އަމިއްލަ ހިޔާލު: ލާމަރުކަޒީ ނިޒާމުގެ ހަރަދު ބޮޑު، ނަތީޖާ ސުމެއް

7 ޖުލައި 2024 - 15:03

އެންމެ ފުރަތަމަ ލާމަރުކަޒީ ނިޒާމު ތައާރަފްވެގެން އައި އިރު ބައެއް ކައުންސިލަރުން ފޮތުގައި ސޮއިކޮށްލާފައި އުޅެނީ އަމިއްލަ މަސައްކަތުގައެވެ. ބައެއް މީހުން ރިސޯޓްތަކުގެ ވަޒީފާތަކުގައި ވެސް އުޅުނެވެ. އަނެއް ބަޔަކު ދަނީ މަހަށެވެ. އެހެން ނަމަވެސް ޒަމާނާ އެކު ނިޒާމު ހަރުދަނާވެ، މުސާރަތައް ބޮޑުވުމުން ކައުންސިލަރުންގެ ޒިންމާތައް ވެސް ވަނީ ބޮޑުވެފައެވެ. މިހާރު އެއީ ފުލް ޓައިލް ވަޒީފާއެކެވެ. ޒިންމާ ބޮޑު އަދި “ބާރު” ވެސް ގަދަ ވަޒީފާއެކެވެ. އެހެން ނަމަވެސް އާންމުންގެ ކަންބޮޑުވުން އޮތީ  އެ ޒިންމާތައް ބައެއް ކައުންސިލަރުންނަށް ނުވިސްނޭތީއެވެ.

ކައުންސިލަރުންގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފައްދަނީ ހަމައެކަނި އާންމުންނެއް ނޫން

ލާމަރުކަޒީ ނިޒާމު ނުވަތަ ކައުންސިލަރުންގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެގެން މިއުޅެނީ މި ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ބައެއް ކައުންސިލްތަކުން ކޮށްފައިވާ އަދި ކުރަން ކަނޑައަޅާފައިވާ ތަޖުރިބާ ދަތުރުތަކުގެ މައްސަލަ މަޖިލީހުގައި ވަނީ ފެންމަތިކޮށްފައެވެ. އެ ގޮތުން ބައެއް ކައުންސިލްތަކުން ތުރުކީ އާއި ބެންކޮކާއި މިހެން ގޮސް ޓުއަރިސްޓް މަންޒިލްތަކަށް ކޮށްފައިވާ ދަތުރުތަކާއި އެ ދަތުރުތަކަށް ކޮށްފައިވާ ހޭދަތަކުގެ ވާހަކަ މި ދުވަސްކޮޅު ވަރަށް ބާރަށް އެބަ ދެކެވެއެވެ.

advertisement

ކައުންސިލްތަކުން ބޭކާރު ހަރަދުތައް ކުރާ ކަމަށް ތުހުމަތުކުރައްވައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ގދ. އަތޮޅު ކައުންސިލަރުން ތުރުކީ އާއި އެކުވެރި އަރަބި އިމާރާތުގެ ދުބާއިއަށް ވަޑައިގަންނަވަން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ދަތުރަށް 837،000ރ. ހަރަދުކޮށްފައިވާ ކަމަށެވެ. ލޯކަލް ކައުންސިލްގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން އެ ކައުންސިލްތަކުން އެ ހިފަނީ އެއްވެސް މާލީ ޒިންމާއެއް ނެތި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

“އަންނަ ޖުލައި 26 ބަންދުގައި ހއ. އަތޮޅު ކައުންސިލަރުން ވަނީ ބެންކޮކް ދަތުރެއް ރާވާފައި، 2024 ވަނަ އަހަރު ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން 12 ދުވަަހަށް ތުރުކީއަށް، ތިން ދުވަހަށް ދުބާއީއަށް ދަތުރު ކުރުމަށް 837،000 ހަރަދުކޮށްފައިވޭ، ޑޮލަރު ގަތީ ކަޅު ބާޒާރުގައި 17.65 ލާރިއަށް،” ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ މި ތުހުމަތުތަކާ އެކު ކައުންސިލްތައް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ރަށްތަކާއި އަތޮޅުތަކުގެ އެންމެހާ ކަންކަން ބަލައި އެކަންކަން ހިންގުމުގެ ޒިންމާ ކައުންސިލްތަކުގައި އޮތް އިރު އެކަން ކުރުމަށް ރައްޔިތުން ހޮވާ މެންބަރުންގެ އެ ފެންވަރު ނުހުރުމަކީ އާންމުން އަބަދު ވެސް ދައްކާ ވާހަކައެކެވެ. އެހެންކަމުން ކައުންސްލްތަކަށް ކުރިމަތިލުމަށް ތައުލީމީ ޝަރުތެއް ކަނޑައެޅުމަށް ވެސް އެއް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ހަމައެކަނި ތައުލީމީ ޝަރުތުތައް ކަނޑައަޅަންވީ ކައުންސިލަރުންގެ އެކަންޏެއް ނޫނެވެ. ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ހުރިހާ މަންދޫބުންގެ ތައުލީމީ ޝަރުތެއް ކަނޑައަޅަންޖެހެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުން ވެސް ހިމެނެއެވެ.

“ތައުލީމީ ގޮތުން ވަކި ޝަރުތުތަކެއް ހަމަވާންޖެހޭތޯ. މިސާލަކަށް ނިޒާމީ ތައުލީމް، އެންމެ ކުޑަމިނުން ނިޒާމު ތައުލީމު އެއީ ގްރޭޑް 10އަކާ ހަމައަށް ކިޔެވުން. ނިޒާމީ ތައުލީމް ފުރިހަމަވެފައި ހުންނަންޖެހޭތޯ. މިކަންކަމަކީ އަޅުގަނޑުމެން ބަހުސްކުރުމަށް މުހިންމު ކަންތައްތައް ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް،” ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވިއެވެ.

ނާޒިމްގެ ތުހުމަތުތަކާ އެކު ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި

ކައުންސިލަރުންގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފައްދަނީ ހަމައެކަނި އާންމުންނެއް ނޫނެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮތް ލޯކަލް ގަވަމަންޓް އޮތޯރިޓީ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ދާދި ފަހުން މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގާނޫނާ އެއްގޮތަށް ކައުންސިލަރުން ޒިންމާ އަދާނުކުރާ ކަމުގެ ޝަކުވާތައް އެ އޮތޯރިޓީ އަށް ލިބޭ ކަމަށާއި ބައެއް ފަހަރު އެހެން ވަނީ ކައުންސިލަރުންނަށް ވެސް މަގާމުގެ މަސްއޫލިއްޔަތުތައް ނޭނގޭތީ ކަމަށެވެ. އެހެންކަމުން އެ ކަމަށް ހައްލު ހޯދުމުގެ ކުރިން އިންތިހާބުވާ ކައުންސިލަރުން ހުވާކުރުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއް ހެދުމަށް މަޖުބޫރުވާ ގޮތަށް ހެދުމަށް ޑރ. ޒުލްފާ ވަނީ ކޮމިޓީ އަށް ހުށަހަޅުއްވާފައެވެ.

“އަޅުގަނޑުގެ ވިސްނުމަކީ އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާ ކުރުމުގެ މަރުހަލާ ކަނޑައްތު ނުކުރެވޭ ގޮތް ހެދުން.” ޑރ. ޒުލްފާ ވިދާޅުވިއެވެ. ޑރ. ޒުލްފާގެ މި ވާހަކަތަކާއި އަދި ނާޒިމްގެ ވާހަކަތަކާ އެކު ސޯޝަލް މީޑިއާ ކެކި އަރައިގަތެވެ. ޒުލްފާގެ ވާހަކަތަކަށް ރައްދު ދީ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރައްޔިތުންގެ ވޯޓަކުން މީހަކު މަގާމަކަށް ހޮވުމަށް ފަހު އޭނާ ހުވާކުރުން ނުހުއްޓުވޭނެ ކަމަށެވެ. ކައުންސިލަށް ހޮވޭ ފަރާތްތަކުގެ ފެންވަރު މަތިކުރަން ބޭނުން ނަމަ އެ ކަމަށް ކުރިމަތިލުމަށް އޮންނަ ޝަރުތުތައް ބަދަލުކުރުމުން އެކަން އިސްލާހު ވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ހިޔާލު ފާޅުކޮށްފައި ވެއެވެ.

ކައުންސިލްތަކުން ކުރާ ހޭދަތަކާ ބެހޭ ގޮތުން ނާޒިމް ދެއްކެވި ވާހަކަތަކަށް ވެސް އާންމުން ވަނީ ރައްދު ދީފައެވެ. އެ ގޮތުން ސަރުކާރުގެ ވަޒީރުންނާއި އެހެން އިސް ވެރިން ބޭރު ގައުމުތަކަށް ދަތުރުކުރާ އިރު އެ ދަތުރުތަކުން ލިބޭ މަންފާ އާއި ފައިދާގެ ވާހަކަ ނުދައްކައި “ރާއްޖެތެރޭގެ” ކައުންސިލަރުން ތަޖުރިބާ އާއި ތަމްރީން ހޯދުމަށް ދަތުރެއް ކުރުމުން އެކަމާ ކަންބޮޑުވަނީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ. 

އަދި އިގްތިސާދީ ހާލަތު ދަށްވެގެން އުޅޭ ކަމަށް ސަރުކާރުން ބުނާ އިރު ވެސް އެކި ވަޒީރުން އެކި ގައުމުތަކަށް ފުރާވަޑައިގަންނަވާ އިރު އެކަން ނުހުއްޓުވައި ކައުންސިލްތަކުން ކުރާ ދަތުރުތައް ހުއްޓުވަނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދާފައި ވެއެވެ.

މި ވާހަކަތަކުގެ ތެރެއިން އަނެއް ބަޔަކު އުފަންކުރި ހިޔާލު ވެސް ތަފާތެވެ. ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ތައާރަފްވިތާ އަދި މިވީ ފަނަރަ ވަރަކަށް އަހަރެވެ. އޭގެ ކުރިން އޮތީ ކަތީބުންގެ ނިޒާމެވެ. އެ ނީޒާމާއި ލާމަރުކަޒީ ނިޒާމާ ވަރަށް ބޮޑަށް އެބަ އަޅާ ކިޔެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ލާމަރުކާޒީ ނިޒާމު ތައާރަފްކޮށްގެން ކުރެވުނު ތަޖުރިބާތައް އެހާ ރަނގަޅެއް ނޫނެވެ. ނުވަތަ މިހާރު ރާއްޖޭގައި އޮތީ ހަރަދު ބޮޑު އަދި ނަތީޖާ ނެރުމަށް ހުރަސްތައް ހުރި ނިޒާމެކެވެ. އެހެންކަމުން އެ ނިޒާމަށް އަދިވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެއެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ހަރަދު ކުޑަ ރަނގަޅު ގޮތްތަކެއް ހޯދަން ޖެހޭ

ލާމަރުކަޒީ ނިޒާމާ މެދު ހިޔާލު ފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖެ ފަދަ ޖަޒީރާ އަދި ސެންޓްރަލައިޒްޑް ނިޒާމެއް އޮތް ގައުމަކަށް މިއަށް ވުރެ ހަރަދު ކުޑަ ރަނގަޅު ގޮތްތަކެއް ހޯދެން ޖެހެއެވެ. އެ ގޮތުން މިހާރު ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަތޮޅު ކައުންސިލް ހިންގުން ހަވާލުކޮށް، ރަށުގެ ކަންކަން ހިންގުމުގެ ޒިންމާއަކީ ރަށު ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ ލަފާގެ މަތިން ސެކްރެޓޭރިއޭޓުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަނޑައަޅައި ސެކްރެޓޭރިއޭޓްގެ ޝަރުތުތައް މަތިކުރުމުން ކަންކަން އަވަސްވެ، ޒިންމާދާރުކަމާ އެކު ހިނގާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

މީގެ އިތުރުން މިހާރު އޮތް ގޮތަށް އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ވަކިން އޮންނަ އޮތުން އުވާލައި، ކައުންސިލްތަކުގެ ދަށުން މަސައްކަތްކުރާ ބައެއްގެ ގޮތުގައި އޮންނަ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ. ދާދި ފަހަކާ ޖެހެން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ދެމުން އައީ ރަމްޒީ އެލަވަންސެކެވެ. އެހެންކަމުން އެ ކޮމިޓީގައި މެންބަރުން ހަރުނުލާ މައްސަލަ ބޮޑެވެ. އެކަން ހައްލުކުރުމަށް މެންބަރުންގެ މުސާރަ 5،000ރ. އަށް ބޮޑު ކުރިނަމަވެސް އަދިވެސް ކޮމިޓީގައި މެންބަރުން ހަރުލުމުގެ މައްސަލަ ބޮޑެވެ. އެހެންކަމުން އަވަސް އަވަހަށް އިންތިހާބުތައް ބޭއްވުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަކޮށްފައި ވެއެވެ.

ބޮޑެތި ހޭދަކޮށްގެން އިންތިހާބެއް ބާއްވައި ކައުންސިލަަރުންނާއި ކޮމިޓީތައް އެކުލަވައިލި ނަމަވެސް އެ އެދެވޭ ނަތީޖާ ނުލިބޭކަމީ ވަހުމެއްނެތި ޔަގީންކުރެވޭކަމެކެވެ. ރަށްރަށުގެ ކައުންސިލަރުންނަށް ގިނަ ފަހަރު ހޮވެނީ ސިޔާސީ ފަރާތްތަކަށް ގުލާނުކުރުމަށް ރަށްރަށުގައި ގެންގުޅޭ އެޅިހާބަތަކަށް ރިހަ ކިޔާ ފަރާތްތަކެވެ.

މިއީ ރަށްރަށަށް މާނަވީ ތަރަައްޤީއާއި ތަހުޒީބު ގެނައުމަށްވުރެ މިފަދަ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން އުޖޫރައެއް ދިނުމަށް ކުރާކަމެއްގެ ގޮތުގައި ދެކޭ ފަރާތްތައް މަދެއް ނޫނެވެ. އާންމު ގޮތެއްގައި އަންހެނުންގެ ކޮމިޓީ އަށްވެސް އޮންނަނީ އެކިއެކި ހަފުލާތަކަށް ތަންތަން ފޮޅައި ސާފުކޮށް ތައްޔާރުކުރުމާއި، ކެއްކުމާއި، ސިޔާސީ ފަރާތްތަކުން ރަށްރަށަށް ދިއުމުން އަތިރިމައްޗަށް ނިކުމެ ރަތްދައްކާ އަވީގައި ނެށުން ފަދަ ކަންކަން އިންތިޒާމްކުރުމެވެ.

ކޮންމެ އަހަރަކު މާލެ ސަރަހައްދަށް ހިޖުރަކުރާ އަދަދަށް ބަލާލިއަސް އެނގެނީ ލާމާރުކަޒީ ނިޒާމެއް އޮތަސް އިގްތިސާދު އޮތީ މާލެ ސަރަހައްދަށް މަދުބަޔަކަށް މަރުކަޒުކުރެވިފައިކަމެވެ. ނިޒާމު ލާމަރުކަޒީވިޔަސް ރައްޔިތުން ތިބީ މަރުކަޒީވެފައެވެ. ދުވަހަކުވެސް ދިރިނޫޅޭ ގުޅުމެއްނެތް ސަރަހައްދުތަކަށް އިންތިހާބުކުރުމަށް ވޯޓުލުންފަދަ ނާތަހުޒީބީ ނިޒާމު ބަދަލުކުރާންޖެހެއެވެ. 

ދިވެހި ރައްޔިތުން ދާއިމީ އެޑްރެސް ބޭނުންކޮށްގެން ވަކިވަކި 200 ރަށަށް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނަސް ރަށު ބަންދުން ވީއްލާންއެބަޖެހެއެވެ. ކޮންމެ ދިވެއްސަކަށް އެމީހަކު ދިވެހިރާއްޖޭގެ ބޭނުންތަނެއްގައި ތަފާތުކުރެމެއްނެތި އުޅުމުގެ ހައްޤު ގާނޫނުއަސާސީން ކަށަވަރު ކޮށްދެއެވެ. ވަކި ރަށެއްގެ މީހަކަށް ވުރެ ކޮންމެ ރައްޔިތަކުވެސް ފުރަތަމަ ނިސްބަތްވަނީ ދިވެހިރާއްޖެއަށެވެ.

ރިއެކްޝަންސް
0
1
1
1
2
0
1