ރިޕޯޓް: މަރުގެ ހުކުމް — ކަރުދާސްގަނޑެއްގައި އޮތް ރަމްޒީ ހުކުމެއް!

15 އޯގަސްޓް 2024 - 16:02

ގާނޫނުގައި މަރުގެ އަދަދު ދިނުމަށް ލިޔެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެން ނަމަވެސް ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒު ކޮށްފައިވަނީ 1954 ވަނަ އަހަރުއެވެ. އޭގެ ފަހުން އެތައް ބަޔަކަށް އެ ހުކުމް އިއްވި ނަމަވެސް ތަންފީޒުކޮށްފައެއް ނުވެއެވެ. ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވި ދިވެހިންގެ އެތައް ބަޔަކަށް ވެސް މަރުގެ ހުކުމް އިއްވިއެވެ. އެހެން ނަމަވެސް އެ މީހުންގެ މައްޗަށް ވެސް ތަންފީޒުކުރީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އޭގެ ފަހުން މިނިވަންވީއެވެ.

އަނެއްކާ ވެސް މަރުގެ ހުކުމް އިއްވާ ލިސްޓަށް އަދަބެއް އިތުރުކުރުމުގެ ވާހަކަ މި ވަނީ ފެށިފައެވެ. އެ ގޮތުން މަސްތުވާތަކެތި ޓްރެފިކްކުރާ މައްސަލަތަކުގައި ދުވަލު 1 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން 500 ގްރާމަށް ވުރެ ގިނައިން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަދު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޑްރާފްޓެއް ވަނީ އެކުލަވާލާފައެވެ. ސަރުކާރުން ޑްރާފްޓްކޮށްފައިވާ މި އިސްލާހުގައި ވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަދު ދެވޭ ގޮތަށެވެ. މީގެ ކުރިން އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށް ލުމެވެ. އެއީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

advertisement

މަސްތުވާތަކެތީގެ ގޮތުގައި މި ވަގުތު ޖަދުވަލު 1ގައި 139 ބާވަތެއް ހިމަފާއި ވެއެވެ. އެހެން ނަމަވެސް މި ޖަދުވަލުގައި ނުހިމެނޭ މަސްތުވާތަކެތީގެ ބާވަތްތައް ރާއްޖެ އަށް އެތެރެކޮށް ބޭނުންކުރަމުންދާކަން ކަމާ ބެހޭ ފަރާތްތަކުން ދާދި ފަހުން ވަނީ ސަމާލުކަމަށް ގެނެސްފައެވެ. އޭގެ ސަބަބުން ދައުވާކުރުމުގައި ހުރި ހުރަސްތަކާއި ކަންބޮޑުވުންތައް ވެސް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ. އެހެން ނަމަވެސް އަލަށް އެކުލަވައިލި ޑްރާފްޓްގައި މި ލިސްޓަށް ބަދަލު ގެންނަ ކަން އެނގިފައެއް ނުވެއެވެ. އާ ޑްރާފްސްޓްގައި ވަނީ މިއިން ކޮންމެ ބާވަތެއްގެ މަސްތުވާތަކެތީގެ 500ގ. އަށް ވުރެ ބަރު މިންވަރެއް އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވިދާނެ ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ވާހަކަތައް އެކި ސަރުކާރުތަކުގައި ދެއްކި

ރާއްޖޭގެ ގާނޫނުތަކަށް ބަލާއިރު ގަސްތުގައި މީހަކު މެރިކަން ސާބިތުވެއްޖެ ހާލަތުގައި ކަނޑައަޅާފައި އޮތީ މަރުގެ ހުކުމެވެ. އެހެން ނަމަވެސް އެ ހުކުމް ތަންފީޒުކުރެވޭނީ އެންމެ ފަހުގެ މަރުހަލާ ނުވަތަ ނިހާއީ ހުކުމަކަށް ފަހުގައެވެ. އެއީ ސުޕްރީމް ކޯޓުން ކުރާ ހުކުމަކަށް ފަހުގައެވެ. އެ މަރުހަލާ ފުރިހަމަވެފައި ތިބި މީހުން ރާއްޖޭގެ ޖަލުތަކުގައި ވެސް އެބަ ތިއްބެވެ. ރެކޯޑްތަކުން ދައްކާ ގޮތުން އެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އެ ހުކުމް ތަންފީޒުކުރުމުގައި ސަރުކާރުތައް އޮތީ ފަހަތު ފަޔަށް ބުރަވެފައެވެ.

މަރުގެ އަދަބަކީ މިހާތަނާ ޖެހެންދެން ވެސް ހަމައެކަނި ކަރުދާހުގައި އޮތް ހުކުމެކެވެ. އެ ހުކުމް ތަންފީޒުކުރުމުގެ ވާހަކަތައް އެކި ސަރުކާރުތަކުގައި ދެއްކިއެވެ. އެ ގޮތުން އެ ހުކުމް ތަންފީޒުކުރުމާ އެންމެ ގާތަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ބޭފުޅެކެވެ. 

އެކަން ކުރެއްވުމަށް އުމަރު އޭރު ވަރަށް މަސައްކަތް ކުރެއްވިއެވެ. ގިނަ ތައްޔާރީތަކެއް ވެސް ސަރުކާރުން ވިއެވެ. އެހެން ނަމަވެސް ވަޒީރުކަމުން ވަކިވުމާ ހަމައަށް ވެސް އެކަން އޮތީ “އަދުތޯ މާދަންތޯ” ހިސާބުގައެވެ. ދެން ވެރިކަމަށް ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވީ މަރުގެ ހުކުމް ތަންފީޒުކުރެއްވުމާ ދުރު ވިސްނުންފުޅެކެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިކަމާ ބެހޭ ގޮތުން ސިޔާސަތެއްގެ ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރުން ކަނޑައެޅީ ދިވެހިރާއްޖޭގައި ޤަސްދުގައި މީހުން ‏‏މެރުމުގެ ކުށުގެ ޢަމަލު، ނިސްބަތުން ވަރަށް ގިނަވުމާއި، އެ ކުށް ކުރުމުގައި ރަޙުމުކުޑަ އަދި ‏‏ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ މިންވަރު އިތުރުވުމާއި އަދި ރޭވިގެން ކުރެވޭ ކުށެއްގެ ‏‏(އޯގަނައިޒްޑް ކްރައިމެއްގެ) ގޮތުގައި ވެސް މިކަން ކުރެވެމުންދާކަން ވަޒީރުންގެ މަޖިލީހުގައި ވެސް މަޝްވަރާކުރެވިގެންނެވެ. 

މިކަމުގެ ސަބަބުން ޢާންމު ފަރުދުންނާއި، މުޖުތަމަޢުގެ ޙައްޤުތަކާއި، މިނިވަންކަމާއި ‏‏ރައްކާތެރިކަން ގެއްލިފައިވާކަމާއި، މުޖްތަމަޢުގެ ސަލާމަތާއި އަމަންއަމާން ކަމަށް ވަރަށް ބޮޑަށް ނޭދެވޭ ‏‏އަސަރުކޮށްފައިވާ ކަމަށް ވެސް ވަޒީރުންގެ މަޖިލީހުން ދެކެވަޑައިގަންނަވާ ކަމަށް އޭރު ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ. އަދި އެހެންމެ، ‏‏ދިވެހިރާއްޖެ ފަދަ ކުޑަ އަދި މީސްކޮޅު މަދު ޤައުމެއްގައި، މިކަން ގޮސްފައިވާ މިންވަރަށާއި ޒާތަށް ‏‏ބަލާއިރު، މިއީ ޤައުމީ ފެންވަރެއްގައި ވަރަށް ސީރިއަސް މައްސަލައެއްކަން ވެސް ވަޒީރުންގެ މަޖިލީހުން އޭރު ފާހަގަކުރައްވާފައި ވެއެވެ.

އެ ގޮތުން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އެ ބައްދަލުވުމުގައި ނިންމެވި ކަންތައްތަކުގެ ތެރޭގައި ހަތަރު ކަމެއް އޭރު ހިމަނާފައި ވެއެވެ.

1- ޤަސްދުގައި މީހަކު މަރާލުމުގެ ކުށާ ގުޅިގެން މަރުގެ އަދަބު ކަނޑައަޅާ ޙާލަތްތަކުގައި، ‏‏މަރުގެ ޙުކުމް ތަންފީޒުކުރުމުގައި (ޤިޞާޞް ހިފުމުގައި) ޢަމަލުކުރާނެ އިޖްރާޢަތުތައް ‏‏ތަފްޞީލުކޮށް ބަޔާންކޮށްދޭ ޤަވާޢިދެއް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ‏‏ޤާނޫނުއަސާސީ އާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ދަށުން ސަރުކާރުގެ ‏‏ފަރާތުން ވީއެންމެ އަވަހަކަށް އެކުލަވާލައްވައި، އެ ޤަވާޢިދަށް ޢަމަލުކުރަން ފެށުން

2- ‏އިސްވެދެންނެވި ޤަވާޢިދުގައި، މިފަދަ މައްސަލަތަކުގައި ތަޙްޤީޤު މަރުހަލާގަޔާއި، ‏‏ދަޢުވާ އުފުލޭ މަރުހަލާގަޔާއި، ޝަރީޢަތް ކުރެވޭ މަރުހަލާގަޔާއި، މަރުގެ ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރަން ވާނެ މައިގަނޑު އިޖުރާޢަތުތައް ހިމެނުން.‏

3- ‏މިގޮތުން، ތަޙްޤީޤު މަރުހަލާގައި ތުހުމަތު ކުރެވޭ ފަރާތަށް ޤާނޫނުއަސާސީއިން ލިބިދޭ ‏‏އެންމެހައި ޙައްޤުތަކެއް ފޯރުކޮށްދިނުމާއި؛ ދަޢުވާ އުފުލުމުގެ ކުރިން ޕްރޮސެކިއުޓަރ ‏‏ޖެނެރަލް ޔަޤީން ކުރަންޖެހޭ ކަންކަން ބަޔާންކުރުމާއި؛ ޝަރީޢަތުގެ މަރުޙަލާގެ ތަރުތީބު ‏‏ކަނޑައެޅުމާއި؛ މަރުވި މީހާގެ ވާރިޘުންގެ ބަސްހޯދުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި؛ ‏‏އެފަދަ މައްސަލަތަކުގައި ޙުކުމް ތަންފީޒު ކުރެވޭނީ، އެ މައްސަލައެއްގައި ސުޕްރީމް ‏‏ކޯޓުން ގޮތެއް ކަނޑައެޅުމުންކަމާއި، ޤާނޫނީ އަދި ޝަރުޢީގޮތުން ފުރިހަމަކުރަންޖެހޭ ‏‏ހުރިހާ ކަމެއް ފުރިހަމަވެއްޖެކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް، އެ ޤަވާޢިދުގައި ‏‏ބަޔާންކުރުން.‏

4- ‏ދުނިޔޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަމުންދާ ޤައުމުތަކުގައި، މަރުގެ އަދަބު ތަންފީޒު ‏‏ކުރެވެމުންދާ އެކިއެކި ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، އިސްވެ ‏‏ދެންނެވި ޤަވާޢިދުގައި އެކަށައެޅޭ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، “ލީތަލް ‏‏އިންޖެކްޝަން” ޖަހައިގެން ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން.‏

މި ނިންމުންތަކުގެ ދަށުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، ކ. މާފުށީ ޖަލުގައި ފެސިލީޓީއެއް ހެދި ނަމަވެސް އެ ވެރިކަން ނިމިގެން ދިޔަ އިރު ވެސް ހުކުމް އޮތީ ތަންފީޒުނުކުރެވިއެވެ. މި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު ވެސް މަރުގެ ހުކުމް ތަންފީޒުކުރުމުގެ މާ ބޮޑު ސިގްނަލެއް ފެންނާކަށް ނެތެވެ. މަރުގެ ހުކުމް ތަންފީޒުކުރުމާ ދެކޮޅު ފަރާތްތަކުން އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބާގަނޑުތަކެވެ. މަރުގެ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރެވޭ ހާލާތެއްގައެއް ނޫނެވެ. 

މަރުގެ ހުކުމަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދެކޮޅު ހަދާ އަދަބެއް

އެހެންކަމުން އެފަދަ ނިޒާމެއްގެ ތެރެއިން އިއްވޭ ހުކުމެއް މަރުގެ ހުކުމެއް ތަންފީޒުކޮށްފި ނަމަ “މައުސޫމް” މީހެއްގެ މައްޗަށް އެ އަދަބު ތަންފީޒުކުރެވިދާނެ ކަމުގެ ކިރިޔާ ވެސް ޝައްކެއް އޮތް ހާލަތެއްގައި އެ ހުކުމް ތަންފީޒުކޮށްގެން ނުވާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ. މަރުގެ ހުކުމަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދެކޮޅު ހަދާ އަދަބެކެވެ.

އދ.ގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ ދަށުން 2022 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓް އދގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި ޖުލައި މަހު ބޭއްވި ބައްދަލުވުމުގައި މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ  ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށާއި އެ ހުކުމް އުވާލައިފިނަމަ ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށާއި އެހެން ނަމަވސް މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ ހާލަތެއްގައި އެ ހުކުމް ތަންފީޒު ކުރާނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމުން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް މަރުގެ އަދަބު ކަނޑައަޅާފައިވަނީ މަދު ގައުމެއްގައެވެ. ސާފު ގޮތެއްގައި އެ ހުކުމް ތަންފީޒުކުރަމުން އަންނަނީ ޗައިނާ، އީރާން، ކުވައިތު، ސައުދީ އަރަބިއްޔާ އަދި ސިންގަޕޫރުގައެވެ. މި ލިސްޓްގައި ވިއެޓްނާމާއި އުތުރު ކޮރެއާ ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މައުލޫމާތު ހާމަނުކުރާތީ އެކަން ކަށަވަރުވެފައެއް ނުވެއެވެ. އެހެން ބައެއް ގައުމުތަކުގެ ގާނޫނުތަކުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ކަނޑައަޅާފައިވީ ނަމަވެސް ތަފާސް ހިސާބުތަކަށް ބަލާއިރު ތަންފީޒުކުރަނީ މަދު ގައުމަކުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައި ވެއެވެ. އަދި އެކަމަށް ކަނޑައަޅާ އަދަބުތައް ހަރުކަށި ކުރަން ވެސް އެކި ފަރާތްތަކުން ގޮވާލަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މިހާރު ވެސް ބޮޑެތި އަދަބުތައް އެބަ ހުއްޓެވެ. އެހެން ނަމަވެސް ގާނޫނީ އޮނިގަނޑުގައި ހުރި ބާގަނޑުތަކުގެ ސަބަބުންނާއި ސިޔާސީ އެތައް ސަބަބަކާ ހުރެ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކަށީގެންވާ ގޮތެއްގައި އަދަބު ދެވޭ ތަނެއް ނުފެނެއެވެ. އުމުރު ދުވަހަށް ޖަލަށްލާ މީހާ .އިންތިހާބުތަކާ ދިމާކޮށް މައާފް ދީ މިނިވަންވުން އާންމުވެފައިވާ އިރު ބޮޑެތި މައްސަލަތައް ސާބިތުނުވެ ކޯޓުތަކުން ބޭރުވުމަކީ ވެސް އާންމު ކަމެކެވެ

މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ މީހުން ގިނަ ވެދާނެއެވެ. އަދި ގާނޫނެއްގައި އެ ވާހަކަ ލިޔެވި ވެސް ދާނެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމާއި ސިޔާސީ ކަންކަން ބައްޓަންވެފައިވާ ގޮތުން އެ ހުކުމް ތަންފީޒުކުރެވިދާނެކަމާ މެދު މާ ބޮޑު ޔަގީންކަމެއް ނެތެވެ. އެފަދަ ހުކުމެއް ކުރި ނަމަވެސް ސިޔާސީ ވެރިއެއްގެ އަފްއާންމުގެ ތެރެއިން އެ ފަދަ މީހުން ތިބޭނީ މިނިވަން ވެފައެވެ. މަރުގެ ހުކުމަކީ ހަމައެކަނި ކަރުދާސްގަނޑެއްގައި ލިޔެވިފައި އޮތް ރަމްޒީ ހުކުމެކެވެ.

ރިއެކްޝަންސް
0
0
0
1
0
0
0