ރިޕޯޓް: ބިދޭސީން ކުރިމައްޗަށް، ޖަރީމާތަކުގެ ފަހަތުގައި ދިވެހިން!

12 އޯގަސްޓް 2024 - 14:16

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރުގަދަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. ބިދޭސީން އުޅޭ ތަންތަން ޗެކްކޮށް ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ކުދިކުދި ތަންތަނާއި މާރުކޭޓް ގޮޅިތަކާއި މިހެން ގޮސް ގިނަ ތަންތަނެއް ބަލައި އެ ތަންތަން ބަންދުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް އެ މީހުން ޑިޕޯޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް ސުވާލަކީ ބިދޭސީންގެ މައްސަލަ މިހާ ހިސާބުން ހައްލުވާނެ ހެއްޔެވެ؟

advertisement

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައި ގިނަ ވާނީ އެ ބައެއްގެ ފަހަތުގައި ދިވެހިންގެ އަތެއް އޮތް މީހުންނެވެ. ޓުއަރިސްޓް ވިސާގައި އައިސް ފިލައިގެން އުޅޭ ބިދޭސީން ނޫޅެއެކޭ ނޫނެވެ. އެހެން ނަމަވެސް ގިނަ މީހުންނަކީ ކޮންމެ ވެސް ބައެއްގެ ވިސާގައި ރާއްޖެ ގެނެސް މަގު މައްޗަށް ދޫކޮށްލާފައި ތިބި މީހުންނެވެ. ނުވަތަ ފިލައިގެން އުޅޭ މީހުންނެވެ. 

އެހެންކަމުން ބިދޭސީންގެ މައްސަލާގައި ދިވެހިން ޒިންމާވާން ނުޖެހޭނެ ހެއްޔެވެ؟ ބިދޭސީން ގެނެސް މަގުމައްޗަށް ދޫކޮށްލުމަކީ ކުށެކެވެ. ފިލައިގެން ހިނގައްޖެ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް ކުރަންޖެހޭ ކަންކަން ވެސް ހުރެ އެވެ. އެކަންކަން ނުކުރާ ނަމަ އެއީ ވެސް މައްސަލައެކެވެ.

ގޮޅީގެ ވެރިޔަކީ ކާކުކަން ނޭނގޭ ހިސާބަށް ވެސް ކަންކަން އޮތީ ގޮސްފައި

މާރުކޭޓް ގޮޅިތަކުގެ ކޮންޓްރޯލް ބިދޭސީންގެ އަތަށް ދިޔައީ ވެސް ދިވެހިންގެ އިހްމާލުންނެވެ. ސިޓީ ކައުންސިލުން މާރުކޭޓް ގޮޅި ދޫކުރަނީ ދިވެހިންނަށެވެ. ބިދޭސީންނަށް އެ ތަންތަން ދޭ ގޮތަކަށް އުސޫލް ހަމަޖެހިފައެއް ނޯވެއެވެ. ނަމަވެސް ގޮޅި ހިންގުން ބިދޭސީއަކާ ހަވާލުކުރަނީ ނުވަތަ އެ މީހުންނަށް އެ ތަންތަން ކުއްޔަށް ދެނީ ހަމަ ދިވެއްސެކެވެ. މައްސަލައެއް ޖެހުމުން “ގޮޅި ހިންގަނީ ތިމަންނާއޭ، ބިދޭސީ މީހާ ހުރީ ތިމަންނަ ބޭރަށް ދިޔަ ވަގުތުގައޭ،” ބުނެ ފަރުޖައްސާލަނީއެވެ.

ނޫނެކެވެ. ކަންވަނީ އެހެނެއް ނޫނެވެ. ގޮޅި ހުންނަނީ ކުއްޔަށް ދީފައެވެ. އެކަކު އަނެކަކު އަތުން ގޮސް ގޮޅީގެ ވެރިޔަކީ ކާކުކަން ނޭނގޭ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަ ހުއްޓެވެ. އެހެންވީމާ ގޮޅި ހިންގަން ބިދޭސީ މީހާ ހުރުމުން ހަމައެކަނި އިހްމާލު އޮތީ އެ މީހުންގެ އެކަންޏެއް ނޫނެވެ. ސިޓީ ކައުންސިލުން ގޮޅި ދިން ދިވެހި މީހާ ވެސް އޭގެ ޒިންމާ ނަގަން ޖެހެއެވެ. މުދާ ވިއްކާ ފިހާރަތަކާއި ކެފޭ ފަދަ ވިޔަފާރިތަކުގައި ވެސް ކަން އޮތީ އެހެންނެވެ. 

މިފަދަ ގިނަ ތަންތަނަކީ ކޮންމެވެސް ދިވެއްސެއްގެ ނަމުގައި ހުއްދަ ނަގައިގެން ހިންގާ ތަންތަނެވެ. ދިވެހި މީހާ އަށް މަހަކު ދިހަވަރަކަށް ހާސް ރުފިޔާ ދިނީމާ އޭނާގެ ނަން “ވިއްކާލަނީ” އެވެ. އޭގެ ފަހުން އެތަނާ އެ މީހާއާ ބެހޭ ކަމެއް ނޫނެވެ. ހުރިހާ ކަމެއް ކޮންޓްރޯލްކުރަނީ ބިދޭސީ މީހާއެވެ. މިފަދަ ގިނަ ތަންތަން ހިންގަނީ ވެސް ގަވާއިދާ ހިލާފަށެވެ. ކަސްޓަމަރު އަތުން ޖީއެސްޓީ ނަގައެވެ. އެކަމަކު ދައުލަތަކަށް އެ ފައިސާއެއް ނުދައްކައެވެ. ގިނަ ފަހަރަށް ކަމާ ބެހޭ ފަރާތްތަކަށް މިކަންކަން ރޭކާ ވެސް ލަނީ ކޮންމެވެސް މިފަދަ ކެމްޕެއިނެއްގެ ތެރެއިންނެވެ.

މަސައްކަތްކުރަނީ ބިދޭސީން ކަމުގައި ވިޔަސް އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެނީ ދިވެހިން

މިދިޔަ ސަރުކާރުން ވެސް މިހާރު މިހިންގާ ފަދަ ކެމްޕެއިނެއް ހިންގިއެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް އޭރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަރަށް ހަރު އަޑުން ވިދާޅުވިއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމާއި އެފަދަ މީހުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ވެސް މަސައްކަތްތަކެއް ކުރެވުނެވެ. ދައުރު ނިމުނު އިރު ބިދޭސީންގެ މައްސަލަ ވަކީން އިތުރަކަށް ރަނގަޅުވެގެންދިޔަ މަންޒަރެއް ނުފެނެއެވެ. 

ވިޔަފާރިކުރާ ތަންތަނުގެ ސޭޓުންނަށް ބިދޭސީން ތިބުމަކީ މަނާ ކަމެކެވެ. ކުރީ ސަރުކާރުން އެކަމަށް ފިޔަވަޅުތަކެއް ވެސް އަޅަން ފެއްޓިއެވެ. ނަމަވެސް އާހިރުގައި ކެމްޕެއިން ގޮސް ހުޅުވި އިރު އެކަން ފެށި އިރަށް ވުރެ ވެސް ކަންކަން އޮތީ ގޯހަށް ގޮސްފައެވެ. ކުރިން ދިވެހި ސޭޓުން ތިބި ބޮޑެތި ސުޕަ މާޓްތަކުގައި ވެސް މިހާރު ގިނައިން ތިބެނީ ބިދޭސީންނެވެ. ދިވެހިން މިފަދަ ވަޒީފާތަކަށް ނުލިބޭނަމަ ރަސްމީކޮށް މިކަމަށް ހުއްދަ ދިނުން އެއީ އޮތް ހަމައެކަނި ހައްލެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އާއި ގަވާއިދާ ހިލާފަށް ބިދޭސީންކުރާ ވިޔަފާރިތައް ހުއްޓުވުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ނުވަތަ ކެމްޕެއިން ނިމޭ އިރު ކަން އޮންނާނެ ގޮތެއް ނޭނގެއެވެ. ނަމަވެސް އެނގޭ ކަމަކީ މިއިން ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ދިވެހިންގެ ބަޔަކު އެބަ ތިބި ކަމެވެ. ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގެ މައްސަލަތަކަށް ބެލިޔަސް އެކަމުގައި ވެސް ދިވެހިންގެ އަތެއް ނެތި ނުދާނެއެވެ. 

މަސައްކަތްކުރަނީ ބިދޭސީން ކަމުގައި ވިޔަސް މަސައްކަތް ކުރާނެ ބިމާއި ތަކެތި އަދި އެހެނިހެން ވަސީލަތްތައްވެސް ފޯރުކޮށްދެނީ ދިވެހިން އަޑީގައިތިބެގެންނެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހަމައެކަނި ބިދޭސީންނާ ހަމައިން ހުއްޓާލައިގެން ކޮޅެއްގައި ޖެހޭކަށް ނެތެވެ. އެކަމުގައި ގައުމަށް ގަައްދާރުވަމުންދާ ދިވެހިންގެ ގިރުވާނާ ހަމައަށް ވެސް ގާނޫނުގެ ދިގު އަތް ފޯރަންޖެހެއެވެ.

ރިއެކްޝަންސް
1
0
0
1
0
0
0