ރިޕޯޓް: އަމިއްލަ މީހުންގެ ގޭގޭގައި ދައުލަތުގެ އޮފީސްތައް ހިންގުން ހުއްޓާލަންޖެހޭ

20 ޖުލައި 2024 - 11:01

ދައުލަތުގެ މުހިންމު އޮފީސްތައް އަމިއްލަ އިމާރާތްތަކުގައި ހިންގާތާ އަހަރުތަކެއް ވެއްޖެއެވެ. ދައުލަތުން އޮފީސް އިމާރާތްތައް އެޅި ކަމުގައި ވިޔަސް ދައުރަކަށް ފަހު ދައުރެއް ސަރުކާރު ބޮޑުވުމުގެ ނަތީޖާއަކަށް ވެފައި ވަނީ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތައް އިތުރުވެ، ސަރުކާރުގެ އިމާރާތްތަކުން ނުފުދުމެވެ. އެހެން ކަމުން އާންމު މީހުންގެ އިމާރާތްތައް ބޮޑު އަގުގައި ކުއްޔަށް ނަގައިގެން ދައުލަތުގެ ގިނަ އޮފީސްތަކެއް އެ ތަންތަނުގައި ހިންގައެވެ. އެކަމަށް ދައުލަތުން އެތަށް ސަތޭކަ މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކުވެސް ހޭދަކުރެއެވެ.

ދައުލަތުން ކޮންމެ އަހަރަކު އަމިއްލަ މީހުންގެ އިމާރާތްތަކަށް އެތަށް ލައްކަ ރުފިޔާއެއް ހަރަދުކުރޭ

މަޖީދީ މަގު ހުޅަނގުކޮޅުގައި ހަދާފައި ހުރި އެންމެ އަގު ބޮޑު އެއް އިމާރާތުގައި ދައުލަތުގެ މުހިންމު އޮފީސްތަކެއް ހުރެއެވެ. ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި ކުރިން ސްޓާ ސިނަމާ ހުރި ސްޓާ ކްލައުޑް ބިލްޑިންގގެ ކޮންމެ ބުރިއެއް ސަރުކާރުން ކުއްޔަށް ނަގާފައި ވަނީ 165،000ރ. އަށެވެ. އެ ތަނަށް އަހަރަކު ކުލީގެ ގޮތުގައި 25.7 މިލިއަން ރުފިޔާ ދައުލަތުން ދައްކަންޖެހޭ ކަމަށް ވެއެވެ.

advertisement

 މާނައަކީ ފަސް އަހަރުން  128.7 މިލިއަން އަމިއްލަ މީހަކަށް ދައުލަތުން ދޭ ކަމެވެ. މިއީ އެންމެ އިމާރާތަކަށް ދައުލަތުން ކުރާ ހޭދައެވެ. މިއީ އޮފީސް އިމާރާތެއް އަޅައި ނިންމާ ވަރަށް ބޭނުންވާނެ ފައިސާއެވެ.  ހަމަ މިއުސޫލުން ސަރުކާރު ކުންފުނިތަކުންވެސް މިގޮތަށް އަމަލުކުރުން މުހިންމެވެ. މިސާލަކަށް ބޭންކު އޮފް މޯލްޑިވްސް އިން އަމިއްލަ ފަރާތެއްގެ އިމާރާތަކަށް ކޮންމެ އަހަރަކު އެތަށް ލައްކަ ރުފިޔާއެއް ހަރަދުކުރަމުން ގެންދަނީ ބޭންކުގައި އަމިއްލަ އިމާރާތެއް އަޅާނެ ފައިސާ ނެތިގެންނޫނެވެ.

އަމިއްލަ މީހުންގެ އިމާރާތްތަކަށް މިހާ ބޮޑު ހޭދައެއް ކުރުމުގެ ބަދަލުގައި ދައުލަތުން އޮފީސް އިމާރާތްތަކެއް އަޅައިފި ނަމަ އެ ހަރަދު ސަލާމަތް ކުރެވޭނެއެވެ. މީގެ ކުރިން ވެލާނާ ބިލްޑިން އެޅުމުން އެތަނަށް އެތައް އޮފީސްތަކެއް ބަދަލުކުރިއެވެ. އޭގެ ސަބަބުން ވެސް ދައުލަތަށް ހަރަދުތަކެއް ސަލާމަތްކުރެވުނެވެ. އޭގެ ފަހުން މިދިޔަ ސަރުކާރުގައި ހުޅުމާލޭގައި ވަނީ އޮފީސް އިމާރާތެއް އަޅާފައެވެ. އެހެން ނަމަވެސް އިމާރާތުގެ ޖާގަ ކުޑަކަމުން އެ އިމާރާތަށް މާ ގިނަ އޮފީސްތަކެއް ބަދަލުކުރެވިފައެއް ނުވެއެވެ. ބޮޑު ބިން އޮތް ތަނެއްގައި ހަދާފައިވާ އެ އިމާރާތަށް ގިނަ ބައެއް ފާޑުކިޔުން އަމާޒުވިއެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި އޮފީސް އިމަރާތެއް ހުޅުވި އިރު މީގެ ކުރިން ދައުލަތުގެ އޮފީސްތައް ހިންގި ދެ އިމާރާތެއް ދުވަސްވުމުން ބޭނުން ނުކުރެވި ބިމާ ހަމަކޮށްފައި ވެސް ވެއެވެ. މިހާރު ޕާކްކުރާ ތަނެއްގެ ގޮތުގައި އޮތް ގާޒީ ބިލްޑިންގ އާއި ހުރަވީ ބިލްޑިންގއަކީ މީގެ ކުރިން ދައުލަތުގެ ގިނަ އޮފީސްތަކެއް ހިންގި ދެ އިމާރާތެވެ. އެހެންކަމުން އެ އިމާރާތްތައް ބިމާ ހަމަކޮށްލުމުން އަނެއްކާ ވެސް އަމިއްލަ މީހުންގެ އިމާރާތްތަކަށް ބަދަލުކުރަންޖެހުނު އޮފީސްތައް އިތުރުވިއެވެ.

ދައުލަތުގެ އޮފީސްތައް ހިންގާ ބައެއް އިމާރަތްތަކަކީ ހަލާކުވެފައި ހުރި އިމާރާތްތަކެއް

ދައުލަތުގެ އޮފީސްތައް ހިންގާ ބައެއް އިމާރަތްތަކަކީ މިހާރު ވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ބާވެފައި ހުރި އިމާރާތްތަކެވެ. އެ ގޮތުން ފިލައިން ޑެކް އަޅައިގެން ހިންގާ ބިއްލޫރިޖެހިގެ ފާހަގަކޮށްލެވެއެވެ. ކަރަންޓްގެ މައްސަލަ އިންތިހާ އަށް ބޮޑުވެ، އެ ތަނުގައި ހިންގާ އޮފީސްތަކުގެ ސަމާނުތަކަށް ގެއްލުން ލިބުމުން ދައުލަތުން ކުރަންޖެހޭ ހަރަދު ވެސް އިންތިހާ އަށް ބޮޑެވެ. މަރާމާތުކުރާނެ ބަޖެޓް ނެތުމުން ބައެއް އޮފީސްތައް ހިންގަން ދަތިވެ އެ އިމާރާތުގެ ބައެއް ހުސް ވެސް ކޮށްފައި ވެއެވެ. އެހެން ނަމަވެސް މިހާރު ވެސް ދައުލަތުގެ މުހިންމު އޮފީސްތަކެއް އެ ތަނުގައި ހިންގައެވެ. މިފަދަ ބާވެފައިވާ އެތައް އިމާރާތްތަކެއް ދައުލަތުން އަންނަނީ ބޭނުންކުރަމުންނެވެ.

ބައެއް މިނިވަން މުއައްސަސާތައް އަމިއްލަ އިމާރާތްތަކުގައި ހިންގާ އިރު ވަރަށް އާދައިގެ ތަންތަނުގައި ދަތި ގޮތަކަށް ވެސް އެބަ ހިންގައެވެ. އެފަދަ ކަންކަމުގެ ސަބަބުން އެފަދަ މުއައްސަސާތަކުގެ ހައިބަތު ކުޑަވުމާއި މަސްލަހަތު ފުށު އެރުން ފަދަ ކަންކަން ކުރިމަތިވާ ކަމަށް އެ މުއައްސަސާތަކުން ފާހަގަކުރެއެވެ. މި ޝަކުވާ އެންމެ ފަހުން ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންނެވެ.

މި ހަފުތާގައި ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މިހާރު ވެސް އޭސީސީ ހިންގަމުން ގެންދަނީ އާންމު މީހެއްގެ ގޭގައި ކަމަށާއި އެއްވެސް ކުށެއް ނެތް، މައުސޫމް މީހެއްގެ މައުލޫމާތު ސާފު ކުރަން ވެގެން އޭސީސީ އަށް ހާޒިރު ކުރާ އިރު، މަންޒަރު ބަލަން ތިބޭ މީހުންނަށް އެމީހާ ވަންނަ ތަން ފެނުނީމަ، އެ ކަތިލެވެނީ އޭސީސީއަށް ހާޒިރުވާ މީހާގެ އަބުރު ކަމަށެވެ. 

ތަހުގީގީ އިދާރާތަކުގެ ތެރެއިން ފުލުހުން ނަގާފައި ދެން އޮތް އެންމެ ބޮޑު މުއައްސަސާ އަމިއްލަ މީހެއްގެ ގޭގައި ހިންގަންޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝާމިލް ވިދާޅުވިއެވެ. “އެތަން ހިންގަން ޖެހޭ ވަސީލަތްތަކާއި އެ ތަން ހިންގަން ޖެހޭނެ އިމާރާތްތައް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަސޭހަކޮށް އޮންނަން ޖެހޭ،” ޝާމިލް ވިދާޅުވިއެވެ.

އޭސީސީގެ އިތުރުން އެ ނޫން ވެސް މުހިންމު އެތައް އޮފީހެއް އަމިއްލަ މީހުންގެ އިމާރާތްތަކުގައި އެބަ ހިންގައެވެ. އަދި ބައެއް އަމިއްލަ މީހުން އިމާރާތްތައް ހަދަނީ ވެސް ސީދާ ދައުލަތުގެ އޮފީސްތަކަށް ޖާގަ ހުސްވާ ގޮތަށެވެ. އިމާރާތް ނިމުމުގެ ކުރިން އޮންނަނީ ދައުލަތުގެ ކޮންމެ ވެސް ވެރިއަކާ ގުޅި ރިސްވަތުދީގެން އޮފީސްތައް ހިންގުމަށް އިމާރާތް ދައުލަތަށް ނަގާނެ ކަމުގެ ޔަގީންކަން ހޯދާފައެވެ. 

އަދި މިހާރު ވެސް ދައުލަތުން ކުއްޔަށް ނަގާފައި ހުރި ގިނަ އިމާރާތްތަކަކީ ވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާ ކޮންމެ ވެސް ސިފައެއްގައި ގުޅުން އޮންނަ ނުވަތަ ނުފޫޒު ގަދަ ފަރާތަކާ ގުޅުން އޮންނަ މީހުންގެ އިމާރާތްތަކެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އުމްރާނީ ތަރައްގީ އަށް ބޮޑު ހޭދައެއް ކުރާ އިރު ދައުލަތުގެ އޮފީސްތައް ހިންގުމަށް ކުރާ ހޭދާ ވެސް އިތުރުކުރަން ޖެހެއެވެ. ބްރިޖްތަކާއި ފްލެޓްތައް އެޅުމަށް ހަރަދުކުރާ ފަދައިން އޮފީސް އިމާރާތްތައް އެޅުމަށް ވެސް ހޭދަކުރަން ޖެހެއެވެ. އެއީ ދުރު މުސްތަގުބަލަށް ބަލާއިރު ދައުލަތަށް އޭގެ ސަބަބުން ފައިދާކުރާނެ ރަނގަޅު އިންވެސްޓްމަންޓަކަށް ވެސް ވެގެންދާނެއެވެ. 

އާ ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ވިސްނާ އިރު މި ހިނގާ ފަސް އަހަރުގެ ދައުރުގައި އެކަށީގެންވާ އޮފީސް އިމާރާތެއް ނުވަތަ އިމާރާތްތަކެއް އެޅިއްޖެ ނަމަ ވެސް ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ބަޖެޓުން ބޮޑު އެއްޗެއް ސަލާމާތްކުރެވިދާނެއެވެ.

ރިއެކްޝަންސް
0
2
1
0
0
0
1