ރިޕޯޓް: ޓޫރިޒަމް އިންޑަސްޓްރީގެ އާދޭސް — އިތުރަށް ރިސޯޓް ނުހަދާ

13 ޖުލައި 2024 - 16:48

ރާއްޖޭގައި ދެހާހެއްހާ ރަށް އޮތް އިރު އޭގެ ތެރެއިން މީހުން ދިރިއުޅެނީ 200 ރަށުގައެވެ. މީގެ އިތުރުން 200 ވަރަކަށް ރަށުގައި ރިސޯޓް ހިންގައެވެ. އިގްތިސާދީ އެހެން މަސައްކަތްތައް ކުރާ ރަށްތައް ނަގާފައި އަދިވެސް އަތް ނުލާ މަދުވެގެން 1،500 ވަރަކަށް ރަށް އެބަ އޮތެވެ. އެހެން ނަމަވެސް ރާއްޖޭގައި ހަލުވިކަމާ އެކު ޓުއަރިޒަމް ފުޅާވަމުން އަންނަ އިރު މި ރަށްތައް މި ގޮތުގައި އޮންނާނީ ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ.  

އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހުރިހާ ރަށްތަކާއި ފަޅުތައް ވަނީ ދީ ހުސްކޮށްފައި

މާލެ އަތޮޅުގައި މިހާރު ނުވިއްކާ ފަޅު ރަށެއް، ފަޅެއް، ފިނޮޅެއް ވެސް ނެތެވެ. ރިސޯޓްތަކައި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހުރިހާ ރަށްތަކެއް ދީ ހުސްކޮށްލުމަށް ފަހު ފަޅުތައް ވެސް ވަނީ ވިއްކާ ހުސްކޮށްފައެވެ. އެހެންކަމުން މާލެ އާއި މި ސަރަހައްދުގެ ރައްޔިތުން ހިތްހަމަޖައްސާލަން ދާނެ ރަށެއް ނެތިގެން އެންމެ ފަހުން ޖެހުނީ ފަޅު ހިއްކައިގެން ރަށެއް ތަރައްގީ ކުރާށެވެ.

advertisement

މިއީ ހަމައެކަނި މާލެ އަތޮޅަށް ޖެހިފައިވާ ހާލެއް ނޫނެވެ. މާލެ ނަގާފައި އެންމެ ފުރަތަމަ ރިސޯޓްތައް ހިންގަން ފެށި ޅ. އަތޮޅާއި އއ. އަދި އދ. އާއި ވ. އަތޮޅަށް ވެސް ޖެހިފައި ވަނީ މިހާލެވެ. ޅ. އަތޮޅުގައި އޮތް ނަމަ އޮތް ފަޅު ރަށެއް ވަނީ ރިސޯޓްތައް ހެދުމަށް ނަގާފައެވެ. މަދު ރަށެއްގައި ރިސޯޓެއް ނެތް ނަމަވެސް އެ ރަށްތައް ވެސް ވަނީ ކޮންމެ ވެސް ބަޔަކަށް ދޫކޮށްފައެވެ. އއ. އާއި އދ. އަތޮޅަކީ ވެސް ސަރުކާރަށް ރަން ބިސް އަޅާ ދެ އަތޮޅެވެ. 

އެހެންކަމުން އެ އަތޮޅުތަކުގެ ރަށްތައް ވެސް ވަނީ ވިއްކައި ހުސްކޮށްފައެވެ. ވަކި އިތުރަކަށް ރިސޯޓް އިތުރުވެގެން ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުނުވާނެކަން މިހާރު ގިނަ ދިވެހިންނަށް ވާނީ ވަރަށް ސާފުވެފައެވެ. މިހާރުވެސް ރިޒޯޓްތަކަށް ދިވެހިން ނުލިބޭ މައްސަލައާއި ދިވެހި ޒުވާނުން ވަޒީފާ އަދާ ނުކުރާ މައްސަލައަކީ ގައުމީ މައްސަލައެކެވެ.

އެންމެ ފަހުން ވ. އަތޮޅަށް ވެސް މި ހާލު ވަނީ ޖެހިފައެވެ. ލޯކަލް ޓުއަރިޒަމް ނުވަތަ ގެސްޓް ހައުސްތައް ގިނަ ވ. އަތޮޅުގައި ވެސް ރިސޯޓްތައް ހެދުމަށް ވިއްކާ ނުލައި އޮތީ މަދު ރަށަކާއި މަދު ފަޅެކެވެ. ގިނަ ތަންތަން ހުރީ ވިއްކައި ހުސްކޮށްފައެވެ. އެހެން ކަމުން މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓް ހައުސްތަކަށް ބޭނުންކޮށްލަން އޮތީ މަދު ފިނޮޅަކާއި މަދު ފަޅެކެވެ. ދާދި ފަހުން އެ އަތޮޅުގެ ލޯކަލް ޓުއަރިޒަމަށް މުހިންމު ފިނޮޅަކާއި ފަޅެއް ވަނީ ކާނި ހޮޓެލްސް އަށް ވިއްކާލުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 

ވ. ބޮޑުފިނޮޅަކީ މީގެ ކުރިން ވެސް ވިއްކާލުމަށް އުޅުމުން ގިނަ މައްސަލަތަކެއް ކުރިމަތިވި ތަނެކެވެ. އެ އަތޮޅުގެ ކައުންސިލުން ދެކޭ ގޮތުގައި މިއީ އެ އަތޮޅުގެ ލޯކަލް ޓުއަރިޒަމަށް މުހިންމު ފިނޮޅެކެވެ. އެ އަތޮޅުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އެކްސްކާޝަން އަށް ޓުއަރިސްޓުން ގެންދަން އޮތް މަދު ތަންތަނުގެ ތެރެއިން ތަނެކެވެ. އެހެންކަމުން އެ ފިނޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅުގެ މީހުން އަބަދު ވެސް އައީ އަޑު އުފުލަމުންނެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހަސަން ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެ ފިނޮޅު ކާނި ހޮޓެލްސް އަށް ވިއްކައިލީ 729،000 ޑޮލަރު (11.2 މިލިއަން ރުފިޔާ)އަށެވެ. އެހެން ނަމަވެސް އެއްފަހަރާ ލިބޭ މި މަންފާއަށް ވުރެ އެ ފިނޮޅު ގުދުރަތީ ގޮތުގައި ބާއްވައިގެން އެ ތަނަށް ޓުއަރިސްޓުން އުފުލައިގެން ސަރުކާރަށާއި ސީދާ އާންމު ރައްޔިތު މީހާ އަށް ދިގު މުއްދަތުގައި ލިބޭ މަންފާ ބޮޑުވާނެއެވެ. އެ ފަޅަކީ މިހާރު ވެސް ވ. އިތުރުން ކ. އަތޮޅުގައި ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކާއި ރިސޯޓްތަކުން ބޭނުންކުރަމުން އަންނަ ތަނެކެވެ. 

އަދި އެއީ އެ ސަރަހައްދުގައި ނުގިރައި ސަލާމަތުން އޮތް ހަމައެކަނި ފިނޮޅު ކަމަށް ޝިފާގް ވިދާޅުވެފައި ވެއެވެ. މިކަމާ ދެކޮޅަށް ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު ނިއުޝާދު މުހައްމަދު ވެސް ވާހަކަ ދައްކަވާފައި ވެއެވެ. ވ. ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާގައި ސަރުކާރު ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ބައެއް ފަރާތްތައް ވެސް ހިމެނެއެވެ

“ރަށްރަށުގެ ގެސްޓް ހައުސްތަކާ، ރަށު ފަތުރުވެރިކަމުގެ ބޭނުންތަކަށް ދަތުރުދާ ފިނޮޅުތައް ވެލިގަނޑުފަދަ އަތޮޅެއްގަ އާންމުންގެ ޓޫރިޒަމް ވިޔަފާރީގެ ބޭނުންތަކަށް ހުރި މަދު ތަންތަން  ރިސޯޓް ހަދަން ދޫކުރަން ތާއީދު ނުކުރަން. ވ. އަތޮޅު ބޮޑުފިނޮޅު ރިސޯޓް ޓޫރިޒަމަށް ދިނުމުގަ އަތޮޅު ކައުންސިލާ، ރަށު ކައުންސިލްތަކާ ގެސްހައުސް ވިޔަފާރި ހިންގާ މީހުންގެ ކަންބޮޑުވުން އެބަ އޮތް. ރިސޯޓް ޓޫރިޒަމްގެ ސަބަބުން ރަށްރަށުގެ ގެސްޓް ހައުސް ވިޔަފާރިތަކަށް ދަތިތައް ކުރިމަތިވެގެން ނުވާނެ. ފަރުދީ ތަނަވަސްކަމާ ރިސޯޓް ޓޫރިޒަމަށް ވުރެ ބޮޑަށް ގުޅިފައިވަނީ ގެސްޓް ހައުސް ޓޫރިޒަމް،” ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ހިޔާޅު ފާޅުކޮށްފައި ވެއެވެ. 

އިގްތިސާދީ ބޭނުމަށް ފަޅު ރަށްތަކާއި ފަޅުތައް ބޭނުން ކުރުމަކުން ގޯހެއް ނެތް

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ، ކުޑަވިލިނގިލި ރިސޯޓްގެ ކޮމާރޝިއަލް ޑައިރެކްޓަރ އަމްޖަދު ތައުފީގު ވިދާޅުވީ ކުރިއަށްއޮތް ދިހަ އަހަރަށް ބޭނުންވާވަރަށް އެނދު ރާއްޖޭގައި މިހާރުވެސް ތަރައްޤީކުރުމުގެ މަރުހަލާގައި ހުރިކަމަށެވެ. އިތުރަށް ވިދާޅުވީ ރާއްޖެއިން މިހާރު ފޯކަސް ކުރަންވީ ރިސޯޓު ތަކުގެ އޮކިއުޕަންސީ އިތުރުކޮށް ވިޔަފާރީގެ ފައިދާ އިތުރުވާނެގޮތްތަކެއް މަގުފަހިކޮށް ޑިމާންޑާއި ސަޕްލައި ހަމަމަގަށް އެޅުވުމަށްކަމަށެވެ. އަދި ގުދުރަތީ ވެހި ހިމާޔަތްކޮށް ތައުލީމާއި ދަނޑުވެރިކަންފަދަ ޓޫރިޒަމް ނޫން ދާއިރާތަކަށް ރަށްތައް ދޫކުރުން މުހިންމުކަމަށެވެ.  މިއީ އިންޑަސްޓްރީގެ ގިނަ ދުވަސްވީ ތަޖުރިބާކާރުންގެ ސީދާ ވިސްނުން ހުރި ގޮތެވެ.

ރާއްޖޭގެ މިސްރާބު ހުރިގޮތުން ކުރިއަށް އޮތް 10 އަހަރުތެރޭގައި ރާއްޖޭގައި އެއްލައްކަ އެނދު ހަމަވެގެންދާނެއެވެ. މިއަދަދަށް އެނދު އިތުރުވެއްޖެނަމަ، އެންމެ މަދުވެގެން 5 މިލިއަން ފަތުރުވެރިން ގެނެވިގެން މެނުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕެންސީ ރަނގަޅު މިންވަރެއްގައި ނުހިފެއްޓޭނެއެވެ. މިކަމަށްޓަކައި މިހާރު ތަރައްޤީކުރެވިފައިވާ ވެލާނާ އެއަރޕޯޓުގެ އިތުރުން އެއަރޕޯޓުތަކެއް ބޭނުންވާނެއެވެ. 

އަދި އިތުރު އެއަރލައިންތަކާއި އެކަމާއި ގުޅިފައިވާ އެތަށް ހިދުމަތަކާއި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްތައް ފުޅާކުރަންޖެހޭނެއެވެ. ސަރުކާރުން މިހާރު އިސްކަންދޭންވީ މިކަންކަމަށާއި، މިހާރު ބިލިއަނުން އިންވެސްޓްކޮށްފައި ތިބިފަރާތްތަކުގެ ހައްޤު ހިމާޔަތްކޮށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގެ ފައިދާ އިތުރުވާނެ ގޮތްތަކަކަށް މިސްރާބު ގެންދިއުމަށެވެ.

ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތް މި ދިވެހި ރާއްޖޭގެ ފަޅު ރަށްތަކާއި ފިނޮޅުތަކާއި ފަޅުތަކާއި ފަރުތަކަކީ މި ގައުމު މި ގޮތުގައި ދެމި އޮތުމަށް މުހިންމު ތަންތަނެވެ. އިގްތިސާދީ ބޭނުމަށް ފަޅު ރަށްތަކާއި ފަޅުތައް ބޭނުން ކުރުމަކުން ގޯހެއް ނެތެވެ. ނަމަވެސް އެއްވެސް ޕްލޭނެއް ނެތި އަދި ބައެއް ސަރަހައްދުތަކުގެ ހުރިހާ ރަށެއް އިގްތިސާދީ ބޭނުމަށް އެ ރަށްތަކުގެ ގުދުރަތީ ރީތިކަން ނެތި ކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. 

ބައެއް ރަށްތަކުން ވަގުތީ ގޮތުން އެއް ފަހަރާ މަންފާ ހޯދުމަށް ވިއްކައިލުމުގެ ބަދަލުހައި އެ ރަށްތަކާއި ފިނޮޅުތައް އެ ގޮތުގައި ބާއްވައިގެން ދިގު މުއްދަތުގައި ލިބޭ މަންފާ މާ ބޮޑުވާނެއެވެ. ހުރިހާ ފަޅު ރަށަކާއި ފޮނޮޅުތަކާއި ފަޅުތަކުގައި ރިސޯޓް ނުހެދުމަކީ ޓޫރިޒަމް އިންޑަސްޓްރީގެ އާދޭހެވެ.

ރިއެކްޝަންސް
0
1
0
0
0
0
0