މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން
6 ޖެނުއަރީ 2021 - 16:33
މިދިޔަ އަހަރު ރާއްޖެއަށް އެންމެ
ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކަށް އިންޑިއާ ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް
ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ
11.3 އިންސައްތައަކީ އިންޑިއާގެ ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު އިންޑިއާއިން
ރާއްޖެއަށް 62905 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
2020
ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން
ޒިޔާރަތްކުރި ޤައުމަކަށް އިންޑިއާ ވުމާއި ގުޅިގެން އިންޑިއަން ހައިކޮމިޝަނުން
ވިދާޅުވީ، މީގެކުރިން ލިސްޓުގެ 5 ވަނައިގައި އިންޑިއާ އޮތުމަށްފަހު ކޯވިޑް19 ގެ
ބަލިމަޑުކަމުގެ ތެރޭގައި މި ލިސްޓުގެ 1 ވަނައަށް ޖެހިލުމަކީ ވަރަށް ބޮޑު
ކާމިޔާބީއެއްކަމަށެވެ. މި ކާމިޔާބީގެ ފަހަތުގައި ގިނަ ސަބަބުތަކެއް ވާކަމަށް
ހައިކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ރައީސް އިބްރާހިމް ސާލިޙްގެ
ވެރިކަމުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްވެފައިވާ ވަރުގަދަ ގުޅުން
ހައިކޮމިޝަނުން ފާހަގަކުރެއެވެ.
2019ވަނަ އަހަރުގެ ތެރޭގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކުރެވިގެންދިޔަ
ބައިލެޓްރަލް ވިސާ ފްރީ އެގްރިމަންޓްގެ ސަބަބުންވެސް އިންޑިއާއިން ރާއްޖެއަށް
އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށް ހައިކޮމިޝަނުން ވަނީ
ވިދާޅުވެފައެވެ.
ކޯވިޑް19 ގެ ޕެންޑަމިކްގެ ތެރޭގައި އިންޑިއާއާއި ރާއްޖެއިން ވަނީ ދެކުނު
އޭޝިއާގައި ޤާއިމްކުރި ފުރަތަމަ “އެއަރ ޓްރެވެލް ބަބުލް”
ޤާއިމްކޮށްފައެވެ. މި ބަބުލްގެ ސަބަބުން އިންޑިއާގެ މަޝްހޫރު އެތައް ތަރިންނެއް
ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ ސަބަބުންވެސް އިންޑިއާގެ ފަތުރުވެރިންގެ
މެދުގައި ރާއްޖެއަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ އެޤައުމުގެ ފަތުރުވެރިން ވަނީ
ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ.
އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކުރި ޓްރެވެލް ބަބުލްއާއިއެކު
އިންޑިއާގެ 4 އެއަރލައިންއަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.
އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ހިމެނެއެވެ.
މީގެއިތުރުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުންވެސް އަންނަނީ
އިންޑިއާއަށް ދަތުރުކުރަމުންނެވެ. އެހެންކަމުން ރާއްޖެއިން ސީދާ އިންޑިއާގެ 6
ސަރަހައްދަކަށް މިހާރުވެސް ވަނީ ދަތުރުފަތުރުން ގުޅުވާލާފައެވެ.
އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިންޑިއާ
ހައިކޮމިޝަނުން ވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ގުޅިގެން ވެބިނަރތަކާއި
ވަރޗުއަލް އިވެންޓްތައް ރާވާ ހިންގާ، ދިވެހިރާއްޖޭގެ ޓްރެވެލް އެޖެންޓުންނާއި
އިންޑިއާގެ ޓްރެވެލް އެޖެންޓުން ގުޅުވާލަދީފައެވެ.