ރިޕޯޓް: ވެކްސިނާ މެދު ކުރެވޭ ސުވާލުގެ ޖަވާބު އޮތީ އަމިއްލަ ބޭސް ކޮތަޅުގައި!
23 ޖެނުއަރީ 2021 - 11:29
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ކޮވިޑް 19ގެ ވެކްސިނާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އެ ވެކްސިނާ މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ އުފެއްދުމަކަށް ވާތީ އެއީ “ކައްޕަޅި” އުފެއްދުމެއް ކަމަށް ދެއްކުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ އުފެއްދުންތަކާއި އެ މީހުންގެ ދީނީ ކަންކަމާ ދަނީ ގުޅުވަމުންނެވެ. އެ ގޮތުން އެ ތަކެތި އުފެއްދުމުގައި ގެރީގެ ކުޑަކަމުދާ ދަކެތި ބޭނުންކުރާ ކަމާއި އެ ނޫން ވެސް ފްލޯކް ވާހަކަތައް އާންމުންގެ ސިކުނޑިތަކަށް ވިސްނައިދިނުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ކުންފުންޏަކުން އުފެއްދި ވެކްސިނާ މެދު ކުރިމަތިކޮށްފައިވާ ސުވާލުތައް ގިނައެވެ. ނަމަވެސް އެ ސުވާލުތަކުގެ ޖަވާބު އެވާހަކަ ދައްކާ މީހެއްގެ އަމިއްލަ ބޭސް ކޮތަޅުގެ ތެރޭގައި މިހާރު ވެސް އެބަ އޮތެވެ. ރަނގަޅަށް ޗެކް ކޮށްލާށެވެ!
މީގެ ދުވަސްކޮޅެއް ކުރިން “އިންޑިއާ އައުޓް” ޖަހައިގެން އިންޑިއާއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި ހޮޅި ކެމްޕެއިނެކޭ އެއްގޮތަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާ މެދު ވެސް އިދިކޮޅު ފަރާތްތަކުން ނުބައި ކެމްޕެއިނެއް ވަނީ ފަށައިފައެވެ. ނަމަވެސް މައުލޫމާތުތައް އިނގިލިކުރިއާ ހަމައިގައި އޮތް ޒަމާނެއްގައި މި ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އިދިކޮޅުން އުފައްދާ ސުވާލުތަކުގެ ޖަވާބު އިންޑިއާގެ ބޭސްވެރިކަމުން ފަށަމާ ހިނގާށެވެ.
ކޯވިޑް ވެކްސިނާއި އެ ވެކްސިން އުފެއްދި ކުންފުނީގެ ވާހަކަ އިހަށް ބާއްވާލަމާ ހެއްޔެވެ. ރަނގަޅު ވާހަކައެކެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި އެންމެ ނަންވިދަނީ އެމެރިކާ އާއި ޔޫރަޕްގެ ކުންފުނިތަކެވެ. އެމެރިކާގެ ފައިޒާ އާއި މާކްގެ އިތުރުން ސްވިޒަލޭންޑްގެ ރޯޝް އާއި ނޯވަޓިސް އަދި އިނގިރޭސި ވިލާތުގެ ގްލެގްސޯސްމިތުކްލައިންއަކީ ބޭސް އުފެއްދުމުގައި ދެވަނައެއް ނެތް ކުންފުނިތަކެވެ. އެހެން ނަމަވެސް ހަގީގަތުގައި މި ހުރިހާ ކުންފުނިތަކެއްގެ އުފެއްދުންތައް ބިނާވެފައި ވަނީ ޗައިނާ އާއި އިންޑިއާގެ ފާމަސޫޓިކަލް ކުންފުނިތަކުގެ މައްޗަށެވެ. ސަބަބުތައް ގިނައެވެ.
ބޭހެއް އުފެއްދުމުގެ މަރުހަލާ ދެބަޔަކަށް ބެހިގެން ވެއެވެ. އެއް ބަޔަކީ “އެކްޓިވް ފާމަސޫޓިކަލް އިންގްރޭޑިއަންޓް” (އޭޕީއައި) ނުވަތަ އެ ބޭހެއްގައި ހިމެނޭ ބައިތަކެވެ. ދެ ވަނަ މަރުހަލާއަކީ “ފޯމިއުލޭޝަންސް ޕްރޮޑަކްޝަން” ނުވަތަ އުފެއްދުމުގެ ބައެވެ. މިއީ އޭޕީއައި ބޭނުންކޮށްގެން ބޭހެއް ކެއުމަށް ނުވަތަ ހަށިގަނޑުގެ ތެރެއަށް ވާސިލްވާނެ ގޮތައް އުފެއްދުމުގެ މަރުހަލާއެވެ. ނުވަދިހައިގެ އަހަރުތަކުގެ މެދުތެރެއާ ޖެހެންދެން އޭޕީއައިގެ ރަސްކަން އޮތީ އެމެރިކާ އާއި ޔޫރަޕް އަދި ޖަޕާންގެ އަތްމަތީގައެވެ. އެއީ އެ މާކެޓްގެ 90 ޕަސެންޓެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއި ގައުމުތަކުން ހޯދި ކުރިއެރުންތަކާ އެކު ދުނިޔޭގައި ބޭނުންކުރާ ބޭހުގެ އޭޕީއައިގެ 40 ޕަސެންޓްގެ އަސްލަކީ ޗައިނާއެވެ. އަދި 2019 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ސެންޓަ ފޯ ޑްރަގް އިވެލުއޭޝަން އެންޑް ރިސާޗްގެ ޑައިރެކްޓަރު ޖެނެޓް ވޫޑްކޮކް ވިދާޅުވެފައި ވަނީ ބޭސް އުފެއްދުމުގައި އެމެރިކާ އިން ބޭރު ގައުމުތަކުން ހޯދާ އޭޕީއައިތަކުގެ 75-80 ޕަސެންޓަކީ ޗައިނާ އާއި އިންޑިއާ އަށް ނިސްބަތްވާ އޭޕީއައިތައް ކަމަށެވެ.
ބޭސްވެރިކަމުގެ އިންޑަސްޓްރީގައި އިންޑިއާގެ ނުފޫޒު އޮތް މިންވަރެއް ވެސް ބަލަމާ ހިނގާށެވެ. ބޭސް އުފައްދާ ނިސްބަތަށް ބަލާއިރު ގައުމުތައް ލިސްޓްކުރާ އިރު ތިން ވަނައިގައި އޮތީ އިންޑިއާއެވެ. މުޅި ދުނިޔޭގައި ބޭނުންކުރާ “ޖެނެރިކް” ބޭހުގެ 20 ޕަސެންޓަކީ އިންޑިއާގައި އުފައްދާ ބޭހެވެ. އަދި އެމެރިކާގެ މާކެޓްގެ 40 ޕަސެންޓަކީ ވެސް އިންޑިއާގެ “ޖެނެރިކް” ބޭސްތަކެވެ. އެމެރިކާ ފިޔަވައި އެފްޑީއައިގެ ހުއްދަކުރާ ބޭސް އުފައްދާ ކާރުހާނާތައް އެންމެ ގިނައީ ވެސް އިންޑިއާގައެވެ. މާނައަކީ މި ވަގުތު ދުނިޔޭގައި އެމެރިކާ އިން ގަބޫލުކުރާ އެންމެ ގިނަ ބޭސް އުފައްދަނީ ވެސް އިންޑިއާ އިން ކަމަށް ވުމެވެ. މީގެ އިތުރުން ދުނިޔޭގެ ފަގީރު ގައުމުތަކަށާއި ފަގީރުންނަށް އަމާޒުކޮށްގެން ހިންގާ ޖަމިއްޔާތަކަށް ވެސް އަގުހެޔޮކޮށް އެންމެ ގިނައިން ބޭސް ފޯރުކޮށްދޭ ގައުމަކީ ވެސް އިންޑިއާއެވެ. މިހެން ގޮސް ބޭސްވެރިކަމުގެ އިންޑަސްޓްރީގެ ކޮންމެ ލިސްޓެއް ބަލައިލި ނަމަވެސް އެންމެ ކުރީގައި އިންޑިއާ ހިމެނެއެވެ.
އިންޑިއާގެ މާކެޓް އޮތީ ހަމައެކަނި އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި އެކަންޏެއް ނޫނެވެ. އާންމު މީހާގެ އަތް ފޯރާ ފަށަށް ކޮލިޓީ ބޭސް ގެނެސްދިނުމުގައި ފާއިތުވި އަހަރުތަކުގައި އިންޑިއާގެ ކުންފުނިތަކުން ކުރި މަސައްކަތްތައް އިންތިހާ އަށް ގިނައެވެ. ހާއްސަކޮށް ދުނިޔޭގައި ފެތުރުނު ބޮޑެތި ބަލިތައް ކޮންޓްރޯލްކޮށް ނައްތާލުމުގައި އިންޑިއާގެ ބޭސްތައް މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ. މީގެ ތެރޭގައި މެލޭރިއާ އާއި ޓީބީ އާއި އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާގެ ދައުރު ބޮޑެވެ.
ވެކްސިން އުފެއްދުމުގެ ދާއިރާ އިން ވެސް އިންޑިއާ އުޅެނީ އެހެން ގައުމުތައް އަތުނުޖެހޭ ހިސާބުގައެވެ. ލިބޭ އާމްދަނީ އަށް ބަލާއިރު ޖީއެސްކޭ އާއި މާކް އަދި ފައިޒާ ފަދަ ކުންފުނިތައް ކުރީގައި އުޅުނު ނަމަވެސް ނިސްބަތުން އެންމެ ގިނަ އަދަދެއްގެ ވެކްސިން މި ވަގުތު ވެސް އުފައްދަނީ އިންޑިއާގެ ޕޫނޭގައި ގާއިމުކޮށްފައިވާ ސީރަމް އިންސްޓިޓިއުޓްގައެވެ. މިހާރު ވެސް އަހަރަކު އެކި ވައްތަރުގެ 1.5 ބިލިއަން ޑޯޒްގެ ވެކްސިން އެ ކުންފުނިން އުފައްދައި އެކްސްޕޯޓްކުރެއެވެ. އަދި ކޮވިޑްގެ ވެކްސިން އުފެއްދުމަށް ކެޕޭސިޓީ އިތުރުކުރުމަށް ކުރި މަސައްކަތުން ގާބިލަކަން ވަނީ އިތުރުވެގެން ގޮސްފައެވެ.
ޔުނިސެފް އަށް އެންމެ ގިނަ ވެކްސިން ފޯރުކޮށްދޭ ކުންފުންޏަކީ ވެސް ސީރަމް އިންސްޓިޓިއުޓްއެވެ. އެގޮތުން 2018 ވަނަ އަހަރު 307.8 މިލިއަން އެމެރިކާ ޑޮލަރުގެ ވެކްސިން ޔުނިސެފަށް އެކަނި ފޯރުކޮށްދީފައި ވެއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މީސަލްސް ވެކްސިން ޕްރޮގްރާމްގައި ބޭނުންކުރާ އިންޖެކްޝަންގެ 90 ޕަސެންޓަކީ އެ ކުންފުނީގެ އުފެއްދުމެވެ. އަދި ޑަފްތިއުރިއާ، ޕުރްޓާސިސް އެންޑް ޓެޓަނަސް (ޑީޕީޓީ) އަދި ޓިއުބާކުލޮސިސް (ޓީބީ) ވެކްސިންގެ 65 ޕަސެންޓަކީ ވެސް ސީރަމްގެ އުފެއްދުމެވެ.
ބޭސްވެރިކަމުގެ އިންޑަސްޓްރީގައި އިންޑިއާގެ ކުންފުނިތަކުގެ ނުފޫޒު އޮތް މިންވަރު ހަމައެކަނި މި އަދަދަތުތަކަށް ބަލައިލިޔަސް ސާބިތުވެއެވެ. ކޮވިޑްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރުމަށް އިންޑިއާގެ ހިލޭގެ އެހީގެ ދަށުން ރާއްޖެ ގެނައި 100،000 ޑޯޒް ވެކްސިނާ މެދު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އޮއްޓަރެއް ނެތްކަން ސާބިތުވާ އަނެއް ސަބަބަކީ ސީރަމްގެ އުފެއްދުން ބިނާ ވެފައި ވަނީ އާދައިގެ ބައެއްގެ ތަހުލީލްތަކުގެ މައްޗަށް ކަމަށް ނުވުމެވެ. ރާއްޖެ އަށް އެތެރެކުރި ކޮވިޝީލްޑް ވެކްސިނަކީ މިފަދަ ހޯދުންތަކުގައި އެންމެ ފުންނާބު އުސް ފަރާތްތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ އޮކްސްފޯޑްގެ ސައިންސްވެރިން ހޯދުމަކަށް ވުމެވެ. އެއީ އޮކްސްފޯޑާއި އެސްޓްރަޒެނިކާގެ އީޖާދެކެވެ. އެ ވެކްސިން ގިނަ އަދަދަކަށް އުފެއްދުމުގެ މަސައްކަތްކޮށްފައި ވަނީ އެފަދަ ވެކްސިންތައް އެންމެ ހަލުވިކަމާ އެކު އެންމެ ގިނައިން އުފެއްދުމުގެ ގާބިލް އެއް ކުންނި ސީރަމް އިންސްޓިޓިއުޓުންނެވެ. ކޮވިޝީލްޑަކީ ޓްރަޔަލް މަރުހަލާތައް ނިމި ހުއްދަ ހޯދުމަށް ޑަބްލިޔުއެޗްއޯ އަށް ހުށަހަޅާފައިވާ ވެކްސިނެކެވެ. އަދި އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އެމެޖެންސީ ގޮތެއްގައި ބޭނުންކުރުމުގެ ހުއްދަ ވެސް ލިބިފައިވާ ވެކްސިނެކެވެ.
“ޑަބްލިޔުއެޗްއޯގެ އެމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ ކުރިއަށް އޮތް ހަފުތާއެއް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ. އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ވަނީ ހުށަހަޅާފައި،” މި މަހުގެ 14 ވަނަ ދުވަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ސީއީއޯ އާދަރު ޕޫނަވާލާ ވިދާޅުވެފައި ވެއެވެ.
ޑަބްލިޔުއެޗްއޯގެ ހުއްދަ ނުލިބެނީސް ރާއްޖެ އަށް ވެކްސިން ގެނެއީ ކީއްވެތޯ ކުރެވޭ ސުވާލު ގޮސް ގުޅެނީ އެފަދަ ވެކްސިނެއް އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްގެން އެތައް މިލިއަން ޑޯޒެއް އޮކްސްފޯޑާއި އެސްޓްރަޒެނިކް އަދި ސީރަމް އިންސްޓިޓިއުޓުން އުފެއްދީ ކީއްވެގެންތޯ ކުރެވޭ ސުވާލާއެވެ. ޖަވާބަކީ އެއީ ވެކްސިން އުފެއްދުމުގައި މި ވަގުތު ހުރިހާ ކުންފުންޏަކުން ވެސް އަމަލުކުރަމުން އަންނަ ގޮތެވެ. އިނގިރޭސި ވިލާތާއި އެމެރިކާގައި ދޭ ވެކްސިންތައް ވެސް ކަޑައްތުކުރީ މި މަރުހަލާތަކެވެ. އެ ގޮތުން ފައިޒާ ވެކްސިނަށް ހުއްދަ ލިބުމާ އެކު ޖެހިގެން އައި ދުވަހު އިނގިރޭސި ވިލާތުގައި ވެކްސިން ޖަހަނަށް ފަށައިފިއެވެ. އެކަން ކުރެވުނީ ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބުމުގެ ކުރިން އެތައް މިލިއަން ޑޯޒެއްގެ ވެކްސިން އުފައްދައި ޖަމާކޮށް ތައްޔާރުވެގެން ތިބުމުންނެވެ. ރާއްޖެ އާއި ބަންގްލަދޭޝް އަދި އެ ނޫން ވެސް މި ސަރަހައައްދުގެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތަކީ އެއީއެވެ. ވެކްސިންގެ ހުއްދަ ލިބެންވާ އިރަށް ތައްޔާރުވެ ތިބުމެވެ. އެކަމުގައި މި ވަގުތު މި ސަރަހައްދުގެ ގައުމުތަކުގެ އެންމެ މުހިންމު އެއް ބައިވެރިޔާއަކީ އިންޑިއާއެވެ.
އެހެން ވެކްސިންތަކާ ހިލާފަށް ކޮވިޑް ވެކްސިނަކީ މުޅިން އާ ވައިރަހަކާ ދެކޮޅަށް އުފައްދާ ވެކްސިނަކަށް ވެފައި އެއްވެސް ބައެއްގެ އަތުގައި އެކަމާ ބެހޭ ތަޖުރިބާއެއް ނެތެވެ. އަދި އެ ވެކްސިނުން ކުރާނެ އަސަރު ދިގު މުއްދަތަކަށް ބެލޭނެ ފުރުސަތު ވެސް ލިބިފައި ނެތުމުން އަވަސް ހައްލަކަށް މުޅި ދުނިޔެ ބޭނުންވެފައިވާ މިންވަރު ބޮޑުވުމުން ވެކްސިނެއްގެ ޓްރަޔަލްގެ ތިން މަރުހަލާ ނިންމުމަށް އެކު އެ ވެކްސިނެއްގެ މާސް ޕްރޮޑަކްޝަންގެ މަސައްކަތް ހުރިހާ ގައުމަކުން ވެސް އަންނީ ކުރަމުންނެވެ. އަދި މިހާރު ދުނިޔޭގައި ޖަހަން ފަށާފައިވާ ވެކްސިންތަކަކީ ވެސް ހަމަ އެ އުސޫލުން ޑަބްލިޔުއެޗްއޯގެ ހުއްދަ ނުލިބެނީސް މާސް ޕްރޮޑަކްޝަން ފަށައި ގައުމުތަކަށް ފޮނުވުމުގެ މަސައްކަތްކޮށްފައިވާ އިންޖެކްޝަންތަކެވެ. އެކަން އެ ގޮތަށް ކުރަނީ އެފަދަ ޓްރަޔަލްތައް ކުރަނީ ކަމާ ބެހޭ ތަޖުރިބާކާރުން ކަމަށް ވެފައި ޑަބްލިޔުއެޗްއޯގެ ނިންމުން ވެސް މައިގަނޑު ގޮތެއްގައި ބިނާ ވަނީ އެ ގައުމެއްގެ ބޭހާ ބެހޭ މައި އިދާރާގެ ތަޖުރިބާކާރުން ދޭ ލަފާގެ ވެސް މައްޗަށް އަދި ތިން މަރުހަލާގެ ރިޕޯޓްގެ މައްޗަށް ބިނާވެފައިވާތީ ހުއްދަ ލިބޭނެ ކަމުގެ އޮންނަ ޔަގީންކަން ބޮޑުވުމުންނެވެ.
މި ސަބަބުތަކަށް ނަޒަރު ހިންގާލާއިރު ރާއްޖެ އެތެރެކޮށްފައިވާ ވެކްސިނާ މެދު ނުބައި ތަސައްވުރެ އުފެއްދުމަށް އިދިކޮޅުން ކުޅޭ ގޭމަކީ ސިޔާސީ ގޭމެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. މިހާރު ވެސް އާންމުކޮށް ބޭނުންކުރާ ބޭސްތަކާއި އަދި ބޮޑު ބައްޔެއް ވިޔަސް އަވަސް އަވަހަށް އިންޑިއާ އަށް ގޮސް އެ ގައުމުގެ ބޭސްތައް ބޭނުންކޮށްގެން ފަރުވާ ހޯދަމުން އަންނަ ދިވެހިން ހަމައެކަނި ކޮވިޑްގެ ވެކްސިނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުން އެ ވާހަކަތައް ގަބޫލުކުރާ މީހުންނަށް ދޭނެ ވެކްސިނެއް ދެންޖެހޭނީ އުފައްދަންށެވެ. އެއީ ގަމާރު ކަމުގެ ފަރުވާއަށް އަދި ވެކްސިނެއް ނެތަތީއެވެ.