އަމިއްލަ ހިޔާލު: ދައުލަތުގެ ޚަރަދު ކުޑަކުރަންވީ މިހެން

30 ޖޫން 2024 - 16:05

ގޮތުގައި މަހެއްހާ ދުވަހުގެ ކާބޯތަކެތި ގަނެވޭ ވަރުވެސް ރިޒާވްގައި ނެތެވެ. ރިޒާވް އެއްކޮށް ހުސްވެއްޖެ ނަމަ މީގެ ދުވަސްކޮޅެއް ކުރިން އަވަށްޓެރި ލަންކާ އަށް ޖެހުނު ހާލު ރާއްޖެ އަށް ވެސް ޖެހުމުގެ ފުރުސަތު ބޮޑެވެ. 

ބައިނަލްއަގުވާމީ އިގްތިސާދީ މާލީ އިދާރާތަކުން މި އިންޒާރު ދެމުން ދާތާ އެތައް ދުވަހެކެވެ. އެހެން ނަމަވެސް ހުރިހާ ސަރުކާރަކުންވެސް މިކަމަށް ދެމުންގެންދަނީ ބީރު ކަންފަތެވެ. މިއަދު މިވަނީ ގައުމު ނުރައްކާތެރި ހާލަތަށް ވެއްޓުމުން ފިޔަވަޅުތައް އަޅައި ހިތިބޭސް ބޯން މަޖުބޫރުވެފައެވެ.

advertisement

ގައުމު ނުރައްކާތެރި ހާލަތަށް ވެއްޓުމުން މިވަނީ ހިތިބޭސް ބޯން މަޖުބޫރުވެފައި

ވެއްޓިފައިފާ އަނދަވަޅުން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެ ގޮތުން ހާއްސަ ހަފުލާތައް، އޭގެ ތެރޭގައި ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަފުލާތައް ނުބޭއްވުމަށާއި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ތަޖުރިބާކާރުން ދެކޭގޮތުގައި ހަރަދު ކުޑަކުރުމުގެ މަސައްކަތް ފަށަންޖެހެނީ އެންމެ މަތީ ފަޑީންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ހަރަދުތަކާއި، ޖުޑިސަރީގެ ހަރަދުތަކާއި, ރައްޔިތުންގެ މަޖިލީހުގެ ހަރަދުތައް ވެސް ކުޑަކުރަންޖެހެއެވެ. މިގޮތުން ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ބިލިއަނުން ކުރާ ހަރަދު ކުޑަކޮށް ކުރީގެ ރައީސުންނަށާއި ފަނޑިޔާރުންނަށް ދެވޭ އިނާޔަތްތަށް މުރާޖައާކުރަންޖެހެއެވެ. މިގޮތުން އެކިއެކި ފަރާތްތަކަށް ދެވޭ ޑަބަލް ޕެންޝަނާއި ރިޓަޔަރ ކުރާއިރު އޮންނަ ދައުލަތް ލޫޓްވާލުމުގެ އުސޫލު އުވާލަންޖެހެއެވެ.

އެ ގޮތުން މަޖިލީހުގެ މެންބަރުންނަށް މިހާރު ދޭ މުސާރަ ކުޑަކުރުމާއި އިނާޔަތްތައް ކުޑަކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އާންމު ގޮތެއްގައި ސަރުކާރުގެ މުވައްޒަފުންނަށް ވުރެ ވެސް މަދު ވަގުތުކޮޅެއް މަޖިލީހުގެ އިދާރާގައި ހޭދަކުރާ އިރު މެންބަރުންނަށް ހެނދުނުގެ ސަޔާއި މެންދުރު ކެއުމާއި މިހެން ގޮސް ދޭ އެތައް ހިދުމަތްތަކެއް ހުއްޓާލަންޖެހޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ. 

ހަމައެކަނި އެއަރޕޯޓް ސީއައިޕީ ޓާރމިނަލް ބޭނުންކުރުމަށް މަޖިލީހުގެ މެންބަރުންނާއި އާއިލާތަކަށް ކުރާ ހަރަދަކީވެސް ހިތްފަޅައިގެންދާވަރުގެ ބޮޑު އިސްރާފެކެވެ. އެހެން ރައްޔިތުންނަށް ނުލިބޭ އާޝިޔާންގެ ގައުމުތަކުން މެންބަރުންނަށާއި އާއިލާއަށް ލިބޭ ބޭސްފަރުވާގެ ހިދުމަތްތައް ކަނޑާލައި ރައްޔިތުންނާއި އެއްހަމައެއްގައި ތިއްބުމަކީ އިޖްތިމާއި އަދާލުތުގެވެސް އަސާސެކެވެ.

ހަނޑުލާއި ފުށާއި ހަކުރު ފަދަ ބާވަތްތަކަށް ދޭ ސަބްސިޑީން ދިވެހިންނަށް ލިބޭ ފައިދާ އަށް ވުރެ އެހެން ބަޔަކަށް ލިބޭ ފައިދާ ބޮޑެވެ. ސަބްސިޑީ ދޭ ހަނޑޫ ދިވެހިންގެ ތެރެއިން ކަނީ މަދު ބައެކެވެ. އޭގެ ބޮޑު ބައެއް ކަނީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. ނުވަތަ ބޭނުންކުރަނީ ސައި ހޮޓާތަކާއި ކެފޭތަކުންނެވެ. ހަކުރު ފަދަ ސިއްހަތަށް ނުހަނު ނުރައްކާތެރި އެއްޗަކުން ސަބްސިޑީ ދިނުން އެއްކޮށް ހުއްޓާލަން ޖެހޭކަމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައެވެ. ސަބްސިޑީ ލިބޭ ގޮދަން ފުށުމުގެ ބަދަލުގައި އާޓާ ފުށް ބޭނުންކުރާ ދިވެހިން ވެސް އަންނަނީ އިތުރުވަމުންނެވެ.

އާސަންދަ އާއި އެންސްޕާގެ ތެރެއިން ވެސް ބޮޑު ހޭދައެއް ބޭކާރު ވެގެން ދެއެވެ. އަދި ބާގަނޑުތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން އެތަށް ބިލިއަނެއް ކްލިނިކްތަކާއި ފާމަސީތަކުން ދަމައިގަނެއެވެ. އާސަންދާއާއެކު ދިވެހިންގެ ސިއްހަތު އިތުރަށް ގޯސްވެ އާދަޔާހިލާފަށް ބަރުހެލިވެ ސައުތު އޭސިޔާގެ އެންމެ ފަލަ މީހުންގިނަ ގައުމަކަށް ރާއްޖެމިވަނީ ވެފައެވެ. އެހެންކަމުން މިއީ ވެސް އެކަށީގެންވާ ގޮތެއްގައި ރީސްޓްރަކްޗާ ކުރެއްވިޖެ ނަމަ ސަލާމަތްކުރެވިދާނެ ހަރަދުތަކެވެ.

އިގްތިސާދު ހަމައަކަށް އެޅުވުމަށް ކުރެވޭނެ އެތައް ކަމެއް

މީގެ އިތުރުން އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް ރާއްޖެއިން ބޭރުގައި ކުރާ ހޭދަތައް ވެސް ބޮޑުތަނުން ކުޑަކުރަންޖެހެއެވެ. އެ ގޮތުން ރާއްޖެފަދަ ބައިނަލްއަޤްވާމީ ދުނިޔޭގައި މާބޮޑު ހައިސިއްޔަތެއް ގައުމަކުން ގާއިމުކޮށްފައިވާ އާދަޔާ ހިލާފަށް ގިނަ އެމްބަސީތަކާއި ކޮންސިއުލޭޓްތަކާއި, ނުބައްދަލު މުވައްޒަފުންގެ ބޭރު ދުނިޔޭގެ ލައިފްސްޓައިލަށް ކުރާ ބޭކާރު ހޭދަ ބޮޑުތަނުން ކުޑަކުރަންޖެހެއެވެ. 

ޒޫމްކޯލަކުން، އީމެއިލަކުން ނުވަތަ ވަޓްސްއަޕް މެސެޖަކުން ނިންމާލެވޭނެ ފަދަ ކަންކަމަށް ބޭރުގައުމަތަކުގައި ހާހުން މީހުން ތިއްބުމަކީ ސީދާ އިސްރާފެކެވެ. ބޮޑުކަމެއް ދިމާވުމުން މިހާރުވެސް ފޮރިން މިނިސްޓަރު ޖެހެނީ ފުރަފުރައިގެން ދާށެވެ. މިގޮތަށް ގައުމުން ބޭރުވާ ބޭރު ފައިސާ، މި ވަޒީފާތައް މަދުކުރެއްވިޖެނަމަ، އެތައް މިލިއަން ޑޮލަރެއް ސަލާމަތް ކުރެވިދާނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ ހަރަދުތައް ވެސް ކުޑަކުރަންޖެހެއެވެ. މި ވަގުތަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުން މުހިންމެވެ. ހިލޭ ދައުވަތެއްގައި ވެސް ބޭރަށް ދާންޖެހުނަސް އިތުރު ހަރަދެއް ކުރާ ނަމަ އެކަން ވެސް ހުއްޓާލަން ޖެހެއެވެ. ހަރަދު ކުޑަކުރުމުގެ ސުރުހީ އަޅާފައި ޖެހިގެން އަންނަ ދުވަހު ވަޒީރުންނަތައް ގައުމުތަކަށް ފުރައިގެން ދިޔަ ޚަބަރު ފެނުމުން އާންމުންނަށް އެކަން ހަޖަމްކުރަން ފަސޭހައެއް ނުވާނެއެވެ.

ސިޔާސީ މަގާމުތައް މަދުކުރުމަށް ފަހު ދެން އެންމެ އަވަހަށް ކުރަންޖެހޭ މަސައްކަތަކީ ކުންފުނިތައް ހަމަމަގަށް އެޅުވުމެވެ. ފައިދާއެއް ނުވެ ސަބްސިޑީގައި ހިންގާ ބައެއް ކުންފުނިތަށް އުވާލަން ޖެހެއެވެ. ހާއްސަކޮށް އެ ކުންފުނިތަކުގެ މާބޮޑު ބޭނުމެއް ނެތް ކުންފުނިތައް ހިމެނެއެވެ. މާލީ ހިސާބުތައް ދިރާސާކޮށްފައި މިފަދަ ކުންފުނިތައް އުވާލެވެއްޖި ނަމަވެސް އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވިދާނެއެވެ.

އިގްތިސާދީ ލޮޅުމުގެ އަސަރު އެންމެ ފުރަތަމަ ކުރަންޖެހޭނީ މަތީ ފަންތިތަކަށެވެ. އާންމު މީހާ އުފަންލެޖޭ ބުރަ ކުޑަކުރަން އިސްކަން ދޭންޖެހެއެވެ. ޓެކްސް ބޮޑުކުރުމާއި ޑޮލަރު ތާށިކުރުމަކީ އާންމު މީހާ އުފުލަންޖެހޭ ބުރައެކެވެ. ތަކެތީގެ އަގު މައްޗަށް ދާނެ ސަބަބެކެވެ. ސަރުކާރުގެ މަތިފަޑީގެ ހަރަދުތައް ކުޑަނުކޮށް އާންމު މީހާގެ ޖީބުން ކުރަންޖެހޭ ހޭދަ ބޮޑުވާ ނަމަ އިގްތިސާދީ ހާލަތާ މެދު އާންމުން ދެކޭ ގޮތް ވާނީ ބޮޑު ޖޯކަކަށެވެ.

އާންމު ފަރުދުން އުފުލަންޖެހޭ ބުރަ ބޮޑު ނުކޮށް ވެސް އިގްތިސާދު ހަމައަކަށް އެޅުވުމަށް ކުރެވޭނެ އެތައް ކަމެއް އެބަ ހުއްޓެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ރަޖިސްޓްރީނުކޮށް ހިންގާ އެތަށް ސަތޭކަ ކުދި ކުދި “ފިހާރަ”ތައް ހަމައަކަށް އަޅުވާލިޔަސް ރާއްޖެ އިން ބޭރުވާ ގިނަ އަދަދެއްގެ ޑޮލަރު ހިފެހެއްޓިދާނެއެވެ. އަދި މި ތަންތަން ހިންގުމުގައި ހަރަކާތްތެރިވަނީ ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. އެ މީހުން އެތަންތަނުން ހޯދާ އާމްދަނީ މިލިއަނުން ގުނޭ އިރު މިއީ އެ މީހުން ޑަލަރަށް ބަދަލުކޮށް ގައުމުން ބޭރުކުރާ ފައިސާއެވެ. 

ދައުލަތަށް އެއިން އެއްވެސް ޓެކްސްއެއް ވެސް ނުލިބޭ ވިޔަފަރިތަކެވެ.ދައުލަތުގެ އެއްވެސް ބޭންކަކަށް ނުވަދެ ނުވަތަ އެއިން ދައުލަތަށް އެއްވެސް މާލީ މަންފާއެއް ނުލިބި އެތައް މިލިއަން ޑޮލަރެއް ކަޅު ބާޒާރުގައި އެބަ ދައުރުވެއެވެ. ދުވަސްކޮޅަކަށް ނަމަވެސް އެ ކަމަށް ފާރަލައި ނުވަތަ އެކަން އިސްލާހުކުރުމަށް މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ.

އިގްތިސާދު ހަމަމަގަށް އެޅުވުމަށް ހުރިހާ ރައްޔިތުންވެސް ހިތި ބޭސް ބޯން މަޖުބޫރެވެ. ނަމަވެސް އެ ބޭސް ބޯން ފުރަތަމަ ފަށަންޖެހެނީ ދައުލަތުގެ އެންމެ މަތީންނެވެ. އެންމެ އާދައިގެ ރައްޔިތު މީހާ އަށް ބޭސް ބޯންދޭންޖެހޭނީ ދެން އިތުރު ގޮތެއް ނެތިގެންނެވެ. ދުނިޔެ އޮތީ ބޮޑު ހަނގުރާމައިގެ ވިލާގަނޑެއްގެ ތެރޭގައެވެ. ކުރިއަށް އޮތީ މިޖީލު ނުދެކޭފަދަ ތަދު ދުވަސްތަކަކަށް ވުން ވަރަށް ގާތެވެ. އިހްލާސްތެރިކަމާއެކު މިކަން ހައްލުކުރުމަށް ކުރާ ކޮންމެ ކަމަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބުން ވަރަށް މުހިންމެވެ.

ރިއެކްޝަންސް
0
0
0
1
1
0
0