އަމިއްލަ ހިޔާލު: ގައުމު ހިންގަނީ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން!

10 އޯގަސްޓް 2024 - 15:37

މީގެ އަހަރުތަކެއް ކުރިން މަސްވެރިކަމަކީ ގައުމުގެ ލޭނާރުކަމުގައި ބެލެވުނަސް މިހާރު ރާއްޖޭގެ އިގްތިސާދުގެ ލޭނާރަކީވެސް، ކިޑުނީއަކީވެސް އަދި މޭގަނޑަކީވެސް ޓުއަރިޒަމް ދާއިރާއެވެ. އާންމު މީހާގެ ޖީބަށް ވެސް އަދި ދައުލަތަށް ވެސް ޓެކްސް ފައިސާގެ ގޮތުގައި އެންމެ ގިނައިން ފައިސާ ވަންނަނީ ޓުއަރިޒަމް ދާއިރާއިންނެވެ. 

ކުރުކޮށް ބުނާނަމަ ދައުލަތް ހިންގުމަށް ބޭނުންވާ ހީވާގި އުފެއްދުންތެރި މުވައްޒަފުންވެސް ތިބީ ޓޫރިޒަމް ދާއިރާގައެވެ. ކޮވިޑު ތެރޭގައި ފާހަނގަކުރެވުނު މައިގަނޑު ހަގީގަތަކީ ސަރުކާރު އަދި ސަރުކާރު ކުންފުނިތަކުގެ ގިނަ މުވައްޒަފުންގެ މާބޮޑު ބައިވެރިވުމެއްނެތިވެސް ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީން ގައުމު ރަނގަޅަށް ހިންގާނެކަމެވެ.

advertisement

ގައުމުގެ އިގްތިސާދު ދެމެހެއްޓުމަށް ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިންކުރަނީ ބުރަ މަސައްކަތްތަކެއް

ސަރުކާރުގެ ވަޒީފާތައް ނަގާފައި ދިވެހިން އެންމެ ގިނައިން މަސައްކަތް ކުރަނީ ވެސް ޓުއަރިޒަމް ދާއިރާގައެވެ. ހާއްސަކޮށް ރިސޯޓްތަކުގައެވެ. އޭގެ ސަބަބުން ރާއްޖޭގެ އެތެރޭގެ މާކެޓްގައި ވެސް ޑޮލަރު ދައުރުވުމަށް މަގުފަހިވެފައި ވެއެވެ. ގިނަ އަދަދެއްގެ ބިދޭސީން ވެސް މަސައްކަތް ކުރެއެވެ.

 އެހެން ނަމަވެސް އެ މަސައްކަތްތެރިން ވެސް ދިވެހި ގައުމުގެ އިގްތިސާދު ދެމެހެއްޓުމަށް އެ ކުރަނީ ބުރަ މަސައްކަތްތަކެކެވެ. ހަގީގަތަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީން އާއިލާއާއި ދުރުގައި ރެއާދުވާލު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރަމުންދާ މަސައްކަތަކީ، ދިވެހި ރާއްޖެ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކުރަމުންގެންދާ އަގުނުކުރެވޭނެ މަތިވެރި ގުރުބާނީ އެކެވެ.

ރިސޯޓްތަކުގެ އިތުރުން ލޯކަލް ޓުއަރިޒަމްގެ ސަބަބުން ވެސް އިގްތިސާދީ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފިއެވެ. މީގެ ކުރިން ރަށްރަށުން ހުވަފެނުން ވެސް ނުދެކޭހާ ބަދަލުތައް ރަށްރަށަށް ވެސް އަތުވެއްޖެއެވެ. ގެސްޓް ހައުސްތަކާއި ޓުއަރިސްޓުންނަށް ހިދުމަތް ދިނުމަށް އަމާޒުކޮށް ހުޅުވި ކެފޭ ރެސްޓޯރެންޓްތަކާއި މޫދުކުޅިވަރު ކުޅޭ ތަންތަނާއި ޑައިވް ސެންޓަރުތަކުގެ ސަބަބުން ރަށުގެ އާންމު ރައްޔިތުންގެ ފިޔަފާރިތަކަށް ވެސް އެތައް ކުރިއެރުމެއް ލިބެމުން އެބަދެއެވެ. ރައްޔިތުންގެ ޖީބަށް ޑޮލަރު އެބަ ވަދެއެވެ. އޭގެ ސަބަބުން އިގްތިސާދަށް އެތައް ފައިދާއެއް އެބަ ކުރެއެވެ.

ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން މަސައްކަތްތަކެއް ކުރި ނަމަވެސް އޭގެ ފޮނި މީރުކަން ހޯދަނީ އެހެން ބައެއް

ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އޭގެ ފޮނި މީރުކަން ހޯދަނީ އެހެން ބައެކެވެ. ދައުލަތުގެ ބަޖެޓަށް އެންމެ ގިނަ ފައިސާ ހޯދައިދެނީ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން ކަމުގައި ވިޔަސް ގިނަ ފަހަރަށް އަސާސީ ކަންކަމުން އެ މީހުން މަހުރޫމްވާ ގޮތް ވެއެވެ. މިސާލަކަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުން ވެސް ހާއްސަކަން މި ދެނީ ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައި އެބަ ހުއްޓެވެ. އަދި މިހާރު ވެސް އެފަދަ ތަންތަނުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ.  ސިވިލް ސާވިސްގައި ގިނަ ދުވަހު ހިދުމަތް ކުރި ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބެއެވެ. ފުލުހުންނާއި ސިފައިންނާއި ޓީޗަރުންނާއި ނަރުހުންނާއި ކަސްޓަމްސް ފަދަ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރުކާރުގެ މަޝްރޫއުތަކުން ބައެއް ހާއްސަކުރެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައަޅާ ގިނަ މަޝްރޫއުތަކުގައި މާލޭގައި ދިރިއުޅޭ މުއްދަތު ހިމަނާފައި ހުންނަ އިރު ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން މި ބައިން އުނިވެއެވެ. އެ މީހުންގެ އާއިލާތައް މާލޭ ސަރަހައްދުގައި ކިތަންމެ ދުވަހަކު އުޅުނަސް ފޯމް ލާ މީހާއަކީ ރިސޯޓެއްގައި އުޅޭ މީހެއް ނަމަ އޭނާ އަށް އެ ކެޓަގަރީން ޕޮއިންޓެއް ނުލިބި ހައްގުން މަހުރޫމްވެއެވެ. ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ މީހުންނަށް ހާއްސަކަމެއް ވެސް ނުދެއެވެ.

ބޯހިޔާވަހިކަން އެކަންޏެއް ނޫނެވެ. އެ ނޫން ވެސް އެތައް ކަމަކުން ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން އެ ތިބެނީ ބާކީ ވެފައެވެ. އެ މީހުންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނެ ކަމަށް ކޮންމެ ސަރުކާރަކުން ވެސް ވައުދުވެއެވެ. ނަމަވެސް ހުރިހާ ފައިދާއެއް ލިބިގެން މިދަނީ ސަރުކާރުގައި މަަސައްކަތްކުރާ އުފެންދުންތެރިކަމެއް ނެތް ބޭނުންތެރިކަމެއްނެތް ގިނަ އަދަދެއްގެ ބޭކާރު މުވައްޒަފުންނަށެވެ.

 ނިމިދިޔަ ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅައި ސާވިސް ޗާޖްގެ މައްސަލައަށް ހައްލެއް ހޯދައިދިން ނަމަވެސް އެއީ ކުޑަ މިންވަރެކެވެ. ދައުލަތް ހިންގަނީ އެ މީހުން ކުރާ މަސައްކަތުން ދައުލަތަށް ލިބޭ ޓެކްސް ފައިސާ އިންނެވެ. ނަމަވެސް ދައުލަތުގެ ރާޑަރުން އެ މީހުން ތިބެނީ ގެއްލިފައެވެ. ރާއްޖޭގެ އިގްތިސާދުގެ މައިނާރުގައި ލޭދައުރުކުރަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށްވާއިރު، މިފަރާތްތަކަށް އިސްކަންދެވޭނެ ސިޔާސަތުތަކެއް އެކުލެވިގެންމެނުވީ ހިންގުންތެރި އުފެއްދުންތެރި ޖީލެއް ބިނައެއް ނުކުރެވޭނެއެވެ.

ރިއެކްޝަންސް
2
2
0
1
0
0
0