އަމިއްލަ ހިޔާލު: އެސަރުކާރާއި މިސަރުކާރާއި ކުރީސަރުކާރު

3 ޖުލައި 2024 - 11:40

ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގެން ދެއްކެވީ ކުރީގެ ރައީސް އިބްރާހީމް ނާސިރު ކަންކުރައްވާފައިވާ ގޮތުގެ ވާހަކައެކެވެ. ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދު ވެސް ކެނޑިނޭޅި ދެއްކެވީ 30 އަހަރުގެ ވާހަކައެވެ. 

ރައީސް ޔާމީން ދެއްކެވީ އެމްޑީޕީ ސަރުކާރުގެ ނާގާބިލްކަމުގެ ވާހަކައެވެ. ރައީސް ސޯލިހް ދެއްކެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖެއްސި ދަރަނީގެ ދަންތުރައިގެ ވާހަކައެވެ. އެއްފަހަރާ ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހުނު ވާހަކައެވެ. މިހާރުގެ ސަރުކާރުން މިއަދު މިދައްކަނީ ރައީސް ސޯލިހު ރާއްޖެ ދަރުވައިލި ގޮތުގެ ވާހަކައެވެ.

advertisement

ސިޔާސީ ވާހާކަ ދެކެވޭ ކޮންމެ ތަނެއްގައި ތަކުރާރުކޮށް އިވެނީ އެއްވާހަކައެއް

ގައުމުގެ އިގްތިސާދު މިހާރު އޮތް ހާލަތަށް ވައްޓާލީ ނިމިދިޔަ ސަރުކާރުން ކަމަށް މި ސަރުކާރުގެ އިސްވެރިްނނާއި މަޖިލީހުގެ މެންބަރުން އެ ގެންދަވަނީ ވިދާޅުވަމުންނެވެ. ރައީސް ސޯލިހު ރާއްޖޭގެ ދަރަނި 124 ބިލިއަން ރުފިޔާއަށް އިތުރުކޮށްލިގޮތުގެ ވާހަކައެވެ. ސިޔާސީ ވާހާކަ ދެކެވޭ ކޮންމެ ތަނެއްގައި ތަކުރާރުކޮށް އިވެނީ އެވާހަކައެވެ.

“އެމްޑީޕީ ވެރިކަމުގައި 60 ބިލިއަން ރުފިޔާއިން ދަރަނި އިތުރު ކުރިއިރު އާމްދަނީ ވަންނާނެ އިތުރު ކަންތައްތަކެއް އެ ފައިސާއިން ކުރެވިފައެއް ނުވޭ. ދަރަނި ނަގައިގެން މައިގަނޑު ކަމަކަށް ކުރީ ރިކަރަންޓް ހަރަދު އިތުރު ކުރުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި މަޝްރޫތައް ހިންގައި އެ މަޝްރޫތަކަކީ ރާއްޖެއަށް އެއްގޮތަކަށް ވެސް ފައިސާ ވަންނާނެ ފަދަ އިގްތިސޯދު ފުޅާވާނެ ފަދަ ކަމެއް ނުކުރެވުނު ތަން ފެނިގެން ދިޔައީ،” ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވިއެވެ.

އިގްތިސާދީ ހާލަތާ މެދު މި ސަރުކާރު ކުރީ ސަރުކާރުގެ މައްޗަށް ފޫޅުކަނޑާއިރު ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކަމާއި ދިމާވެގެން އުޅޭ މައްސަލައަކީ މިހާރު ސަރުކާރު ހިންގަވަން ތިއްބެވި ވެރިންނަށް “މެނޭޖްކުރައްވަން” އެނގިވަޑައި ނުގަންނަވަނީ ކަމަށެވެ. ފޯކާސްޓްތަކުން ވެސް އަދި ތަފާސް ހިސާބުތަކުން ވެސް ދައްކާ ގޮތުން ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅު މިސްރާބުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

“ސަރުކާރުގެ މިސްޓޭކްތަކާއި އަދި މިދިޔަ ހަތް މަސް ދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާއި މާލީ ކަންކަން މެނޭޖު ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ކަންކަން ވެއްޓިފައި އޮތް ހާލަތު ފޮރުވުމަށް އޮޅުވާލަމުން މިދަނީ،” އަމީރު ވިދާޅުވިއެވެ.

އަމީރު މިހެން ވިދާޅުވިޔަސް ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. އިގްތިސާދީ ހާލަތު ގޯސް ނޫން ކަމަށް އަމީރު ވިދާޅުވާ ވާހަކަ އަށް އެ ބޭފުޅުން ވެސް ދެކޮޅު ނުހައްދަވައެވެ. “މިއުޅެނީ އިގްތިސޯދު ގޯސްވެގެނެއް ނޫން. މިއުޅެނީ ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން. މީގެ ހުރިހާ ޒިންމާއެއް އަމީރު ނަގަން ޖެހޭނެ. ފަސް އަހަރު ވަންދެން ފައިސާ ޗާޕު ކުރީ، މިއީދޯ މެނޭޖް ކުރަ ގޮތަކީ،” އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވިއެވެ.

އެމްޑީން ވެސް އަދި އަމީރު ވެސް ވިދާޅުވާ ގޮތުން އެ ބޭފުޅުން ޕްލޭންތައް ހެއްދެވީ އެމްޑީޕީ އަށް ވެރިކަން ލިބޭނެ ކަމަށް ބައްލަވައިގެންނެވެ. އަދި އެ ފިޔަވަޅުތައް ބިނާކޮށްފައި ވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރަންޖެހުނު ކަންކަމުގެ ސަބަބުން އިގްތިސާދަށް ދިމާވި މައްސަލަތަކުގެ މައްޗަށް ބަލައިގެން ކަމަށާއި ހާލަތު ރަނގަޅުކުރާނެ ގޮތުގެ ޕްލޭން އެމްޑީޕީގެ އޮތް ކަމަށެވެ. އަދި ވެރިކަން ލިބުނު ނަމަވެސް އެ ކަންކަން ތަންފީޒުވެ އިގްތިސާދީ މި ހާލަތަށް ނުވެއްޓޭނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

“ޕްލޭން ހެދީ 2023 ގައި އޮންނަ އިންތިހާބުން މޮޅުވާނެ ކަމަށް ބަލައިގެން. އަދި މިސާލަކަށް ބަލި ވިޔަސް ދެން އަންނަ ސަރުކާރަކުން މި ކަންކަން ކުރިއަށް ގެންދާނޭ ގޮތުގެ ޕްލޭނެއް ނެތި ނާގާބިލް ބަޔަކު އަންނާނެ ކަމަށް ބަލައިގެނެއް ނޫން އެ މަސައްކަތް ކުރީކީ،” އަމީރު ވިދާޅުވި އެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިއިރުވެސް އިގްތިސާދު ހާލަތުގެ ނާޒުކު މިންވަރުގެ ވާހަކަ ދިޔައީ ދައްކަމުން

ހަމައެކަނި އިގްތިސާދީ މައްސަލަތަކުގައެއް ނޫނެވެ. ގޯހުން ކަމެއް ހިނގާ ނަމަ އޭރެއްގައި އޮންނަ ސަރުކާރަކުން ފޫޅު ކަނޑަނީ ކުރީގެ ސަރުކާރަށެވެ. މާލެ ތެރޭގައި ވައްކަމާއި ފޭރުން ގިނަވުމުން ވެސް ކަމާ ބެހޭ އިދާރާތަކުން ވެސް ދެއްކީ ކުރީ ސަރުކާރުގެ ވާހަކައެވެ. އެފަދަ ކުށްތަކުގައި ގިނައީ ކުރީ ސަރުކާރުން ދޫކޮށްފައި ތިބި މީހުން ކަމަށް ކަމާ ބެހޭ އިދާރާތަކާއި މި ސަރުކާރުގެ ސިޔާސީ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވައެވެ. 

ފަގީރުންނާއި ނިކަމެތިން ހައްޖަށް ފޮނުވުމުގައި މައްސަލައިގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީވެސް އެއީ ކުރީސަރުކާރުން އެކުަލަވާލައިފައިވާ ލިސްޓެއްކަމަށެވެ. މާލޭ ރަސްމީ ފާލަން އާ ކުރާ ވާހަކަ ދެއްކުމުން ވެސް އެއީ ކުރީސަރުކާރުން އެ ފާލަން މަރާމާތުކުރަން ކަމެއް ކޮށްފައި ނެތުމުންކަމަށް ހާމަކުރިއެވެ. ނަމަވެސް އެންމެ ފަހުން އާ ފާލަމެއް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ވެސް ކުރީ ސަރުކާރުން ކަމަށްވެސް ހާމަކުރުމުން މިކަމުގެ ދެކޮޅެއް ނޭގެއެވެ.

ފަސް އަހަރުގެ ދައުރެއް ނިންމާފައި އާ ބަޔަކު ވެރިކަމަށް އަންނަ އިރު ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންކަމާ ހަވާލުވާންޖެހޭނެއެވެ. އެހެން ނަމަވެސް ހަމައެކަނި ހަވާލުވަނީ ރަނގަޅަށް ކޮށްފައި ހުރި ކަންކަމާ އެކަނިއެއް ނޫނެވެ. ރައްޔިތުން ވެރިކަން ބަދަލުކުރަނީ ކުރީގެ ސަރުކާރުގެ ނާގާބިލްކަމުން އެސަރުކާރުތަކުން ހަދާފައިވާ ގޯސްތަށް ރަނގަޅުކޮށް ގޯސްހެދި ބަޔަކު ހޯދައި ފިޔަވަޅު އެޅުމަށެވެ. މިސަރުކާރުން ވެރިކަމާ ހަވާލުވިއިރުވެސް އިގްތިސާދު ހާލަތުގެ ނާޒުކު މިންވަރާއި ދަރަނީގެ ނުރައްކާ ވާހަކަ ވަރަށް ސާފުކޮށް ދިޔައީ ދައްކަމުންނެވެ. 

އެމްޑީޕީ ސަރުކާރުންނާއި އަދި އޭގެ ކުރީގެ ސަރުކާރުތަކުން ނަގާފައި އޮތް ދަރަންޏަކީ ހަމަ ކުއްލިއަކަށް ފެންމަތިވި އަދަދުތަކެއް ވެސް ނޫނެވެ. އެއީ ވެރިކަމަށް އައުމަށް ކެމްޕެއިން ކުރަމުން އައި އިރު ވެސް ވެސް ފެންނަން އޮތް އަދަދުތަކެކެވެ. މިކަންކަން އިތުރަށް ސާފުކޮށްދީ މިކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

ރާއްޖޭގެ މާޒީ ހާމަކޮށްދެނީ ކުރީގެ ސަރުކާރުތަކުގެ ވައްކަމާއި ފަސާދައިގެ ވާހަކަ އަކީ ހަމައެކަނި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އެކަނިކަމެވެ. މިކަމުގައި އެއްވެސް އިހުލާސްތެރިކަމެއް އޮވެމެ، ދުވަހަކުވެސް އެދެވޭ ފިޔަވަޅުތަކެއް އަޅައި, މިކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅުތަކެއް އެޅިކަމެއް ތާރީހުން ފެންނާކަށް ނެތެވެ. 

ރައީސް ނަޝީދާއި ރައީސް ޔާމީންގެ ޖަލު ހުކުމްތަކަކީވެސް، ދައުލަތަށް ރައްޔިތުންނަށް ލިބުނު ގެއްލުމެއްގެ ބަދަލު ހޯދުމަށްވުރެ އިންތިހާބުތަކަށް ސިޔާސީ ބަދަލު ހިފުމުގެ ރޫހުގައި ކުރިކަންކަމުގެ ގޮތުގައި ބެލެވޭނެ ޖާގަ ސާފުކޮށް އެބައޮތެވެ. ބޮޑެތި ޕޯޑިއަމްތަކުގައި ސިޔާސީ ގޮތުން ކިތަންމެ ވަރަކަށް ޢީބަބުނެ، ދެބައޮޑުވެ ކަންދެއްކިއަސް، އަބަދުމެ ފެންނަނީ ސިޔާސީ ވާދަވެރިން އަޑިއަޑީން ޑީލް ހަދައި ދައުލަތް ލޫޓުވާލުމަށް އެއްބަސްވާ މަންޒަރެވެ.

ރިއެކްޝަންސް
0
0
0
0
0
1
0