އަމިއްލަ ހިޔާލު: ހަގީގަތުގައި ވެސް މެންބަރުންގެ މުސާރަ ކުޑަ

16 ޖުލައި 2024 - 11:18

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ، އިއްޒަތްތެރި ރައީސް، މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ،” މަޖިލީހުގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވިއެވެ.

ރާއްޖޭގެ އެއްމެ ބޮޑު އެއް މަހުޖަނު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް އެ ދުވަހު ހަމަ މި މޭރުމުން ވާހަކަ ދެއްކެވިއެވެ. އެ ވާހަކަތަކާ ގުޅިގެން އެތައް ބަޔަކު މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ ބޭފުޅުންނަށް ފާޑުކިޔައި ފުރައްސާރަކޮށް ހެދިއެވެ. މިއީ އާ ކަމެއް ވެސް ނޫނެވެ. އަދި މިއީ މި ދައުރުގައި އެކަނި ގަދަވެގެން އުޅޭ އަޑެއް ވެސް ނޫނެވެ. މެންބަރުންގެ އަމިއްލަފުޅަށް ކަނޑައަޅުއްވާ މުސާރައިގެ ވާހަކަ ދެކެވޭ ކޮންމެ ދަނޑިވަޅެއްގައި މި ފާޑުކިޔުންތައް އަމާޒުވެއެވެ. އެހެން ނަމަވެސް ހަގީގަތުގައި ވެސް މެންބަރުންގެ މުސާރަ ކުޑަ ހެއްޔެވެ؟

advertisement

މަޖިލީހުގައި އެ ބޭފުޅުންނަށް ކެއުމާއި ބުއިން ހަމަޖައްސަނީ ވެސް ދައުލަތުން

މެންބަރުން ހިމެނިވަޑައިގަންނަވަނީ ދައުލަތުގެ އެންމެ ބޮޑެތި މުސާރަ ލިބޭ ބޭފުޅުންގެ ތެރޭގައެވެ. ކޮންމެ މެންބަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 42،500ރ. އާއި ލިވިންގް އެލަވަންސްގެ ގޮތުގައި 20،000ރ. ގެ އިތުރުން ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާއެކު ޖުމްލަ 82،500ރ. ލިބެއެވެ. އަދި މީގެ އިތުރުން އާއިލާ ހިމެނޭ ގޮތަށް ބޭރު ގައުމުތަކުން ބޭސްފަރުވާ ކުރުމަށް އިންޝުއަރެންސް އާއި އެއާޕޯޓްގެ ވީއައިޕީ އާއި އެ ނޫން ވެސް އެތައް އިނާޔަތްތަކެއް ލިބެއެވެ. އަދި މަޖިލީހުގައި އެ ބޭފުޅުންނަށް ކެއުމާއި ބުއިން ހަމަޖައްސަނީ ވެސް ދައުލަތުގެ ބަޖެޓުންނެވެ. 

އެހެންކަމުން މި ހުރިހާ ކަމެއް ހިމަނައިފި ނަމަ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ލައްކައަކަށްވުރެ ގިނަ ރުފިޔާ ކޮންމެ މެންބަރަކަށް ހޭދަކުރެއެވެ. މީގެ އިތުރުން މެންބަރުކަމުން ވަކިވުމުން ވެސް ޕެންޝަން އޮވެއެވެ. ކޮންމެ ދައުރަކާ އެކު މެންބަރުންގެ އަދަދު މަތިވަމުންދާ އިރު ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރާ ހޭދަ އިންތިހާ އަށް ދަނީ ބޮޑުވަމުންނެވެ. ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ އެކަމުގައެވެ.

އެހެން ނަމަވެސް މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ މެންބަރުންގެ މުސާރަ އަދި ވެސް ކުޑައެވެ. މެންބަރު ޝުޖާއުއަކީ މެންބަރުންގެ މުސާރަ ބޮޑު ކަމަށް ދެކިވަޑައިގެން އެ މުސާރަ ކުޑަކުރުމަށް ވަކާލާތު ކުރައްވާނެ ކަމަށް ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ބޭފުޅެކެވެ. އެހެން ނަމަވެސް މިއަދު ގޮނޑިއަށް ވަޑައިގަތުމާ އެކު އެ ބޭފުޅާ އަށް ވެސް އިހްސާސްކުރެއްވެނީ މުސާރަ ކުޑަ ކަމަށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

“ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މެންބަރެއްގެ އަތަކު ނޯންނާނެ ލޯލާރި އެއް ވެސް އިއްޒަތްތެރި ރައީސް،” ޝުޖާއު ވިދާޅުވިއެވެ. މި ވާހަކަ އެހެން ބޭފުޅަކު ވެސް އެހެން ގޮތަކަށް އެ ދުވަހު މަޖިލީހުގައި ދެއްކެވިއެވެ. އަސާސީ މުސާރަ އަށް ބަލާ ނަމަ “ސްޓޭޓް މިނިސްޓަރަކަށް ވުރެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށްވުރެ، ކުންފުންޏެއްގެ އެމްޑީއަކަށް ވުރެ މަޖިލިސް މެންބަރެއްގެ މުސާރަ ކުޑަ،” ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލެ އަށް ދިރިއުޅުން ބަދަލުކޮށް ކެއިން ބުއިމާއި ދާއިރާގެ ރައްޔިތުންނާ އެކު ކޮފީ ބުއިން ފަދަ ކަން ކަމަށް ވެސް ދުވާލެއްގެ މައްޗަށް 700-1،000ރ. ޚަރަދުވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މީގެ އިތުރުން މާލެ ސަރަހައްދު ފިޔަވައި ދެން ތިއްބެވީ އެހެން ދާއިރާތައް ތަމްސީލްކުރައްވާ މެންބަރުން ކަމަށްވާ އިރު އެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރާ ދަތުރުތަކަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ.

“މާލެ އިން ބާރަށަށް ފުރައިގެން އަޅުގަނޑުގެ ދާއިރާގެ ހަތަރު ރަށުގެ ރައްޔިތުންނާ ބައްދަލު ކޮށްފައި އެނބުރި އަންނަ އިރު 8،000 އަށް ވުރެގިނަ ރުފިޔާ އެބަ ހަރަދުވޭ އެ ހުރިހާ ކަމަކަށް. އަޅުގަނޑު ކުރީ ދައުރުގައި މި ދާއިރާ އަށް ވާނެ އެތައް ފަހަރަކު މިފަދަ ދަތުރުތައް ކޮށްފައި،” ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ ކުލިތަކަށް ބެލި ނަމަވެސް ދިރިއުޅުމަށް ކުރާ ހޭދަ ބޮޑެވެ. އާންމު ގޮތެއްގައި ރަނގަޅު ފެންވަރެއްގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ލިބެނީ 20،000ރ، އިން މަތިންނެވެ. އެހެނިހެން ހަރަދުތަކާ އެކު އާންމު އާއިލާއެއްގެ ހަރަދަށް ވެސް މަހެއްގެ މައްޗަށް އެންމެ ކުޑަ މިނުން 40،000ރ. ހޭދަވާނެއެވެ.

އާންމު ފަރުދުން ބޮޑު ކަމެއް ދިމާ ވިޔަސް ފުރަތަމަ ދުއްވައިގަންނަނީ ދާއިރާގެ މެންބަރު އަރިހަށް

މެންބަރުންނަށް އޮތް އަނެއް ބުރައަކަށް ވަނީ މެންބަރުންނާ މެދު އާންމު ފަރުދުން ދެކޭ ގޮތެވެ. ގިނަ މީހުން ދެކޭ ގޮތުގައި އެ މީހުންނަށް ކުރިމަތިވާ ހުރިހާ މުހުތާދުތަކެއްގެ ހައްލު ހޯދައިދޭންޖެހޭ ފަރާތަކީ ދާއިރާގެ މެންބަރެވެ. އެހެންކަމުން ތިމާ އަށް ނުވަތަ އާއިލާގެ މީހަކަށް ސިއްހީ ބޮޑު ކަމެއް ދިމާ ވިޔަސް ފުރަތަމަ ބަލަނީ ދާއިރާގެ މެންބަރުގެ އެހީތެރިކަމެއް ލިބޭތޯއެވެ. ނޫނީ އެހެން ބޭނުމެއް ޖެހުނަސް ފުރަތަމަ ދުއްވައިގަންނަނީ ދާއިރާގެ މެންބަރު އަރިހަށެވެ. އެހެންކަމުން ކޮންމެ މަހެއްގައި ވެސް ދާއިރާގެ ރައްޔިތުންނަށް މެންބަރުގެ ފަރާތުން ކޮންމެ ވެސް އެހީތެރިކަމެއް އޮންނަނީ ދޭންޖެހިފައެވެ. މިހެން ވަނީ ވެސް ސަބަބުތަކެއް ހުރެގެންނެވެ.

މަޖިލީހުގެ ގިނަ ގޮނޑިއަކީ “ގަންނަ” ގޮނޑިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިންތިހާބުތަކުގެ ތެރޭގައި ވޯޓު ގަނެ ވިއްކުން ވަނީ ހައްދު ފަހަނަ އަޅާފައެވެ. ދާއިރާގެ ގޮނޑި ކާމިޔާބުކުރާ މެންބަރު ރައްޔިތުން ސިފަކުރަނީ ފައިސާ ޖަހާ މެޝިނެއްގެ ގޮތުގައެވެ. އެހެންކަމުން ކަމެއް ހަމަ ދިމާވާ އިރަށް ރައްޔިތުން ވެސް ދުއްވައި ގަންނަނީ ދާއިރާގެ މެންބަރުގެ ފަހަތުންނެވެ.

މީގެ އިތުރުން ދެ ވަނަ ދައުރެއްގެ ވިސްނުމެއް ގެންގުޅުއްވާ ނަމަ ޒުވާނުންނާއި ރަށުގެ ކަމުވޮށިގެންވާ މީހުން ކައިރިކޮށްގެން ގެންގުޅެން މަޖުބޫރެވެ. ޒުވާނުން ބާއްވާ އެކި އެކި މުބާރާތްތަކާއި ދާއިރާގެ ރަށްތަކުގައި އޮންނަ ގުރުއާން މުބާރާތާއި ވަނަތައް ހޯދާ ދަރިވަރުންނަށް އިނާމު ހުށަހެޅުމާއި އީދު ފާހަގަކުރުމާއި މި ހުރިހާ ކަމަކީ ވެސް ދާއިރާގެ މެންބަރުގެ ބޮލުގައި ރައްޔިތުން އަޅުވާފައި އޮންނަ ޒިންމާއެކެވެ.

މެންބަރުންގެ މުސާރަ ކުޑައޭ ބުނަންޖެހެނީ ރައްޔިތުން ވެސް މެންބަރުން އަތުން މަންފާތަކެއް ހޯދާތީއެވެ. ކޮންމެ ފަސް އަހަރަކުން މެންބަރުން ހޮވަނީ ގާނޫނޫތައް ހެދުމަށް ކަމަށް ރައްޔިތުންނަށް ނުވިސްނޭހާ ހިނދަކު، ކަމެއް ޖެހޭ ކޮންމެ ފަހަރަކު ދާއިރާގެ މެންބަރުން އަތުން ފައިސާ އާއި އެހެނިހެން މަންފާތައް ހޯދާހާ ހިނދަކު މެންބަރުންގެ މުސާރަ ބޮޑުކަމުގެ ވާހަކަ ދެއްކުމުގެ ހައްގެއް ދާއިރާގެ ރައްޔިތުންނަށް ނޯންނާނެއެވެ.

ރައްޔިތުން ގައުމަށް ގައްްދާރުވެ ދީނުގެ އަސާސްތަކާއި ހިލާފަށް ވައްކަމާއި ފަސާދަ އާންމުކުރުމަށް މެންބަރުންނަށް މަޖުބޫރު ކުރުވާފައި އޮންނަ އޮތުން ނިމުމަކަށް ގެންނާންޖެހެއެވެ. އެއްކޮޅުން މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކަމަށް ވާހަކަ ދައްކާފައި ވަޒީފާތަކާއި އާންމު އުސޫލުން ލިބޭ އާސަންދަ ހޯދަން ވެސް މެންބަރަކަށް ގުޅަންޖެހޭ ކަމަށް ގަބޫލުކުރާ ނަމަ ދައްކާ ވާހަކަ ދެކޮޅެއް ނުޖެހެއެވެ. 

ދިވެހި ރައްޔިތުންގެ ގިނަ ބަޔަކީ އިންތިހާބުތަކަށް ވޯޓު ހޯދަން ދިއުމުން ސީދާ ފައިސާއަށާއި އަމިއްލަ ފައިދާއަށް ވޯޓް ވިއްކާ ފަރާތްތަކެވެ. ހަގީގަތަށް ވާހަކަ .ދެއްކުމުން ސުޖާއު އާއި ގާސިމާއި އައްބާސް ގޯސްނުކޮށް އިސްލާހުވާންވީ ގައުމަށް ކޮންމެ އިންތިހާބެއްގައި ކެނޑިނޭޅި ގައްދާރުވަމުންދާ ދިވެހި ރައްޔިތުންނެވެ

ރިއެކްޝަންސް
0
0
1
0
0
0
5