އަމިއްލަ ހިޔާލު: ދިވެހިންގެ ބޭންކު ހިންގޭ ވަރުގެ ދިވެއްސަކު ހަމަ ނެތީތަ؟

25 ޖޫން 2024 - 15:42

ޖުމްލަ ގޮތެއްގައި ވެސް ދިވެހިންނަކީ ތޫނުފިލު ބައެކެވެ. އެކި އިމްތިހާނުތަކުން މުޅި ދުނިޔެއިން އެއް ވަނަ ހޯދުމަކީ އޭގެ ހެއްކެކެވެ. އެކި ދާއިރާތަކުގައި ފުންނާބު އުސް ތައުލީމީ ބޭފުޅުން އެބަ ތިއްބެވެ. ތަޖުރިބާކާރުންނާއި ޑޮކްޓަރުންނާއި ޕްރޮފެސަރުންނެވެ. ދިވެހި ކުންފުނިތަކުގައި ވެސް ވަރުގަދަ ވެރިން އެބަ ތިއްބެވެ. ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ ގޮތުގައެވެ. ނަމަވެސް އަހަރެމެންގެ ބޭންކް، ދިވެހިންގެ ބޭންކް (ބޭންކް އޮފް މޯލްޑިވްސް) ހިންގޭ ވަރުގެ ދިވެއްސަކު ހަމަ އުޅެ އުޅެ ވެސް ނުހޯދުނެވެ. 

ބީއެމްއެލްގެ ސީއީއޯގެ މަގާމާއި އެހެން ވެސް އިސް މަގާމުތަކުގައި ބިދޭސީން ތިބޭތާ އަހަރުތަކެއް ވެއްޖެއެވެ. މި ވަގުތަށް ބެލިޔަސް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވީ ބިދޭސީއެކެވެ. ކާލް ސްޓުމްކެއަކީ ތަޖުރިބާކާރު ބޭފުޅެކެވެ. މެދު އިރުމައްޗާއި އެފްރިކާ އަދި އިންޑިއަން އޯސަންގެ މަޝްހޫރު ބޭންކްތަކުގެ އިސް މަގާމުތައް ފުރުއްވާފައި ވެއެވެ. 

advertisement

ޔޫއޭއީގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމު ވެސް ފުރުއްވިއެވެ. ތައުލީމާއި ތަޖުރިބާގެ ގޮތުން ސުވާލެއް ނެތެވެ. ނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ ދިވެހި ބޭންކްގެ އިސް ވެރިއަކަށް ކަމުދާ މި ފެންވަރުގެ ދިވެއްސަކު ނެތީ ހެއްޔެވެ؟ ނުވަތަ އެ ކަމަށް ކުރިމަތިލާނެ މީހަކު ނުވަނީ ހެއްޔެވެ؟

ކާލްގެ އިތުރުން ފައިނޭންސް ޑިރެކްޓަރަކަށް ވެސް ހުންނެވީ ބިދޭސީއެކެވެ. ލަންކާގެ ބޭފުޅެއް ކަމަށްވާ ނަންދަނާ ސެނެވިރަތުނޭއަކީ މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވެހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ދިވެހި ބޭންކްގައި ވެސް މަސައްކަތްކުރައްވާތާ ދިހަ ވަރަކަށް އަހަރުވީއެވެ. މީގެ އިތުރުން ޗީފް ރިސްކް އޮފިސަރ އާއި ޗީފް އިންޓާނަލް އޮޑިޓަރާއި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ފަދަ ބޮޑެތި މަގާމުތަކުގައި ވެސް ބިދޭސީން އެބަ ތިއްބެވެ. 

މިއީ މާ ބޮޑު މައްސަލައެއް ނޫނެވެ. ހަބަރު ލިބޭ ގޮތުގައި ކޯޕަރޭޓް ބޭންކިންގ ޑިރެކްޓަރަކަށްވެސް ބޭންކުން ބޭރު ބިދޭސީއަކު ހޯދުން ދާދި ގާތެވެ. މިފަދަ ބޮޑު ބޭންކެއް ހިންގުމުގައި ތަޖުރިބާކާރުން ބޭނުންވާނެއެވެ. އެކަމާ މެދު ދެ ބަސްވުމެއް ނެތެވެ. އެހެން ނަމަވެސް ހަމަ އުފެދޭ ސުވާލަކީ ދިވެހިންގެ ބޭންކް ހިންގޭ ވަރުގެ ދިވެއްސަކު ހަމަ ނެތީ ހެއްޔެވެ؟

ކާލްގެ ކުރިންވެސް ދިވެހި ބެންކަށް އެތައް ބޭރު މީހުންތަކެއް

ކާލްގެ ކުރިން ވެސް ދިވެހި ބޭންކްގެ ވެރިންނަށް ތިއްބެވީ ބިދޭސީންނެވެ. ޓިމޮތީ ސޯޔާ އެ ބޭންކްގެ ވެރިއަކަށް ތިން އަހަރު ހުންނެވިއެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގަތީ އޭގެ ކުރިން ހުންނެވި އެންޑްރޫ ހީލީ އެހެން މަގާމަކަށް ވަޑައިގަތުމުންނެވެ. ދިވެހި ބޭންކް މިހާރު މިދެކޭ ޒަމާނީ ބަދަލުތަކުގައި ހީލީގެ ހިއްސާ ބޮޑެވެ. 

ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި 2014 އިން ފެށިގެން 2018ގެ ނިޔަލަށް ހުންނެވި އިރު ބޭންކްގެ ހިދުމަތްތައް ޒަމާނީ ކުރެއްވުމުގައި ހީލީގެ ދައުރު ބޮޑެވެ.  އެހެން ނަމަވެސް ހީލީގެ ދައުރު ވެގެން ގޮސްފައި ވަނީ ގޮންޖެހުން ބޮޑު ދައުރަކަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދިވެހި ބޭންކްގެ ތެރެއިން ދައުރުވި މައްސަލާގައި އެ ބޭންކްގެ ވެރިން މަޖިލީހަށް ހާޒިރުކޮށްފައި ވެސް ވެއެވެ.

ހީލީގެ ކުރިން އެ މަގާމު ފުރުއްވީ ވެސް ބިދޭސީއެކެވެ. އެ ގޮތުން 2011 ވަނަ އަހަރުން ފެށިގެން ދިވެހި ބޭންކް ހިންގެވީ ޕީޓާ ހޯޓަން ނަމަކަށް ކިޔާ ބޭފުޅެކެވެ. ހޯޓަން ވެސް ފާހަގަކުރެވެނީ ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ. ހާއްސަކޮށް ބޭންކްގެ ފައިދާ އިތުރުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އެ ގޮތުން 2008 ވަނަ އަހަރަށް ފަހު ހިއްސާގެ ފައިދާ އާންމުންނަށް ބަހަން ފެށީ 2013 ވަނަ އަހަރު ހޯޓަންގެ ލީޑާޝިޕްގައެވެ. އެ ގޮތުން އެ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ އިން 50 މިލިއަން ހިއްސާދާރުންނަށް ބަހަން ބޭންކުން ނިންމިއެވެ.

ދިވެހިންގެ ބޭނުންތައް އެނގޭނީ ދިވެހީންނަށް

ދިވެހި ބޭންކްގެ ސީއީއޯގެ މަގާމަށް ހުޅުވާލާއިރު އާންމު ޝަރުތެއްގެ ގޮތުގައި އޮންނަނީ 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު ސީނިއާ އެގްޒެކެޓިވް މެނޭޖްމެންޓްގެ ދާއިރާ އިން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ. ސުވާލަކީ މި ފެންވަރުގެ ދިވެހިން ނެތީ ހެއްޔެވެ؟ ދިވެހި ބޭންކްގެ ސީއޯގެ މަގާމަށް ބިދޭސީއަކު އައްޔަންކުރާ ޚަބަރާއެކު މި ސުވާލު ފެންމަތިވެއެވެ. ސޯޝަލް މީޑިއާގަ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި މީހުން ފާޅުކުރާ ހިޔާލުތަކުގައި ވެސް ދިވެހި ބޭންކް ހިނގަން ދިވެއްސަކު ހަމަނުޖައްސަނީ ނުވަތަ ކުރިމަތިނުލަކީ ކީއްވެތޯ ވަރަށް ގިނައިން ސުވާލު ކޮށްފައި ހުރެއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރު ހިއްސާވާ ސައްތައިން ސައްތަ ދިވެހި ބޭންކަކުން އާންމުންނަށް ދޭ ހިދުމަތަށް ވުރެ ފައިދާ ހޯދުމަށް އިސްކަން ދިނުމުގައި ވެސް މައިގަނޑު ސަބަބަކީ ބޭންކްގެ ވެރިންނަށް ބިދޭސީން ތިބުމެވެ. އާންމު މީހާގެ ދިރިއުޅުމަށް ލުއި ފަސޭހަ ކޮށްދިނުމުގެ ނަމުގައި ބޭންކުގައި މިހާރު ވެސް އެތައް ފެސިލިޓީތަކެއް އެބަ ހުއްޓެވެ. 

ލުއި ލޯނާއި ގެދޮރުވެރިކަމަށް ދޫކުރާ ލޯނާއި އެ ނޫން ވެސް އެކި ބޭނުންތަކަށް ދޫކުރާ ލޯނުތައް ގިނައެވެ. އެހެން ނަމަވެސް މިއިން ކޮންމެ ލޯނަކީ ވެސް ދަންތުރައެއްގެ ގޮތުގައި މީހުން ސިފަކުރަނީ އެ ފަދަ ލޯނަކުން ނަގާ އިންޓަރެސްޓް އިންތިހާ އަށް ބޮޑުވުމުންނެވެ. އާންމު ޒަރޫރީ ބޭނުންތަކަށް ނަގާ ލޯނުތަކުން ވެސް 10 ޕަސެންޓަށް ވުރެ ބޮޑު އިންޓަރެސްޓެއް ނަގައެވެ. ހަމައެއާ އެކު ބޭންކަށް ލިބޭ ފައިދާ ވެސް އެތައް މިލިއަނަކުން އިތުރުވެގެން ދެއެވެ.

އާންމު މީހާގެ ވިސްނުމުން ވިސްނޭނެ ވަރުގެ ދިވެއްސަކު ދިވެހި ބޭންކްގެ ހުންގާނަށް އަންނާނެ ދުވަހަކީ ގިނަ ބަޔަކު ދެކެން ބޭނުންވާނެ ދުވަހެކެވެ. ދިވެހިންގެ ވިސްނުމުން ވިސްނާނެ މާލިމީއަކު ހުރެއްޖެ ނަމަ އާންމު މީހާ އަށް ލިބޭ ފައިދާ ވެސް ބޮޑުވުން އެކަށީގެންވެއެވެ. ދިވެހިންގެ ބޭންކު ބޭރު މީހުންގެ އަތްމައްޗަށް ކައްސާނުލައި ޕްރެފެޝަނަލް ދިވެހި ސީއީއޯ އެއް ފެންނާނެ ދުވަހަކީ ރާއްޖޭގެ ބޭންކިންގ އިންޑަސްޓްރީއަށް ލިބޭނެ ކުރިއެރުމެކެވެ

ރިއެކްޝަންސް
0
0
0
1
0
0
0