އަމިއްލަ ހިޔާލު: އާސަންދަ — ދައުލަތް ލޫޓޫވުމުގެ ބޮޑު ސްކޭމެއް!
31 އޯގަސްޓް 2024 - 16:39
އާސަންދަ ނުވަތަ ހިލޭ ބޭސްފަރުވާގެ ނިޒާމު ވުޖޫދުވުމުގެ ކުރިން ޕްރައިވެޓް ކްލިނިކްތަކުން އާންމުންގެ އަތުން ޑޮކްޓަރަށް ދެއްކުމަށް ނަގަމުން އައީ ރ.100 ނޫނީ 200ރ. އެވެ. އެހެން ނަމަވެސް މިއަދު އާސަންދަ އިން ކަނޑާފައި ވެސް އާންމު މީހާ ދައްކަންޖެހޭ ވަރު އާންމު ގޮތެއްގައި 200ރ. އަށް ވުރެ ބޮޑެވެ. ހާއްސަ ޑޮކްޓަރަކަށް ދައްކާ ނަމަ 400ރ. ވެސް އަރައެވެ. ސުވާލަކީ ބޭސް ފަރުވާ އަށް އާންމު މީހާ ކުރަންޖެހޭ ހޭދަ ކުޑަކުރަން ގެނައި ނިޒާމުން އޭނާ އަށް ލިބުނީ ކޮން ލުޔެއް ހެއްޔެވެ؟
ރާއްޖޭގެ ސިއްހީ ނިޒާމަށް ބަލާއިރު ހަމައެކަނި ދައުލަތުގެ ތަންތަނަށް ބަރޯސާ ވެވޭކަށް ނޯވެ
ސަރުކާރުގެ ހޮސްޕިޓަލްތައް ނުވަތަ ސިއްހީ މަރުކަޒުތަކުން ފަރުވާ ހޯދާ ނަމަ އަތުން ހޭދައެއް ކުރަން ނުޖެހުމަކީ ގިނަ ބަޔަކަށް އޮތް ހިތްހަމަޖެހުމެކެވެ. އެހެން ނަމަ ވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް ބަލާއިރު ހަމައެކަނި ދައުލަތުގެ މިފަދަ ތަންތަނަށް ބަރޯސާ ވެވޭކަށް ނޯވެއެވެ. އެ ތަންތަނުން އެކަށީގެންވާ ފަރުވާއެއް ނުލިބެއެވެ. ލިބޭ މަދު ތަންތަނުގައި ވެސް ކިޔު އެހާ ބޮޑެވެ.
އެހެންކަމުން ބޭސްފަރުވާ އަށް ހަފުތާއެއްހާ ދުވަހަށް މާލެ އަންނަ މީހާ އަށް ސަރުކާރުގެ ހޮސްޕިޓްލަށް ބަރޯސާ ވެގެން ހުރެވޭކަށް ނޯވެއެވެ. ދުވަހު ކުއްޔަށް ކޮޓަރި ހިފައިގެން ތިބެންޖެހޭތީ ގިނަ ދުވަހު މާލޭގައި ތިބުމަކީ ވެސް ހަރަދު ބޮޑު ކަމެކެވެ. އެޕޮއިންޓްމަންޓެއް ނުވަތަ އެމްއާރުއައި ފަދަ ހިދުމަތެއް ހޯދަންޖެހިއްޖެ ނަމަ ބޮޑު ކިޔުއެއްގައި ޖެހެއެވެ. އެހެން ކަމުން ކިރިޔާ ވެސް ވާން އޮތިއްޔާ އެ ކަމަކަށް ފަރުވާ ހޯދަނީ ސިއްހީ ހިދުމަތް ދޭ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުންނެވެ. އެ ހިދުމަތްތައް އަވަސްވެފައި ރަނގަޅެވެ. އެހެން ނަމަވެސް ހަރަދު ވެސް ބޮޑެވެ.
އާސަންދަ ނޫނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސަބަބުން ބޭސްފަރުވާ އަށް ކުރަންޖެހޭ ހޭދަ ކުޑަ ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ މީގެ ކުރިން އެ ނިޒާމު ނެތި ވެސް ނިސްބަތުން އަތުން ކުރަންޖެހޭ ހޭދަ މިހާރު ވެސް ކުރަންޖެހުމެވެ. އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާސަންދަ ވެސް ބޭނުންކުރަނީ ރައްޔިތު މީހާ އަށް ލުޔެއް ދިނުމުގެ ބަދަލުގައި އާމްދަނީ ހޯދުމަށް ބޭނުންކުރާ އިތުރު ވަސީލަތެއްގެ ގޮތުގައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ޕްރައިވެޓް ތަންތަނަށް އާސަންދައިން ކުރާ ހޭދައެވެ. ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އަށް އެކަނި ބަލައިލި ނަމަވެސް އެކަން ސާބިތުވާނެއެވެ.
ދާދި ފަހުން އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހްމަދު ނާޝިދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ. ވިދާޅުވީ އާސަންދައިން އެ ކުންފުންޏަށް ދައްކަންޖެހޭ އަދަދު 400 މިލިއަނެއްހާ ރުފިޔާ އަށް އަރާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް 40 މިލިއަނެއްހާ ރުފިޔާ އާސަންދައިގެ ބިލްތަކަށް އަރާއިރު ދައުލަތުން މަހެއްގެ މައްޗަށް ދައްކަނީ 25 މިލިއަން ރުފިޔާ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
“ފަންސަވީސް މިލިއަން ރުފިޔާ އެއީ އެކަށީގެންވާ އަދަދެއް ނޫން. އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޓިން ކޮސްޓް ޕާ ޑޭއަކީ ވެސް 1.5 މިލިއަން (ރުފިޔާ). ޕާ މަންތު 45 މިލިއަން (ރުފިޔާ) އެބަ އަރާ. އެހެންވެ މި ވަރުން އަޅުގަނޑުމެންނަށް ދެކޮޅެއް ނުޖެއްސޭނެ،” ނާޝިދު ވިދާޅުވިއެވެ.
ސަރުކާރުން މަހެއްގެ މައްޗަށް ދައްކާ މިންވަރު ބޮޑުނުކޮށްފި ނަމަ އޭޑީކޭ ހުއްޓުމަކަށް އަތުވެދާނެކަމުގެ ކަންބޮޑުވުން ނާޝިދު ފާޅުކުރެއްވިއެވެ. އޭޑީކޭގެ ވެރިންގެ ވާހަކަތަކުން އެނގި ސާބިތުވި އެއްކަމަކީ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލްގެ އާމްދަނީ ވެސް ބިނާވެފައި އޮތީ އާސަންދަ އާއި އެންސްޕާގެ މައްޗަށް ކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދައުލަތުން ލިބޭ އާމްދަނީއެއްގެ މައްޗަށެވެ. އޭޑީކޭއަކީ ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް ކަމަށް ވެފައި އެއީ ސިއްހީ ނިޒާމަށް މުހިންމު ތަނަކަށް ވާތީ ސަރުކާރު މިހާރު ވެސް އެ ތަނަށް ބޮޑެތި އިނާޔަތްތަކެއް ދީފައިވެއެވެ.
އެ ގޮތުން މާލޭގެ އެންމެ މުހިންމު އެއް ލޮކޭޝަނުން ކުޑަ އަގެއްގައި ބޮޑު ބިމެއް ދީފައިވަނީ ވެސް އެ ތަނުން އާންމުންނަށް ދޭ ހިދުމަތްތަކުގެ އަގު ކުޑަކުރުމުގެ މަގުސަދުގައެވެ. އެހެން ނަމަވެސް އޭޑީކޭ އިން ދެމުން އައި ހިދުމަތްތަކުގެ އަގު ދުވަހެއް ދުވަހަކށް ދިޔައީ ބޮޑުވަމުންނެވެ. އާސަންދަ ތައާރަފްކުރި ނަމަވެސް އާންމު ރައްޔިތު މީހާގެ އަތުން ދައްކަންޖެހޭ އަގު ވީ އެތައް ގުނައެއް ބޮޑެވެ. އާސަންދައިން އާންމު މީހާ އަށް ލިބުނު ލުޔަކީ ކޮބައި ހެއްޔެވެ؟
ބޭސް ސިޓީ އަށް ސަލާންޖެހުން ހުއްޓާލުމުގެ ނަމުގައި އާންމު އިޖުތިމާއީ އޮނިގަނޑު ހަރުދަނާ ކޮށް ސިއްހީ ފަރުވާ އަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ފެށުމުން އޭގެ ފައިދާ އާންމު މީހާ އަށް ވުރެ ބޮޑަށް ނަގަން ފެށީ އަމިއްލަ ވިޔަފާރިވެރިންނެވެ. ސިއްހީ ހިދުމަތް ދޭ ކްލިނިކްތަކާއި ފާމަސީތަކުގެ އާމްދަނީގެ ބޮޑު ބަޔަކީ އާސަންދަ އާއި ސެންސްޕާއެވެ. ބޭހުގެ އަގު ވެސް އިންތިހާ އަށް ބޮޑުވެގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކަށް ވެފައި އޮތީ އާސަންދައެވެ. ބޭސް ކުރިން ވިއްކި އަގު އެތައް ގުނައެއް ވަނީ ބޮޑުވެފައެވެ. އާންމު މީހާ އަށް ހިލޭ ބޭސް ލިބުނަސް ހަގީގަތުގައި އޭނާ ދައުލަތަށް ދައްކާ ޓެކްސް ފައިސާ އިން އެ ބޭސް ސިޓީ އަށް ކުރާ ހޭދަވީ އިތުރެވެ.
އާސަންދަގެ ނިޒާމު އޮތީ ނާޖާއިޒް ގޮތުގައި ބަޔަކު މުއްސަނދި ވުމަށް މަގުފަހިވާ ގޮތަށް
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އާސަންދަ އާއި އެންސްޕާގެ ނިޒާމު އޮތީ ނާޖާއިޒް ގޮތުގައި ބަޔަކު މުއްސަނދި ވުމަށް މަގުފަހިވާ ގޮތަށެވެ. އެތައް ބަޔަކު ދެކެނީ އެއީ ބޮޑު ސްކޭމެއްގެ ގޮތުގައެވެ. ރައްޔިތު މީހާގެ ޖީބުން ކުރާ ހޭދަ ކުޑަވާނެ ކަމަށް ދެއްކި ނަމަވެސް ހަގީގަތުގައި ރައްޔިތު މީހާ ދައުލަތަށް ދައްކާ ޓެކްސް އިން ކުރާ ހޭދަވީ އިތުރެވެ. އާންމު ގޮތެއްގައި އާސަންދައިން އަހަރެއްގެ މައްޗަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ. އާސަންދައިން ކުރި ހޭދަ މި އަހަރުގެ ޖޫން މަހުގެ ދެ ވަނަ ކުއާޓާގައި އެކަނި ވެސް 823 މިލިއަން ރުފިޔާ އަށް އަރައެވެ. އަހަރު ނިމޭ އިރު ދެ ބިލިއަނާ ގާތްކުރާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ އާސަންދަ ސްކީމްގައި ހުރި ބާގަނޑުތައް ބޭނުންކޮށްގެން އަމިއްލަ ކްލިނިކްތަކާއި ފާމަސީތަކާއި ހޮޕިސްޓަލްތަކާއި ބޭރުގެ ޑޮކްޓަރުން ހިންގަނީ ސްކޭމެއް ކަމަށެވެ. ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ތަންތަން އެކަންޏެއް ނޫނެވެ. ދިވެހިންނާ ގުޅިގެން ބޭރުގެ ހޮސްޕިޓްލަތަކުން ވެސް ގެންދަނީ އާސަންދަ ލޫޓުވަމުންނެވެ.
ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް ނުދެއްކި އެބަ ހުރި ކަމަށް ނާޒިމް ވެސް ފާހަގަކުރެއްވިއެވެ. ދިވެހިންގެ ގިނަ ބަޔަކު ފަރުވާ ހޯދާ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގު ބޮޑުވެގެން މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އެ ހޮސްޕިޓަލުން އާސަންދަ ދިނުން ހުއްޓާލާފައެވެ. އެތަނުން އަލުން އާސަންދައިގެ ދޭނީ އަގުތައް ރިވިއުކުރުމަށް ފަހު ކަމަށް އާސަންދަ ކުންފުނިން ބުނެފައި ވެއެވެ.
“ރާއްޖޭގެ ކްލިނިކްތަކާއި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުން ގުޅިގެން ހިންގާ ސްކޭމްއެކޭ ދެންނެވޭ ވަރަށް ލިޔެކިޔުމުން ފެންނަން އެބަހުރި،” ނާޒިމް ވިދާޅުވިއެވެ.
މިހާރު މިދޭ ގޮތަށް އާސަންދައިގެ ހިދުމަތް ދީގެން އެ ކުންފުނި ދެމެހެއްޓުމަކީ ކުޅަދާނަ ކަމެއް ނޫން
އާސަންދަ ކުންފުނިން ވެސް ދެކޭ ގޮތުގައި މިހާރު މިދޭ ގޮތަށް ހިދުމަތް ދީގެން އެ ކުންފުނި ދެމެހެއްޓުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އާސަންދައިގެ މެނޭޖްމަންޓުން މީގެ ކުރިން މަޖިލީހުގައި ވެސް އެތައް ފަހަރެއްގެ މަތިން ވަނީ އެ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަދި އެ ނިޒާމަށް އިސްލާހު ގެނައުމަށް ސަރުކާރުގައި އެތައް ފަހަރެއްގެ މަތިން އެދިފައި ވެއެވެ.
އާ ސަރުކާރާ އެކު އާސަންދައިގެ ނިޒާމު އިސްލާހުކޮށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެ ގޮތުން އަންނަ އޮކްޓޫބަރު މަހުން ފެށިގެން އެހެން އިންޝުއަރެންސެއް އޮތް ނަމަ އާސަންދަ ލިބޭނީ އެ ސްކީމަކުން ކަނޑާފައި ކަމަށް އާސަންދަ ކުންފުނިން ބުނެފައި ވެއެވެ. މިއީ ހެޔޮ ބަދަލެކެވެ.
ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިންނާއި ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން އެހެން ސްކީމްތައް މެދުވެރިކޮށް އިންޝުއަރެންސް ލިބެއެވެ. މިހާރު އޮންނަ ގޮތުން ބިލަށް އަރާ ފައިސާ ފުރަތަމަ ކަނޑަނީ އާސަންދައިންނެވެ. އެހެން ސްކީމްތަކުން ކަނޑަނީ ބާކީވާ ބައެވެ. މިސާލަކަށް އެލައިޑް އިންޝުއަރެންސްގެ ޕްކޭޖެއް އޮތް ނަމަ ވެސް ބިލުން ފުރަތަމަ ކަނޑަނީ އާސަންދައ ސްކީމަށެވެ. އެލައިޑް ޕެކޭޖުން އުނިކުރަނީ އޭގެ ފަހުންނެވެ.
“މިރިފޯމްގެ ތެރެއިން މިހުރިހާ ސްކީމްތަކެއް، އެއީ ޒަކާތު ފަންޑުން ކަމަށް ވިޔަސް، އަދި އެހެން ގޮތަކުން ރައްޔިތުންނަށް މިއިތުރު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށް ވާނަމަ ދެން މިއަންނަ ރިފޯމްގެ ތެރެއިން ހަގީގަތުގައި އެހުރިހާ އެހީތެރިކަމެއް ވެސް ފޯރުކޮށްދެވިގެން ދާނީ އެންސްޕާގެ ތެރެއިން،” އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވިއެވެ.
މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ދޭ ހިދުމަތްތައް އަގު ބޮޑުވުމުން ވަކި ޕެކޭޖްތަކެއްގެ ދަށުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެ ކުންފިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
“ޕްރައިވެޓް ސެކްޓާގައި ބޮޑުކޮށް މި ހުރީ ދެ ހޮސްޕިޓަލް. ޓްރީޓޮޕާއި އޭޑީކޭ. ފުދޭ ވަރަކަށް އަގު ބޮޑު އެ ތަންތަނުން. އަޅުގަނޑުމެންނަށް ދީފައި ހުންނަ ޕްރޮސީޖާ ކޮސްޓަކީ އެހާ ބޮޑު އަގެއް ނޫން. އެކަމަކު ލައިން އައިޓަމުން ފައިނަލް ބިލް އަންނައިރު ފައިނަލް ބިލް ބޮޑުވެގެން މިދަނީ،” އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.
ރައްޔިތުން އަތުން ބޭސްފަރުވާ އަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ގާއިމުކޮށްފައިވާ އާސަންދަ އާއި އެންސްޕާގައި ހުރި ބާގަނޑުތައް ބެއްދުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެކަން ކުރެވެން އޮތީ ސަރުކާރުން ވެސް އިހްލާސްތެރިވެގެންނެވެ. ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށްޓަކައި އެ ބާގަނޑުތައް އެ ގޮތުގައި ބޭއްވީ ވެސް ސަރުކާރުތަކުންނެވެ.
އެ ދެ ސްކީމް ސްކޭމަކަށް ހަދައިގެން މިލިއަނުން ފައިދާ ހޯދަމުން ދަނީ ވެސް އެކި ސަރުކާރުތަކާއި ގުޅުން އޮތް ފަރާތްތަކުންނެވެ. އެހެންކަމުން މިއީ ވަރަށް ވަރުގަދަ އަޒުމެއް އޮވެގެން ނޫނީ އިސްލާހު ވާނެ ކަންކަމެއް ނޫނެވެ. އެ ނިޒާމު އިސްލާހުކުރުމަށް ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ދޭ ހިދުމަތްތައް ވެސް ރަނގަޅު ކުރަންޖެހެއެވެ. ކިޔު ކުޑަކުރަންޖެހެއެވެ. ނޫން ނަމަ އެ ސްކޭމް ހުއްޓުވޭނެ ކަމަކަށް ނުބެލެވެއެވެ.