އަމިއްލަ ހިޔާލު: މަގުމަތީ ޓްރެފިކުން ތިޔަފެންނަނީ ދިވެހިންގެ ދުރޫސުލް އަހުލާޤް
7 އޯގަސްޓް 2024 - 13:39
ގަވާއިތަކާއި އުސޫލްތައް އޮތް ގޮތުން ރާއްޖެ އަށް އެތެރެކުރާ ހަތަރު ފުރޮޅުލީ ވެހިކަލެއް ރެޖިސްޓްރީ ކުރެވެނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި ނަމެއްގައި އޮތް ކަމެކެވެ. މިހާތަނާ ޖެހެންދެން ވެސް މޭޒު ދަށުން ދިއްކޮށްލާ ފައިސާކޮޅަކާ އެކު އެ ގަރާޖަކީ ހަމައެކަނި ކަރުދާސްގަނޑެއްގައި ލިޔެފައި އޮންނަ ސިޓީއަކަށް ވަނީ ވެފައެވެ.
އެހެންކަމުން އެއް ގަރާޖެއްގައި އެތައް ސަތޭކަ ކާރެއް ވެސް ރަޖިސްޓްރީކޮށްފައި އެބަ ހުއްޓެވެ. ގަރާޖެއް އަމްދުން ނެތި ހަމައެކަނި ލިޔުމަކުން ގަރާޖު ހަދައިގެން ވެސް ވެހިކަލް ދިޔައީ ރަޖިސްޓްރީކުރަމުންނެވެ.
ދިވެހި މުޖުތަމައުގެ ތެރެއިން ފެންނަ މަންޒަރަކީ ފަސާދަ އާއި ވައްކަމާއި ހިޔާނާތުގެ މަންޒަރު
މަގު މައްޗަށް ބަލާލިޔަސް އެހުރިހާ ކާރު ޕާރކު ކުރާނެ ގަރާޖު ނެތްކަން ބޮލެއް ހުރިއްޔާ ފިކުރެއް ކުރަންޏާ އެބަ އެނގެއެވެ. ކާރުގެނެސް ފަސާދައިގެ ތެރެއިން ވަގު ސިޓީ ހައްދައިގެން ރިސްވަތު ދީގެން ކާރު ރަޖިސްޓްރީ ކުރާ ރައްޔިތުމީހާ އާއި އެފައިސާ ކޮޅަށް ރަޖިސްޓްރީކޮށްދޭ ދައުލަތުގެ ވުޒާރާތަކުގައި ތިބޭ މުވައްޒަފުންގެ ހިޔާނަތްތެރިކަން ހަމަ އެއްވަރެކެވެ. މަގުމަތީގެ ޓްރެފިކުން ތިޔަ ފެންނަ މަންޒަރަކީ ދިވެހި މުޖުތަމައުގެ ތެރޭގައި އަށަގެންފައިވާ ފަސާދަ އާއި ވައްކަމާއި ހިޔާނާތުގެ މަންޒަރެވެ.
މާލޭގެ ޓްރެފިކް ބޮއްސުން ލައިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު މިދިޔަ އަހަރު އެކަނި ވެރިރަށް މާލެ އަށް 10،590 އުޅަނދު ރަޖިސްޓްރީކޮށްދީފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ޔަގީންކަން ކޮށްދެއްވާފައެވެ. 2018 ވަނަ އަހަރު މާލެއަށް ރަޖިސްޓްރީކޮށްދިން އުޅަނދުގެ އަދަދު ހުރީ 6،586 ގަ އެވެ. ނަމަވެސް މި އަދަދު 2023 ވަނަ އަހަރު ވަނީ 10،590 އަށް އިތުރުވެފަ އެވެ. ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ވަގު ވިޔަފާރި ހައްދުން ނައްޓާލާފައި ވަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު އެކަނި 9,797 ވެހިކަލް ވަނީ މާލެއަށް ރަޖިސްޓްރީކޮށް ދީފަ އެވެ.
މި މައްސަލަ ބޮޑުވެފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ޕާކްކުރާނެ ޖާގަތައް ވިއްކަން ފެށިއެވެ. ސުވާލަކީ ގަރާޖެއް އޮވެ، ރެޖިސްޓްރީކުރާ އުޅަނދަކަށް މާލޭގެ މަގުތަކުން ޕާކްކުރާނެ ޖާގަ ވިއްކަންޖެހެނީ ކީއްވެ ހެއްޔެވެ؟ އެ އުޅަނދު ބާއްވަން ރެޖިސްޓްރީކުރި ގަރާޖު ކޮބައި ހެއްޔެވެ؟ އެ އުޅަނދުފަހަރު ރެޖިސްޓްރީކޮށްފައި އެ ހުރީ ގަވާއިދާ ހިލާފަށް ކަމަށް ސިޓީ ކައުންސިލުން ވެސް ބަލައިގަތީ ހެއްޔެވެ؟
މާލެ އާއި ހުޅުމާލޭގައި އުޅަނދުފަހަރު ޕާކްކުރާނެ ޖާގައިގެ މައްސަލަ ވަނީ ބޮއްސުންލާފައި
އުޅަނދުފަހަރު ޕާކްކުރާނެ ޖާގައިގެ މައްސަލަ ވަނީ ބޮއްސުންލާފައެވެ. މާލެ އާއި ހުޅުމާލެ މި ވަނީ ތޮއްޖެހިފައެވެ. ޕާކް ކުރާނެ ޖާގައެއް ނެތެވެ. ހަތަރު ފުރޮޅުލީ އުޅަނދު ފަހަރުގެ އިތުރުން ސައިކަލެއް ވެސް ޕާކްކޮށްލާނެ ޖާގައެއް މި ސަރަހައްދުގައި ނެތެވެ. އެހެން ނަމަވެސް ހަމަ އެތެރެކުރާ ވަރަށް އެތެރެކުރަނީއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. މާލެއިން ޖާގަ ނުލިބޭތީ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން “ޒޯން ބީ” ބޯޑު ޖަހައިގެން ވެސް ހަމަ ދުއްވަނީއެވެ. އަނެއް ބަޔަކު ވަގު ބޯޑު ޖަހައިގެން ވެސް ދުއްވަނީއެވެ. ކޮންޓްރޯލެއް ނެތެވެ.
އާ ސަރުކާރާއެކު ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އަލީ އިހްސާން އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މާލޭގެ މަގުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެ ގޮތުން ރެޖިސްޓްރީނުކޮށް މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި މާލޭ ސަރަހައްދު ނޫން ސަރަހައްދުތަކަށް ރެޖިސްޓްރީކޮށްގެން މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރާއި ގަވާއިދާ ހިލާފަށް ބޯޑު ޖަހައިގެން ދުއްވާ އުޅަނދުފަހަރު ޓޯކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު އެބަ ކުރިއަށް ދެއެވެ.
އަނެއްކޮޅުން ވެހިކަލް ރެޖިސްޓްރީކުރުމުގެ ކަންކަން ޓްރާންސްޕޯޓުން ވަނީ ހަރުދަނާކޮށްފައެވެ. ގަރާޖެއް ހުރިކަން ޔަގީންކޮށްފައި ނޫނީ އުޅަނދުފަހަރު މިހާރު ރަޖިސްޓްރީނުވާނެކަމުގެ ޔަގީންކަން މިނިސްޓަރު އަމީން ދެއްވަވައެވެ. އަދި މީގެ ކުރިން ގަވާއިދާ ހިލާފަށް ހިންގާފައިވާ އެފަދަ ކަންކަން ވެސް ބަލައި އިސްލާހުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ދެ މިނިސްޓްރީން މިހާރު ފަށާފައިވާ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިއްޖެ ނަމަ ކޮންމެ ވެސް ވަރެއްގެ ހައްލެއް މާލެ އަށް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ. އެހެން ނަމަވެސް އެހެން ވެދާނެކަމާ މެދު ސުވާލު ކުރާ ބަޔަކު ވެސް އެބަ ތިއްބެވެ. ސަބަބަކީ އުޅަނދުފަހަރު އެތެރެކުރުން ލިމިޓްކުރެވިފައި ނުވުމުވެ. އެއްބަޔަކު ދެކޭ ގޮތުގައި ރާއްޖޭގެ އެއްވެސް ތަނަކަށް އުޅަނދެއް އެތެރެކުރެވެންޖެހޭނީ އެ އުޅަނދެއް ޕާކްކުރާނެ ޖާގަ ހަމަޖެހިފައިވާކަމަށް ރަސްމީ އިދާރާއަކުން ދޫކުރާ ލިޔުމެއް އޮވެގެންނެވެ.
ޕާކިންގެ ނިޒާމަށް ވެސް ބަދަލުތަކެއް އަންނަންޖެހޭ
ރާއްޖެ އަށް އެތެރެކުރުމަށް ފަހު ރެޖިސްޓްރީނުކުރެވޭ ނަމަ ރެޖިސްޓްރީނުވެ، މަގުމައްޗަށް ދޫކޮށްލާފައި ހުންނަ ވެހިކަލްތަކުގެ އަދަދު މަދެއް ނުކުރެވޭނެއެވެ. އެތެރެކުރެވިފައި ރެޖިސްޓްރީ ނުކުރެވުމަކީ ވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ވިޔަފާރި އުސޫލުން ވިއްކުމަށް އުޅަނދުފަހަރު އެތެރެކުރާ ނަމަ ވެސް އެ އުޅަނދުފަހަރު ވިކެންދެން ބާއްވާނެ ތަނެއް ނުވަތަ ޝޯރޫމެއް ހުރުން ލާޒިމްކުރަންޖެހެއެވެ. އެހެން ނޫން ނަމަ ވިއްކުމުގެ ނަމުގައި ވެސް އެތެރެކޮށްފައި ދޫކޮށްލަނީ މަގު މައްޗަށެވެ.
އަނެއް ބަޔަކު ދެކޭ ގޮތުގައި މި އުސޫލު ހިނގަންވީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް އެކަންޏެއް ވެސް ނޫނެވެ. މި މާލޭ ސަރަހައްދުގައި ވެސް ކާރުފަދަ ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ވުރެ ގިނައީ ސައިކަލެވެ. ގާތްގަނޑަކަށް ކޮންމެ ގޭބިސީއެއްގައި ތިން ހަތަރު ސައިކަލް ގެއްގުޅޭ އިރު ގޭދޮށުގައި ވެސް ޕާކްކޮށްލާނެ ޖާގައެއް ނެތެވެ. ޖާގަ ނެތުމުގެ އިތުރުން މާލޭގެ މަގުތަކުގެ ކާރުބާރޫ ވެސް ވަނީ އިންތިހާ އަށް ބޮޑުވެފައެވެ. ހާއްސަކޮށް ބައެއް މަގުތަކަކީ ޓްރެފިކް އިންތިހާ އަށް ބޮޑު މަގުތަކެވެ.
ޕާކިންގެ ނިޒާމަށް ވެސް ބަދަލުތަކެއް އަންނަންޖެހެއެވެ. ބޭރުގެ ގައުމުތަކަށް ބެލި ނަމަވެސް ޕާކްކުރުމަކީ ހިލޭ ސާބަހަށް ދޫކޮށްލާފައި އޮންނަ ކަމެއް ނޫނެވެ. ޕާކް ކުރާނެ ޖާގަތައް ކަނޑައަޅާފައި އެ ޖާގަތަކުގައި ވަގުތީ ގޮތުން ޕާކްކުރަން ވެސް ފީއެއް ނަގައެވެ. ޕާކިންގ އިމާރާތްތައް އަޅަން އެބަޖެހެއެވެ. މަގުތަކުގައި ހުރި ޕާކިންގ ޒޯންތައް ނަގައި ޕާކްކުރާނެ ސަރަހައްދުތައް ކަނޑައަޅައި އެ ސަރަހައްދުތަކުގައި ޕާކްކުރުމަށް ފީއެއް ނެގުން މުހިންމެވެ. މިއީ ރާއްޖެ އަށް ވުރެ ބޮޑަށް ތޮއްޖެހިފައިވާ ބައެއް ގައުމުތަކާއި ސިޓީތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތެވެ.
މިފަދަ ގޮތަކަށް ޕާކިން މައްސަލަ ހައްލުކުރުމާ އެކު ޕަބްލިކް ޓްރާންސްޕޯޓަށް ބަރޯސާވުން އިތުރުކުރުމަށް ވެސް މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް މިހާރަށް ވުރެ ހަރުދަނާކުރެވި ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ނިޒާމު ފަހިކޮށްދިނުން މުހިންމެވެ. ހަތަރު ފުރޮޅުލީ ވެހިކަލެއް ގެންގުޅޭ މީހާއަކީ ނިކަމެތި މީހެއް ކަމަށް ބަލައިގެން ފީތައް ކަނޑައެޅުމުގެ ބަދަލުގައި ދައުލަތަށް ނަގާ ފީތައް ވެސް ބޮޑުކުރަންޖެހެއެވެ.
ވެހިކަލްތަކުން އަހަރީފީގެ ގޮތުގައި މިހާރު ނަގަމުން އަންނަ ފީތައް މުރާޖައާކުރަންޖެހެއެވެ.މޫނަށް ކަނދުރާ އަށް ބެލުމެއް ނެތި ގާނޫނު ތަންފީޒުކޮށް މިމައްސަލައަށް ތަސައްލީއެއް ގެނައުމަކީ ގައުމިއްޔަތާ ގައުމުގެ އަހުލާގާވެސް ގުޅި ލާމެހިފައިވާކަމެކެވެ. މިކަމަށްޓަކައި ސަރުކާރުން މިސާލު ވެސް ދައްކައި ސަރުކާރުގެ ބޭނުމަށް ވެހިކަލް އެތެރެކުރުން ވެސް ލިމިޓްކުރަންޖެހެއެވެ.