އަމިއްލަ ހިޔާލު: ޚަރަދު ކުޑަކުރަން ބައެއް އެމްބަސީތައް އުވާލާކަށް ނުވޭތަ؟

10 ޖުލައި 2024 - 12:01

ބޭރުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގެ ދައުރު މުހިންމެވެ. އޭގެ ސަބަބުން ފަސޭހަތަކެއް ވެސް ލިބެއެވެ. ވިޔަފާރި އާއި އިގްތިސާދީ ކަންކަމުގައި ވެސް އެމްބަސީތަކުގެ ދައުރު މުހިންމެވެ. 

އެހެން ނަމަވެސް މި ފަހަކަށް އައިސް އެމްބަސީތަކުގެ މަގުސަދާއި ބޭނުން ވަނީ އޮޅިފައެވެ. ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ވެސް ވެފައި މި ވަނީ ބޭފުޅުންނާއި ސިޔާސީ މީހުންގެ ބޭރު ދުނިޔޭގެ ލައިފްސްޓައިލްގެ ހަރަދު ބަލަހައްޓާ މަރުކަޒުތަކަށެވެ.

advertisement

އެމްބަސީތައް ވެފައި ވަނީ ސަރުކާރުގެ އިސްވެރިންގެ އާއިލާ މީހުންނަށް ވަޒީފާ ދޭ ތަންތަނަށް

ނިމިދިޔަ އެމްޑީޕީ ސަރުކާރާއި އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މި ކަންތައް ވަރަށް ބޮޑުވެގެން ދިޔައެވެ. ހަމަ ކުއްލިއަކަށް އެމްބަސީތަކުގެ ވަޒީފާތައް އިތުރުވިއެވެ. އަދި އެ ތަންތަން ވެފައި ވަނީ ސަރުކާރުގެ އިސްވެރިންގެ ދަރިންނާއި އާއިލާ މީހުންނަށް ވަޒީފާ ދޭ ނުވަތަ ކޮންމެ ވެސް “ނުހައްގު” މަންފާއެއް ކުރާ ތަންތަނަށެވެ. އެ ގޮތުން ޑިޕްލޮމެޓިކް ސްޓެޓަސް ދިނުމަށާއި ބޭރުގައި ދިރިއުޅޭ މިފަދަ ފަރާތްތަކަށް ބޮޑު މުސާރަ ދިނުމަށް އެމްބަސީތަކުން ވަޒީފާތައް އުފައްދާފައި އެބަ ހުއްޓެވެ.

ނަތީޖާއަކަށް ވެފައި ވަނީ ބައެއް އެމްބަސީތަކުގައި ފަންސަވީހަކަށް މުވައްޒަފުން ވެސް ތިބުމެވެ. މިއިން ކޮންމެ މުވައްޒަފެއްގެ މުސާރަ އާއި އެހެނިހެން ކަންކަމަށް ކޮންމެ މަހަކު ލައްކައެއްހާ ރުފިޔާ ހޭދަވެއެވެ. އެމްބަސީތަކަށް ކުރާ ހޭދަ އިންތިހާ އަށް ބޮޑެވެ. އެކި ގައުމުތަކަށް އެކި މިންވަރަށެވެ. ސުވާލަކީ ކުރާ ހޭދައާ އަޅާބަލާއިރު ގައުމަށް އެކަށީގެންވާ ފައިދާއެއް ނުވަތަ މަންފާއެއް ކުރޭ ހެއްޔެވެ؟

ސްރީ ލަންކާ އާއި އިންޑިއާ އަދި މެލޭޝިޔާގައި ގާއިމުކޮށްފައިވާ އެމްބަސީތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން ތިބޭ އިރު އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އޭގެ ސަބަބުން ފައިދާތަކެއް ކުރޭ ހެއްޔެވެ؟ ސޯޝަލް މީޑިއާ ހާވާލުމުން ހަމަ ގައިމު ވެސް ފެންނަނީ ޝަކުވާތަކެވެ. ހާއްސަކޮށް ލަންކާގައި ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިބި އިރު އެ ތަނުގައި ދިރިއުޅޭ ދިވެހިންނަށް ލިބޭ މާ ބޮޑު ފަސޭހަތަކެއް ނެތް ކަމަށް ބައެއް މީހުން ޝަކުވާކޮށްފައި ހުރެއެވެ.

ބޮޑު މަސައްކަތެއް ކުރުމަކާ ނުލައި ބޮޑު މުސާރަ ނަގާ

މި ސަރުކާރުގައި ވެސް މި ކަން އޮތީ މިހެންނެވެ. އެމްބަސީތަކުގެ ވަޒީފާތައް ވެސް ވެފައި ވަނީ ސިޔާސީ ފަރާތްތަކުގެ މެދުގައި ބަހާ ވަޒީފާތަކަކަށެވެ. މެންބަރުންނާއި ވަޒީރުންނާއި ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ސިޔާސީ ސްލޮޓްތަކުގެ ތެރޭގައި އެމްބަސީތަކުގެ ވަޒީފާތައް ވެސް ހިމެނެއެވެ. އެހެންކަމުން އެ ތަންތަނަށް މީހުން ފޮނުމުގައި ވެސް ސިޔާސީ އެހެން މަގާމުތަކެކޭ އެއްގޮތަށް ފެންވަރަށް ބެލުމެއް ނޯވެއެވެ.

 ސިޔާސީ އެކްޓިވިސްޓުންނާއި ފިލްމް ކުޅޭ މީހުންނާއި ސޯޝަލް މީޑިއާގައި ސަރުކާރު ދިފާއުކުރަން އުޅޭ މީހުން ވެސް އެމްބަސީތަކުގެ މަގާމުތަކުގައި މިހާރު ވެސް އެބަ ތިއްބެވެ. ބައެއް ވަޒީރުންގެ އާއިލީ ފަރާތްތަކަށް ވެސް އެމްބަސީތަކުން ވަޒީފާ ދީފައި އެބަ ހުއްޓެވެ. މާ ބޮޑު މަސައްކަތެއް ކުރުމަކާ ނުލައި ބޮޑު މުސާރައެއް އެބަ ނަގައެވެ. މިދިޔަ ސަރުކާރާއި އަދި ކުރީ ސަރުކާރުތަކުގައި ވެސް މިކަން އޮތީ މިހެންނެވެ.

 އެމްބަސީތަކަށް މީހުން ނެގުމުގައި ވެސް ތައުލީމާއި ތަޖުރިބާ އަށް ބެލުމެއް ނެތެވެ. ބަލަނީ ސިޔާސީ ގޮތުން ސަރުކާރަށް އޮތް ފައިދާއަށެވެ. 

ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާ އިރު ބޭރު ގައުމުތަކުގައި ގާއިމުކޮށްފައި ހުރި އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގެ ޚަރަދުތައް ވެސް ކުޑަކުރަން ވިސްނަންޖެހެއެވެ. ކޮންމެހެން އެމްބަސީތައް ނުވަތަ އެމްބެސެޑަރުން ބައިތިއްބަން ނުޖެހޭ ގައުމުތަކުގައި އެކަން ނުކުރުން ރަނގަޅެވެ. އޭގެ ބަދަލުގައި ސަރަހައްދީ އެމްބަސީތަކެއް ވެސް ކަނޑައެޅިދާނެއެވެ. 

މިސާލަކަށް ތިން ހަތަރު ގައުމަކަށް އެއް އެމްބަސީ ކަނޑައެޅިދާނެއެވެ. އަދި ކަމެއް ޖެހޭ ހާލަތެއްގައި ގައުމުތަކަށް ދަތުރު ކުރެވޭ ގޮތަށް ހެދުމުން ބޮޑުތަނުން ހަރަދު ކުޑަކުރެވޭނެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވެސް ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. އެ ގޮތުން އޮންލައިން ނިޒާމެއް ބޭނުން ކޮށްގެން ވެސް ހިދުމަތްތައް ދެވޭ ނަމަ މިހާ ބައިވަރު އެމްބަސީތައް ކޮންމެހެން މުހިންމެއް ނޫނެވެ.

ރާއްޖެ އަށް ވުރެ މާ ބޮޑެތި ބިޔަ ގައުމުތަކުން ވެސް ދުނިޔޭގެ ހުރިހާ ދިމާއެއްގައި އެމްބަސީތަކާއި ކޮންސިއުލޭޓްތައް ގާއިމުކޮށްފައެއް ނުހުރެއެވެ. އޭގެ ބަދަލުގައި އެ ގައުމުތަކުން ވެސް ހުންނަނީ ސަރަހައްދީ އޮފީސްތަކެއް ގާއިމުކޮށްފައެވެ. ރާއްޖެ އަށް ވެސް މި އުސޫލުން ބައެއް އެމްބަސީތައް އުވާލައި ސަރަހައްދީ އޮފީސްތަކެއް ގާއިމުކުރެވިދާނެއެވެ. ދައުރެއްނިމިގެންދާއިރު ބިލިއަނަކާ ގާތްކުރާ އަދަދެއް ހާރިޖީ ވުޒާރާއަށް ހަރަދުކުރުމަކީ ބިޔަ ބޮޑު އިސްރާފެކެވެ. 

ހާއްސަކޮށް ރާއްޖެކަހަލަ ބޭރު ދުނިޔޭގައި މާބޮޑު ހައިސިއްޔަތެއްނެތް ގައުމަކުން ކުރަން ހެޔޮވާވަރުގެ ހަރަދެއް ނޫނެވެ.  ޑޮލަރު މިހާތާށި ދުވަސްވަރެއްގައި މީގެ ބޮޑު ހަރަދުކުރަންޖެހެނީވެސް ޑޮލަރުންނެވެ. ހާއްސަކޮށް އިގްތިސާދީ ދަތި ދުވަސްވަރެއްގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވިސްނާ އިރު މިއީ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެއެވެ

ރިއެކްޝަންސް
1
1
0
0
0
0
0