އަމިއްލަ ހިޔާލު: ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ތަރައްޤީގެ މަޝްރޫއުތައް ހިންގަންޖެހޭތަ؟

3 އޯގަސްޓް 2024 - 11:43

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ އެކު ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އެއްފަހަރާ އެތައް މަޝްރޫއެއް އެއްފަހަރާ ފެއްޓެވިއެވެ. އެ ސަރުކާރުގެ އަމާޒަކަށްވީ އަސާސީ ހިދުމަތްތައް ފުރިހަމަ ނުވެ ހުރި ރަށްރަށުގައި އެކަންކަން ފުރިހަމަ ކޮށް ރާއްޖޭގެ 200 ރަށް ތަރައްޤީކޮށްގެން ޖަޒީރާރާއްޖެއެއް ހިންގުމަށެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނުމުނު އިރު މީގެ ތެރެއިން ގިނަ މަޝްރޫއުތައް ހުރީ ހުއްޓި ދައުލަތަށް ބޮޑު ބުރަކައަކަށް ވެފައެވެ.

 ގިނަ މަޝްރޫއުތައް ހުއްޓި ދައުލަތަށް ބޮޑު ބުރައަކަށް ވެފައި

އެމްޑީޕީން ވެރިކަމަށް އައީ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ފެށުމުގެ ވައުދާއެކުއެވެ. އިންޖީނުގެތައް އަޅައި ކަރަންޓް ހިދުމަތް ރަނގަޅުކޮށް ބަނދަރުތައް ހެދުމުގެ ވައުދާ އެކުއެވެ. ގިނަ ރަށެއްގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތާއި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ އެކުގައެވެ. 

advertisement

އެހެންކަމުން ވެރިކަމުގެ ފުރަތަމަކޮޅުގައި ގިނަ މަޝްރޫއުތަކެއް ފެށިއެވެ. ކޮވިޑްގެ ވަބާ ކުރިމަތިވުމުން ކޮންމެ ވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް ކޮވިޑުން ހަމަ އަރައިގަނެވުމާ އެކު އާ އެތައް މަޝްރޫއެއް އިއުލާންކޮށް ފެށިއެވެ. އެހެން ނަމަވެސް މީގެ ތެރެއިން ނިސްބަތުން ނިންމާލެވުނީ މަދު މަޝްރޫއެކެވެ. ގިނަ މަޝްރޫއުތައް ހުރި ދިގުލައިގެން ގޮސްފައެވެ

އާ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ކުރީ ސަރުކާރުން ފަށާފައި ހުރި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ޖެހުމެވެ. ނުވަތަ ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށުމެވެ. އެހެން ނަމަވެސް އިގްތިސާދީ ހާލަތު މި ވަގުތު އެކަމަކަށް ތަނެއް ނުދެއެވެ. ކުރީ ސަރުކާރުތަކުން ނަގާފައިވާ ބިޔަ ބޮޑެތި ލޯނުތައް ދެއްކުމަށް ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހިފައިވާ އިރު ސަރުކާރުގެ މަތިބަރުވެ ހިންގުމުގެ ހަރަދު ވަނީ ދެކޮޅު ނުޖެހޭ ވަރަށް އިތުރުވެފައެވެ. އެހެން ކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވެސް މަޖުބޫރުވެފައި ވަނީ ވަގުތީ ގޮތުން ވެސް މަޝްރޫއުތައް ހުއްޓާލުމަށެވެ.

މި ސަރުކާރުން ވަނީ ކުރީ ސަރުކާރުން ފަށާފައި އަދި މަޑުޖެހިފައިވާ މަޝްރޫއުތައް މި ވަގުތައް ހުއްޓާލުމަށް ނިންމާފައެވެ. އަދި ކުރިއަށް ދާ މަޝްރޫއުތައް އެ ގޮތުގައި ކުރިއަށް ދިޔަ ނަމަވެސް ސޮއިކޮށް މަސައްކަތް ނުފަށާ ހުރި މަޝްރޫއުތައް މި ވަގުތައް ނުފެށުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. 

އެ ގޮތުން މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް އެދި ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީ އަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ލީކްވެފައިވާ ސިޓީގައިވާ ގޮތުން 60 މަޝްރޫއެއް ވަގުތީ ގޮތުން މަޑުޖައްސާލަން އަންގާފައި ވެއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނީ އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ނަމަވެސް މަޝްރޫއުތަކަށް ބަލާއިރު މިހާރު ވެސް މަސައްކަތް ފަށައިގެން ކުރިއަށް ދާ 17 މަޝްރޫއެއް ހުއްޓާލަން އަންގާފައި ވެއެވެ.

މަޝްރޫއުތައް މަޑުޖައްސާލަން ޖެހުމަކީ ދައުލަތަށް ލިބޭނެ އިތުރު ގެއްލުމެއް

މަޝްރޫއުތައް މަޑުޖައްސާލަން ޖެހުނު އިރު މިއީ ވެސް ދައުލަތަށް ލިބޭނެ އިތުރު ގެއްލުމެކެވެ. މަޝްރޫއުތަކުގެ މުއްދަތު ދިގުވެގެން ދިއުމަކީ އެ މަސައްކަތްކުރާ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ ވެސް އިތުރުވެގެންދާނެ ކަމެކެވެ. އެއީ ސަރުކާރާއި އާންމުން ހިއްސާވާ އެމްޓީސީސީ ކަމަށް ވިޔަސް އަދި ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ ކަމަށް ވިޔަސް މެއެވެ. އެ މަޝްރޫއުތައް މަޑުޖެހިފައި އޮތުމަކީ އިތުރު އެތައް ހަރަދެއް ހިނގާނެ ކަމެވެ. އަދި އަމިއްލަ ކުންފުނިތަކަށް ދީފައިވާ މަޝްރޫއުތަކުގެ ބައެއް އެއްބަސްވުންތައް ހުރި ގޮތުން ފަހަރުގައި ބޮޑު ބަދަލެއް ދޭންޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިދިޔަ ސަރުކާރުން އިންތިހާ އަށް މަޝްރޫއުތައް ހަވާލުކުރި އިރު އޭގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ އެތައް މަޝްރޫއެއް ވެސް ހުއްޓެވެ. މިސާލަކަށް އާރުޑީސީއާ ހަވާލުކޮށްގެން ހިންގި ގިނަ މަޝްރޫއުތައް ހުރީ ދިގުލައިގެން ގޮސްފައެވެ. ބައެއް މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. މާލޭގެ މަގު ހެދުމުގެ މަޝްރޫއު ނިމުނީ ބުނި މުއްދަތަށް ވުރެ ވެސް ލަހުން މި ސަރުކާރުގައެވެ. 

ޅ. ހިންނަވަރު ފަދަ ބައެއް ރަށްތަކުގެ މަގުތައް ހެދުން ހުރީ ހުއްޓިފައެވެ. މަގުތައް ހެދުމަށް އެތައް މުވައްޒަފުންނެއް އެމްއާރުޑީސީ އަށް ވައްދާފައިވާ އިރު މަސައްކަތް ނުހިނގިޔަސް އެ މީހުން މުސާރަ އަށް އެތައް ފައިސާއެއް އެބަ ހޭދަކުރެއެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއު ވެސް ފައިސާ ނުލިބިގެން ހުރީ ހުއްޓިފައެވެ. އެ މަޝްރޫއުގެ ހަރަދު ވެސް އިންތިހާ އަށް އެދަނީ ބޮޑުވަމުންނެވެ.

ބައެއް މަޝްރޫއުތައް ފަށާފައި ވަނީ އެކަށީގެންވާ ބަޖެޓެއް ނެތި ޕްލޭއެއްވެސް ނެތިއެވެ. ތިން އަހަރަށް ދެމިގެންދާނެ ކަމަށް ބެލެވޭ މަޝްރޫއުތަކުގައި ބަޖެޓް ޖަހާފައި ވަނީ ފުރަތަމަ އަހަރުގައި މަޝްރޫއު ފެށުމަށް ބޭނުންވާ ވަރަށެވެ. އޭގެ ފަހުން އެ މަޝްރޫއަށް ބަޖެޓް ނެތި މަސައްކަތް ހުރީ ހުއްޓިފައެވެ. މިއީ އެންމެ މަޝްރޫއެއް ދެ މަޝްރޫއަކަށް ދިމާވެފައި ހުރި ގޮތެއް ވެސް ނޫނެވެ. 

ލޯނުގެ ފައިސާ ހުސްވި އިރު ވެސް މަޝްރޫއުތައް ނިމިފައެއް ނެތް

ބަޖެޓް ހަމަނުޖެހި ހުރި މިފަދަ އެތައް މަޝްރޫއެއް މިދިޔަ ސަރުކާރުން ހިންގިއެވެ. ސިޔާސީ މަންފާއަށްޓަކައި މަޝްރޫއު އިއުލާންކޮށް ފެށި ނަމަވެސް އެ މަޝްރޫ ނިންމުމަށް ބޭނުންވާ ފައިސާ ވެސް ނުހޯދައެވެ. ގިނަ މަޝްރޫއުތައް ހިންގާފައި ހުރީ ވެސް ލޯނު ނަގައިގެންނެވެ. އެހެން ނަމަވެސް ލޯނުގެ ފައިސާ ހުސްވި އިރު ވެސް މަޝްރޫއުތައް ނިމިފައެއް ނުވެއެވެ.

މީގެ އިތުރުން ވާނުވާ ނޭނގި އެތައް މަޝްރޫއެއް ވެސް އެބަ ހުއްޓެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން މިފަދަ އެތައް ކަމެއް އެ ދަނީ ތިލަވަމުންނެވެ. އެ ގޮތުން އެޑްވާންސަށް ފައިދާ ދީފައިވާ އެތައް މަޝްރޫއެއް ވެސް އެބަހުއްޓެވެ. 

އެ ގޮތުން ހދ. ކުޅުދުއްފުށީ އިންޖީނުގެ  އިމާރާތްކުރުމުގެ މަސައްކަތަށް ކުރީ ސަރުކާރުން 45 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި ނަމަވެސް ފެންނަން ހުރީ ހަތަރު ފާރު ކަމަށް މި ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ތުހުމަތުކުރެއްވިއެވެ. ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އެޅުމަށް މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަށް ދެ ބުރެއްގެ މަތިން 44 މިލިއަން ރުފިޔާ ދިން ކަމަށް މާލިއްޔަތު ކޮމިޓީގައި ވަނީ ފެންމަތިކޮށްފައެވެ. ނަމަވެސް އެ ބުނާ އިމާރާތެއްގެ މަސައްކަތް ވީ ހިސާބެއް ވެސް ނޭނގެއެވެ.

މިހެން ގޮސް މިދިޔަ ސަރުކާރުން މިފަދަ އެތައް މަޝްރޫއުތަކެއް ހިންގާފައި އެބަހުއްޓެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. ނުވަތަ ދިގުލައިގެން ގޮސްފައެވެ. އާ ސަރުކާރަށް އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް އަދި ނެތެވެ. އެހެންކަމުން ދައުލަތަށް މިއީ ދެވިފައިވާ ބޮޑު ގެއްލުމެކެވެ. 

މި މަޝްރޫއުތައް ދިގުލައިގެން ދާ ނަމަ ލިބޭ ގެއްލުން އެތައް ބިލިއަނަކަށް އަރާނެއެވެ. އަނެއްކޮޅުން ގިނަ މަޝްރޫއުތަކެއް އެއްފަހަރާ ހިންގުމަށް ބޮޑެތި ލޯނުތަކެއް ނަގާފައިވާ އިރު އެ ލޯނުތައް ދައްކަން ވެސް ޖެހެއެވެ. އަނެއްކޮޅުން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުދައްކާތީ ވެސް ހުއްޓިފައި ހުރި މަޝްރޫއުތައް ގިނަ އެވެ. މިއީ ވެސް ކޮންމެ ވެސް ހިސާބަކުން ދައުލަތުން ބަދަލު ދޭންޖެހޭ ކަންކަމެވެ.

ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި ތަރައްޤީކުރުމުގެ ނަމުގައި ހިންގުނު ގިނަ މަޝްރޫއުތަކަކީ ރާޢްޖޭގެ ރައްޔިތުންގެ އަސްލު ހާލާތާއި ބޭނުންތަކަށް ރިއާޔަތް ނުކުރެވި, މަދު ބަޔަކަށް މަންފާ ހޯދުމަށް ކުރެވިފައިވާ ކަމެއްގެ ގޮތުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. މަގުގައި ތާރުނެތިގެން ނުވަތަ ބަނދަރު ކުޑަވެގެން ނުވަތަ އިންޖީނުގެ ޒަމާނީ ނުކުރެވިގެން މާލެ ހިޖުރަކުރަނީ ކިތައް އާއިލާތޯ ސުވާލު އުފެދެއެވެ.

 އަދި މިކަހަލަ ތަރައްޤީގެ މަސްރޫއުތަށް ނުހިންގިގެން ހަކުރު ބޮއި މާރާމާރީ އާއި ޖަލު ހަޔާތަށް ދިޔައީ ކިތަށް ޒުވާނުންތޯ މިއީ އުފެދޭ ސުވާލެކެވެ. ދައުލަތުގެ ބަޖެޓު އެކި ނަންނަމުގައި ލޫޓުވައި ގައުމު ދަރަނީގެ ނުރައްކަލަށް ހުށަހެޅިފައިވާއިރު, ގައުމަށް ހަގީގަތުގައި ބޭނުންވާ ހައްލުތަކަށް މުހިންމު މަސްރޫއުތައް ނުހިންގެނީ ކޮންބައެއްގެ އިހުމާލުންތޯ މިއީ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ސުވާލެކެވެ.

ރިއެކްޝަންސް
0
0
0
2
0
0
2