅު ބިލެތް ހަދައިގެން ރަށުގެ ހަރުމީހަކު ބިލެތައިގެން އަނެއް ރަށަށް ފޮނުވާނެއެވެ. ބިލެތް ލިބުމުން، ދައުވަތު ލިބޭ ރަށުގެ ވެރިން ބަލާ ބެލުންތަކެއް ބެލުމަށްފަހު ބިލެތުގައި ހިފުމުން މައުލޫދުގެ ދައުވަތު ގަބޫލު ކުރީކަމަށްވެއެވެ. މިއީ ރިޔަލު ދޯނީގައި ދަތުރުކުރި ޒަމާން ކަމުން މިއީވެސް މައުލޫދުގެ ތައްޔާރީތަކުގައި ވަރަށް މުހިންމު ކަމެކެވެ.

މާލޫދަށް ތައްޔާރުވުން

ބޮޑު މައުލޫދަށްޓަކައި ދުރާލާ ވާ ތައްޔާރީތަކުން މިއީ އަހަރުތެރޭ ރަށަށް އަންނަ ކިހާބޮޑު މުނާސަބަތެއްކަން ސާފުވެއެވެ. މިގޮތުން މައުލޫދު ކިޔުމަށް ތާރީހު ކަނޑައެޅުމާއި މާލޫދަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރާ މަސައްކަތްތަކާއި މައުލޫދު ހަރުގެ އެޅުމަކީ ފާހަގަކުރެވޭ ކަންކަމެވެ.

މައުލޫދަށް ކައްކަން އެއްޗެހި ހޯދަން މާލެ ދަތުރު ދިޔުމަކީ އުތީމާއި ހައްދުންމަތީގައިވެސް ކުރަމުން އައި ކަމެކެވެ. އުތީމުގައި ދަތުރު ތައްޔާރުކުރަނީ ރައްޔިތުން ބައިވެރިވެގެން މަސައްކަތްކޮށްގެން އުފައްދާ އެއްޗެއް ވިއްކައިގެން އެންމެން އެއްބައިވެގެންނެވެ. މިގޮތުން ކުރާ މަސައްކަތެއް ހިފައިން މާލެގޮސް ވިއްކައިގެން ލިބޭ ލާރިޔަކުން މާލޫދަށް ކައްކަން ބޭނުންވާނެ ހަވާދު، ފޯއް، ދުންފަތް އަދި ފިނިފެން ފަދަ ތަކެތި ގަންނާނެއެވެ. މިތަކެތި ބަހާނީ ޖުމްލަކޮށް ރަށު މީހުންގެ މެދުގައެވެ.

ހައްދުންމަތީ މާވަށުގައި މައުލޫދަށް ފައިސާ ހޯދަނީ މަސްބައި ކައްކައި ހިއްކައިގެން ލިބޭ ލާރިޔަކުންނެވެ. އަދި މާލޫދަށް ތަކެތި ގަތުމަށް މާލެ ދަނީވެސް މަސްދޯނިފަހަރުގައި ކަމަށްވެއެވެ.

މައުލޫދަށް ތައްޔާރުވުމުގެ ގޮތުން މައުލޫދު ހަރުގެއެއް އެޅުމަކީވެސް ފާހަގަކުރެވޭ ކަމެކެވެ. މިއީވެސް އުތީމާއި މާވަށުގައި ކުރާކަމެއްކަމަށް ލިޔެވިފައިވާ ކަމެކެވެ. އުތީމުގައި ހަރުގެ އަޅަނީ ގަނޑުވަރު އަށި ކައިރީގައެވެ. ހަރުގެ އެޅުމުގެ އިތުރުން އުތީމުގައި މިސްކިތް ދޮށް ނޮޅާ، ނެރުގަސް ޖަހައި، މަގުމަގުން ގަސްގޮފި ކޮށާ، ގޮނޑުދޮށް ސާފުކޮށް ރީތިކުރާ ކަމަށްވެއެވެ. މާވަށުގައި، މާލެދާން ދޯނި ފުރުމާއެކު ވަގުތީ ހަރުގެއެއް ވެސް އަޅާކަމަށްވެއެވެ. މިއީ ހަމައެކަނި ކާ ތަކެތި ތައްޔާރުކޮށް ކެއްކުމަށްޓަކައި ތައްޔާރުކުރާ ހަރުގެއެކެވެ. މި ހަރުގޭގައި އުނދުން ތައްޔާރުކޮށް ދަރުވެސް އެއްކޮށްފައި ބަހައްޓާނެއެވެ.

މާލެދާ ދޯނި އަނބުރާ އައުމުން ލިބުނު ތަކެތީގެ މައްޗަށް ބިނާކޮށް މައުލޫދުގެ ތާރީޚާއި ކެއުމުގެ ދަންތަކުގެ އަދަދު ކަނޑައަޅާނެއެވެ. ދަމަކީ އެކި އިރުވަރުގެ ކެއުމަށް ނިސްބަތްކޮށް ކަނޑައަޅާ އެއްޗެކެވެ. ބައެއް މައުލޫދުތަކުގައި 3 ދަން, 8 ދަން ނުވަތަ 10 ދަންވެސް އެކުލެވިދާނެއެވެ.

މާލެދާ ދޯނި އައުމުން ދެންކުރާ ކަމަކީ ކައިރި ރަށްރަށަށް ކޭލަށް ދިޔުމެވެ. ކޭލަށް ދިޔުމަކީ މައުލޫދުގައި “ކާނެވަރަކަށް ކާން” ދޮންކެޔޮ ބެހެއްޓުމަށްޓަކައި ކައިރި ރަށްރަށުން ކެޔޮ އެއްކުރުމަށް ދަތުރު ކުރުމެވެ. މިދަތުރުގައި މާވަށުން އާންމުކޮށް ދާނީ ހިތަދޫއާއި ކުނަހަންދޫއާއި ފޮނަދޫ އަދި ގާދޫއަށެވެ. މިގޮތަށް ކުރާ ދަތުރުގައި އަލައާއި ދަނޑިއަލުވި އަދި ކުކުޅުހާ ފަދަ ތަކެތިވެސް އަނބުރާ ރަށަށް ގެންދާނެއެވެ. މިދަތުރު ނިންމުމަށްފަހު އަނބުރާ ރަށަށް ދާނީ ދޯނިފަހަރު ފުރައިގެންނެވެ.  ދަތުރު ނިންމުމަށްފަހު ދޯނިފަހަރު ރަށަށް ލަފާއިރު ރަށުގެ އަންހެންވެރިން ފަނި ހިފައިގެން އަތިރިއަށް އެއްވެފައި ތިބޭނެއެވެ. ކެޔޮ ހިފައިގެން އައުމުން ލިބުނު ކެޔޮ ދޮންކުރުމަށް ކެޔޮފަތްޖަހާފައި ވަޅުލުމަށްފަހު, އެތަކެތި ނަގާނީ މައުލޫދުގެ ފުރަތަމަ ދުވަހަށް ވީމައެވެ.  

އުތީމުގައި ބޮޑުމައުލޫދަށް ތައްޔާރުވެ މުޅިން ނިމުނު ކަމަށް ބެލޭނީ ރަށްރަށުން ގެންނަ ކާށި، ކެޔޮ، ބިލެތް، ރޯމިރުސް އަދި ފުނޑާދަލާއި ބޮޑުމަލާފަތް ފަދަ ތަކެތި ގެނެސް ނިމުނީމާ ކަމަށްވެއެވެ. މިކަން މައުލޫދަށް އަރާ ދުވަހާއި ހަމައަށްވެސް ކުރިއަށްގޮސްފާނެއެވެ.

ކޭލަށްދާ ދަތުރުގައި ދެން ފާހަގަކުރެވޭ ކަމަކީ ބޮޑުމައުލޫދުގެ ހަރަކާތްތަކާއި ތައްޔާރީތަކުގައި ބައިވެރިވާން ބޭނުން ރަހުމަތްތެރިންވެސް ރަށަށް ގެންނަ ގެނައުމެވެ. މިހެން އަންނަ ކޮންމެ މީހަކު ނުވަތަ ދެމަފިރިއަކު އަންނާނީ ކުޑަދަރިންވެސް ގޮވައިގެންނެވެ. މިހެންވުމުން, ދެރަށްރަށުގެ ކުދިން ބޮޑުވަނީ ދަސްވެ, ތަޢާރަފުވެ ރަހުމަތްތެރިންގެ ގޮތުގައެވެ. މައުލޫދު ކިޔާ ދުވަސް އައުމުގެ ކުރިންވެސް ރަށުތެރޭގައި ފޮނިކާތަކެތި ތައްޔާރުކުރުން ވަރަށް ޖޯޝާއެކު ކުރިއަށްދާ ކަމަށްވެއެވެ. މިގޮތުން އުތީމުގައި، މެޓާ ހިލައި، ތުތިމަސް، އިޑިއިއްޕަން، ތަތްބޮނޑިބަތް، ވައިބޮނޑި، ބޮންޑު އަދި ތެލުލި ހެދިކާތަކާއި ފިނިފެނާއި ގަރަމްމަސާލާގެ ވަހުން މުޅިރަށް އެއްވަސްވެފައި އޮންނަ ކަމަށް ސިފަކޮށްދީފައިވެއެވެ.

މައުލޫދު ކިޔުމާއި ކޭން ކެއުން

ބޮޑުމާލޫދަށް އަނެއް އަވަށުގެ މީހުން ގެނައުން ނުވަތަ އެހެން ރަށްރަށުގެ މީހުން ގެނައުންވެސް މިއީ ވަރަށް ބޮޑުކޮށްލައިގެން ކުރާ ކަމެކެވެ. މިގޮތުން, އުތީމަށް އެހެން ރަށްރަށުން އަންނަ ދޯނި ތައްޔާރުކޮށް ރީތިކުރެއެވެ. ބައެއް ރަށްރަށު މީހުން ރަށަށް އެރުމަށް ކުރުފަލި ޖަހާ ކުޑަ ދޯންޏެއްވެސް ތައްޔާރުކުރާނެއެވެ. މައި ދޯނި ނެރާއި ހަމަވުމުން ކުޑަދޯނީގައި ކުރުފަލިޖަހާފައި، އާލަވަ ކިޔަމުން ވަންނާނެއެވެ.

އެއިރު ދަތުރުކުރަނީ ރިޔަލު ދޯނީގައި ކަމަށްވުމުން, އެހެން ރަށްރަށު މީހުން ލަފަންދެން ގޮނޑުދޮށުގައި މަޑުކޮށްގެން މީހަކު ފޯރިއަށް ހުންނަ ކަމަށްވެއެވެ. އަދި ދޯނިފަހަރު އަންނަކަން ޔަގީންވުމުން ރަށުގެ ވެރީންނަށް އެންގުމުން، މެހެމާނުން ލެއްޕުމަށް ރައްޔިތުން އަތިރިމައްޗަށް އެއްވެއެވެ. މާލޫދަށް ދުރުވާ ބޭފުޅުން ލެފުމުން, އަމީހުންގެ ފައިކުރިވެސް ތެންމާނުލާ ދޯނިން ބާލުވާ ކަމަށް ސިފަކޮށްދީފައިވެއެވެ. މިއަށްފަހު ފަނި ދިނުމަށްފަހު، ދިގު ދަތުރުކޮށްފައި އައި މެހެމާނުން ފެންވެރުމަށް ގެންދެއެވެ. މިއީ މިހާރު ރާއްޖޭގެ އާދަކާދަތަކާއި ތަފާތު އަދި ހިތަށް ތަސައްވަރު ކޮށްލަންވެސް އުނދަގޫ މަންޒަރުތަކެކެވެ

މެހެމާނުން ފެންވެރުމަށް ގޮނޑުދޮށުގައި ވަޅުތަކެއް ހަދާފައި ހުންނާނެއެވެ. އަދި ފެންވެރުމަށް ސައިބޯންޏާއި ތެލާއި ފުނަލާއި ލޯގަނޑުފަދަ ތަކެތި ބަހައްޓާފައި ހުންނަ ކަމަށްވެއެވެ. ފެންވަރާ ނިމުމުން، އެމީހުންގެ ތެތްފޮށާ ރަށުގެ ކޮންމެވެސް ގެއެއްގެ ރޯނުގައި އަޅާނެއެވެ. ރަށުން ފުރަންވީމާ ތެތްފޮށާއެޅި ގެއަކުން ގޮނެއް ދޭނެކަމަށްވެއެވެ.

ލ. މާވަށުގައި ބޮޑު މައުލޫދުގެ އެކި ދަންތަކަށް އަނެއް އަވަށުގެ މީހުންނަށް ކިޔުމަށް މަގުތަކުގައި ޅެންކިޔާކަމަށް ލިޔެވިފައިވެއެވެ. ރޭގަނޑު އޮންނަ ކެއުންތަކަށް ދައުވަތުދޭން ޅެންކިޔާނީ އަސުރު ނަމާދަށްފަހުގައެވެ. މެންދުރު ދަންތަކަށް ލަވަ ކިޔާނީ ހެނދުނުއެވެ. ކޮންމެ ދަމަކަށް ދައުވަތު ދިނުމަށް އޮންނަނީ ޙާއްސަ ޅެމެކެވެ. މިއީ އާންމުކޮށް އެންމެންނަށް ދެވޭ ދައުވަތެވެ. މީގެ އިތުރުން މައުލޫދު ކިޔާ މީހުންނަށް ދެވޭނީ ހާއްސަ ދައުވަތެކެވެ. އެއީ އެ މީހުންގެ ގެޔަށް ގޮސް ދެވޭ ފަންޏާއި ހެދިބިލެތުން ދެވޭ ފަހުރުވެރި ދައުވަތެކެވެ. އުތީމުގައި ކޭމަށް ކިޔުމަށް ބައެއްފަހަރު ސަންގުވެސް ފުމެއެވެ.

ހަރުގެއަށް ކެއުންތައް ގެންދިޔުމާއި އެތުރުމާއި، އެންމެން އިށީނުމާއި، ކެއުމުގެ ކަންކަން ކުރިއަށްދާ ގޮތްތަކަކީ ވެސް ވަކި ތަރުތީބެއްގެ މަތީން ކުރިއަށްދާ ކަންކަމެވެ. މާވަށުގައި ކެއުން ގެންދަނީ ލަކުޑި މަލާފަތެއް ތެރޭ ޒިންކު ދޮލަނގެއްގައި ކާތަކެތި ރާވާފައި އޭގެ މަތީގައި ކެޔޮފަތްގަނޑެއް ބާއްވައި ހުދު ރިޔާ ފޮތިން ބަނދެގެންނެވެ. ކެއުން ބަހައްޓާ ސަރަހައްދުގައި އަޅާނެ ކުނާވެސް ގެންދާނެއެވެ. އިސް ސަފުގެ ކެއުންތަށް (ނުވަތަ އެންމެ “ގަދަރުވެރި” ކެއުންތައް) ބަހައްޓަނީ ތުނޑުކުނާ އަޅާފައެވެ.

އިސް ސަފުގެ ކެއުން އަތުރާނީ ހަރުގޭގެ ހުޅަނގު ކޮޅު މެދުގައި، ސަފަކަށްވާގޮތަށެވެ. އެންމެ އިސްކެއުން ހުންނަނީ މެދުގައެވެ. އަދި ދެފަރާތުގައިވާނީ ކަނު ކެއުންތަކެވެ. މި ތިން ކެއުން ކެއްކުން ހަވާލުކޮށްފައި ހުންނާނީ އަމިއްލައަށް ހަރަދުކޮށްގެން ފުރިހަމަ ކުރެވޭ ފެންވަރު ގޭގެޔަށެވެ.

އުތީމުގައިވެސް އިސް 3 ކެއުމެއް އަތުރައެވެ. އިސްސަފު ކެއުން (މެދު ސަފު) ކެއުމަށް އަރުވަނީ މައުލޫދުބުނާ ބޭކަލެއް (އިމާމު) އަދި ރަށްރަށުން ދުރުވާ ވެރިންނާއި އިއްޒަތްތެރިންގެ އެންމެ އިސްބޭކަލުންނެވެ. އުތުރުކަނަށް އަރުއްވަނީ މައުލޫދުކަނުގެ ޅެންވެރިންނެވެ. ދެކުނު ކަނަށް އަރުއްވަނީ ޒިކުރުކަނުގެ ޅެންވެރިންނެވެ. އިސްސަފުގައި ތިއްބަވާ ޅެންވެރިންނާއި މައުލޫދުބުނާ މީހާ އިޝާ ނަމާދަށްފަހު ގަނޑުވަރަށް ގޮސް ބޮޑުތަކުރުފާނަށް ފާތިޙާކިޔެވުމަށްފަހު ހަރުގެއަށް ގޮސް ކެއުން ފަށާނެއެވެ.

މާވަށުގައި ކެއުން ފެށޭނީ ކަތީބު ހަރުގެއަށް ދުރުވެ އިށީނުމުންނެވެ. އެންމެން ހަމަޖެހުމުން ލޯކުރަޔާއި ލޯގަނޑު ގެންގޮސް އަތްދޮއްވާނެއެވެ. ތަށިމަތި ބަލަހައްޓަން ތިބޭމީހުން ކެއިމުގެ މަތިނެގުމާއެކު ބިސްމި ކިޔުމަށްފަހު ކެއިން ފެށޭނެއެވެ. ކެއުން ފޯރި އެންމެ ގަދަވާ ވަގުތު ކުކުޅު ނެގުން އޮންނާނެއެވެ. ކައި ނިމުމުން ކެއިން ބޭލުމަށް ފަހު ގޭގެޔަށް ގެންދާނެއެވެ. ދެން އެވީ އަންހެންވެރިން ކާން އަދި ކެއްކުމުގައި ހަރަކާތްތެރިވީ މީހުންގެ ގެޔަށް ކާ ތަކެތި ގެންދާށެވެ. ކެއިން ބާލައި ހަމެޖެހުމުން މައުލޫދު ކިޔަން ފެށޭނެއެވެ. މައުލޫދު ދެބައިވީމާ މައުލޫދު ކިޔާ ޓީމު މަޑުކޮށްފައި ދެންތިބޭ މީހުން ދާނެއެވެ. ދެންތިބޭނީ ސައި ދިނުމަށް ތިބޭ އެހީތެރިންނެވެ. މިމީހުން އަބަދުވެސް ސައިދެމުން ދާނެއެވެ.

އުތީމުގައި ކައިނިމުމުން ފުރަތަމަ ކުރާކަމަކީ ދުމާއެރުވުމެވެ. ދުމާ އަރުވަން ތިންމީހަކު އަލިފާން އަޅާފައި ހުންނަ ދުންކިބައެއް ގެނެސް ދުންއަޅަން ފަށާނެއެވެ. މިއަށްފަހު، އިމާމު މީހާ މައުލޫދުކިޔަން ފައްޓާނެއެވެ. މައުލޫދު ކިޔުން މުޅިރޭހެން ގޮސް، އޭގެ އަނެއް ދުވަހަށް ދަންދެން ކުރިއަށްދާނެއެވެ. މައުލޫދު ކިޔެވުމުގެ ތެރޭގައި ދުމާޖެހުމާއި، ފިނިފެންޖެހުމާއި ސަލަވާތްކިޔުމާއި، އެކިރާގުރާގަށް ޅެމާއި ލަވަކިޔުން އެކުލެވިގެންވެއެވެ. މައުލޫދު ކިޔުމުގައިވެސް ހާއްސަ ތަރުތީބުތަކެއް ހުރެއެވެ. އެކި ރަށްރަށުގައި މައުލޫދުކިޔުމުގައި ތަފާތުތަކެއް ހުންނާނެކަން ޔަގީނެވެ. މިލިޔުމުގައި އެކަމުގެ ތަފްސީލަކަށް ނުދާނަމެވެ.

ބައެއް ރަށްރަށުގައި މައުލޫދުކިޔާ ހަރުގެދޮށަށް އަންހެނުންނާއި އަންހެންކުދިން މައުލޫދު “އަޑުއަހާލަން” ގޮސް އުޅޭކަމަށް ލިޔެވިފައިވެއެވެ. ނަމަވެސް އުތީމުގައި މައުލޫދު ކިޔަނީ ގަނޑުވަރުގައި ކަމުން އެތަނުގެ ހުރުމަތަށްޓަކައި މިހެން ކަންކޮށް ނޫޅެއެވެ. ނަމަވެސް ގަނޑުވަރު ދޮށުގައިވާ ވަޅުން ފެންނެގުމުގެ ނަމުގައި ވަރަށް ގިނަ އަންހެންކުދިން އެސަރަހައްދަށް ގޮސް އުޅޭކަމަށް ވެއެވެ.

މައުލޫދު ކުރިއަށްދާއިރުވެސް ކުރިއަށް ހުރި އެކި ކެއުންތަކަށް ކެއްކުމަށް ރަށުތެރޭ މީހުން އަވަދިނެތި އުޅޭނެއެވެ. މާކަބޮޑު ކަމެއްނެތި އަނގަތެޅުމަށް އުޅޭ ކުދީންވެސް ރަށުތެރޭ އުޅޭނެއެވެ. މިކަމުގެ ތެރޭގައި ދެޖިންސުގެ ޒުވާންކުދިން މަޖާކޮށް ސަކަރާތްޖަހާގޮތް ބައެއް ލިޔުންތަކުގައި ސިފަކޮށްދީފައިވެއެވެ. އެއް ލިޔުމެއްގައިވާ ގޮތުން އަނގަތަޅަން އުޅޭ ފިރިހެން ކުދީން ކާއެއްޗެހި “ފުނޑަން ތިބޭ އަންހެން ކުދީންގެ ކަރުބޮޑު ލިބާސްތަކުގެ ބޯވަޅުގެ ފަރިކަން ބަލަން ތިބޭއިރު ފުނޑާ ދައިދޮށުގައި ހުންނަ ރިހަފެންއެތިން ރިހަފެންޖަހާ އަންހެންކުދީން” ވެސް އުޅޭނެއެވެ. މިލިޔުމުގައި ސިފަކޮށްދޭގޮތުން މައުލޫދަށް އައުމުގެ ހުރިހާ އުފަލެއް ހާސިލުވާނީ “އަމިއްލަ ރަށުގައި އުޅޭއިރު އަނގައިން ނުބުނެވިފައި ތިބޭ ކިތަންމެ ދެކުއްޖަކަށް ރައްޓެހިވުމުގެ ފުރުސަތު ލިބުމުގެ އުފާ” ހާސިލްވުމުންނެވެ.

މައުލޫދު ކިޔުން ނިމޭނީ ހުރިހާ ކެއުމެއް ނިންމާ ރަށުން ބޭރުން އަންނަ މީހުން ފުރުވާލެވުނީމައެވެ. އެއް ލިޔުމެއްގައި ސިފަކޮށްދޭ ގޮތުން މައުލޫދު ނިމުމުން ތެލި ތަށި ދޮވެ، ރައްކާކުރަން ހުރި ތަކެތި ރައްކާކޮށް ނިމޭއިރު ރަށް ހުންނާނީ އިގްތިސާދީ ގޮތުން ވަރަށް ދަށަށް ގޮސްފައިކަމަށް ސިފަކުރެއެވެ. އެއީ އާމްދަނީ ހޯދުމަށް ކުރާ ހުރިހާ ކަމެއް ހުއްޓާލާފައި މައުލޫދަށް މުޅި ރަށްހެން ހާއްސަވެގެން ތިބޭތީއެވެ. ނަމަވެސް މާކަ ގިނަދުވަހެއް ނުވެ އެންމެންގެ މަސައްކަތުން މިކަމުން އަރައިގަންނަ ކަމަށްވެއެވެ.

މިލިޔުމަށް މައުލޫމާތު ހޯދާފައިވަނީ:

އާދަމް އަބްދުއްރަޙްމާންގެ “ދިވެހި ދިރިއުޅުމުގެ ތެރެއިން” ޞ 49-70

އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރުގެ “ބޮޑުމައުލޫދު: ރާއްޖޭގެ ރަށްރަށުގައި ބާއްވަމުން ގެންދިޔަ އެންމެ ބޮޑު އިޖުތިމާޢީ އީދު”

ރިއެކްޝަންސް
3
0
0
0
0
0
2