އަމިއްލަ ހިޔާލު: ޕީއެސްއެމް އަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ހަރަދުކުރުން ހުއްޓާލަންޖެހޭ
28 ޖުލައި 2024 - 14:52
ނިސްބަތުން ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމެނެއެވެ. ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން 100 ވަރަކަށް މިލިއަނެއްހާ ރުފިޔާ ހޭދަކުރާ އިރު އެ ތަނުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ސަރުކާރަށް ހިފޭތޯ އަބަދު ވެސް ސުވާލު އުފެދެއެވެ.
އެ ކުންފުނީގެ މައިގަނޑު ބޭނުމަކަށް އޮންނަނީ އާންމު ރައްޔިތުން ހޭލުންތެރިކުރުވުމާއި އެކި މައުލޫމާތުތައް ފޯރުކޮށްދިނުމެވެ. ދައުލަތުން ހަރަދުކުރާތީ ދައުލަތް ޕްރޮމޮޓްކުރުމަކީ ވެސް އެ ކުންފުނީގެ ޒިންމާއެކެވެ. އެހެން ނަމަވެސް ވަކި ގާނޫނެއްގެ ދަށުން ހިންގުމަށް އޮންނަ ތަނަކަށްވާ އިރު ގާނޫނުގައިވާ މަގުސަދުތައް އަދި ކުރާ ހޭދައާ އެކަށީގެންވާ ވަރަށް ޕީއެސްއެމް ހިންގޭކަމާ މެދު ސުވާލު އުފެދެއެވެ.
ސަރުކާރު އޮފީސްތަކުން ގެންގުޅޭ އަމިއްލަ މީޑިއާ ޔުނިޓުތައް
ބޮޑު ހޭދައެއް ކޮށްގެން ގިނަ ޗެނަލްތަކެއް ހިމަނައިގެން ޓީވީ އާއި ރޭޑިއޯގެ ހިދުމަތް ޕީއެސްއެމް އިން ދެމުން އަންނަ އިރު ސަރުކާރުގެ އެހެން އޮފީސްތަކުން ވެސް މީޑިއާ އަށް ބޮޑު ހޭދައެއް އެބަ ކުރެއެވެ. މިސާލަކަށް ބަލާ ނަމަ ޕީއެސްއެމް ނަގާފައި ދެން އެންމެ ވަރުގަދަ އެއް މީޑިއާ ހިންގަނީ ރައީސް އޮފީހުންނޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ.
އެ ތަނުގައި މީޑިއާގެ ވަރުގަދަ ޓީމެއް އޮތް އިރު އިކުއިޕްމެންޓްގެ ގޮތުން ވެސް ވަރަށް ފުރިހަމައެވެ. ސަރުކާރު ޕްރޮމޯޓްކުރުމަށް ރައީސް އޮފީހުން ބޮޑު ހޭދައެއް ކުރެއެވެ. ކޮންމެ ސަރުކާރަކުން ވެސް ދައުލަތުގެ މީޑިއާ އަށް ވުރެ ބޮޑަށް ރައީސް އޮފީހުގެ މީޑިއާގެ ބޭނުން ހިފިކަން ފާހަގަ ކުރެވެއެވެ. އަދި ހޭދައާ އަޅާބަލާއިރު ނަތީޖާވެސް މާބޮޑުތަނުން ރަނގަޅެވެ.
ޕީއެސްއެމް އާއި ރައީސް އޮފީހުގެ މީޑިއާގެ އިތުރުން ސަރުކާރުގެ ބައެއް އޮފީސްތަކުގައި ވެސް ކުދިކުދި މީޑިއާތައް ހަދާފައި ހުރެއެވެ. މިސާލަކަށް ބަލާ ނަމަ އެންމެ ރަނގަޅު މީޑިއާ ޓީމެއް ގެންގުޅެމުން އައީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީ އުފެދުނީއްސުރެ އެ ތަނުގައި ވަރަށް ރަނގަޅު މީޑިއާ ޓީމެއް އޮވެއެވެ. އަދި ފާއިތުވި އަހަރުތަކުގައި ވަރަށް ރަނގަޅު އިކުއިޕްމެންޓް ވެސް ހޯދާފައި އެބަ ހުއްޓެވެ.
އަދި އަމިއްލަ ޗެނަލެއް ހިންގޭ ވަރަށް ތަކެތި ހޯދައި ޗެނަލެއް އުފެއްދުމަށް ވެސް މަސައްކަތް ކޮށްފައިވާ ކަމަށް ވެއެވެ. އެހެން ނަމަވެސް ގާނޫނު އެކަމަށް ތަން ނުދޭތީ މިހާތަނަށް އެ ކަން ނުވެ އޮތީއެވެ. އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ ވަރަށް ރަނގަޅު ކޮންޓެންޓްތަކެއް އުފައްދަމުންނެވެ. އެ ގޮތުން ޕީއެސްއެމް އަށް ވުރެ މާ ރަނގަޅަށް ދީނީ ކޮންޓެންޓް އިސްލާމިކް މިނިސްޓްރީގެ މީޑިއާ ޓީމުން އުފައްދާފައި ވެސް އެބަ ހުއްޓެވެ.
ހާއްސަކޮށް މި ސަރުކާރު އައި ފަހުން ރައީސް އޮފީހާއި މިނިސްޓްރީތަކުން އަމިއްލަ އަށް މީޑިއާ ޓީމްތައް ވަރުގަދަކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ވެސް މީޑިއާ ޔުނިޓްތައް ގާއިމުކޮށްފައި ވެއެވެ. އެ ގޮތުން އެމްޓީސީސީ އަކީ މީގެ ކުރިން ވަރުގަދަ މީޑިއާ ޔުނިޓެއް އޮތް އަދި އެކަން ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އައި ކުންފުންޏެވެ. އަދި މީގެ އިތުރުންވެސް ސަރުކާރު ކުންފުނިތަކުން މީޑިއާ އަދި މަރކެޓިންގ މަސައްކަތް ވަރަށް ރަނގަޅު ވަސީލަތްތަކާއެކު ފުރިހަމައަށް ހިންގަމުން އަންނަކަން ފާހަގަކުރެވެއެވެ.
ޕީއެސްއެމް އަށް ދައުލަތުން ކުރާ ހޭދަ ރިވައިޒްކުރުމަށް މިއީ ރަނގަޅު ދަނޑިވަޅެއް
ދައުލަތުގެ ބަޖެޓުން ޕީއެސްއެމް އަށް ބޮޑު ހޭދައެއް ކުރާ އިރު ދައުލަތުގެ ހިއްސާވާ ކުންފުނިތަކުން ވެސް ޕީއެސްއެމް އަށް ބޮޑު އެއްޗެއް ދެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕީއާރު ބަޖެޓްގެ ބޮޑު ބައި ނަގަނީ ޕީއެސްއެމްއިންނެވެ. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން އެތަށް ސަތޭކަ މިލިއަން ރުފިޔާ ދީފައި، ބޮޑެތި އިމާރާތްތަކާއި ބިން ދިނުމަށްފަހު، ދައުލަތުގެ ކުންފުނިތަކުގެ ބަޖެޓުން ވެސް އެހާ ބޮޑު ހޭދައެއް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓްގެ ވަކި ޕަސެންޓެއް ދޭ ގޮތަށް އަންނަ އަހަރުން ފެށިގެން މީޑިއާތަކަށް ވެސް ފައިސާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޕީއެސްއެމް އަށް ދައުލަތުން ކުރާ ހޭދަ ރިވައިޒްކުރުމަށް މިއީ ރަނގަޅު ދަނޑިވަޅެކެވެ.
އަދި ޕީއެސްއެމް އަށް ވެސް ބަޖެޓް ކަނޑައަޅާއިރު ދައުލަތުން މީޑިއާތަކަށް ކަނޑައަޅާ ބަޖެޓުން ހަމަޖެއްސުމަކީ ކުރެވިދާނެ ކަމެކެވެ. އެ ގޮތުން ބަޖެޓް ދިނުމުގައި ގެންގުޅޭ އުސޫލްތަކުގެ ތެރެއިން ޕީއެސްއެމް އަށް ވެސް ބަޖެޓް ދިނުމަކީ ކުރެވިދާނެ ކަމެކެވެ.
ދައުލަތުގެ ބަޖެޓުން ޕީއެސްއެމް އަށް ކުރާ ހޭދަ ބޮޑުވުމުގެ ޝަކުވާއަކީ އަބަދު ވެސް އޮތް ޝަކުވާއެކެވެ. އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންކޮށްގެން އަދި ދައުލަތުން އެހާ ބޮޑު ހޭދައެއް ކުރާ އިރު އެކަށީގެންވާ ގޮތެއްގައި ޕީއެސްއެމް އަށް ހިދުމަތް ފޯރުކޮށްނުދެވޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އަދި އެކި ނަންނަމުގައި ޗެނަލްތައް ހަދާއިރު އެ ޗެނަލްތަކުން އެކަށީގެންވާ ކޮންޓެންޓް ނުގެނެސްދޭކަން ވެސް ފާހަގަކުރެވެއެވެ. މީގެ ސަބަބުން ހަރަދު ބޮޑުވެ ދައްކަންޖެހޭ ބިލްތައް ނުދެއްކުމުގެ މައްސަލަ ވަނީ އިންތިހާ އަށް ބޮޑުވެފައެވެ. ނުދައްކައި އޮތް ކަރަންޓް ބިލްތަކާއި އަހަރީ ފީތަކުގެ ޖުމްލަ އެތައް މިލިއަނަކަށް އަރާއިރު މަސައްކަތްކުރުވާފައި ފައިސާ ނުދޭ މައްސަލަތައް ކޯޓުގައި ވެސް އެބަ ހުއްޓެވެ.
ފާއިތުވެ ދިޔަ އަހަރުތަކުގައި ޕީއެސްއެމްގެ ތެރެއިން ވައްކަމާއި ހިޔާނާތާއި ގުޅޭ އެތަށް ސަތޭކަ މިލިއަން ރުފިޔާގެ މައްސަލަތަށް ފެންމަތިވެފައިވެެއެވެ. އަދި ޕީއެސްއެމްގެ މުވައްޒަފުން އަމިއްލަ މީޑިއާ ހިންގައި މިކަމަށް ޕީއެސްއެމްގެ ވަސީލަތްތަށް ބޭނުންކުރަމުންދާކަމުގެ އަޑުތަށް އަބަދުމެ އިވެއެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ފައިދާ ނުވާ ކުންފުނިތައް ރީސްޓްރަކްޗާކުރާއިރު ޕީއެސްއެމް ކުޑަކުރުމާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހެއެވެ. ދައުލަތުން މީޑިއާތަކަށް ބޮޑު ހޭދައެއް ކުރާއިރު އަދި ސަރުކާރުގެ މުހިއްމު އޮފީސްތަކުން އަމިއްލަ މީޑިއާ ޔުނިޓްތައް ހިންގާ އިރު ޕީއެސްއެމް އަށް އެތަށް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަކުރުމަކީ ސީދާ ބޮޑުވެގެންވާ އިސްރާފެކެވެ.