މަސްވެރިކަމުގެ ސިނާއަތުން ސަރުކާރު އަތް ދޫކޮށްލަންޖެހޭ!

28 ޑިސެމްބަރ 2020 - 12:08

ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ ދިރިއުޅުން އާރާސްތުކުރުމަށް މަގުފަހިކޮށްދިނުމެވެ. ވަޒީފާތައް އުފެއްދުމަށް ސިޔާސަތުތައް ކަނޑއެޅުމެވެ. ވިޔަފާރިތަކަށް ފުރުސަތުތައް ހޯދައިދިނުމެވެ. އިގްތިސާދީ މަސައްކަތްތައް ހިންގޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ. ރައްޔިތުންގެ ހައްގުގައާއި ލާބަޔަށް ކުރަންޖެހޭ ކަންކަން ކުރުމެވެ. ނަމަވެސް އެ ހުރިހާ ކަމެއް ސަރުކާރުގެ ބޮލުގައި އަޅައިގެން އުޅެން ވެއްޖެ ނަމަ ގިނަ ފަހަރަށް އޮންނާނީ އެ ކަމެއް ބޮއްސުންލާފައެވެ. އެއީ ސަރުކާރަކުން އިސްކަންދޭންޖެހެނީ ވިޔަފާރީގެ ފައިދާ އަށް ވުރެ ރައްޔިތުންގެ ހައްގާއި ލާބަޔަށް ކަމަށް ވުމެވެ. މިހާތަނަށް ސަރުކާރުތަކުން ފައިދާ އަށް ވިޔަފާރިކުރަން އުޅެގެން ނުކުމެފައި ހުރި ނަތީޖާ އެހާ ރަނގަޅެއް ނޫނެވެ.

ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން އެކި ސަރުކާރުތަކުން މީގެ ކުރިން ވެސް ތަފާތު އެކި ވިޔަފާރިތައް ކުރިއެވެ. އަދި މިހާރު ވެސް ކުރަމުން އެބަ ގެންދެއެވެ. ނަމަވެސް މީގެ ތެރެއިން ކާމިޔާބީއާ ހަމައަށް ވާސިލްވެފައި ވަނީ ނުވަތަ ފައިދާއެއް ވަނީ މަދު ކަމަކުންނެވެ. ފައިދާވާ ގިނަ އިގްތިސާދީ މަސައްކަތްތަކަކީ އާންމު ފަރާތްތަކާ ނުބެހި ސަރުކާރުގެ ތެރެއިން ހިންގާ ވިޔަފަރިތަކެވެ. މިސާލަކަށް ބުނާ ނަމަ އެމްޓީސީސީ އެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ފައިދާގައި ހިންގާ ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ ހިމެނުނު ނަމަވެސް ހަގީގަތަކީ އެމްޓީސީސީގެ މުޅި އާމްދަނީ ބިނާ ވަނީ ސަރުކާރުގެ މަޝްރޫއުތަކުން ލިބޭ އާމްދަނީ އަށް ވުމެވެ. އެހެންކަމުން އެއީ އެއް އަތުން ނަގާފައި އަނެއް އަތަށް ދިނުން ކަހަލަ ކަމެކެވެ.

advertisement

ފައިދާއާ އެކު ހިންގާ ސަރުކާރުގެ ކުންފުނިތައް ވެސް އެބަހުއްޓެވެ. ނަމަވެސް މީގެ ތެރޭގައި ގިނައީ ރިސްކް ކުޑަ އަދި ރައްޔިތުންނާއި ގައުމުގެ އިގްތިސާދާ ގުޅިފައިވާ މުހިންމު ދާއިރާތެކެވެ. ނަމަވެސް ޓުއަރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުގައި މިހާތަނަށް ސަރުކާރުގެ ކުންފުނިތަކުން ކޮށްފައި ވަނީ ހިތި ތަޖުރިބާއެކެވެ.

ސަރުކާރުގެ ބައިވެރިވުން އޮވެގެން ޓުއަރިޒަމްގެ ދާއިރާގައި އިންވެސްޓްކުރި ޕަބްލިކް ލިމިޓެޑް ކުންފުނި ކަމަށްވާ އެމްޓީޑީސީއަކީ ވެސް ފްލޮޕެކެވެ. އާންމުންނަށް ހިއްސާ ވިއްކައިގެން ފެށި ކުންފުންޏާ މެދު ގިނަ ބަޔަކު އުންމީދުތަކެއް ކުރި ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ކުންފުންޏަށް ވެސް ޓުއަރިޒަމް ދާއިރާގައި އެކަށީގެންވާ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. އެންމެ ބޮޑު ކަމަކަށް ވެފައި ވަނީ ވިޔަފާރީގެ ފައިދާ ހޯދުމަށް ނަގަންޖެހޭ ރިސްކް ނަގަން ނުކެރުމެވެ.

މަސްވެރިކަމުގެ ދާއިރާއަކީ ވެސް ޒަމާންތަކެއް ވަންދެން ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސިނާއަތެކެވެ. މަސްވެރިކަމުގެ ދާއިރާ އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަށް ސަރުކާރުތަކުން މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ދޫކޮށްލި މިންވަރާ ބަލާފައި ނަތީޖާ ވެސް ރަނގަޅެވެ. މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރި ގިނަ ކުންފުނިތައް މިހާރު ވަނީ ހަމަ އިސްކޮޅަށް ދެމިލާފައެވެ. ނަމަވެސް މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ކޮޅެއްގައި ނުޖެހި އޮތް އެންމެ ބޮޑު ސަބަބަކީ އަދިވެސް ސަރުކާރުގެ ކުންފުނި، މިފްކޯ އަށް މަސްވެރިން ބަރޯސާ ވާންޖެހިފައިވާ މިންވަރު ބޮޑުވުމެވެ. އޭގެ ސަބަބުން އަމިއްލަ ފަރާތްތަކަށް ވެސް އެކަށީގެންވާ މިންވަރެއްގައި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރެވެ އެވެ.

މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ފަރާތްތަކަށް ދޫކޮށްލަންޖެހޭ ކަމަށް މި ސަރުކާރުން ވެސް ގަބޫލުކުރެއެވެ. ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ބޭއްވި ޖަލްސާގާއި ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އެކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ޞިނާޢަތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށެވެ. ނަމަވެސް މިއީ އެ ދަނޑިވަޅު ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ޞިނާޢަތު ބައްޓަންކުރުން. ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން. ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ވެސް، މިހާރަށް ވުރެ ވެސް ބޮޑަށް، ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ ޞިނާޢަތެއް. އެއީ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން،” ރައީސް ވިދާޅުވިއެވެ.

މިފްކޯ ވެފައި ވަނީ ސަރުކާރުގެ ބޮލުގެ ރިހުމަކަށެވެ. އަދި ސަރުކާރު ކިތަންމެ ވަރަކަށް ފައިސާ އޮއްސިޔަސް މަސްވެރިންގެ ޝަކުވާތަކަށް ވެސް ނިމުމެއް ނެތެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއް ވެއްޖެއެވެ. ވެއަތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެސް، ސަރުކާރާއި އެސް.ޓީ.އޯ އިން މިފްކޯގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި 571 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ. ދަރަނި ދަނީ މަހުން މަހަށް އިތުރުވަމުންނެވެ.

ރައީސް ވިދާޅުވި ގޮތަށް މަސްވެރިކަން އަމިއްލަ ފަރާތްތަކުގެ އަތްމައްޗަށް މުޅިން ދޫކޮށްލަން މިއީ އެންމެ ރަނގަޅު ދަނޑިވަޅަށް ނުވެދާނެއެވެ. ނަމަވެސް މިއީ ކުރަންޖެހޭ ކަމެވެ. ވިޔަފާރިއެއް ތަރައްގީކުރެވޭނީ ވިޔަފާރީގެ ވިސްނުމުގައެވެ. މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށް ފައިދާވާކަން އަމިއްލަ ކުންފުނިތަކުން ވަނީ ސާބިތުކޮށްދީފައެވެ. އެފަދަ ކުންފުނިތަކުން މާސިންގާ ފެކްޓަރީތައް ހަދައި އިންވެސްޓްމަންޓްތައް ދަނީ ފުޅާކުރަމުންނެވެ. ސަރުކާރުން ކުރަންވީ ކަމަކީ އެ ފަރާތްތަކާ ވާދަކުރުން ހުއްޓާލައި އެ ފަރާތްތަކަށް މަގުފަހިކޮށްދިނުމެވެ. މިހާރު މިފްކޯ އަށް ކުރާ ހޭދަ ކުރަންވީ އެ ދާއިރާ ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކަށް މަގުފަހިކޮށްދިނުމަށެވެ. އޭރުން އައްމިލަ ކުންފުނިތަކުން އިންވެސްޓްކޮށް ފައިދާ ނެރެ، ދައުލަތުން ކުރާ ހޭދައިގެ އެތައް ގުނައެއް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާނެއެވެ. މިހާރު ލިބެމުންދާ ގެއްލުން ފައިދާ އަށް ބަދަލުވީއެވެ. މިއީ އެކަން ކުރަން އެންމެ ރަނގަޅު ދަނޑިވަޅުކަމުގައި ނުވާ ނަމަ އެ ދަނޑިވަޅު ގެނައުމަށް މަސައްކަތްކުރާށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0