އަމިއްލަ ހިޔާލު: ޒުވާން އާބާދީ މަސްތުވުމާއި ޖުވާ ކުޅުމުގައި — ގައުމު ފަނާވަނީ

23 ޖުލައި 2024 - 12:12

އިނގެރޭސިންގެ ރޭވުމެއްގެ ދަށުން ޗައިނާގެ ދައުލަތް އިނދަޖައްސާލުމަށް 19 ވަނަ ގަރުނުގައި ބޭނުންކުރެވުނު އެންމެ މުހިންމު އެއްޗަކީ އޯޕިއަމް މަސްޗުވާތަކެއްޗެވެ. އާދަޔާ ހިލާފަށް އޯޕިއަމް ޗައިނާއަށް އެތެރެކޮށް މުޅި ޗައިނާގެ އާބާދީގެ ގިނަ ބަޔަކު މަސްތުގެ އަވާގައި ޖައްސާ މުޅި ގައުމު އިނދަ ޖައްސާލައި ދާހިލީ ހަމަނުޖެހުމަކަށް ގޮސް އިގްތިސާދު ފުނޑާލައި, ޗައިނާ އިނގެރޭސިންގެ ބާރުގެ ދަށަށް ގެނައެވެ. 

ޗައިނާގެ ދަރިވަރުންނަށް މިއަދު އޯޕިއަމް ހަނގުރާމަތަކާ ބެހޭ ގޮތުން ދަސްކޮށްދޭ ފިލާވަޅަކީ ”ލޫއޯ ހޯ ޖިއު ޔާއޯ އައި ޑާ“ މާނައަކީ ތާހިރުކަމެއްނެތް އުޅުމެއްނެތް ދިރިއުޅުމަކުން އޮތީ ނިކަމެތިކަމާއި އަޅުވެތިކަމެވެ.  އަދި ޗައިނާއިން ދެން ދުވަހަކުވެސް އަބަދުމެ މަސްތުވުމާއި އެކު ޖީލެއް ފަނާވެ ގައުމެއްނެތި ގޮސްފާނެ ފަދަ ލަދުވެތި ހާލަތަކަށް ދާން ބޭނުންނުވާކަމެވެ.

advertisement

މަސައްކަތެއް ނުކުރާ ބަޔަކު ދިރިއުޅުމުގެ ބޭނުންތަކަށް ފައިސާ ހޯދަނީ ކިހިނެއް؟

ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައިގެން ސްޓެޓިސްޓިކްސް ބިއުރޯ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 19 ޕަސެންޓް މީހުން އެއްވެސް އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރެއެވެ. އެހެން ނަމަވެސް ފެންނަ ފެނުމަށް ޒުވާނުން އުޅެނީ ވަރަށް “ޗިލް” ކޮށެވެ. ގިނައިން ފެންނަނީ ކޮފީތަކުންނެވެ. 

އެއްވެސް ވަޒީފާއެއް އަދާނުކުރާ ނުވަތަ ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިއެއް ވެސް ނުކުރާ އެތައް ޒުވާނުންނެއް އަގު ބޮޑެތި ކާރުތަކާއި ވެހިކަލްތައް ގެންގުޅެއެވެ. ކޮފީ އާއި އެކި ކަންކަމަށް ޖެހިލުމެއް ނެތި ހަރަދު ކުރެއެވެ. ބޭރު ދަތުރުތައް ކުރެއެވެ. މަސައްކަތެއް ނުކުރާ ބަޔަކު ދިރިއުޅުމުގެ ބޭނުންތަކަށް ފައިސާ ހޯދަނީ ކިހިނެއް ހެއްޔެވެ؟

ރާއްޖޭގެ އާބާދީގައި ޒުވާނުންގެ ނިސްބަތަކީ ގާތްގަނޑަކަށް 15 ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް ބައި ލައްކައެވެ. މީގެ ތެރެއިން ގިނަ ބަޔަކު އެއްވެސް ވަޒީފާއެއް އަދާނުކުރާ ކަމަށް ދިރާސާއަކުން ދެއްކުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެން ނަމަވެސް ވަޒީފާ އަދާނުކުރާ ބަޔަކު އެހާ ތަނަވަސްކޮށް އުޅުމަކީ އެއަށް ވުރެ ވެސް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. 

ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައިފި ނަމަ މިހާރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ބުރަ މަސައްކަތަކާ ނުލައި އާމްދަނީ ހޯދާނެ ގޮތްތަކެއް ޒުވާނުން ހޯދާފައިވާ ކަމެވެ. އޮންލައިން ގޭމްތައް ކުޅެގެންނާއި ޖުވާ ޓޭބަލްތަކުގެ އަވާގައި ގިނަ ޒުވާނުންތަކެއް ވަނީ ޖެހިފައެވެ. އަނެއް ބަޔަކު ވަނީ މި ކަމުގެ ތެރޭގައި ހަލާކުވެ ދެވި ހިފާފައެވެ.

ޖުވާކުޅުމަކީ ދެވި ހިފާފައިވާ މަންޒަރު ބައެއް ކެފޭތަކަށް ނަޒަރު ހިންގާލުމުން ވެސް ފެންނާނެއެވެ. އޮންލައިން ގޭމްތަކާއި ޖުވާ ކުޅުމުގައި ގްރޫޕް ހަދައިގެން ޒުވާނުން ކެފޭތަކުގެ މޭޒްތައް ހޫނުކުރުމުގައި އެތައް ވަގުތެއް ހޭދަ ކުރެއެވެ. މިކަމުން އެމީހުން ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާ ކަމަށް ވެއެވެ. އެހެން ނަމަވެސް ލިބޭ ގެއްލުންތައް ވެސް ވަކި ކުޑައެއް ނޫނެވެ. ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ޖުވާ ކުޅުމުގައި ބައެއް މުއައްސަސާތަކުގެ މީހުންގެ މެދުގައި ގްރޫޕްތައް ވެސް ހަދާފައި ހުރެއެވެ. 

އެ ގޮތުން މިފަހަކުން ޖަލު ގާޑުންގެ އެކަންޓުތަކުން ފެނުނު އެތަށް މިލިއަން ރުފިޔާގެ ފައިސާ އަކީ ޖުވާކުޅުމަށް ދައުރުވާ ފައިސާކަމަށްވެއެވެ. އަދި ޖުވާ ޓޭބަލްތައް ހިންގުމަށާއި އޮންލައިން ގޭމްތައް ކުޅުމަށް މުސާރަ ދީގެން މީހުން ގެންގުޅޭ ކަމަށް ވެސް ވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މަސްތުވާތަކެއްޗެކޭ އެއްގޮތަށް ޖުވާގެ ވަބާ ވެސް ދިވެހިންގެ ތެރޭގައި ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ.

ޖުވާ ކުޅުމުގެ އަވާގައި ޖެހި ޒުވާން ޖީލެއް ހަލާކުވެގެން އެބަދޭ

ރާއްޖޭގައި އޮންލައިން ގޭމްތަކާއި ޖުވާ ކުޅެގެން ފައިސާ ހޯދާ ދިވެހިން، ހާއްސަކޮށް ޒުވާނުން ގިނަވަމުންދާ އިރު އޭގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު ދެނެގަންނަން ޖެހެއެވެ. ހާއްސަކޮށް މިކަމުގެ ސަބަބުން މަސައްކަތްކުރާ ލޭބާ ފޯސް އުފެދުން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އޮފީސްތަކާއި ތަފާތު އެކި މަސައްކަތްކުރުމަށް ދިވެހިން ނުލިބޭ މައްސަލަ އިންތިހާ އަށް ބޮޑެވެ. އެހެންކަމުން އެކަންކަން ކުރަން ގެންނަންޖެހެނީ ބިދޭސީންނެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާރު ވެސް މަސައްކަތު އާބަދީގައި ދިވެހިންނެކޭ އެއްވަރަށް ބިދޭސީން ހަރަކާތްތެރި ވެއެވެ. އެ ގޮތުން ދިވެހިންގެ މަސައްކަތު އާބާދީއަކީ 171،130 އެވެ. ބިދޭސީންގެ ރަސްމީ އަދަދު އުޅެނީ 129،000 އިން މަތީގައެވެ. ނަމަވެސް ރެކޯޑް ނުކުރެވި ނުވަތަ ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މިއަށް ވުރެ އިތުރުވާނެއެވެ.

ޖުވާ ކުޅުމާއި އަދި އެ ނޫން ވެސް ފައިސާ ގޮތަށް ކުޅޭ އޮންލައިން ގޭމްތަކުގެ އަވާގައި ޖެހި ޒުވާން ޖީލެއް ހަލާކުވެގެން އެބަދެއެވެ. ކަމާ ބެހޭ އިދާރާތަކުން މިކަމާ މެދު އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ މުޖުތަމައު ހަލާކުވެ ދިއުމުގެ ފުރުސަތު ބޮޑެވެ. ރާއްޖޭގައި މިހާރު ވެސް އާބާދީ އިތުރުވާ މިންވަރު ވަނީ ކަންބޮޑުވާ ދަރަޖައަކަށް ވެއްޓިފައެވެ. އަދި ތިބި މަދު ޒުވާނުންކޮޅު ވެސް އޮންލައިން ގޭމްތަކާއި ޖުވާކުޅުމުގެ މަސްތުގައި ޖެހި ގައުމުގެ އިގްތިސާދީ ހާލަތު ނުރައްކަލަށް ވެއްޓިގެންދާނެއެވެ. މިހާރުވެސް ރާއްޖެ އޮތީ ޑުރަގު ވިޔަފާރީގެ މައިހަބަކަށް ވެފައި ކަމަށް ކަސްޓަމްސްގެ އިސްވެރިންވެސް ވަނީ ހާމަކުރައްވާފައެވެ.

އަބަދުމެ ބަލިވުމާއި، ފެނަކަ އާއި ސަރުކާރު ކުންފުނިތަކުގެ އެެއްވެސް އުފެއްދުންތެރިކަމެއްނެތް އޮށްޓަަރެއް ނެތް ވަޒީފާތަކަށް ޒުވާނުން ނިކުތުމުން ގައުމުގެ އިޤްތިސާދު ހިންގާނެ ފަރާތްތަކެއް ނެތި މި މަސައްކަތްތައް ކުރުމަށް މިހާރު ވެސް ގިނަ އަދަދެއްގެ ބިދޭސީން ބޭނުންކުރަންޖެހިފައިވާ އިރު މި އަދަދު ކުރިއަށް އޮތްތަނުގައި އިންތިހާ އަށް އިތުރުވާނެއެވެ. 

ނަތީޖާއަކަށް ވާނީ އާބާދީގައި ބިދޭސީންގެ އަދަދު އިންތިހާ އަށް ގިނަވެ ދިވެހިންގެ އަތުން ގައުމުގެ ކޮންޓްރޯލް ގެއްލުމެވެ. ރާއްޖޭގެ ދަރަނި ބަނގުރޫޓުވާ ހިސާބަށް އިތުރުވެ, އިގްތިސާދު ދަތި ހާލަތަކަށް ވެއްޓިފައިވާ އިރު ކޮޅަން ޖެހުމަށް ބޭނުންވާ ހީވާގި މުރާލި ޒުވާނުން ނެތި، ޒުވާން އާބާދީ އަބަދުމެ މަސްތުވެ ޖުވާކުޅުމުގައި ހޭދަކުރުމަކީ ގައުމެއް ނެތިގޮސް ލަދުވެތި ހާލަތަކަށް ދިއުމުގެ ފެށުމެވެ.

ރިއެކްޝަންސް
0
0
3
10
0
1
3