އަމިއްލަ ހިޔާލު: ކުރިމަގު އޮތީ މާލެ ސަރަހައްދަށް ރަޖިސްޓްރީ ބަދަލުކޮށްގެން!

30 ޖުލައި 2024 - 14:07

ނިމިދިޔަ ސަރުކާރުގެ ވިސްނުމަކަށް އޮތީ ކުދި ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ. އެހެން ނަމަވެސް އެ ސަރުކާރުގައި ވެސް އަދި އޭގެ ކުރިން އަދި މިހާރު ވެސް ސިޔާސަތު ބައްޓަންކޮށްފައި އޮތީ މާލޭ ސަރަހައްދަށް މީހުން ޖަމާކުރުމަށެވެ. 

މައިގަނޑު ހުރިހާ އިގްތިސާދީ ވަސީލަތްތަކާއި ދައުލަތުގެ ގިނަ ވަޒީފާތަކެއް އޮތީ މާލެ ސަރަހައްދަށް ހާއްސަކޮށް ނިމިފައެވެ. ސްކޫލަށް ކުދިން ވެއްދުމުގައި އަދި ގެދޮރާއި ގޯތި ދިނުމުގައިވެސް ދައުލަތުން ހިންގި ގިނަ މަސްރޫޢުތަކުން އިސްކަންދީފައި އޮތީވެސް މާލޭ ސަރަަހައްދުގެ ރަޖިސްޓްރީ ހުރި ފަރާތްތަކަށެވެ.

advertisement

މާލެ ސަރަހައްދަށް މީހުން ޖަމާކުރުން އިތުރުކުރުމަށް ގިނަ މަޝްރޫއުތަކެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންދިޔަ އިރު މާލޭ ސަރަހައްދު ހިއްކައި ބިން ދޫކޮށް ފްލެޓް ދޫކުރުމުގެ މަސައްކަތް ވެސް ދިޔައީ ކުރަމުންނެވެ. ފްލެޓްތައް ދޫކުރުމުގައި ރަށްރަށުގައި ދިރިއުޅެމުން ދިޔަ އެތައް އާއިލާއަކަށް ވެސް މާލެ ސަރަހައްދުން ފްލެޓް ލިބުނެވެ. އެހެންކަމުން ތާރު މަގުތަކާއި ރީތި ބަނދަރާއި ނަރުދަމާގެ މަސައްކަތް ހިނގަމުން ދަނިކޮށް ރަށް ދޫކޮށް އެތައް އާއިލާއެއް މާލެ ސަރަހައްދަށް ބަދަލުވީއެވެ.

އަލަށް ހަވާލުވި ސަރުކާރުގެ ވިސްނުން ވެސް އޮތީ ހަމަ އެ ގޮތަށެވެ. ރަސްމާލެގެ ނަމުގައި އެތައް ހާސް ބަޔަކަށް ގެދޮރު ދިނުމަށް އަމާޒުކޮށް އެ ދަނީ މާލެ ކައިރިން ބޮޑު ބިޔަ ސަހަރެއް ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަނެއްކާ ވެސް ހުޅުމާލެ ފަދަ އަނެއް ސަހަރެވެ. ރަށްރަށް ދޫކޮށް މާލެ ސަރަހައްދަށް މީހުން ޖަމާކުރުން އިތުރުކުރުމަށް އަނެއްކާ ވެސް އަނެއް މަޝްރޫއެވެ.

ރަށްރަށް ދޫކޮށް މީހުން މާލެ ސަރަހައްދަށް ދިރިއުޅުން ބަދަކުރަން މަޖުބޫރުވާ ސަބަބުތައް ނޭނގެނީއެއް ނޫނެވެ. ނަމަވެސް އެކަން ހުއްޓުވަން ނުވަތަ އެ ނިސްބަތް މަދުކުރަން ދެން އަލަށް ކުރެވޭނެ ކަމެއް ނެތެވެ. މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އޭރު ވެސް މިހާރު ވެސް މާލެ ސަރަހައްދަށް މީހުން ދިރިއުޅުން ބަދަލުކުރަމުން އައީ މައިގަނޑު ދެތިން ސަބަބަކާ ހުރެއެވެ. 

އެއްކަމަކީ މީސްކޮޅު މަދުވުމުން އިގްތިސާދީ ހަރަކާތްތައް މަދުވެ، ވަޒީފާތައް ނެތުމެވެ. އެކަށީގެންވާ ތައުލީމާއި ސިއްހީ ހިދުމަތްތަކުގެ އިތުރުން އެންމެ އަސާސީ ހިދުމަތްތައް ނުލިބޭ އެތައް ރަށެއް އަދިވެސް އެބަ ހުއްޓެވެ. ނަރުދަމާ ނެތް ކިތަންމެ ރަށެއް އަދިވެސް މި ރާއްޖޭގައި އެބަ އޮތެވެ.

މާލެ ސަރަހައްދަށް ހިޖުރަކުރަން ހުރި ސަބަބުތަކަކީ މިއިން ޒަމާނަކު ނައްތާލެވޭނެ ސަބަބުތަކެއް ވެސް ނޫނެވެ. އެންމެ ބޮޑު އެއްކަމަކީ ވަޒީފާގެ ފުރުސަތު ނުވަތަ އާމްދަނީ ލިބޭނެ މަގުތައް ނެތުމެވެ. އާބާދީ ބޮޑެތި ބިޔަ ރަށްތައް ފަޅުވެގެން އެހެރަދަނީ ބަލަބަލާ ތިއްބައެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރަށްރަށުގައި ބޮޑެތި ހޮސްޕިޓަލްތަކާއި ބަނދަރުތަކާއި މަގުތަކުގައި ތާރު އަޅައި ބޮޑެތި ބިޔަ މިސްކިތްތައް އެޅިކަމުގައި ވިޔަސް އެ ރަށްރަށުގައި ވަޒީފާ ނުވަތަ އިގްތިސާދީ މަސައްކަތްތައް އިތުރުނުވާ ނަމަ އެ ރަށްރަށުގައި މީހުން ހިފެހެއްޓުމަށް އުނދަގުވާނެއެވެ.  މައިގަނޑު އަނެއް ސަބަބަކީ ރަނގަޅު ފެންވަރުގެ ހުރިހާ ސްކޫލެއް މާލެ ސަރަހައްދަށް ހާއްސަ ކުރުމުން ދަރިންނަށް ތައުލީމް ދިނުމަށް މާލެ ސަރަހައްދަށް ހިޖުރަކުރުމަށް މަޖުބޫރުވުމެވެ.

މާލެ ސަރަހައްދު ބޯހިޔާވަހިކަން ދިނުމުގައި ވެސް އިސްކަން ދީފައި ހުންނަނީ މާލެ ސަރަހައްދުގައި ގިނަ ދުވަހު ދިރިއުޅުނު މީހުންނަށެވެ. އެހެންކަމުން އެއީ ވެސް އާއިލާތައް މާލެ އަށް ބަދަލުވުމަށް ދެވޭ ހިތްވަރެކެވެ. މިދިޔަ ސަރުކާރު ނިމެމުން ދަނިކޮށް ހުޅުވައިލި ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތުގައި ވެސް ބިމާއި ފްލެޓްތައް ދިނުމަށް މައިގަނޑު ޝަރުތަކަށް އޮތީ މާލޭގައި ދިރުއުޅުނު މުއްދަތެވެ. 

އެހެންކަމުން އާއިލާތަކުން އަވަސް މާލެ ސަރަހައްދަށް ބަދަލުވުމަށް ނުވަތަ މާލޭގައި ދިރިއުޅޭކަން ދެއްކުމަށް ކުރެވުނުހާ ކަމެއް ކުރަން އޮންނަނީ މަޖުބޫރުވެފައެވެ. އާއިލާގެ އެންމެ މެންބަރަކު މާލޭގައި ދިރިއުޅަނަސް ފޯމު ފުރާ އިރު މުޅި އާއިލާ މާލޭގައި ދިރިއުޅޭ ކަމަށް ދައްކައިގެން ވެސް ފޯމު ފުރައިގެން މީގެ ކުރިން ވެސް ފްލެޓް ހޯދާފައި އެބަ ހުއްޓެވެ. އެހެންކަމުން މުޅި ސިޔާސަތު ބައްޓަން ވެފައި މިއޮތީ މާލޭ ސަރަހައްދުގައި ދިރިއުޅުމަށް މަޖުބޫރުވާ ގޮތަށެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މީހުން އެއްތަނަކަށް ޖަމާކުރުމުނެ ލިބޭ ފައިދާތަކެއް ވެސް އެބަ ހުއްޓެވެ. ކުދިކުދި ރަށްރަށުގައި މީހުން އާބާދުކޮށްގެން އެ ރަށްތައް ތަރައްގީކުރުމަށް ވުރެ އިގްތިސާދީ ދުޅަހެޔޮކަން ލިބެން އޮތީ ގިނަ ބަޔަކު މާލެ ސަރަހައްދަށް ޖަމާކޮށްގެން ކަމަށް އެ ވިސްނުމުގެ މީހުން ދެކެއެވެ. 

ބޮޑަށް ބެލެވޭ ގޮތުގައި ސަރުކާރުތަކުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ވެސް މި ވިސްނުމަށް އިސްކަންދޭކަން ފާހަގަކުރެވެއެވެ. މައިގަނޑު ބޮޑެތި މަޝްރޫއުތައް ހުރީ މާލެ ސަރަހައްދަށް ތޮއްޖެއްސުމުގެ ސިޔާސަތާ ގުޅިފައެވެ. އެހެންކަމުން ރަށްރަށުގައި ކިރިޔާ ވެސް ފޯރުންތެރިކަމެއް ހުރި މީހެއް ނަމަ ވިސްނުން ބިނާކުރަނީ މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރުމަށެވެ.

 މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭ ނަމަ އެ މީހެއްގެ ރަޖިސްޓްރީ ވެސް އެ ތަނަކަށް ބަދަލުވާންޖެހޭ

އަނެއް ބަޔަކު ދެކޭ ގޮތުގައި މުޅި އުމުރު މާލެ ސަރަހައްދުގައި ދިރިއުޅުނު ނަމަވެސް އުފަން ރަށުގައި ރަޖިސްޓްރީ ބޭއްވުމުގެ މާނައެއް ވެސް ނެތެވެ. އެ ރަށްތަކުން ތިމާ އަށް ލިބޭ ފައިދާއެއް އަދި ތިމާގެ ފަރާތުން އެ ރަށްތަކަށް ވެސް ލިބޭ ފައިދާއެއް ނެތެވެ. އެހެން ނަމަވެސް ސަރުކާރުގެ ބޯހިޔާވަހި ކަމުގެ އެކި މަޝްރޫއުތަކުން ފުރުސަތު ލިބިފައިވާ އެތައް ބަޔަކު ވެސް އަދިވެސް ތިބީ އުފަން ރަށުގެ ރަޖިސްޓްރީގައެވެ. އެ މީހުންނަށް ލިބޭ ދަރިން ވެސް އަދިވެސް ޖައްސަނީ ރަށު ރަޖިސްޓްރީގައެވެ. 

ނަމަވެސް މިއީ ވެގެން ވާނެ ގޮތެއް ނޫނެވެ. މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭ ނަމަ އެ މީހެއްގެ ރަޖިސްޓްރީ ވެސް އެ ތަނަކަށް ބަދަލުވާންޖެހޭނެއެވެ. މާލެ ސަރަހައްދުގައި އެތައް ހާސް ބަޔަކު ދިރިއުޅުނު ނަމަވެސް ރަސްމީ ރަޖިސްޓްރީން ދައްކަނީ އެ މަންޒަރެއް ނޫނެވެ.

ހަމައެކަނި ސިޔާސީ ވޯޓެއް ލުމަށްޓަކައި ރެޖިސްޓްރީ ދެމެހެއްޓުމަށް ވުރެ މާލެ ސަރަހައްދަށް ރަޖިސްޓްރީ ބަދަލުކުރުން މާ ރަނގަޅެވެ. ކުރިމަގު ވެސް އަދި ސަރުކާރުތަކުގެ ސިޔާސަތުތައް ވެސް ބައްޓަން ވެފައި ހުރީ މާލެ ސަރަހައްދަށް އިގްތިސާދާއި ދައުލަތުގެ ވަޒީފާވެސް ހާއްސަކުރުމަށެވެ. 

މާލޭގައި ނޫޅޭ ފަރާތްތަކަށް ގެދޮރާއި ފްލެޓް މާލެ ސަރަހައްދުން ދިނުމާދެކޮޅަށް އަޑުއުފުލަމުންދާއިރު، މާލެ ސަރަހައްދުގައި ދުވަހަކުވެސް ނޫޅޭ ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް މާލެ އެޑްރެސް އޮތުމުން ހިލޭ ބިމާއި ގެދޮރު ދިނުމުގައި އިސްކަންދެވޭ  ސިޔާސަތެއް ދައުލަތުން ގެންގުޅޭ އިރު އުފަން ރަށުގެ ރަޖިސްޓްރީން ވަކިވެ މާލެ ސަރަހައްދަށް ރަޖިސްޓްރީ ނުވާންވީ ކީއްވެ ހެއްޔެވެ؟ 

ހަމައެކަނި ދާއިމީ އެޑްރެސްއަކީ ވޯޓްލާން އޮންނަ ސިޔާސީ ހަތިޔާރަކަށް ހަދާފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ދިވެހި ރައްޔިތުންގެ މެދުގައި ދައުލަތުން ގެންގުޅޭ ތަފާތުކުރުން ނިމުމަކަށް ގެނެވޭނީވެސް މިގޮތުންނެވެ. ރާއްޖެތެރޭ ގިނަ ރަށްރަށުގެ ކުރިމަގު ނެތްކަމީ ބޭނުންވިޔަސް ނުވިޔަސް ހިތި ހަގީގަތެވެ.

ރިއެކްޝަންސް
1
0
1
3
0
1
1